ނޫސް ބަޔާން
02 ޑިސެމްބަރ 2020

ރުގްޔާ – މަންމަ އާއި ތިން އަންހެން ދަރިންނަށް ތިން މަސްވަންދެން ދެ ފިރިހެނުން ގުޅިގެން ހިންގި

ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ ޓޯޗަރ ގެ ސީރިއަސް މައްސަލައާ ގުޅޭ ކަންބޮޑުވުން


ނިމިދިޔަ ނޮވެމްބަރ މަހުގެ ފަހުކޮޅު، މަންމައަކާއި ތިން އަންހެން ދަރިންނަށް، ކުދިންގެ ދޮންބައްޕައާއި އިތުރު ފިރިހެނަކު ގުޅިގެން، ތިންމަސްދުވަސް ވަންދެން ޓޯޗަރގެ އަނިޔާތަކެއް ކޮށްފައިވާކަމުގެ ޚަބަރު މީޑިއާ އަދި މީސްމީޑިއާގައި އާއްމު ވެގެންދިޔައެވެ. އަދި މިފަދަ ލާއިންސާނީ ދަށުދަރަޖައިގެ އަނިޔާވެރި ހާދިސާއެއް ދިވެހި މުޖުތަމައުގެ އާއިލާއެއްގެ ތެރޭގައި ހިނގައިފި ކަމުގެ ޚަބަރު ލިބުމަކީ މި ޖަމްޢިއްޔާއަށް ފުން ހިތާމައެއް ލިބިގެންދިޔަ ކަމެކެވެ. އަދި މި ޙަބަރުން ރަމްޒުކޮށްދެނީ ރާއްޖޭގެ އިޖްތިމާޢީ ހާލަތާ އަންހެނުންނާ އަންހެންކުދިންގެ ރައްކާތެރިކަން ދަށަށްގޮސްފައިވާ މިންވަރެވެ.

ބޮލުގައި ރިއްސުމާއި މައިގްރެއިން ޖެހުމުން އޭގެ ޝިފާ އަކީ ރުގްޔާ ކަމަށް އަންހެންމީހާގެ ނުރުހުމުގައި ނިންމައި، ހިލޭފިރިހެނަކު ގެއަށްގެނެސް ގަދަކަމުން އަނބިމީހާ ރުގްޔާކޮށް (ފެން ކިޔަވައި ގައިގައި ކަޅުދިރި ތެލާއި އަތަރު އުނގުޅުން) އަދި މީގެ އިތުރުން އަނބިމީހާއާއި އޭނާގެ ކުޑަ އަންހެން ދަރިފުޅު ރޭޕް ކޮށް، ކޭންބުއިމާއި އެހެނިހެއް އިންސާނީ ޒަރޫރީ ކަންކަމުން ހަތަރުމައިން މަހުރޫމް ކޮށް، ގޭގައި ރަހީނުކޮށް، އަޅުވެތިކޮށް އަދި އާއިލާ އާއި އަވަށްޓެރިންނަށް ހަތަރުމައިންގެ ހާލަތު އޮޅުވާލާފައިވާކަން މީޑިއާ އަދި މީސްމީޑިއާ އިން މައުލޫމާތު ލިބެއެވެ. މި ޓޯޗަރގެ އަނިޔާ ތަކުން ރާއްޖޭގެ ކުޑައާބާދީ އޮންނަ ރަށެއްގައި ސަލާމަތްކަން ނުލިބި، އެއްވެސް ފަރާތެއްގެ އެހީ ނުލިބި، 3 މަސް ވަންދެން މިފަދަ ކަމެއް ތަހައްމަލް ކުރަން ޖެހުމަކީ މި ޖަމްޢިއްޔާ އިން ނުހަނު ކަންބޮޑުވާ ކަމެކެވެ. އަދި މީޑިއާގައި ހާމަ ކޮށްފައިވާ ގޮތުން، ރަށުގެ ފުލުހުންނާއި މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް ގެ އިޖްތިމާއީ ޚިދުމަތްތެރިންނަށް މި އަނިޔާތައް ހިނގަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވީ ނަމަވެސް، އެ ފަރާތްތަކުން މި މައްސަލަ ބަލާފައިނުވުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. އެހެން ކަމުން، މި މައްސަލައިގެ މައުލޫމާތު ލިބިހުރެ، ކަމާބެހޭ އިސް ދެ މުއައްސަސާ އިން މި އަނިޔާއިން އެ ހަތަރުމައިން ސަލާމަތްކުރުމަށް ނުކުޅެދުނީ ކީއްވެތޯ ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް މި ޖަމްޢިއްޔާއިން ދެކެމެވެ. އަދި ރާއްޖޭގައި ލާއިންސާނީ އަނިޔާ ހުއްޓުވުމަށް ހެދިފައިވާ ޤާނޫނުތައް ތަންފީޒު ކުރުމަށް އިހުމާލުވެފައިވާ ސަބަބު ދެނެގަނެ، މިކަމުގައި ވަޒީފާގެ ޒިންމާ އަދާކޮށްފައިނުވާ ފަރާތްތައް ޖަވާބުދާރީ ކުރުވާ، މަސައްކަތަށް އިހުމާލުވި ފަރާތްތައް މިފަދަ ޒިންމާދާރު މަގާމުތަކުން ދުރުކުރުމަކީ ކުރަންޖެހޭ ކަމެއްކަމުގައި ދެކެމެވެ. އަދި މި އަނިޔާ ގައި ބައިވެރިވި ދެ ފިރިހެނުންނަށް ޤާނޫނުގެ ތެރެއިން އެޅެންހުރި އެންމެ ހަރުދަނާ ފިޔަވަޅުތައް އަޅައި، އެމީހުންގެ ނުރައްކާ މުޖުތަމައަށް އިތުރަށް ނުފޯރާނެ މިންވަރަށް މައްސަލަ ބައްލަވާ އިޖްތިމާއީ ރައްކާތެރިކަން މި އާއިލާއަށާ މުޖުތަމައަށް ހޯއްދަވައިދެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަށާއި ޝަރުޢީ ކޯޓުތަކަށް ގޮވާލަމެވެ.

މީގެއިތުރުން، މީޑިއާ ރިޕޯޓުތަކުން ފާހަގަވަނީ މި އަހަރު ކުރީކޮޅުގައިވެސް، ރުގްޔާ އަދި ސިހުރުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރުމުގެ މައްސަލަތަކެއް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބަލަމުން ދިޔަކަމެވެ. ވީމާ، މިފަދަ ކަންކަން ފުރިހަމައަށް ތަހުޤީގުކޮށް، އެކަންކަން ކުރާ، ނުވަތަ ކުރުމުގެ ފުރުސަތުބޮޑު ފަރާތްތަކަކީ ކޮބާކަންފާހަގަކޮށް، އަނިޔާއަށް ތަންދޭ މިފަދަ ކަންކަމަށް ވަރަށްބޮޑަށް ފާރަވެރިވުމަށް ކަމާބެހޭ ފަރާތްތަކަށް އަންގައި (މިނިސްޓްރީ އޮފް ޖެންޑަރ، ފުލުހުންގެ މުއައްސަސާ، ސިއްހީ އަދި ތައުލީމީ ހިދުމަތްދޭ ފަރާތްތައް) އަދި މުޖުތަމައު ހޭލުންތެރި ކުރުވަންޖެހެއެވެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އިތުރުވެގެންދާ މައްސަލަތަކުގައި ސިއްޙީފަރުވާލިބުމަށް ދަތިވާއިރު، ސިހުރު، ފަންޑިތަ އަދި ރުގްޔާގެ ވިޔަފާރިވެރިންގެފަރާތުން ހައްލު ހޯދަމުން ދާކަމަށް ފާހަގަވާނަމަ، އަނިޔާއަށް ތަންދޭ މިފަދަ ކަންކަމަށް ސަމާލުވެ މިކަންކަން ހުއްޓުވުމަކީ ކުރަންޖެހޭނެ ކަމެކެވެ. މިފަދަ މައްސަލަ ތަކަށް މި ދެންނެވި ގޮތަށް ދުރާލައި އިސްކަން ނުދެވުމުގެ ނަތީޖާ އަކީ މި އަނިޔާތައް ތަކުރާރުވުންކަން މި ނުރައްކާތެރި ހާދިސާއިން ހެކިދެއެވެ.

ކޮވިޑް- 19 އާއި ގުޅިގެން ގިނަބައެއްގެ ވަޒީފާ ގެއްލި، އެކިސަބަބު ތަކަށްޓަކައި ގޭގައި ތިބެން ޖެހުމަކީވެސް، އަންހެނުންނާ އަންހެން ކުދިންނަށް ކުރާ އަނިޔާ އަދި ގެވެށި އަނިޔާ އަށް ފުރުސަތު ބޮޑުވެގެންދާ ކަމެއްކަން ތަފާސްހިސާބުގެ އަލީގައިވަނީ ސާފުވެފައެވެ. އެހެންކަމުން ހާލަތު އޮތްގޮތް ދެނެތިބެ، ކަމާބެހޭ މުއައްސަސާތަކުންވެސް މިކަމަށް ކުރިއަށްވުރެ މާބޮޑަށް ސަމާލުކަން ދޭންޖެހެއެވެ. ސަބަބަކީ، ގެވެށިއަނިޔާގެ ނުރައްކާތެރި އަމަލުތައް ހިންގާ ފަރާތްތަކާއި މިފަދަ ވިސްނުން ގެންގުޅޭ ފަރާތްތައް ގިނަ ވަގުތު ގޭގައި ހޭދަކުރަމުންދާއިރު، އަނިޔާގެ ޝިކާރައަށްވާ ފަރާތްތަކަށް އެ ހާލަތުން ސަލާމަތްވެވޭނެ ގޮތްތައް ބަންދުވެފައިވާތީއެވެ.

މި ދުވަސްވަރަކީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ފާހަގަކުރާ ބައިނަލްއަޤުވާމީ ދުވަސް، 25 ނޮވެމްބަރ އާއި ގުޅިގެން ދުނިޔޭގެ ފެންވަރުގައި 16 ދުވަހުގެ ކެމްޕޭނެއް ހިނގަމުންދާ ދުވަސްވަރެކެވެ. ކޯވިޑްގެ އާލަމީ ވަބާގެ ޞިއްޙީ ކާރިސާ ގެ ތެރޭގައި އަންހެނުންނާ އަންހެން ކުދިންނަށް ކުރާ އަނިޔާ ދުނިޔޭގެ ފެންވަރުގައި ވެސް ސިފަކުރަމުންދަނީ ހިޔަނި އާލަމީ ވަބާއެއްގެ ގޮތުގައެވެ. ސަބަބީ ކޯވިޑް-19 ގެ ކުރިންވެސް، ދުނިޔޭގެ ފެންވަރުގައިވެސް މިމައްސަލަ އަކީ އާލަމީ ވަބާއެއްގެ ދަރަޖައިގައި އަނިޔާގެ ޝިކާރައަށްވާ ފަރާތްތަކަށް އަސަރުކުރަމުންދާ މައްސަލައަކަށްވާތީއެވެ. އަދި ކޮވިޑް-19 ގެ ސަބަބުން މި އަދަދު ތައް އެތައް ގުނައަކަށް އިތުރުވެ، ހައްލުހޯދުމަށް ދަތި ވެފައިވާތީ މިފަދަ އަނިޔާވެރިކަން ހުއްޓުވުމަށް ހުރިހާ ފަރާތަކުންވެސް ކެނޑިނޭޅި މަސައްކަތް ކުރަން ޖެހެއެވެ. އަދި ސަރުކާރުގެ އެކި މުއައްސަސާ ތަކުންވެސް މިކަން ފާހަގަކޮށް މުޅި ރާއްޖޭގައި ދަނީ މިފަދަ އަނިޔާތަކަށް ހުށަހެޅޭ ފަރާތްތަކުން ކަމާބެހޭ މުއައްސަސާތަކަށް ރިޕޯޓުކުރުމަށް ބާރުއަޅަމުންނެވެ. ނަމަވެސް ރިޕޯޓުކުރަން މަސައްކަތްކުރާ ފަރާތްތަކަށް އެ މުއައްސަސާތަކުން ސަލާމަތްކަން ފޯރުކުރުމަށް ނުކުޅެދުމަކީ އިޖްތިމާއީ ޙިދުމަތުގެ ނިޒާމާދޭތެރޭ ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނެ ކަމެކެވެ. މިއީ މި ޖަމްޢިއްޔާއިން ވަރަށް ކަންބޮޑުވާ ކަމެކެވެ.

ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާ އާއި ގެވެށި އަނިޔާއަކީ ރާއްޖޭގައި އާއްމުވެފައިވާ، އަދި މިކަމާގުޅޭގޮތުން އެތައް ގާނޫނުތަކެއްހެދި، ހޭލުންތެރިކުރުވުމުގެ ކެމްޕޭނުތައް ހިންގައި، ކަމާބެހޭފަރާތްތައް މިކަމަށް އަހުލުވެރިކުރުވުމުގެ އެތައް ތަމްރީނުތަކެއް ހިންގާ ކަމެކެވެ. ނަމަވެސް މި މައްސަލައަކީ ކުރެވޭ މަސައްކަތުގެ ނަތީޖާ ނުފެނި، ގިނަ އަހަރު ތަކެއްވީއިރުވެސް ހައްލުކުރަން ނުކުޅެދިފައިވާ އިޖްތިމާއީ ކާރިސާއެކެވެ. ގެވެށިއަނިޔާގެ ނުރައްކާތެރި އަމަލުތައް ހިންގާ ފަރާތްތައް އިންތިހާއަށް ގިނަކަމުގައިވިޔަސް، ޤާނޫނީ ގޮތުން ފިޔަވަޅު ނޭޅި، ކަމާބެހޭ ފަރާތްތަކުން މައްސަލަ ނުބެލި، މިފަދަ މީހުންގެ ނުފޫޒު މުޖުތަމައުގައި ހިންގުމަށް ފުރުސަތުފަހިވެ، އަދި މުޖުތަމައުންވެސް މިފަދަ މީހުންކުރާ ނޭއްގާނީ އަމަލުތައް ބަލައިގަތުމަކީ އެއަމަލުތައް ހިންގާ ފަރާތްތަކަށް ލިބޭ ބޮޑު ފުރުސަތެކެވެ. ނަތީޖާ އަކީ މި ހަތަރުމައިން ފަދައިން، ގިނައަދަދެއްގެ އަންހެނުންނާއި އަންހެންކުދިންގެ އިންސާނީ ކަރާމާތާއި ޙައްޤުތައް ނިގުޅައިގަނެ، ބޮޑެތި އަނިޔާ ތަކުގެ ޝިކާރައަކަށްވެ، މުޅި ހަޔާތުގައިވެސް މިއަނިޔާތަކުގެ ޖިސްމާނީ އަދި ނަފްސާނީ ބަލިމަޑުކަން ތަހައްމަލު ކުރަންޖެހުމެވެ.

ބައިނަލްއަޤުވާމީ 16 ދުވަހުގެ ކެމްޕޭނާ ގުޅިގެން އ.ދ. ގެ އަންހެނުންގެ ޖަމްޢިއްޔާއިން ގޮވާލަނީ އަންހެން ކުދިންނާ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ބޭނުންވާ މާލީ ވަސީލަތްތައް ފޯރުކުރުމަށެވެ. މި ބޮޑު ހިޔަނި އާލަމީ ވަބާއަށް ފުރިހަމައަށް އިޖާބަދިނުމަށެވެ. މިފަދަ އަނިޔާވެރި ވެށްޓެއް މުޖުތަމައުގައި ޤާއިމުވުން ހުއްޓުވުމަށެވެ. އަދި މިފަދަ މައްސަލަތައް ގާތުންބަލާ ތަފާސްހިސާބު ހަރުދަނާ ކުރުމަށެވެ.
ވީމާ ރާއްޖޭގައިވެސް ކަމާބެހޭ ދައުލަތުގެ މުއައްސަސާތަކުން ކުރަންޖެހޭކަމަކީ މި ކަންކަމަށް އިތުރު އަހައްމިޔަތުކަންދީ، އިޖްތިމާއީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަކީ އެކަށީގެންވާ ފެންވަރުހުރި، ވަޒީފާގެ މުހިންމު ދައުރު ޒިންމާދާރު ގޮތުގައި އަދާކުރެވޭ ބަޔަކަށް ހެދުމެވެ. ޖަވާބުދާރީ ކުރުވުމެވެ. އަދި އިޖްތިމާއީ ރައްކާތެރިކަމުގެ ޙިދުމަތްދިނުމަށް ފަހިވާނެފަދަ މާހައުލެއް މުއައްސަސާތަކުގައި ޤާއިމްކުރުމެވެ. އަނިޔާވެރިންނަށް ފަހި މުޖުތަމައެއް ޤާއިމްވިޔަ ނުދިނުމެވެ.

Do NOT follow this link or you will be banned from the site!