އަނިޔާލިބޭ ކޮންމެވެސް މީހެއްގެ ވާހަކަ ފެނުމަކީ އާންމުކަމެކެވެ.

އަނިޔާލިބޭ ކޮންމެވެސް މީހެއްގެ ވާހަކަ ފެނުމަކީ އާންމުކަމެކެވެ. 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅުގައި އާއިލާ އަށްފިލައިގެން އުޅޭކުއްޖެއްގެ ފޮޓޯ ޢިއުލާން ކުރުމުން އެކަން ހިނގާދިޔަގޮތުގެ ވާހަކަ ޔާމިގެ ފޭސްބުކް ގައި ހާމަކޮށްފައި އޮތެވެ.
”އަހަންނަށް ކުޑައިރުއްސުރެ އަނިޔާވެރިކަމުގެ ވާހަކަ އަޑުއަހާ އެކަން ފެނެއެވެ. މައިންބަފައިންނާއި ތިމާގެމީހުންގެ އަރާރުން ކޮންޓްރޯލު ކުރުމަށް އާންމުކޮށް ޕޮލިހުން ގެއަށް އާދެއެވެ. އުމުރުން 5 އަހަރުގައި މަންމަ ނިޔާވިއެވެ. އުމުރުން 7 އަހަރުންފެށިގެން ގުރޭޑު 10 ނިމެންދެން އުޅުނީ ދޮންމަންމަ އާއެކުގައެވެ. ދޮންމަންމަވެސް އުޅެންޖެހުނީ ވަރަށް އަނިޔާވެރި ދިރިއުޅުމެކެވެ. ގުރޭޑު 10 ގައިއުޅެނިކޮށް ބައްޕަ އެހެންމީހަކާ އިންނަންވެގެން އަހަރެން ދޮންމަންމަ އާވަކިވާންޖެހުނެވެ. އެދުވަހުން ފެށިގެން އަހަރެންވެސް ޖިސްމާނީ އަނިޔާ އަދި ނަފްސާނީ އަނިޔާ ކޮންމެ ދުވަހަކުހެން ތަހައްމަލް ކުރަންޖެހެއެވެ. މިދިޔަ 2 އަހަރު ވަންދެންކަހަލަ ގޮތަކަށް ކޮންމެ ދުވަހަކު މިކަންކަމާ ކުރިމަތިވެއެވެ. އުމުރުން 17 އަހަރުގައި ޕޮލިހުގެ ކަމާބެހޭ ޔުނިޓަށް ގޮސް މިވާހަކަ ކިޔައިދިނިމުން ޕޮލިހުން ގެއަށް އައިސް އިސްލާހުވެ ހަމަޖެހެން ބައްޕައަށް ނަސޭހަތް ދިނެވެ. އެހެންނަމަވެސް ބައްޕަ ބަދަލެއްނުވެއެވެ. ބައްޕަ ޤަބޫލުކުރާގޮތުން ބައްޕަގެ ކުށެއް ނެތެވެ. އެދުވަހު އަހަރެން ޖެންޑަރ މިނިސްޓްރީ އާ ހަވާލުކުރުމުން ގެއަށް ފޮނުވާލިއެވެ. އެކަމަކު ހަޅޭއްލެވުމާއި، މަލާމަތްކޮށް ފުރުއްސާރަ ކުރުމެއް ނުހުއްޓެއެވެ. އެކަމަކުވެސް ބައްޕަ ވީމަ ލޯބިވެއެވެ. ސުއިސައިޑަލް ވާތީ އަނެއްކާ ޕޮލިހަށް ރިޕޯޓުކުރީމެވެ. އެކަމަކު ބައްޕަވެސް އާއިލާގެ އެހެން މީހަކުވެސް އަޅާނުލީމަ އަހަރެން އަނެއްކާ ކުޑަކުދިންގެ ހިޔާއަށް ހަވާލުކުރިއެވެ. ހަފްތާއެއްފަހުން ގެއަށް ގެނައެވެ. އާއިލާއިން އަހަރެން ބިޓްރޭ ކުރީކަމަށް ބެލީމެވެ. އަހަރެންގެ އެއްބަނޑު ބޭބެ އަހަރެން ސަލާމަތް ކުރަންއައީ އެއިރުއެވެ. ބޭބެއާއި އެކު އަނެއްކާ ޕޮލިހަށް ދިޔައިމާވެސް އަހަރެންނަށް ހަމްދަރުދީވެ އެހީވާން ތިބީ މަދުބައެކެވެ. އެދުވަހު އަހަރެންގެ ބަލަދުވެރިކަން ބޭބެއާއި ހަވާލުކުރުމަށް އެދުނީމެވެ. އެކަމާހުރެ ބައްޕަ ހިތްހަމަ ނުޖެހިގެން މަގޭފޮޓޯ އާންމުކުރީއެވެ. ބޭބެ ބަލަދުވެރިކަން ބަލައިގަނެ ގޭބަންދުގައި ފޯނެއްވެސް ނުގެންގުޅެވޭގޮތަށް ބެހެއްޓީއެވެ. އަހަރެން އެއްވެސްމީހަކަށްނުފިލަން، އަދި ކުޑަކުދިންގެ ހިޔާގައި އުޅޭކުދިންގެ އިހުސާސް ހަމަ ރަނގަޅަށް އެނގޭ. އެތާގަ ތިބި ކައުންސެލަރުންނަށް އަހަރެންގެ މައްސަލަ ބަލައިދިނީތީ ވަރަށް ޝުކުރުއަދާކުރަމެވެ.”

އަންހެނުންނަށް ކުރާއަނިޔާ

އިޖްތިމާއީ އިލްމުގެ އަލީގައި މިފަދަ އަނިޔާވެރިކަން އިންސާނުންގެ ތެރޭގައި އުފެދެނީ އަންހެނުންނާއި ފިރިހެނުންނާއި ދޭތެރޭ އުފެދޭ ތަފާތު ދަރަޖައާއި ނަހަމަ ގުޅުމެއްގެ ސަބަބުންނެވެ.

ކޮންމެ ތިން އަންހެނަކުން އެކަކީ ހަޔާތުގެ ކޮންމެސް ހިސާބެއްގައި ޖިންސީ ނުވަތަ ޖިސްމާނީ އަނިޔާތަހައްމަލު ކުރާމީހެއްކަން ތަފާސްހިސާބުން ދައްކައެވެ. ދިވެހިންނަކީ 100 ޕަސަންޓު މުސްލިމުންގެ ގޮތުގައި ފަޚުރުވެރިވާބައެކެވެ. އެހެންނަމަވެސް އިސްލާމްދީން ގޮވާލާ ސުލްހަވެރި، އެކަކު އަނެކަކަށް އަޅާލާ، އިންސާފުވެރި ސިފަތަކަކީ އަނިޔާވެރި ކަމާ ދިމާއިދިކޮޅުސިފަތަކެވެ. އެހެންކަމުން އުފެދޭސުވާލަކީ ދިވެހިންގެ ތެރޭގައި މިފަދަ އިހާނާތްތެރި އުޅުން އަށަގެންފައިވަނީ ކީއްވެގެންހެއްޔެވެ.
އިޖްތިމާއީ އިލްމުގެ އަލީގައި މިފަދަ އަނިޔާވެރިކަން އިންސާނުންގެ ތެރޭގައި އުފެދެނީ އަންހެނުންނާއި ފިރިހެނުންނާއި ދޭތެރޭ އުފެދޭ ތަފާތު ދަރަޖައާއި ނަހަމަ ގުޅުމެއްގެ ސަބަބުންނެވެ. މިފަދަ އާދަތަކަކީ ސަގާފީގޮތުން އަށަގެންފައިވާ ސިފަތަކެވެ.
މިސާލަކަށް ކުޑައިރުންސުރެ އަންހެންކުދިންނަކީ ފިނޑި ބައެއްގެގޮތުގައި ތަރުބިއްޔަތު ކުރާކުރުމާއި އަންހެނުންނަކީ މަޑުމައިތިރިބައެއްގެ ގޮތުގައި ސިފަކުރުން އަދި އެއާޚިލާފަށް ފިރިހެނުންނަކީ ބާރުގަދަބައެއްގެ ގޮތުގައި ސިފަކުރުން ހިމެނެއެވެ. ގެވެހި ބަޔަކީ އަންހެނުން ކަމުގައި ދެކި އާމްދަނީ ހޯދަން ބޭރުގައި އުޅެންޖެހޭނީ ފިރިހެނުންކަމުގައި މުޖުތަމައު ދެކޭދެކުން ވެގެންދަނީ އަންހެނުންނާއި ފިރިހެނުން ގެ ތަފާތު ދަރަޖަކުރުމަށެވެ.

އަވައްޓެރި ޤައުމުތަކާ އަޅާކިޔާއިރު ދިވެހިންނަކީ ހޭލުންތެރި، ތައުލީމީ ބައެއްގެ ގޮތުގައި ރިޕޯޓުތަކުގައި ކަނޑައަޅާ ލިޔެވިފައި ހުރެއެވެ. އެހެންނަމަވެސް ގޭތެރޭގައިވެސް، ޤައުމުގެ ތަރައްޤީގައިވެސް ގޮތްނިންމާފަންތީގައި އަންހެނުން ޝާމިލުވާ މިންވަރު ވަރަށްވެސް ކުޑައެވެ. މިކަންމިހެން އޮތުމުން އަންހެނުންނަކީ ފިރިންނަށް (އިނދެވަރިކޮށްފައި ވިޔަސް) ބަރޯސާވާބައެކެވެ. އުފެދޭސުވާލަކީ ދަރިންބެލުމާއި ގޭތެރޭގެ މަސައްކަތުގެ ޒިންމާ ހަމައެކަނި އަންހެނުންގެ ބޮލުގައި އަޅުވައިގެން މިޒަމާނުގައި އުޅެވޭނެބާއެވެ. އަންހެނުންނަށް ލިބޭތަޢުލީމުން އަނބިކަމާހިސާބުން ފަރުޖައްސާލެވެން އެބައޮތްބާވައެވެ.
ޒިޔާދާ ނައީމުގެ ހަޔާތުގައި އޭނާއަށްލިބުނުއަނިޔާ އަށް ފަރުވާހޯދަން ތިނަދޫ ހޮސްޕިޓަލުން އެކަށޭނަ ޚިދުމަތެއްނުލިބުނުހިނދު ގެވެށިއަނިޔާ ހުއްޓުވުމުގެ ޤާނޫނުންލާޒިމުކުރާ ރައްކާތެރިކަން ނުދެވުނެވެ. ޒިޔާދާ ނިޔާވިތާ ދެއަހަރުފުރިގެންދާއިރު މިޤާނޫނުން ލާޒިމުކުރާ ކަންކަން ސިއްޙީ ޚިދުމަތްތެރިންގެ ތެރެއިންކިތައްމީހުނަށް އިނގޭބާއެވެ.

ބައިވަރު މުއައްސަސާ – އެކަމަކު ކަމަށްއެކަށޭނަ ނިޒާމެއްނެތް

ޔާމި ގެ ވާހަކައިން އެނގޭގޮތުގައި މިފަދައަނިޔާ ލިބެމުންދާމީހަކަށް ޕޮލިސް، ކުޑަކުދިންގެ ހިޔާ އަދި ޖެންޑަރ މިނިސްޓްރީ އިން އެކަށޭނަ އެހީތެރިކަމެއް ނުދެވެއެވެ.

ގެވެށި އަނިޔާހުއްޓުވުމުގެ ޤާނޫނު ވުޖޫދަށްއައިތާ ފަސްއަހަރުވެގެންދަނީއެވެ. ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ނަމުގައި މުައައްސަސާއެއް އުފެދުނުތާވެސް ފަސްއަހަރު ވެއްޖެއެވެ. ކޮންމެއަހަރަކު އެތައް ދުވަހަކު އަނިޔާއާދެކޮޅަށް އެކިއެކި ކެމްޕޭނުތައް ހިންގާ އަދި ބަޔާންނެރެ، މިވަބާ ހުއްޓުވަން އެތަކެއް ވައުދެއްވެއެވެ. ގެވެށިއަނިޔާއަކީ ޤާނޫނީ ކުށެއްކަމުގައި ބަލައިގަނެއެވެ. ސިޔާސަތުތަކުގައި އަންހެނުންނަށް ކުރާއަނިޔާއާއި ދެކޮޅުކަން ލިޔެވިފައި ހުރެއެވެ. ހުކުރު ޚުތުބާގައި އިސްލާންދީނުގައި އަނިޔާކުރުމަކީ ގޯހެއްކަން ބުނެހަދައެވެ. އެހެންނަމަވެސް އަންހެނުންނަށް ކުރާއަނިޔާ އާއި ގެވެށިއަނިޔާ ތަހައްމަލު ކުރާމީހުނަށް އަކަށޭނަ ރައްކާތެރިކަމާ ޚިދުމަތެއް ލިބޭކަމާމެދު ސުވާލުކުރެވެއެވެ.

ޔާމި ގެ ވާހަކައިން އެނގޭގޮތުގައި މިފަދައަނިޔާ ލިބެމުންދާމީހަކަށް ޕޮލިސް، ކުޑަކުދިންގެ ހިޔާ އަދި ޖެންޑަރ މިނިސްޓްރީ އިން އެކަށޭނަ އެހީތެރިކަމެއް ނުދެވެއެވެ. ރާއްޖޭގެ ކޮންމެރަށެއްގައި ވެސް ސިއްޙީމަރުކަޒު ނުވަތަ ހޮސްޕިޓަލެއްގެ އިތުރުން ކައުންސިލް، މެޖިސްޓްރޭޓު ކޯޓު އަދި އަތޮޅުފެންވަރުގައި ފެމިލީ އެންޑް ޗައިލްޑް ސާވިސް ސެންޓަރެއް ހުރެއެވެ. މިހުރިހާ މުއައްސަސާއެއްގައިވެސް ގެވެށިއަނިޔާ ހުއްޓުވުމަށް އެކިޒިންމާ ކަނޑައެޅިފައިވެއެވެ. އެހެންނަމަވެސް މިއަދާހަމައަށްވެސް މިހުރިހާމުއައްސަސާތައް ގުޅިގެން ޢިޖުތިމާއީ މިގޮންޖެހުމަށް ކަންކުރާނެގޮތުގެ ނިޒާމެއް އޮތްކަމާމެދު ސުވާލުއުފެދެއެވެ. 2018 ވަނަ އަހަރުގެ ބަޖެޓުގައިވެސް މިކަމަށް ފައިސާ ކަނޑައެޅިފައެއް ނުވެއެވެ.

ބޭނުންވަނީ ކޮންކަމެއް؟

އަންހެނުންނަށް ކުރާއަނިޔާއާ ދެކޮޅަށް 16 ދުވަހުގެ ކެމްޕޭނަކުންނިންމާލެވޭކަށްނެތެވެ.

ބޭނުންވަނީ އަނިޔާކުރާމީހުންނަށް އަދަބުދިނުމުގެ ސަޤާފަތެއްނޫނެވެ. ބޭނުންވަނީ އަނިޔާވެރިކަން މުޖުތަމައުއިން ނައްތާލުމެވެ. ބޭނުންވަނީ އަންހެނުންނަކީ ފިރިހެނުންނާ އެއްފަންތިއެއްގައި ބަސްވިކޭ ބާރުވެރި ބަޔަކަށްހެދުމެވެ. ލިބޭތައުލީމުން އަމިއްލަ ސިކުނޑިން ވިސްނާ އަންހެނުންނަށް ދިމާވާ ގޮންޖެނުންތައް ރަގަޅުކުރުމަށްފަހިމާހައުލެއް ޤާއިމުކުރުމެވެ. ލިބޭއާމްދަނީ އިން އަމިއްލަ ބޭނުމަށް ޚަރަދުކުރުމުގެ އިޚްތިޔާރެވެ. ދުޅަހެއު ސިއްހަތާއި އުފާވެރި ދިރިއުޅުމަކަށް ޖާގައެވެ.

މިފަދަ މުޖުތަމައެއް ބިނާކުރެވޭނީ މީހުންގެ ސިކުނޑި ތަނަވަސްކޮށްގެންނެވެ. އަންހެނުންނަކީ ފިރިހެނުންނެކޭ އެއްފަދަ ބައެއްގެގޮތުގައި މުޖުތަމައުން ދެކިގެންނެވެ. ހުރިހާފަންތިއެއްގައި އުޅޭއަންހެނުންނަށްވެސް ތަރައްޤީގެ ފޮނި މީރުކަން އިހުސާސްކުރެވިގެންނެވެ. އަންހެނަކަށްވީތީ ކުރާ ތަފާތުކުރުންތައް ހުއްޓުވަން އެންމެންވެސް މަސައްކަތްކޮށްގެންނެވެ. އަންހެނުންނަށް ކުރާއަނިޔާއާ ދެކޮޅަށް 16 ދުވަހުގެ ކެމްޕޭނަކުންނިންމާލެވޭކަށްނެތެވެ. ކޮންމެދުވަހަކުވެސް ތިމާއަށްވުރެ ނިކަމެތި މީހެއްގެ ފައިވާނުގައި އޭނާގެ ޙައްގުގައި އަނިޔާހުއްޓުވުމަށް ތެދުވަމާހެވެ.

ޝާދިޔާ އިބްރާހިމް އަކީ އދ. ގެ އާބާދީ ޖަމުޢިއްޔާ ގައި 1997 ވަނަ އަހަރުން ފެށިގެން ޢިޖްތިމާއީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަފަރާތެކެވެ. ޚާއްސަގޮތެއްގައި އަންހެނުންގެ ތަރައްޤީގެ މަސައްކަތްތަކުގައި ޝާދިޔާއަކީ ތަފާތު ގިނަގުނަ ތަޖުރިބާލިބިފައިވާ ފަރާތެކެވެ. ޝާދިޔާ އަކީ އުތެމަ ގެ ލިޔުންތެރިއެކެވެ.

Uthema