10 ޑިސެމްބަރ 2019
ބައިނަލް އަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް
ބައިނަލް އަޤުވާމީ ޝިއާރު : ‘އިންސާނީ ޙައްޤުތަކުގެ ހިމާޔަތުގައި ޒުވާނުން ތެދުވުން’


ދިވެހިރާއްޖެއަކީ ދުނިޔޭގެ އެހެންޤައުމު ތަކެކޭ އެއްފަދައިން، ދުނިޔޭގެ ޤައުމުތައް އިއްތިފާޤުވާ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކެއް ނެގެހެއްޓުމުގެ މަތިވެރި މަޤްސަދުގައި، އިންސާނީ ކަރާމާތާއި ޙައްޤުތަށް ކަށަވަރުކުރުމަށް އުފައްދާފައިވާ ބައިނަލްއަޤުވާމީ މުއާހަދާތަކެއްގައި ބައިވެރިވެ، ސޮއިކޮށް، މިއެއްބަސްވުންތައް ނަގަހައްޓަން މަސައްކަތް ކުރަންޖެހޭ ޤައުމެކެވެ. ނަމަވެސް ދިވެހިރާއްޖެއަކީ ހަލަބޮލި ސިޔާސީ މާހައުލެއް ތަޖުރިބާކުރަމުންދާ، އިންސާނީ ޙައްޤުތައް ވަރަށް ފަސޭހައިން ނިގުޅައިގަނެ، އެންމެ އަސާސީ ޙައްޤު ކަމުގައިވާ ދިރިހުރުމުގެ ޙައްޤުވެސް ކަށަވަރުކުރުމަށް އެކި ސަރުކާރުތަކުން އިހުމާލުވުމުގެ ހިތިތާރީޚަކާއި ތަޖުރިބާތަކެއް ތަހައްމަލު ކުރަމުންދާ ޤައުމެކެވެ.

1) ދިވެހި މުޖުތަމައަކީ އެއްބައެއްވަންތަ ކަމުގެ ދިގު ތާރީޙެއް އޮތް، “ދިވެހިވަންތަ” އަދި ސުލްހައާއި އަމާންކަމާއި މިނިވަންކަމަށް ލޯބިކުރާ، އެކެއް އަނެކެއްގެ ތަފާތުބަލައިގަނެ، އަނެކާއަށް އިހުތިރާމުކުރުމުގެ އިންސާނީ އަސާސްތަކަކަށް ތާއިދުކުރުމުގެ ސަޤާފަތެއް އޮތް ޒަމާންވީ މުޖުތަމައެކެވެ. ނަމަވެސް ރާއްޖޭގެ ފަހުގެ ތާރީޚުގައި ދިވެހި މުޖުތަމައުވަނީ މިފަދަ އިންސާނީވަންތަކަމުގެ އަސާސްތަކާއި ހަމަތަކުން ދުރުވެ، ހައްދުފަހަނައަޅާފައިވާ ލާއިންސާނީ އަނިޔާވެރި އަމަލުތަކަކަށް ޖާގަދީ، އިންސާނީވަންތަކަމާއި މުޅިންބީރައްޓެހި ލާއިންސާނީ ފިކުރިއްޔާތާއި އަމަލުތަކެއްގެ ޝިކާރައަކަށް ވެފައެވެ.
ހ) މިގޮތުން ފާހަގަކުރަންޖެހޭ ފުރަތަމަ ނުކުތާއަކީ ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތަށް ނެގެހެއްޓުމަށް ވަކާލާތުކުރި ދެ ޒުވާނުން ކަމުގައިވާ އަހުމަދު ރިލްވާން (28 އަހަރު) އަދި އޭނާގެ އެކުވެރި ޔާމީން ރަޝީދު (29 އަހަރު) ރަހުމުކުޑަ ލާއިންސާނީ އަދި އިންތިހާޔަށް އަނިޔާވެރިކޮށް ވަނީ 2014 ގައި އަދި 2017 ގައި މަރާލާފައި ކަމެވެ. އަދި މި ދެޒުވާނުންގެ އާއިލާތަކުން އިންސާފު ހޯދުމަށް ކުރަމުންދާ މިންނެތް މަސައްކަތްތަކަށް އަދިވެސް އަލިމަގެއް ފެނިފައި ނުވުމަކީ އިންސާނީ ޙައްޤުތަށް ކަށަވަރުކުރުމަށް ދިވެހިދައުލަތް ނުކުޅެދިފައިވާ މިންވަރު ރަމްޒުކޮށްދޭ ޙަޤީގަތެކެވެ. އަދި އަދުގެ ސަރުކާރުން ފަށާފައިވާ، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުގެ މަސައްކަތްތަކުގެ މުހިންމުކަން ބަލައިގަންނަ ހިނދު، އެކޮމިޝަނުގެ ތަހުޤީގު ރިޕޯޓުތަކާއި ގުޅިގެން ދިވެހިދައުލަތުގެ އެންމެހާ ގުނަވަންތަކުން ކުރަންޖެހޭ މަސައްކަތްތައް ހަލުވިކަމާއި ނަޒާހަތްތެރިކަމާއިއެކު ކޮށް ދިވެހިރާއްޖެއަކީ އިންސާފު ޤާއިމުކުރެވޭނެ ޤައުމެއްކަން ރައްޔިތުންނަށާއި ދުނިޔެއަށް ދައްކަން ޖެހިފައިވާކަން ފާހަގަކުރަމެވެ. މިކަން ކުރެވޭނީ މިފަދަ ޖަރީމާތަށް ރާވާ ހިންގުމުގައި ޝާމިލުވެފައިވާ އަދި ވަމުންދާ އެންމެހާ ފަރާތްތަކާއި ދޭތެރޭ ޤާނޫނީ ފިޔަވަޅުއެޅި، ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތައް ހިންގުމުގެ ފިކުރިއްޔާތައް ދިވެހި ދައުލަތާއި، މީޑިއާ ތަކާއި، މަދަނީ ޖަމްޢިއްޔާ ޖަމާއަތްތަކާއި މުޅި މުޖުތަމައު އެކުގައި ނޫނެކޭ ބުނެގެންކަމަށްވެސް ދެކެމެވެ.

ށ) 04 ޑިސެމްބަރު 2019 ވަނަދުވަހު، ރަހުމްކުޑަ ލާއިންސާނީ ހަމަލާއެއްދީ 59 އަހަރުގެ ގާސިމް އިބްރާހިމް ހުޅުމާލޭގައި މަރާލާފައިވާކަމީވެސް ރާއްޖޭގައި އަނިޔާވެރި އަމަލު ހިންގުމުގައި ބަޔަކުއަދިވެސް ހަރަކާތްތެރިވަމުންދާ ކަމުގެ ހެއްކެކެވެ. އަދި މިފަދަހަމަލާތައް އެއްވެސް އިންސާނަކާއި ދެކޮޅަށް ހިންގާނެބަޔަކު ރާއްޖޭގެ މަގުތަކުގެމަތީގައި އުޅުމަށް ޖާގަލިބިފައިވާ ސަބަބާއިދޭތެރޭ ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކުން ފުންކޮށްވިސްނާ، މިފަދަ އަނިޔާވެރި ޖަރީމާތަށް ދިވެހިމުޖުތަމައުއިން ފިލުވުމަށް ގަދައަޅާ މަސައްކަތްކުރަން ޖެހިފައިވާކަން މިއަދު ފާހަގަކުރަނީ ފުންހިތާމައާއި އެކުއެވެ.

2) ދިވެހިރާއްޖޭގައި އަންހެން ކުދިންނަށާއި އަންހެނުންގެ ޙައްޤުތަކަށް އެތައް ގޮތަކުން އިހުމާލުވަމުންދާކަން ފާހަގަކުރަންޖެހެނީ ނުހަނުގިނަ ކަންބޮޑުވުން ތަކަކާއި އެކުއެވެ.
ހ) 07 އޮކްޓޫބަރު 2019 ވަނަދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 49 ވަނަ ޖަލްސާގައި އެމަޖިލިހުގެ ނޮޅިވަރަމު ދާއިރާގެ މެމްބަރު މުހަންމަދު ނަޝީދު އަބްދުﷲ މަޖިލިހުގެ ތަޅުމުގައި، މިންތީގެ ހަމަހަމަކަމަށް ވަކާލާތު ކުރާމީހުންނަކީ “ނައްތާލަން” ޖެހޭ “ކަތުރުފަނި” ތަކެއްގެ ގޮތުގައި ސިފަކޮށް ދައްކާފައިވާ ނާތަހުޒީބު ދަށުދަރަޖައިގެ ވާހަކަތަކަކީ މިޖަމްއިއްޔާއިން ކުށްވެރިކުރާ ލާއިންސާނީ ބަސްމޮށުމާއި ފިކުރިއްޔާތެއްކަން ފާހަގަކުރަމެވެ. އަދި މިފަދަ މޭރުމުން ރައްޔިތުން ތަމްސީލުކުރާ މަންދޫބަކު މަޖިލިހުގެ ތަޅުމުގައި ވާހަކަދެއްކުމަކީ ރާއްޖޭގައި އިންސާނީ ކަރާމާތާއި ޙައްޤުތައް ނެގެހެއްޓުމަށް އަޅާ ނާތަހުޒީބު ހުރަހެއްކަމުގައި ދެކެމެވެ. އަދި އެފަދަ ލާއިންސާނީ ފިކުރިއްޔާތަކަށް ރައްޔިތުންގެ މަޖިލިހުގައި އެއްވެސް ހާލެއްގައި އެއްވެސް މިންވަރަކަށް ޖާގަދިނުމަކީ ރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުންވެސް ތަންނުދޭ ކަމެއްކަން މިފުރުސަތުގައި މެމްބަރު މުހަންމަދު ނަޝީދު އަބްދުﷲ އަށާއި ރައްޔިތުންގެ މަޖިލިހުގެ އެންމެހާ މެމްބަރުންނަށް ހަނދުމަކޮށްދެމެވެ.

ށ) 2015 ވަނައަހަރު ގދ. ތިނަދޫގައި ހިނގި ގެވެށިއަނިޔާގެ ބޮޑުޖަރީމާއެއްގައި ދެކުދިންގެ މަންމައެއް ކަމަށްވާ 37 އަހަރުގެ ޒިޔާދާ ނައީމް ވަނީ އޭނާގެ ފިރިމީހާގެ ފަރާތުން ލިބިފައިވާކަމަށް ތުހުމަތު ކުރެވޭ ރޭޕްކުރުމުގެ ލާއިންސާނީ އަނިޔާތަކެއްގެ ސަބަބުން މަރުވެފައެވެ. އަދި 2019 ވަނަ އަހަރުގެ މާރިޗުމަހު އެމައްސަލައިގާ ތުހުމަތު ކުރެވޭ އިބްރާހިމް ޝާހު ވަނީ ސިއްރުކޮށްފައިވާ ޝަރީއަތެއްގައި އެއްވެސް ސަބަބެއް ހާމަނުކޮށް، ކުށްސާބިތުނުވާ ކަމަށް ނިންމާ ކޯޓުން ދޫކޮށްލާފައެވެ. ޒިޔާދާ ނައީމު ދުނިޔެދޫކޮށް ދިޔައީ ލާއިންސާނީ ޖިންސީހަމަލާއެއްގެ އަނިޔާތަކުގެ ސަބަބުންކަން ކަމާބެހޭ ސިއްޙީ ދިރާސާތަކުންނާއި ތަހުޤީގުން ދައްކާފައިވާކަން މީޑިއާރިޕޯޓުތަކުން ހާމަވެފައިވެއެވެ. ރާއްޖޭގެ ޝަރުޢީ ނިޒާމަކީ ލާއިންސާނީ ބޮޑެތި އަނިޔާތަކުން ރާއްޖޭގެ އަންހެނުންގެ ފުރާނަގެއްލިދާ ހާލަތުގައިވެސް އިންސާފުވެރި ޝަރީއަތެއް ހިނގާތަން ނުފެންނަ ދައުލަތުގެ ގުނަވަނަކަށް ވެގެން ދިއުމަކީ ރާއްޖޭގެ އަންހެނުންގެ ޙައްޤުތަކަށް އޮތް ނުހަނުބޮޑު އަދި ނުހަނު ކަންބޮޑުވާ ގޮންޖެހުމެއްކަމުގައި މިޖަމްޢިއްޔާއިން ދެކެމެވެ. އަދި މިއީ ޝަރުޢީ ނިޒާމު ހިންގުމުގައި ރާއްޖޭގެ އެއްވެސް ރައްޔިތަކު ބަލައިގަންނާނެ ފެންވަރެއް ކަމުގައި ނުދެކެމެވެ.

ނ) 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ރާއްޖޭގައި އާންމު ރައްޔިތުން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންދަނީ ރ. މަޑުއްވަރީގެ 26 އަހަރުގެ ފިރިހެނަކު 13 އަހަރުގެ އަންހެން ކުއްޖަކާއި ކޯޓުން ބޭރުން “ކައިވެނި” ކޮށް އޭނާ ބަލިވެއިން ކަމުގެ ޙަބަރު ނޫސްތަކުން ލިބުމުންނެވެ. އަދި އެކުޑަކުއްޖާ ވަނީ މިފަދަ ތިން “ކައިވެނި” ކޮށްފައި ކަމަށް ޙަބަރުތަކުގައި ވުމުން ދޭހަވަނީ ކުޑަކުދިން ރޭޕްކުރުމުގެ މަޤްސަދުގައި ނެޓްވަރކްއެއް ރާއްޖޭގައި އުފައްދައިގެން ބަޔަކު މިނިވަންކަމާއިއެކު އުޅެމުންދާ ކަމެވެ. ކޯޓުން ބޭރުން ކައިވެނި ކުރުމަކީ ޤާނޫނީ އިމުންބޭރު ކުށަކަށްވާ ހިނދު، ރާއްޖޭގައި ކުޑަކުދިންނަކީ ކައިވެނި ސައްހަވާ ބައެއްނޫންކަން މުޅިމުޖުތަމައު ދަންނަކަމާއި ދޭތެރޭ ޝައްކެއްނެތެވެ. ސަބަބަކީ 2000 ވަނައަހަރު ވުޖޫދަށްއައި ރާއްޖޭގެ އާއިލާއާއި ބެހޭ ޤާނޫނުގައި ކައިވެނި ސައްހަވާ އުމުރަކީ 18 އަހަރުކަމަށްވާތީއެވެ. އަދި އެއަށްވުރެ ދަށްއުމުރެއްގައި ކައިވެނި ކުރުމަށް އެޤާނޫނުގައި ޖާގަދީފައި އޮތްނަމަވެސް، އެކަން ކުރެވޭނެ ހާލަތާއި ހަމަތައް އޭރުވެސް ކަނޑައެޅިފައިވެއެވެ. އަދި 20 ނޮވެމްބަރު 2019 ގައި ވުޖޫދަށް އައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުން ކައިވެނިކުރެވޭ އުމުރަކީ ހަމައެކަނި 18 އަހަރުވުމުން ކަމުގައި މިހާރުވަނީ ކަނޑައަޅާފައެވެ. ޅައުމުރުގައި އަންހެންކުދިން ކައިވެނީގެ ގުޅުމަށް ހުށަހެޅުމަކީ ކުޑަކުދިންނަށް ރާއްޖޭގައި ދެވިފައިވާ ރައްކާތެރިކަމުގެ ޙައްޤުތަކުން އެތައްގޮތަކުން މަޙުރޫމު ކުރުވިގެންދާ ކަމެއްކަން މިޖަމްޢިއްޔާއިން ފާހަގަކުރަނީ ނުހަނުބޮޑެތި ކަންބޮޑުވުން ތަކަކާއިއެކުއެވެ. އަދިމިފަދަ ހާލަތަށް ކުޑަކުދިން ހުށަހެޅިގެންދާއިރު ކަމާބެހޭ އެއްވެސް މުއައްސަސާއެއްގެ ރައްކާތެރިކަން ނުލިބިއޮތުމަކީ އިޖްތިމާއީ ރައްކާތެރިކަން ޤާއިމުކުރުމުގެ މުޅިނިޒާމު ނުކުޅެދިފައިވާ މިންވަރު ދައްކައިދޭ ކަންބޮޑުވާންޖެހޭ ހެއްކެކެވެ. ރާއްޖޭގެ އަންހެންކުދިންނާއި އަންނަންއޮތް ޖީލު މިވަރުގެބޮޑު ލާއިންސާނީ ނުރައްކަލަކަށް ހުށަހެޅިގެން ދިއުމަކީ ބަލައިގަނެވޭނެ ހާލަތެއްނޫނެވެ. އަދި މުޅި މުޖުތަމައުގެ ފުރިހަމަ ރައްކާތެރިކަން ދެވެންޖެހޭ ކުޑަކުދިންނަށް ޙިދުމަތްދިނުމަށް އޮންނަންޖެހޭ، ކަމަށް އެކަށީގެންވާ ފެންވަރުގެ އިދާރީ އަދި ޝަރުޢީ އޮނިގަނޑެއް ދައުލަތުގެ މުއައްސަސާތަކުން ލަސްނުކޮށް ޤާއިމުކުރުމަށް މިޖަމްޢިއްޔާއިން ގޮވާލަމެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ލާއިންސާނީ އަނިޔާތަކުން ހިމާޔަތްކުރުމަކީ ދިވެހި ކޮންމެ ފަރުދެއްގެވެސް އިންސާނީ އަދި މަދަނީ އިސްވާޖިބެއް ކަމުގައިވާތީ، އެފަދަ ޤައިރުޤާނޫނީ އަމަލުތައް ކަމާބެހޭ އިދާރާތަކަށް ލަސްނުކޮށް ރިޕޯޓުކުރުމަށް އިލްތިމާސްކުރަމެވެ.

ރ) ރާއްޖޭގައި އަންހެންކުދިންގެ އިންސާނީ ކަރާމާތާއި ޖިސްމާނީ އަދި ނަފްސާނީ ދުޅަހެއުކަމާއި، ރައްކާތެރިކަމާއި، އިންސާނީ ޙައްޤުތަކަށް އޮތް ސީރިއަސް ހުރަހެއް ކަމުގައި ޤަބޫލުކުރެވޭ އަނެއް ކަމަކީ އަންހެން ކުދިން ޚިތާނުކުރުމަށް ދިވެހިންގެ ތެރޭގައި ބަޔަކު ބާރުއަޅަމުންދާ ދިއުމެވެ. ދުނިޔޭގެ އެކި ޤައުމުތަކުގައި، ޚާއްސަގޮތެއްގައި މެދުއިރުމަތީގެ ބައެއް ޢަރަބި ޤައުމުތަކާއި އެފްރިކާ ބައްރުގައި މިއީ ހުއްޓުވަން މަސައްކަތްކުރާ ވަރަށްބޮޑު ސިއްޙީ މައްސަލައަކަށް ވެފައިވާކަން ބައިނަލްއަޤުވާމީ ދިރާސާތަކުން އެނގެންއޮތް ހިނދު، އެފަދަ ނާތަހުޒީބު އަދި އަނިޔާވެރި ކަމެއް ރާއްޖޭގައި ތައާރަފުކުރުމަށް ދިވެހިދައުލަތުގެ އެއްވެސް މުއައްސަސާއަކުން އަދި އެއްވެސް މުވައްޒަފަކު ވާގިދީ ޖާގަދިނުމަކީ ރާއްޖޭގެ އަންހެންކުދިންގެ ސިއްޙީދުޅަހެއުކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި މިޖަމްޢިއްޔާއިން ދެކެމެވެ. އަދި މިފަދަ ފިކުރެއް އާލާވެ އަންހެންކުދިންގެ ހަށްޓާއި ނަފްސު ލާއިންސާނީ ނުރައްކަލަށް ހުށަހެޅުނަ ނުދިނުމަކީ އަންނަންއޮތް ޖީލުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ދިވެހިދައުލަތާއި މުޅިމުޖުތަމައުއިން ލަސްނުކޮށް ކުރަންޖެހޭ ކަމެއްކަމުގައިދެކެވެ.

ބ) އާންމުދިރިއުޅުމުގައި އަދި މީސްމީޑިއާ އާއި އާންމުތަންތަނުގައި އަންހެނުންނަށްވީތީ ކުރަމުންދާ ނާތަހުޒީބު ފުރައްސާރައާއި، ފޮށުމާއި، ގޯނާތަކަކީ ހައްދުން ނެއްޓިފައިވާ ކަންކަމަށް ވާއިރު، މިއީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަންކަމެއްނޫނެވެ. އަދި އަންހެނުން ހެދުންއެޅުމުގައި ގެންގުޅޭ ވައްޓަފާޅިއާއި، މިނިވަންކަމާއި، އަމިއްލަވަންތަކަމާއި، ދިވެހިވަންތަކަމަކީ ދިވެހި އަންހެނުންގެ އަސާސީ އިންސާނީ ޙައްޤެއްކަން ފާހަގަކުރަމެވެ. އަދި ދިވެހި އަންހެނުންނަކީ އަމިއްލަވަންތަކަމުގެ ސަޤާފަތެއް އެމީހުން ޚިޔާރުކުރާ ހެދުމުން ނެގެހެއްޓުމުގެ ފުރިހަމަ ޙައްޤުލިބިފައިވާ، ދިވެހިތާރީޚާއި ސަޤާފީ ތަރިކައެއްގެވެރި ބައެއްކަންވެސް މިފުރުސަތުގައި ފާހަގަކުރަމެވެ. އަދި އެހެންމެ އަންހެނުންގެ ޙައްޤުތަކާއި މިނިވަންކަމަށް ވަކާލާތުކޮށް ޚިޔާލުފާޅުކުރާ ފަރާތްތަކަށް ހުރަސްއެޅުމުގެ ގޮތުން ރާއްޖޭގައި ކުރަމުންދާ އެންމެހާ ނާތަހުޒީބު ދަށުދަރަޖައިގެ ފުރައްސާރަތަކާއި ބިރުދެއްކުމުގެ އަމަލުތައް މިޖަމްޢިއްޔާއިން ކުށްވެރިކުރަމެވެ.

ޅ) 2015 ވަނަ އަހަރުގެ އޮކްޓޫބަރުމަހު ގއ. ގެމަނަފުށި ރަށުކޯޓުން އެރަށުގެ އަންހެނަކު ރަޖަމުކުރުމަށް ކޮށްފައިވާ ހުކުމަކީ ދިވެހި އަންހެނުންނަށް ރާއްޖޭގެ ދިގު އިސްލާމީ ތާރީޚުގައި ދުވަހަކުވެސް ތަހައްމަލު ކުރަން ޖެހިފައިނުވާ ވަރުގެ ލާއިންސާނީ ހުކުމެކެވެ. އަދި މިފަދަ ދެވަނަ ހުމުކެއް ޅ. ނައިފަރުގެ ރަށުކޯޓުން އެރަށުގެ އަންހެނަކާ ދެކޮޅަށް 2019 ވަނަ އަހަރުގެ ޖަނަވަރީމަހު ކޮށްފައިވާކަމީ ރާއްޖޭގެ އަންހެނުންގެ އިންސާނީ ޙައްޤުތަކަށް ކުރަމުންދާ ހީނަރުކަމުގެ އަލިގަދަ ހެއްކެކެވެ. ދެ މައްސަލައިގާވެސް ރާއްޖޭގެ ސުޕްރީމްކޯޓުން ހުކުމް ބާތިލުކުރި ކަމުގައިވީނަމަވެސް، އެފަދަ ހުކުމެއް ރާއްޖޭގެ ކޯޓަކުން ކުރެވުމަށް ފަހިވެފައިވަނީ ލާއިންސާނީ އަނިޔާވެރި ފިކުރިއްޔާތަކަށް ރާއްޖޭގެ ދެރަށެއްގެ ކޯޓުގެ ޤާޒީއިން ހުށަހެޅިފައިވާކަން ހާމަވާކަމެއްކަން މިޖަމްޢިއްޔާއިން ފާހަގަކުރަނީ ނުހަނު ކަންބޮޑުވުމާއެކުއެވެ. އަދި ރާއްޖޭގެ ޝަރުޢީ ނިޒާމު ތަހުޒީބު މުޖުތަމައެއް ބިނާކުރަން އެކަށީގެންވާ ފެންވަރަކަށް ހަރުދަނާކޮށް، ރައްޔިތުންނަށް އިތުބާރުކުރެވޭ، އަދުލްވެރި، އިންސާފުވެރި ފަނިޑިޔާރުގެއެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ އެންމެހާފަރާތްތައް މިކަމަށް ނުހަނުސަމާލުވުމަށް އިލްތިމާސް ކުރަމެވެ.

ކ) ރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް އެންމެ ފުޅާދާއިރާއެއްގައި ވަކާލާތުކޮށް އެންމެދިގު މުއްދަތެއްގައި ހަރަކާތްތެރިވެ މުހިންމުޚިދުމަތްތަކެއް ކުރަމުން އައި މަދަނީ ޖަމްޢިއްޔާ ކަމުގައިވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކް (އެމް. ޑީ. އެން)، އޮކްޓޫބަރު 2019 ގައި ކުއްލިގޮތަކަށް ހުއްޓުވާލުމަށް ސަރުކާރުން އަމަލުކޮށްފައިވާ ގޮތަކީ މިޖަމްޢިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެކެވެ. އަދި މީގެ ސަބަބުން އެޖަމްޢިއްޔާގެ މުވައްޒަފުންނާއި މުއައްސިސުންނަށް ކުރިމަތިކުރުވި ލާއިންސާނީ އިންޒާރުތަކާއި ނުރައްކަލުގެ ބިރުވެރިކަމަކީ ޤައިރުޒިންމާދާރު ނިންމުމެއްގެ ސަބަބުން ހިނގާދިޔަ ކަންކަން ކަމުގައި ފާހަގަކުރަނީ ހިތާމައާއިއެކުއެވެ. އަދި ރާއްޖޭގައި މަދަނީ މުޖުތަމައު ހަރުދަނާ ކުރުމަށް މަސައްކަތް ކުރާ އެޖަމްޢިއްޔާއަށް ސަރުކާރުން ހުރަސްއަޅާފައިވަނީ، ރާއްޖޭގައި ކުޑަކުދިންނާއި އަންހެނުންގެ ޙައްޤުތަށް ހީނަރުކޮށް، ހަނިކޮށް، ނިގުޅައިގަތުމަށް ބާރުއަޅަމުންދާ ފަރާތްތަކަށް ފުރިހަމަ މިނިވަންކަން ލިބިދީގެންކަން ފާހަގަކުރަނީވެސް ނުހަނު ކަންބޮޑުވުމާއި އެކުއެވެ. އެމް. ޑީ. އެން އިން ތައްޔާރު ކުރެވުނު ރިޕޯޓުގައި މައްސަލަތަކެއް ހުރިކަމަށް ޚުދު އެފަރާތުން ބަލައިގެން ހިނދު، ޖަވާބުދާރީ ވުމަށް ފުރުސަތު ނުދީ ހަރުކަށި ފިޔަވަޅުއެޅުމަކީ އިންސާފުގެ ހަމަތަކަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން އިހުތިރާމު ނުކުރާކަމުގެ ހެއްކެއް ކަމުގައި ފާހަގަކުރަނީ ކަންބޮޑުވުމާއި އެކުއެވެ. އަދި މިކަންކޮށްފައިވާ ގޮތަކީ ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތަށް ހިމާޔަތްކުރުމަށް މަސައްކަތް ކުރަމުންދާ އެންމެހާ މަދަނީ ފަރާތްތަކަށްވެސް ވެވުނު އިހުމާލެއް ކަމުގައި ދެކެމެވެ. މަތީގައި ބަޔާންކޮށްފައިވާ، އިންސާނީ ޙައްޤުތަށް ދިވެހި މުޖުތަމައުގައި ހީނަރުވުމުގެ ގިނަގުނަ މިސާލުތަށް އުފެދިގެން އައިސްފައިވަނީ މިފަދަ ކަންކަމަށް ދިވެހި ދައުލަތާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާ ތަކުން ނުހަނުބޮޑަށް އިހުމާލު ވެފައިވާތީ އަދި ވަމުންދާތީކަން މިފުރުސަތުގައި ފާހަގަކުރަންޖެހެނީ ހިތާމައާއި ކަންބޮޑުވުމާއި އެކުއެވެ.

ރާއްޖޭގެ ޤާނޫނުއަސާސީގައި ކޮންމެރައްޔިތަކަށްވެސް ލިބިދީފައިވާ ޙައްޤުތަށް ކަށަވަރުކޮށް، އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި ހިއްސާ ފިރިހެނުންނާއި އެއްހަމައެއްގައި އެކަށައެޅުމަކީ ދިވެހި މުޖުތަމައުގެ ދުޅަހެއުކަމަށާއި، އިޖްތިމާއީ ހަމަޖެހުން ހޯދުމަށާއި، ދިވެހިރާއްޖެ ކުރިއަރުވާ ތަރައްޤީކޮށް، ރާއްޖޭގެ ކުރިމަގާއި މުސްތަޤުބަލު އުޖާލާކުރުމަށް ކުރަންޖެހޭ ކަމެއްކަމަށް މިޖަމްއިއްޔާއިން ޤަބޫލުކުރަމެވެ. އަދި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ދިވެހިސަރުކާރުން ކުރަމުންދާ އެކި ކަންކަން ބަލައިގަންނަ ހިނދު، އަންހެނުންގެ ޙައްޤުތަށް ހީނަރުވުމަށް ދިމާވެފައިވާ އެންމެހާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަންޖެހޭ ކޮންމެކަމެއް ކުރުމަށް ފަސްނުޖެހުމަށް ދިވެހިސަރުކާރަށާއި ރައްޔިތުންގެ ޙައްޤުގައި ޚިދުމަތްކުރުމުގެ މަސްއޫލިއްޔަތާއި ޒިންމާތައް އުފުލުމާއި ހަވާލުވެތިބި އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ.

އަދި ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ މި ދުވަހު، ރާއްޖޭގެ އަންހެން ކުދިންނަށާއި އަންހެނުންގެ ޙައްޤުތަށް ހީނަރުވާ ކޮންމެ ހާލަތެއްގައި އަދި ދަނޑިވަޅެއްގައި އެ ޙައްޤުތަކުގެ ދިފާއުގައި ފިސާރި ކެރިގެން ތެދުވުމަށް ދިވެހި އަންހެނުންނަށާއި މުޅިމުޖުތަމައުއަށް އިލްތިމާސް ކުރަމެވެ.


ނިމުނީ

Do NOT follow this link or you will be banned from the site!