
ދާދިފަހުން މަޖްލީހުންފާސްކޮށް ތަސްދީގުކުރެވުނު މިންތީގެ ހަމަހަމަ ކަމުގެ ޤާނޫނުގައި ޚާއްސަ ފިޔަވަޅުއެޅުމުގެމުހިއްމު ކަމަށްވަކާލާތުކުރާ އިރު އެންމެގިނައިން ކުރިމަތި ކުރާސުވާލަކީ “ތިޔައުޅެނީ އަންހެނުންނަށް ކޮންޙައްޤެއް ނުލިބިގެންތަ؟” މިސުވާލެވެ. މިސުވާލުގެ ޖަވާބު ތަފާސްހިސާބުންނާއި ބައެއްއަންހެނުންގެ ދިރިއުޅުމުގެ ތަޖުރިބާއިން ދައްކުވައިދެވޭތޯ މިލިއުމުގައި މަސައްކަތް ކުރާނަމެވެ.
ނަސީމާއަކީ (އަސްލުނަމެއްނޫން) 5 މެމްބަރުން ހިމެނޭ ލޯކަލް ކައުންސިލެއްގެ ހަމައެކަނި އަންހެން މެމްބަރެވެ. ސްކޫލު ދައުރުން ފެށިގެން ސިޔާސީދާއިރާގައި މަސައްކަތްކުރާހިތުން ޕާޓީގެ އެކިއެކި ހަރަކާތުގައި ބައިވެރިވެ، ޕާޓީޕްރައިމެރީ އިން ކާމިޔާބުހޯދާ ކައުންސިލަށް ހޮވުނުމީހެކެވެ. މިކާމިޔާބީ ވެގެންދިޔައީ ދިރިއުޅުމުގައި އެކަނިވެރިޔަކަށް ވުމަށްމެދުވެރި ވެގެންދިޔަ ކަމަކަށެވެ. އާއިލާ އާއި މުޖުތަމައުވެސް ބުނަމުން ދިޔައީ އަންހެނެއްގެ ހައިސިއްޔަތުން ނަސީމާއަށް އޮތް ފުރަތަމަ ޒިންމާއަކީ ގެވެށި ޒިންމާ ކަމަށެވެ.
ޒުލޭހާ (އަސްލުނަމެއްނޫން) އަކީ މައިންބަފައިންގެ ކައިވެނިރޫޅުމުން ދިރިއުޅުމުގައި އެތަކެއް ގޮންޖެހުންތަކެއް ތަޖުރިބާކުރަމުންދާ އަންހެނެކެވެ. ޒުލޭހާގެ ބައްޕަ 8 މީހުންނާ އެކިފަހަރުމަތިން ކައިވެނިކޮށް ކޮންމެ އަންބަކަށް ދެކުދިން ތިބެއެވެ. މިއަދު ޒުލޭހާގެ އަމިއްލަކުދިން ނެތްކަމުގައިވީނަމަވެސް އޭނާގެމަންމަ އާއި އަދި އެއްބަފާ ދެކޮއްކޮ ބަލަމުން މާލެދޫކޮށް ބީރައްޓެހި ރަށެއްގައި ވަޒީފާއަދާކުރަމުން ދިރިއުޅުމުގެ ތަކުލީފުތައް ތަހައްމަލުކުރަނީ ބައްޕަގެ ޒިންމާފޫބެއްދުމަށެވެ.
މުޖުތަމައު ގަބޫލުކުރާ ސިފަތަކާއި ވަކިމިންތިއަކަށްވީތީ އަދާކުރަންޖެހޭ ދައުރުތަކަކީ ވަރަށް ގިނަފަހަރަށް ސިޔާސީ، އިޤްތިޞާދީ އަދި އިޖުތިމާއީ ކަންކަމުގައި ބައިވެރިވުމަށް އަންހެނުންނަށް އޮންނަ ބޮޑުހުރަހެކެވެ. އަންހެންވަންތަ ސިފަތަކުގެ ތެރޭގައި މަޑުމައިތިރި، ލޮއީފު، ގެވެހި، ކެއްތެރި، …ސިފަތަކަކީ މުޖުތަމައު ބަލައިގަންނަ އަންހެންވަންތަ ސިފަތަކެވެ. ފިރިހެންވަންތަ ސިފަތަކުގެ ތެރޭގައި ގައްޑާ، ވަރުގަދަ، އިސްކަން ހިމެނެއެވެ. މިސިފަތަކުގެމައްޗައްބިނާކޮށް މުޖުތަމައުއިން ކަނޑައަޅާ ދައުރުވެސް ތަފާތެވެ. ކުދިން ބެލުން، ކިޔަވައިދިނުން، ކެއްކުން ފަދަ މަސައްކަތްތައް ވެފައިވަނީ އަންހެނުން ކުރަން ކަމުދާ ކަންތައް ކަމަށް މުޖުތަމައުއިން ބަލައި ގެންފައެވެ. އެއާޚިލާފަށް ގައުމުގެ ވެރިކަން، ފަނޑިޔާރުކަން، ޕާލިމަންޓުމެމްބަރުކަން ފަދަވަޒީފާތައް މުޖުތަމައުއިން ދެކެނީ ފިރިހެންވަންތަ މަސައްކަތް ކަމަށެވެ. މިފަދަކަންކަމަކީ އެއްދުވަހުން އަށަގެންފައިވާ ކަންކަމެއްނޫނެވެ. މިއީ ކުއްޖަކު ދުނިޔެއަށް އުފަންވީއްސުރެ އޭނާހެދިބޮޑުވަމުންއައުމުގައިލިބޭ ތަމްރީނާ ތަރުބިއްޔަތުގެ ތެރޭގައި އަދި އާމްދަނީހޯދުމުގެ މާހައުލަށްދާންދެން އެނޫންގޮތެއް ނެތްފަދައިން ޤަބޫލުކުރާ ކަންކަމެވެ.

ނޭނގިނަމަވެސް ދުނިޔަވީ ހުރިހާ ކަންކަމެއްގައި މަތީގައި ބުނެވިދިޔަ ސިފަތަކާއި ދައުރުތަކަށް ކުދިންގެ ތަރުބިއްޔަތާއި، ތައުލީމީނިޒާމު އަދި މަސައްކަތުގެ ދާއިރާގައިވެސް ބާރުއަޅައެވެ. ފިރިހެންކުއްޖަކު ވެއްޓިރޯންފެށީމާ ފިރިހެންކުދިންނުރޯނެޔޭ ނުވަތަ އަންހެން ކުދިން ތަންތަނަށް އަރަންފެށީމާ ތިޔައީ ފިރިހެން ކުދިން އުޅޭގޮތޭ ބުނާބުނުމަކީ ތަރުބިއްޔަތުގެ ތެރޭގައި އާންމުކޮށް ގެންގުޅޭ ބަސްމަގެވެ. ސުކޫލު ފޮތްތަކުގައި ކެއްކުމާއި ގޭތެރެބެލެހެއްޓުމާއި ބަލިމީހުންބެލުންފަދަ ދައުރުތައް އަންހެނުންގެ މަސައްކަތްކަމުގައި ރަމްޒުކޮށް، އަދި ނޫސްކިޔުމާއި އޮފީހަށްދިޔުމާއި ފުލުހުންގެ މަސައްކަތް ފަދަ ކަންކަން ކުރުމުގައި ފިރިހެނުންގެ ތަސްވީރުބޭނުންކޮށް މިސާލުޖެހުން ވެގެންދަނީ މުޖުތަމައުގައި ފިރިހެންވަންތަ ނުވަތަ އަންހެންވަންތަ ދައުރުތައްއަށަގަތުމަށް އެޅޭބާރަކަށެވެ. މިދެންނެވި ކަންކަމާހުރެ މުޖުތަމައުގައި އަންހެނުންނަށާ ފިރިހެނުން ތަޖުރިބާކުރަންޖެހޭ ގޮންޖެހުންތައް ތަފާތެވެ. ނަސީމާގެ ސިޔާސީހަޔާތް ކުރިއަށް ގެންދިޔުމުގައި ފިރިމީހާކިބައިން ލިބެންޖެހޭއެހީތެރިކަމުގެ ބަދަލުގައި ކައިވެނިރޫޅި އަދި ކުދިންކޮޅުވެސް ގެއްލުނީއެވެ. ގެވެށިއަނިޔާކުރަން ފިރިމީހާ ބޭނުންކުރި ހުއްޖަތަކަށްވެސްވީއެވެ. އާއިލީޒިންމާ އަދާނުކުރެވޭތީ ކުރާޝަކުވާވެސް ގިނަވީއެވެ. އުފެދޭސުވާލަކީ ފިރިހެނަކު މިފަދަމަޤާމަކަށް ހޮވިގެން ދަރިންބަލަން ޖެހޭތީ މަޤާމުދޫކޮށްލުން އިޙްތިޔާރަކަށްވޭބާއެވެ. 2014 ވަނައަހަރުގެ ބޯހިމެނުމުގެތަފާސްހިސާބު ދައްކާގޮތުގައި މަސައްކަތް ނުކުރާއާބާދިގެ %41 އަންހެނުންނަކީ ދަރިންބަލަންޖެހޭތީ މަސައްކަތް ނުކުރާމީހުންނެވެ. މިނިސްބަތް ފިރިހެނުންގެ މެދުގައި ވަނީ %1 ގައެވެ.
ނަސީމާގަބޫލުކުރާގޮތުގައި ރަށްރަށުގައި އުޅޭއަންހެނުން ކައުންސިލުގައި މަސައްކަތް ކުރުން ފިޔަވައި ސިޔާސީމައިދާނުގައި ޝާމިލުވުމަށް އިތުރު ފުރުސަތެއްނެތެެވެ. ސުކޫލުންނިމި ފުރަތަމައަދާކުރިވަޒީފާގައި އެތަކެއްއަހަރުވާއިރުވެސް ވަޒީފާގެ ކުރިއެރުންވެސް ނުލިބެއެވެ. ލާމަރުކަޒީ ޤާނޫނުނުް ރަށުކައުންސިލް އިންތިހާބުކުރާގޮތައް ނިންމިނިންމުންވެގެންދިޔައީ ނަސީމާއަށް ކޮންމެވެސް އުއްމީދެއް ލިބުނު ކަމަކަށެވެ. އެހެންނަމަވެސް މުޖުތަމައުއިން ދެކެނީ އަންހެނަކަށްވީތީ ސިޔާސީ ޒިންމާ އަދާކުރެވޭނީ ގެވެށިޒިންމާ އަދާކުރުމަށްފަހު އެވެ. ގިނައިރު މަސައްކަތުގައި އުޅެންޖެހުން ވެގެންދިޔައީ ނަސީމާގެ ކައިވެނި ރޫޅުމަށް އޭނާގެ ފިރިމީހާ ދެއްކި ހުއްޖަތަށެވެ. ފިރިމީހާގޭގައި އުޅޭވަގުތު އޮފީހަށް ދިޔުމުން ޖިސްމާނީ، ޖިންސީ އަދި ނަފްސާނީ އަނިޔާ ތަހައްމަލުކުރަން އޭނާއަށްޖެހުނެވެ. ނަސީމާމެންކަހަލަމީހުންނަށް އަތޮޅުކައުންސިލަށް ކުރިމަތިލައިގެން ދާއިރާގެ ރަށްރަށަށް ދަތުރުކުރަންޖެހުން އެއީ ގާނޫނުތަންދިންކަމުގައި ވިޔަސް އަންހެނުންނަށް އޮތް ވަރަށްބޮޑުގޮންޖެހުމެކެވެ. އަތުގައި ފައިސާނެއްތާގައި ލޯނެއްނަގާނެ ރަހުނެއްވެސް ނެތެވެ. ރާއްޖޭގެ އަދުގެހާލަތަށް ބަލާއިރު 2014 ގެ ބޯހިމމެނުމުން ދައްކާގޮތުން ގެދޮރުވެރި އަންހެނުންގެ ނިސްބަތަކީ %40 އެވެ.

ރައްޔިތުންގެ މަޖުލިސްގެ މެމްބަރުކަމާއި، ގައުމުގެ ރައީސްކަން ކުރުމެއްވެސް ގާނޫނުން އެއްވެސް މީހަކަށް ހުރަހެއްނާޅައެވެ. އެހެންނަމަވެސް މުޖުތަމައުއިން އަންހެނުން ގެ ދައުރުކަނޑައަޅާ، މިފަދަ މަގާމްތަކަށް ވާދަކުރުމަށް ފައިސާވެރިންނަށް ނޫނީ ނާދެވޭ އުސޫލު ކަނޑައަޅާފައިވާތީ ގޮތްނިންމާމަޖުލީސް ތަކުގައި އަންހެނުން ފައިތިލަސާބިތުކުރުމަށް ހަމަހަމަ ފުރުސަތުއޮތްތޯއެހުމަކީ ކުރަންޖެހޭ ބޮޑުސުވާލެކެވެ.

ޒުލޭޚާގެ ހަޔާތުގެ އެންމެ އުފެއްދުންތެރި އަހަރުތަކުގައި ކޮއްކޮމެންނާއި މަންމަ ބެލުމުގެ ޒިންމާ ނަގަންޖެހިފައިވަނީ ބައްޕަ ގެ އިހުމާލުންނެވެ. ކިތަންމެވަރަކަށްވެސް މީހުނާއި އިދެ ވަރިކުރުމުގެ ޙައްޤު އަންހެނަކަށްވެސް ފިރިހެނަކަށްވެސް އާއިލާގެ ގާނޫނުން ލިބިދެއެވެ. އެހެންނަމަވެސް މިހައްޤު ގެސަބަބުން އިންސާފުލިބޭތޯ އެއީ ޒުލޭހާމެންފަދަ އެތައްއަންހެނުން ކުރާސުވާލެކެވެ. ދިވެހިރާއްޖޭގައި 2014 ވަނައަހަރު 5577 ކައިވެނި ކުރިއިރު 3414 ވަރިކުރެވިފައިވެއެވެ. ވަރިކޮށްފައި ވާމީހުންގެތެރޭގައި އަންހެނުންގެ ނިސްބަތް %61 މިނިސްބަތް ފިރިހެނުންގެ މެދުގައި އޮތީ %39 ގައެވެ. 2015 ވަނަ އަހަރު އެކަނިވެރިމައިންގެ ގޮތުގައި 3049 ރަޖިސްޓްރީ ކުރެވިފައިވެއެވެ. ދާދިފަހުން އާއިލާގެ ޤާނޫނަށްގެނައި އިސްލާހުގައި ޒުލޭހާގެ އާއިލާއަށް އިންސާފުވެރިގޮތައް މުދާބެހޭނީ ކިހިނަކުންތޯ އެއީ ޒުލޭހާކުރާސުވާލެކެވެ. އެސުވާލަށް ޖަވާބުހޯދޭނީ އެޤާނޫނުންނާއި އެޤާނޫނުގެދަށުން ހެދުމަށްކަނޑައެޅިފައިވާ ޤަވާއިދުތައްހެދުމުން، އަދުލުވެރި ގޮތުގައި މުދާބެހެންއޮތީ ކޮންގޮތަކަށްތޯ ބަލާސާފުކުރެވިގެންނެވެ.
މިދެންނެވިފަދަ ޤާނޫނުތައްފާސްކުރަނީ ރައްޔަތުންގެ މަޖްލީހުންނެވެ. މިކަންތައް ތަންފީޒުކުރަންތިބޭ ތަންތަނަކީ ފިރިހެނުން ބައިބޯ އިދާރާތަކާއި ކޮމިޓީތަކެވެ. ރައްޔަތުންގެ މަޖުލީހުގައި ތިބޭމަދު އަންހެނުންނަށް ޒުލޭހާފަދަ އެހެން އަންހެނުންނަށް ދިމާވާ ތަކުލީފުމަދުކުރުމަށްޓަކައި އެކަށޭނަ ޤާނޫނު ހެދޭބާވައެވެ. ނަސީމާމެންފަދަ އަންހެނުންނަށް މިފަދަ ގޮތްނިންމާ މަޖުލީހުގައި ވާދަކުރުމަށް ހަމަހަމަ ފުރުސަތު މުޖުތަމައު އިން ތަންދޭބާވައެވެ.
މަތީގައި ބުނެވިދިޔަ ދައުރުތަކުގެސަބަބުން އާއިލާތަކާއި، މުޖުތަމައު އަދި ގައުމުގެ ތަރައްގީއަށް އެތަކެއް ގޮންޖެހުން ތަހައްމަލު ކުރަންޖެހެއެވެ. އާއިލާގެ އެންމެންގެގުޅުމާއި، ގައުމުގެތަރައްގީ އަކީ ނުމޮހޭވަރަށް ގުޅިލާމެހިފައިވާ ކަންކަމވެ. އަންހެނުންނަށް ކޮންކަމެއްނުވެގެންހޭ ތިޔައުޅެނީ ބުނާބުނުމަށް އަޅުގަނޑުގެ މިޖަވާބު މިހިސާބަށް ކުރުކޮށްލާނަމެވެ.
މި ލިޔުމުގައި ބޭނުނަކުރެވިފައިވާ ތަފާސްހިސާބު ނަގާފައިވަނީ www.statisticsmaldives.gov.mv
ޝާދިޔާ އިބްރާހިމް އަކީ އދ. ގެ އާބާދީ ޖަމުޢިއްޔާ ގައި 1997 ވަނަ އަހަރުން ފެށިގެން ޢިޖްތިމާއީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަފަރާތެކެވެ. ޚާއްސަގޮތެއްގައި އަންހެނުންގެ ތަރައްޤީގެ މަސައްކަތްތަކުގައި ޝާދިޔާއަކީ ތަފާތު ގިނަގުނަ ތަޖުރިބާލިބިފައިވާ ފަރާތެކެވެ.
ޝާދިޔާ އަކީ އުތެމަ ގެ ލިޔުންތެރިއެކެވެ.