މަގޭއަޑުވެސްއަހާ! މި ދުވަސްވަރު، މިވާހަކަ . . . ކީއްވެ؟

2018 ވަނަ އަހަރު ނިމިގެން ދިޔައިރު . . . އެންމެ ގަދައަށް ދެކެވުނު ވާހަކައަކީ އަންހެނުންނާއި އަންހެން ކުދިންނަށް ކުރެވޭ ފުރައްސާރައިގެ ވާހަކައެވެ.

2018 ވަނަ އަހަރު ނިމިގެން ދިޔައިރު، ޚާއްސަކޮށް އަހަރުގެ ފަހުކޮޅު އެންމެ ގަދައަށް ދެކެވުނު ވާހަކައަކީ އަންހެނުންނާއި އަންހެން ކުދިންނަށް ކުރެވޭ ފުރައްސާރައިގެ ވާހަކައެވެ. އެގޮތުން، އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާއާއި ދެކޮޅަށް ވަކާލާތު ކުރުމަށްޓަކައި އ.ދ. އިން ކަނޑައަޅާފައިވާ 16 ދުވަސް ފާހަގަކުރުމަށްޓަކައި މިއަހަރު ރާއްޖޭގައިވެސް ބޭނުންކުރި ޝިޔާރަކީ “މަގޭއަޑުވެސްއަހާ!” މިއެވެ. އެގޮތުން މި ޝިޔާރުގެ ދަށުން، ދިވެހި ރައްޖޭގައި މި 16 ދުވަސް ފާހަގަކުރުމަށްޓަކައި ހިންގުނު އެކި ހަރަކާތްތަކުގައި އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އެކި ބަވާތްތަކުގެ އަނިޔާ (ޖިންސީ، ޖިސްމާނީ އަދި ނަފުސާނީ އަނިޔާ އާއި އަންހެނުންނާއި އަންހެންކުދިންނަށް ގޭތެރެއިންނާއި ގެއިން ބޭރުގައި ކުރިމަތިވާ ފުރައްސާރަކުރުންތައް ހިމެނޭ ގޮތަށް) ، މިފަދަ ކަންކަމާއި ކުރިމަތިލާން ޖެހިފައިވާ އަންހެނުން އަދި އަންހެން ކުދިންނަށް ކުރިމަތިވެފައިވާ ހިތި ތަޖުރިބާތަށް ހިއްސާކޮށްގެން މި ކަންކަމާމެދު ހޭލުންތެރިކަން އިތުރުކޮށް، މި ކަންކަން ހުއްޓުވުމަށް ވަކިން ޚާއްސަ އިސް ކަމެއް ދެވުނެވެ. އެއް ގޮތަކުން ވިސްނާނަމަ ، “މަގޭއަޑުވެސްއަހާ” މިއީ މިދިޔަ އަހަރު މުޅި ދުނިޔެއަށް ފެތުރިގެން ދިޔަ “މީ-ޓޫ” (‘މަވެސް’) ކެމްޕެއިން އާވެސް ކޮންމެވެސް ވަރަކަށް ގުޅުން ހުރި ޝިޔާރެކޭވެސް ބުނެވިދާނެއެވެ.

“މީ-ޓޫ” ކެމްޕެއިން އަކީ މީގެ 11 އަހަރު ކުރިން އެމެރިކާގެ ކަޅު ނަސްލުގެ އަންހެނެއް ކަމަށްވާ ޓާރާނާ ބާރކް، އަނިޔާ ތަހައްމަލު ކުރަންޖެހިފައިވާ އަންހެނުން، އެމީހުންގެ ތަޖުރިބާތަށް އާންމުންނާއި ހިއްސާކުރުމަށް ބާރު އެޅުމަށްޓަކައި ފެށި ކެމްޕެއިންއެކެވެ. އެހެން ނަމަވެސް މި ކެމްޕެއިން ސޯޝަލް މީޑިއާ، ޚާއްސަކޮށް ޓްވީޓަރގައި ވައިގަ ހިފީ މިދިޔަ އަހަރުގެ ތެރޭގައި ހޮލީވުޑްގެ އަންހެން ފަންނާނުންތަކެއް އެމީހުންނަށް ހޮލީވުޑްގައި މަސައްކަތްކުރާ ފިރިހެނުންގެ ފަރާތުން ކުރިމަތިލާން ޖެހިފައިވާ ފުރައްސާރަތަކުގެ ތަޖުރިބާތައް ސޯޝަލް މީޑިއާގައި ހިއްސާކުރުމުންނެވެ. އެއަށް ފަހު ދުނިޔޭގޭ އެކި ކަންކޮޅުތަކުން އެކި ދާއިރާތަކުގައި މަސައްކަތްކުރާ އަންހެނުން މަސައްކަތުގެ ދާއިރާގައި އެމީހުންނަށް އެކުގައި މަސައްކަތްކުރާ ފިރިހެނުންގެ ފާރަތުން ކުރިމަތިވެފައިވާ މިފަދަ ކަންތައްތައް “މީ ޓޫ” ނުވަތަ “މަވެސް” މި ހޭޝްޓެގް ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި ހިއްސާކުރަން ފެށިއެވެ. އަދި މި ކެމްޕެއިންގެ ދަށުން ދުނިޔޭގޭ އެކި ހިސާބުތަކުން އަންހެނުން އެމީހުންނަށް ކުރިމަތިލާން ޖެހިފައިވާ ފުރައްސާރަކުރުންތަކުގެ ވާހަކައިން މުޅި ދުނިޔެ ގުގުމާލިއިރު، ހިތާމައަކީ އަދިވެސް މިފަދަ ވާހަކައެއް އިވޭ އިރަށް އަހަރަމެންގެ ތެރެއިން ގިނަ މީހުން އެ ވާހަކައަކަށް އިޖާބަދޭގޮތް އެންމެ އެކަށީގެން ނުވާކަމެވެ. ހިތާމައަކީ އަދިވެސް އަހަރަމެންގެ މުއައްސަސާތަކާއި އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން މިފަދަ ކަންކަމާއި ކުރިމަތިލާން ޖެހިފައިވާ އަންހެނުންނަށް އެކަށީގެންވާ ގޮތެއްގައި އިންސާފު ނުލިބޭ ކަމެވެ.

ކަލޭ ލައިގެން ހުރީ ކޮންހެދުމެއް؟

އޭނައާއި އެކަނި ބައްދަލު ކުރީ ކީއްވެ؟

އޭނާއަށް ނަންބަރު ދިނީ ކީއްވެ؟

ދިވެހި ރާއްޖެއަށް ބަލާނަމަ، މަސައްކަތުގެ ދާއިރާގަ އާއި އަދި ބޭރުތެރޭގައި އަންހެނުންނަށް، އަންހެނަކަށްވީތީވެ ކުރިމަތިވާ ޖިންސީ، ޖިސްމާނީ އަދި ނަފުސާނީ ފުރައްސާރަކުރުންތަކާއި ބެހޭ މާ ގިނަ ތަފާސް ހިސާބުތަކެއް އެއްކުރެވި، ފެންނާކަށް ނެތެވެ. އެހެންނަމަވެސް މި ވާހަކަތަކަކީ އަހަރަމެން އެއްވެސް މީހަކަށް އައު ވާހަކަތަކަކަށް ނުވެއެވެ. މަގުމަތިން ހިނގާފަދާ އަންހެން ކުއްޖެއްގެ ގަޔަށް ފުރައްސާރަ ކުރުމުގެ ނިޔަތުގައި އަތްލާ ވާހަކަ އާއި، އޮފީސްތެރޭގައި ވެރިންގެ ގޮތުގައި ތިބޭ ފިރިހެނުން އެމީހުންގެ ދަށުން މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް އެކި ގޮތްގޮތުން “އެޕްރޯޗް” ޖަހާ ވާހަކަ އާއި، އަންހެނަކު އޭނާއާއެކު މަސައްކަތްކުރާ ފިރިހެނެއް ނުވަތަ އެނޫން ގޮތަކުން ދަންނަ ފިރިހެނަކާ މުހާތަބްކޮށް އޯގާތެރި ކަމާއެކު ދެ ބަހެއް ބުނެލާއިރަށް އެއީ އެ ފިރިހެނަކާއެކު އެއްދާންކުރަން ދެވޭ ދައުވަތެއްކަމަށް ފިރިހެނުންނަށް ގަބޫލުކުރެވޭ ކުރެވުންތަކުގެ ވާހަކަތަކަކީ އާންމު ވާހަކަތަކެކެވެ.

މިހާ ހިސާބުން ކޮށްލަން ޖެހޭ ބޮޑު ސުވާލަކީ މިފަދަ ވާހަކައެއް އިވޭ އިރަށް، ނުވަތަ މިފަދަ ކަމެއް ދިމާވެގެން އަންހެނަކު އެކަން ހިއްސާކުރާ އިރަށް އަހަރަމެން އެފަރާތަކަށްދެނީ ކޮން ޖަވާބެއްހެއްޔެވެ؟
ގިނަ ފަހަރަށް، އެންމެ ފުރަތަމައިނުންވެސް އެކަމެއް ތަހައްމަލު ކުރަންޖެހުނު އަންހެނާއާއި ކުރިމަތިކުރުވަނީ ސުވާލުތަކެކެވެ.
ކަލޭ ލައިގެން ހުރީ ކޮންހެދުމެއް؟ އޭނައާއި އެކަނި ބައްދަލު ކުރީ ކީއްވެ؟ އޭނާއަށް ނަންބަރު ދިނީ ކީއްވެ؟
އެއްވެސް ހާލެއްގައި މިފަދަ ސުވާލުތައް ކުރިމަތިކުރުވާ ފަރާތްތަކަށް އިނިގިލި ދިއްކުރަނީކީ ނޫނެވެ. މި މުޖުތަމައުގެ ތެރޭގައި އަންހެނަކަށް ވީތީވެ މީހާގެ އުޅުމާއި ގުޅުންތައް ވަކި ގޮތަކަށް ބައްޓަންކުރަންޖެހޭ ކަމަށް ޒަމާނުއްސުރެ ގަބޫލުކުރެވިފައިވާ ގަބޫލުކުރުންތަކާއި އަހަރަމެން ސޯޝަލައިޒްވެފައިވާ ގޮތަށް ވިސްނައިފިނަމަ، މިފަދަ ސުވާލުތަކެއް ހިތަށް އައުމަކީ އެކަށީގެންވާ ކަމެކެވެ.
އެހެން ނަމަވެސް ބުނެލަން އޮތީ، އެފަދަ ސުވާލެއް ހިތަށް އަތުވެއްޖެނަމަ ފުރައްސާރަކުރުން ތަހައްމަލުކުރަން ޖެހުނު ފަރާތާއި އެ ސުވާލުތަށް ކުރިމަތި ކުރުމުގެ ބަދަލުގައި އޭނާގެ ވާހަކަތައް އަޑުއަހާ، އެފަރާތަށް އިންސާފު ހޯދައިދިނުމަށް ކޮށްދެވެން އޮތް ކަމެއް ކޮށްދޭށެވެ. އަދި އެއަށްފަހު، ތިމަންނާއަށް މީހަކަށް މިފަދަ ކަމެއް ދިމާވުމުން އެންމެ ފުރަތަމައިނުންވެސް މި ގޮތަށް މިފަދަ ސުވާލުތަކެއް ކުރެވެންވީ ކީއްވެ ކަމާމެދު އަމިއްލަ ނަފްސާ ސުވާލުކޮށްލާ އެކަމާ މެދު ފުންކޮށް ވިސްނާލާށެވެ. ހަމަ ޔަގީނުންވެސް އަމިއްލަ މީހާއަށް ކަންކަމާމެދު ވިސްނޭގޮތް ބައެއް ފަހަރަށް ގޯސްކަމުގެ އިހުސާސްވާނެއެވެ. މިފަދަ އިހުސާސެއް ނުވާނަމަ، އަހަރެން ބުނެލަން އޮތީ ހަމަ އެންމެ ވާހަކައެކެވެ. އެއީ ދިވެހިރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށްޓަކައި އަހަރަމެން ކުރަންޖެހޭ މަސައްކަތް ހަމަ ލައްކަ ގިނައެވެ! ތިބާއަށް މިފަދަ ކަންކަމާމެދު ވިސްނޭގޮތް ބަދަލުކުރުން، އެއީވެސް މި މަސައްކަތުގެ ތެރެއިން ކުރަންޖެހިފައިވާ ކަމެކެވެ.

މި ގޮތަށް ކުރެވޭ ތުހުމަތުތައް ތަހުގީގުކޮށް އިންސާފު ހޯދައިދިނުމަށް، މުއައްސަސާތަކުގައި ނުވަތަ ވަޒީފާ އަދާކުރާތަންތަނުގައި ނިޒާމުތަކެއް ގާއިމުކުރެވިފައި ހުންނަން ޖެހެއެވެ.

މިފަދަ ފުރައްސާރަކުރުންތައް އާންމު ކަމަކަށް ވުމުން އާންމު ދިރިއުޅުމުގައާއި ވަޒީފާގެ މައިދާނުގައި އަންހެނުންގެ ބައިވެރިވުމަށް ހުރަސްއެޅޭ ކަމާއި އަދި މިފަދަ ކަންކަމުގެ ސަބަބުން މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތުގެ ވާހަކަ، އުތެމާގެ ލިޔުންތެރިޔާ އިބްރާހިމް ތައްޔިބް “ފޮށުމާއި ފުރައްސާރަކުރުން” މި ނަމުގައި ޝާޢިއުކޮށްފައިވާ ލިޔުމުގައި ވަރަށް ފުރިހަމައަށް، ވަރަށް ތަފްސީލުކޮށް އަލި އަޅުވާލާފައިވެއެވެ. އެހެންކަމުން އެކަމާ މެދު އިތުރު އެއްޗެކޭ ބުނާކަށް ނެތީމެވެ.

އެހެންނަމަވެސް މި ފަހަކަށް އައިސް، ދިވެހިރާއްޖޭގައިވެސް މަސައްކަތުގެ ދާއިރާގައި އެކި އަންހެނުންނަށް އެމީހުންނާއެކު މަސައްކަތްކުރާ ފިރިހެނުންގެ ފަރާތުން މަސައްކަތުގެ ތެރޭގައި އުޅޭއިރު ކުރިމަތިވާ ފުރައްސާރަތަކުގެ ވާހަކަ ފެންމަތިވެފައިވާ ދަނޑިވަޅެއްގައި، މިފަދަ ކަންކަން ހުއްޓުވުމާއި، މިފަދަ ކަންކަން ތަހައްމަލު ނުކުރުމަށް ބާރުއެޅުމުގައި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުއައްސަސާތަކާއި އަދި މީގެ އިތުރުން ވާޒީފާދޭ ފަރާތްތަކުގެވެސް ޒިންމާއެއް އޮތްކަން ހަނދާންކޮށްދޭން ބޭނުންވެއެވެ. މި ގޮތަށް ކުރެވޭ ތުހުމަތުތައް ތަހުގީގުކޮށް އިންސާފު ހޯދައިދިނުމަށް، މުއައްސަސާތަކުގައި ނުވަތަ ވަޒީފާ އަދާކުރާތަންތަނުގައި ނިޒާމުތަކެއް ގާއިމުކުރެވިފައި ހުންނަން ޖެހެއެވެ. މައްސަލަތައް ތަހުގީގުކުރެވޭއިރު، އެ މައްސަލައެއްގައި ޝާމިލުވާ ފަރާތްތަކުގެ ޒާތީ މިނިވަންކަމަށް ހުރަސް ނޭޅޭނޭ ގޮތަށް، އެންމެ އެކަށީގެންވާ ގޮތެއްގައި ސިއްރު ހިފެހެއްޓޭނެ ގޮތްތަށް ކަށަވަރުކުރަން ޖެހެއެވެ. މިފަދަ އަސާސީ ނިޒާމުތައް ގާއިމުވެފައިނުވާނަމަ، މިފަދަ ކަންކަމާއި ކުރިމަތިލާން ޖެހޭ އެތައް ފާރަތްތަކެއްގެ އަޑު ބީވެގެން ދާނީ، އެ ފަރާތްތަކަށް ދިމާވި ކަންކަމުގެ އަޑު އަހަރަމެންނަށް އެއްގޮތަކަށްވެސް ނީވި، އެ ފަރާތްތަކަށް އިންސާފު ނުލިބިއެވެ. އެހެންކަމުން އެންމެންގެވެސް އަޑު އެހުމަށްޓަކައި ގާއިމުކުރެވިފައިވާ ނިޒާމުތައް ގާއިމުކުރުމަށާއި އެ ނިޒާމުތައް އަމަލީގޮތުން ބޭނުންކުރަން ފެށުމަށް އަވަސްވެގަތުމަށް ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކަށް ގޮވާލަމެވެ.

އެހެން ނޫންނަމަ، މީގެ 50 އަހަރު ފަހުންވެސް “މީ ޓޫ”  މި ޝިޔާރު އަދި މި ޝިޔާރާއި ގުޅުންހުރި އެކި  ވާހަކަތަކާއި އެވާހަކަތަކުގެ އަސަރު އަހަރަމެންގެ މުޖުތަމައުއިން ފިލައިނުދާނެކަން ކަށަވަރެވެ.

ޚަދީޖާ ޙާމިދަކީ އިކޮނޮމިކްސްގެ އަދި ގްލޯބަލް ސްޓަޑީޒް އިން ބެޗަލަސް ޑިގްރީ ހާސިލުކޮށް، ދިވެހިރާއްޖޭގައި އިންސާނީ ޙައްޤު ކުރިއަރުވައި އެކަމަށް މީހުން އަހުލުވެރި ކުރުމުގެ މަސައްކަތުގައި ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ފަރާތެކެވެ.

ޚަދީޖާ ޙާމިދަކީ އުތެމާގެ ލިޔުންތެރިއެކެވެ.

Do NOT follow this link or you will be banned from the site!