އިންތިޚާބީ މަގާމްތައްމިންތީގެ ހަމަހަމަކުރުމަށް އަޅާޚާއްޞަފިޔަވަޅު

ކޯޓާ އަކީ ކޮބާ؟
ދީމިޤްރާތީ ސިޔާސީ ނިޒާމެއްގައި އަންހެނުންގެ ބައިވެރިވުން އޮތްމިންވަރު ބެލުމުގައި ރިޢާޔަތްކުރާ މިންގަނޑުތަކަކީ، އަންހެނުން ވޯޓުލާ ނިސްބަތާއި، އިންތިޚާބީ މަގާމުތަކަށް އަންހެނުން ކުރިމަތިލާ ނިސްބަތާއި، އަދި ޤާނޫނުތަކާއި ސިޔާސަތުތައް ހަދާ މަޖިލިސްތަކުގައި ބައިވެރިވާ ނިސްބަތެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި މިންތީގެ ހަމަހަމަކަން އޮތީ ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާކިޔާއިރު މާފަހަތުގައެވެ. އަދި މި ނިސްބަތް ދަނީ ދުވަހުންދުވަހަށް ފަހަތަށް ޖެހެމުންނެވެ. މިސާލަކަށް، ދިވެހިރާއްޖޭގެ މިންތީގެ ނަހަމަކަމުގެ ނިސްބަތް (ޖެންޑަރ އިންއިކުއަލިޓީ އިންޑެކްސް) 2011 ވަނަ އަހަރުގައި ދުނިޔޭގެ ނިސްބަތުން 52 ވަނައިގައި އޮތްއިރު، މިނިސްބަތް 2015 ގައި 76 ވަނައަށް ވަނީ ވެއްޓިފައެވެ.
ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި އިންތިޚާބީ މަގާމްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް އެތަކެއްފިޔަވަޅު އަޅައެވެ. އޭގެތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ކޯޓާގެ ނިޒާމެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ކޯޓާއޭ ބުނުމުން އެކަމާ ނުރުހޭމީހުން ވަރަށްގިނައެވެ. ކޯޓާއަކީ ކޯއްޗެއްކަން ނޭގެނީކަމަށް ފަހަރުގައި ވެދާނެއެވެ.
ޕާކިސްތާނުގެ ޤާނޫނުއަސާސީގައި، އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ %17 (ސަތާރަ އިންސައްތަ) ގޮނޑި އަންހެނުންނަށް ކަށަވަރުކޮށްދީފައިވެއެވެ.
ކޯޓާ އަކީ ކޮބާ؟
ކޯޓާއަކީ، އިންތިޚާބީ މަގާމުތަކަށް އަންހެނުންގެ ޢަދަދު ފިރިހެނުންނާ ހަމަހަމަ ކުރުމަށްޓަކައި އަޅާ ޚާއްސަ ފިޔަވަޅެކެވެ. ދުނިޔޭގެ ދެބައިކުޅައެއްބައި ޤައުމުތަކުގައި މިފަދަ އުޞޫލުތައް އެކަށައަޅާފައިވެއެވެ. މިސާލަކަށް އިންޑޮނީޝިޔާގެ އިލެކްޝަންތަކާގުޅޭ ޤާނޫނުގައިވަނީ، ޕާޓީތަކުން ނެރޭ ކެންޑިޑޭޓުންގެ ތެރެއިން %30 (ތިރީސް އިންސައްތަ) އަންހެން ކެންޑިޑޭޓުންނަށް ކޯޓާއެއް ކަނޑައަޅާފައެވެ. އިންޑޮނީޝިޔާގައި މިޢަދަދަށް ޕާޓީތަކުން ހުށަހަޅާ ލިސްޓުގައި އަންހެނުން ނުހިމެނޭނަމަ، އެޕާޓީއަކުން ހުށަހަޅާ ކެންޑިޑޭޓުންގެ ލިސްޓެއް ބަލައެއް ނުގަނެއެވެ. ނޯވޭއަކީ އެގައުމުގެ ސިޔާސީ ޕާޓީތަކުން އަމިއްލަ އިޚްތިޔާރުގައި އެ ޕާޓީތަކުން އަންހެނުންނަށް ކޯޓާ ކަނޑައަޅާފައިވާ ޤައުމެކެވެ. އަދި ބުނެވިދިޔަ ޤައުމުތަކާ މުޅިންޚިލާފަށް، ޕާކިސްތާނުގެ ޤާނޫނުއަސާސީގައި، އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ %17 (ސަތާރަ އިންސައްތަ) ގޮނޑި އަންހެނުންނަށް ކަށަވަރުކޮށްދީފައިވެއެވެ.
ދުނިޔޭގެ ބައެއް ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލީހުގައި އަންހެނުން ހިމެނޭ ނިސްބަތް – 2018
ކޯޓާ | އަންހެނުންގެ% | އަންހެނުންގެ އަދަދު | ޖުމްލަގޮނޑި | ޤައުމު | |
އޮވޭ | 61.3 | 49 | 80 | ރުވާންޑާ | 1 |
އޮވޭ | 41.4 | 70 | 169 | ނޯވޭ | 2 |
އޮވޭ | 39.6 | 228 | 576 | ފަރަންސޭސިވިލާތް | 3 |
އޮވޭ | 38.3 | 46 | 120 | ނިއުޒީލަންޑް | 4 |
އޮވޭ | 38.9 | 100 | 257 | އާޖެންޓީނާ | 5 |
އޮވޭ | 38.1 | 24 | 63 | އައިސްލެންޑް | 6 |
އޮވޭ | 38.0 | 52 | 137 | އިކުއަޑޯ | 7 |
އޮވޭ | 28.6 | 43 | 150 | އޮސްޓްރިޔާ | 8 |
އޮވޭ | 29.4 | 176 | 597 | ނޭޕާލް | 9 |
އޮވޭ | 20.6 | 68 | 330 | ޕާކިސްތާން | 10 |
އޮވޭ | 19.9 | 30 | 151 | ސަޢޫދީޢަރޭބިއާ | 11 |
އޮވޭ | 19.8 | 111 | 560 | އިންޑޮނީޝިޔާ | 12 |
އޮވޭ | 13.9 | 31 | 223 | މެލޭޝިޔާ | 13 |
އޮވޭ | 11.8 | 64 | 542 | އިންޑީޔާ | 14 |
ނެތް | 10.1 | 47 | 465 | ޖަޕާން | 15 |
ނެތް | 5.9 | 17 | 289 | އީރާން | 16 |
ނެތް | 5.9 | 5 | 85 | ދިވެހިރާއްޖެ | 17 |
ނެތް | 5.8 | 13 | 225 | ސްރީލަންކާ | 18 |
ނެތް | 3.1 | 2 | 65 | ކުވޭތު | 19 |
އަންހެނުން މުހިއްމުކަން ދޭކަންކަން ތަފާތު
އަންހެނުން ކަންކަން ހިންގާގޮތް ތަފާތު
އަންހެނުން ފިރިހެނުންނަށްވުރެ ނަޒާހަތްތެރި
ޚާއްޞަ ފިޔަވަޅު އަޅަންޖެހޭ ސަބަބުތައް:
ޚާއްޞަ ފިޔަވަޅު އަޅަންޖެހޭ ސަބަބުތަކުގެ ތެރޭގައި، ޒަމާނުއްސުރެ އޮންނަ ސަގާފީ މިންތީގެ ނަހަމަކަމުގެ ސަބަބުން ކުރިމަތިކުރުވާ ތަފާތު ކުރުންތަކުން އަރައިގަތުމަށް އެހީތެރިވުން ހިމެނެއެވެ. މިސާލަކަށް، ދިވެހިރާއްޖޭގައި ގޭތެރޭގެ މަސައްކަތުގައި އަންހެނުން ފިރިހެނުންނަށްވުރެ ދެގުނަ އިތުރަށް ވަގުތު ހޭދަކުރަން ޖެހުމާއި، އާއްމުގޮތެއްގައި މީހުން އަދާކުރާ ވަޒީފާތަކުގެ ތެރެއިން ފިރިހެނުންނަށް ލިބޭ އުޖޫރައަކީ އަންހެނުންނަށްވުރެ %20 (ވިހި އިންސައްތަ) އިތުރު ޢަދަދަކަށްވުން ފާހަގަކުރެވެއެވެ. މީގެއިތުރުން، ދަރިން ބެލުމާއި ޢާއިލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން މީހުން ބެލުމަކީ އަންހެނަކަށްވީތީ އަންހެނާގެ މައްޗަށް ލާޒިމުވެފައިވާ މަސްއޫލިއްޔަތައި ޒިންމާއެއްކަމަށް މުޖުތަމަޢު ދެކެމުން ދިޔުމަކީ އަންހެނަކަށް ގެއިންބޭރުގައި މަސައްކަތް ކުރުމަށްއެޅޭ ވަރަށްބޮޑު ހުރަހެކެވެ. މިފަދަ ގޮންޖެހުންތަކުން އަރައިގަނެ، ހަމަހަމަ މުޖުތަމަޢުއެއް ބިނާވަންދެން ޚާއްޞަ ފިޔަވަޅުތަކެއްގެ ތެރެއިން ނަމަވެސް، ޤާނޫނުހަދާ މަޖިލީހުގައި އަންހެނުންނަށް ކޯޓާ ހިމެނުން މުހިއްމުވަނީ، އަންހެނުންނަކީ އާބާދީގެ ދެބައިކުޅައެއްބަޔަށް ވެފައި، ސިޔާސީޕާޓީ ތަކުގައިވެސް އަންހެނުންގެ މެމްބަރޝިޕް އޮންނާތީވެ ތިރީގައި ބަޔާންކޮށްފައިވާ ސަބަބުތަކަށްޓަކައެވެ.
- އަންހެނުން މުހިއްމުކަން ދޭކަންކަން ތަފާތުވުން
ދުނިޔޭގެ އެހެންގައުމުގެ ތަޖުރިބާއަށް ބަލާއިރު، ކުދިންބަލާ ޑޭކެއާ ސެންޓަރ ޤާއިމުކުރުމާއި، މިންތީގެ ހަމަހަމަކަން އަދި ދަރިމައިވުމުގެ ސިއްޙަތާގުޅޭ ޙައްގުތައް ކަށަވަރުކުރުމަށް ޤާނޫނުތަކުން ޙައްލު ހޯދައިދިނުމަށް ވަކާލާތުކުރަނީ ގިނައިން އަންހެނުންނެވެ. ޢާއްމުގޮތެއްގައި ޢާއިލާތަކުގެ މަންފާއަށް އިންސާފުވެރި ޙައްލު ހޯދައިދެނީ އަންހެނުން ގިނަ ޤާނޫނުހަދާ މަޖިލިސް ތަކުންނެވެ.
- އަންހެނުން ކަންކަން ހިންގާގޮތް ތަފާތުވުން
އިޖުތިމާޢީ ކަންކަން ޙައްލުކުރުމަށް އަންހެނުން ބޭނުންކުރާ ހަމަތަކާއި ވައްޓަފާޅި ތަފާތުވުމުން، އިޖުތިމާޢީ ކަންކަން ޙައްލުކުރުމަށް އަންހެނުން ޚިޔާރުކުރާ ޙައްލު ތަފާތުވާތީއެވެ. އަދި މީގެސަބަބުން، ސިޔާސަތުތައް އެކަށައެޅުމުގައި އައު ޒާވިޔާއަކުން ވިސްނުމުގެ ސަބަބުން މަޖިލީހުގެ ބަހުސް އިތުރަށް މުއްސަނދިވެ، ސިޔާސަތުތަކަކީ ޢަމަލީ މައިދާނުގައި ތަންފީޒުކުރުމަށް ފަސޭހަ ސިޔާސަތު ތަކަކަށްވުމުގެ ފުރުޞަތު އިތުރުވާނެއެވެ.
- އަންހެނުން ފިރިހެނުންނަށްވުރެ ނަޒާހަތްތެރިވުން
ދިވެހިރާއްޖޭގައިވެސް ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކުގައި ތުހުމަތުކުރެވި ދަޢުވާ އުފުލާފައިވަނީ ގިނައިން ފިރިހެނުންގެ މައްޗަށެވެ. ނާޖާއިޒު މުއްސަދިކަން ލިބިފައިވާކަމަށް ގިނައިން ތުހުމަތު އުފުލިފައިވަނީވެސް ފިރިހެނުންގެ މައްޗަށެވެ. އެހެނީ، ރިޝްވަތުގެ ފައިސާ ގޯނިތައް އުފުލިކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އިޢުތިރާފު ވެފައިވަނީވެސް ފިރިހެން މެންބަރެކެވެ.
ކޯޓާ ކަނޑައެޅުމަށް ދެކޮޅުހަދާ މީހުން ދައްކާ ޙުއްޖަތަކީ، އަންހެނުންނަށްވެސް ފިރިހެނުންނަށްވެސް ހަމަހަމަ ފުރުޞަތު އޮންނަންވާނެ ވާހަކައެވެ. އެ މީހުން ނުދައްކާ ވާހަކައަކީ އަދި ފާޅުވާން ބޭނުންނުވާ ޙަޤީޤަތަކީ، އިންތިޚާބީ މަޤާމެއް ކާމިޔާބުކުރުމަށް އޮންނަ މަގުގައި އަންހެނުންނަށް އެތަކެއް ގޮންޖެހުމަކާއި ހުރަސްތަކެއް ހުންނަކެމެވެ. މީގެއިތުރުން، ޤާނޫނުހަދާ މަޖިލީހުގައި މިހާރުވެސް އަންހެނުންތިބެ، އަންހެނުންގެ ޙައްގުގައި ކަންކަމަށް ވަކާލާތުނުކުރާ ވާހަކައެވެ. އަންހެނުންނަށް އެ މަޖިލިސް ތަކުގައި މަދުވެގެން 1/3 (ތިންބައިކުޅައެއްބައި) ނެތި އެމީހުންގެ އަޑުއުފުލާނެ ގޮތެއް ތިޔަބޭފުޅުން ވިދާޅުވެ ދެއްވަބައްލަވާށެވެ. މަޖިލީހުގައި ކަންކަން ނިންމަނީ ވޯޓުންނެވެ. އަންހެނުން ނެތް މަޖިލީހަކުން ނިންމާ ނިންމުންތައް ވެގެންދާނީ މިންތީގެ ނަޒަރަށް ކަނު ނިންމުންތަކަކަށެވެ. މިހާރު ކަންކުރާ އުޞޫލުން އިންތިޚާބުތައް ބާއްވާނަމަ، ސިޔާސީ މަޤާމުތަކަށް އަންހެނުން އިންތިޚާބުވުން އިތުރުކުރުމަށް ފަންސާހަކަށް އަހަރު ނަގާނެއެވެ. އެހެންކަމުން، ކޯޓާއަކީ ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ބައިވެރިވުން ހަމަހަމަ ކުރުމަށް އޮތް އަވަސް ޙައްލެކެވެ.
ޝާދިޔާ އިބްރާހިމް އަކީ އދ. ގެ އާބާދީ ޖަމުޢިއްޔާ ގައި 1997 ވަނަ އަހަރުން ފެށިގެން ޢިޖްތިމާއީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަފަރާތެކެވެ. ޚާއްސަގޮތެއްގައި އަންހެނުންގެ ތަރައްޤީގެ މަސައްކަތްތަކުގައި ޝާދިޔާއަކީ ތަފާތު ގިނަގުނަ ތަޖުރިބާލިބިފައިވާ ފަރާތެކެވެ. ޝާދިޔާ އަކީ އުތެމަ ގެ ލިޔުންތެރިއެކެވެ.