
އަންހެން ކުދިން ޚިތާނުކުރުމަކީ ދީނީގޮތުން ސައްޙަކަމެއް ނޫން
ދިވެހިރާއްޖޭގައި “ދީނީ ޢިލްމު” ގެ ނަމުގައި ދައްކާ ހުރިހާ ވާހަކަތަކަކީ ދީނީގޮތުން ސައްޙަ ވާހަކަތޯ ސުވާލު އުފެދޭތާ އެތައް އަހަރުތަކެއް ވެއްޖެއެވެ.
ދިވެހިރާއްޖޭގައި “ދީނީ ޢިލްމު” ގެ ނަމުގައި ދައްކާ ހުރިހާ ވާހަކަތަކަކީ ދީނީގޮތުން ސައްޙަ ވާހަކަތޯ ސުވާލު އުފެދޭތާ އެތައް އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް މި މައުޞޫއުއާ ދޭތެރޭ އެއްޗެއް ބުނަން ނޫޅުމަކީ ދީނީ ޢިލްމުގެ ދާއިރާއިން ތަޢުލީމު ޙާޟިލުކޮށްފައިވާ މީހުންނާއި، އެ ދާއިރާއިން ތައުލީމު ޙާޟިލު ނުކުރާމީހުންވެސް އިޚުތިޔާރުކުރާ ގޮތެވެ. މީގެސަބަބުން، އިޖްތިމާއީ އެތައްކަމަކާ ދޭތެރޭ އޮންނަނީ ވަރަށް ގިނަ ސުވާލުތަކެއް އުފެދި، އެފަދަ މަޢުލޫމާތު ސާފުކުރުމަށް ސުވާލުކޮށް ދެނެގަތުމުގެ ރޫޙު ހީނަރުވެ، ދީނީ ގޮތުން ކަންކަން ސާފުކުރުމުން ދުރުވެ އުނގެނުމުގައި ބީރައްޓެހިކަން އުފެދިފައެވެ. ކަންމިހެން އޮންނަނީވެސް ސަބަބުތަކަކާ ހުރެއެވެ. އޭގެ ތެރޭގައި، ދީނީ ކަމަކާގުޅިގެން ސުވާލެއް ކުރުމަކީވެސް ސުވާލު ކުރާމީހާ “ކުފުރު” ނުވަތަ “މުރުތައްދު” ވެދާނެކަމުގެ ބިރު މުޖުތަމަޢުގައި އުފައްދާފައި އޮންނައޮތުމުގެ ސަބަބުންކަން އެކަށީގެންވެއެވެ. އަދި އެފަދަ މޭރުމަކުން މީހާ ސިފަކޮށް ލަގަބު ދިނުމުގެ ސަގާފަތެއްވެސް އޮންނަނީ ރާއްޖޭގައި ޒަމާނުއްސުރެން އުފައްދާފައެވެ.
މިކަމުގެ ސަބަބުން، ދީނީ ކަންކަމާ ގުޅިގެން އެއްވެސް ބަހެއް ބުނެވޭނީ ވަކި ޖިންސެއްގެ ވަކިބަޔަކަށް އެކަނި ކަމަށް ވަރަށް ކާމިޔާބު ކަމާއެކު ދިވެހި މުޖުތަމަޢުގައި ހަދާފައިވާއިރު، އެނޫން ބަޔަކު ދީނާގުޅޭ ގޮތުން މައުލޫމާތެއްގެ ވާހަކަ ދައްކަން އުޅެފިކަމަށްވާނަމަ މިހާރު އުފައްދާފައިވަނީ ވަރުގަދަ އިލްޒާމެކެވެ. އެއީ ގިނަބައެއްގެ ދުލުކޮޅުގައި ފަސޭހަކަމާއެކު އަނެކާއާދެކޮޅަށް ދޭ ހަމަލާއަކަށް ހަދާފައިވާ ލަފްޒެކެވެ. އެއީ އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް އުކަމުންދާ، އަނެކާއަށް ގެއްލުން ދިނުމުގެ ނިޔަތުގައި އަމާޒުކޮށް ފޮނުވާ ހަތިޔާރަކަށް ހަދާފައިވާ “ލާދީނީ” މީހަކަށްވުމުގެ ލަގަބެވެ.
ޙަޤީޤަތަކީ ކޮންމެ ކަމެއްގައިވެސް މަޢުލޫމާތު އިތުރުކޮށް މުއްސަނދި ކުރުމަކީ ކޮންމެ މީހަކަށްވެސް އިސްލާމް ދީނުގައި ބާރުއަޅާފައިވާ ކަމެއްކަމެވެ.
އަންހެން ކުދިން ޚިތާނުކުރުމާ ދެކޮޅުހެދުމަކީވެސް އަދު މިފަދަ އިލްޒާމެއް އެޅުވުން ގާތް ކަމަކަށްވަނީ ވެފައެވެ. ދިވެހިރާއްޖޭގައި އަންހެން ކުދިން ޚިތާނު ކުރުމަކީ ވަރަށް ކުރީގައި ކޮށްއުޅެފައިވާ ކަމެއްކަމުގައި ބުނެއެވެ. ނަމަވެސް މިފަހަކަށް އައިސް މިކަން ފެންމަތިވެފައިވަނީ 2009 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ރާއްޖޭގެ އޭރުގެ ބަންޑާރަ ނައިބު އަލްއުސްތާޛު ޙުސްނުއްސުޢޫދު އައްޑު އަތޮޅުގައި މިކަން ހިނގަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރެއްވުމުންނެވެ.
އިންސާނީ ޙައްޤުތަކާބެހޭ ބައިނަލް އަޤުވާމީ ދުވަހާއި ގުޅިގެން ބޭއްވުނު ހަފްލާއެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ އެމަނިކުފާނަށް އެނގިވަޑައިގެންފައިވާ ގޮތުގައި ރާއްޖޭގައި ދީނީ ޢިލްމުވެރިން ދަނީ އަންހެން ކުދިން ޚިތާނުކުރަން ޖެހޭކަމަށް ފޫޅުމައިން ގާތުގައި ފަތުވާ ދެމުންނެވެ. މި ފަތުވާގައި ބުނަމުންދަނީ މިކަމަކީ ދީނީ ގޮތުން ކުރުން ވާޖިބުކަމެއް ކަމުގައެވެ. އެމަނިކުފާނުގެ ވާހަކުފުޅުގައި އިތުރަށް ވިދާޅުވެފައިވަނީ މިކަމަކީ ހުއްޓުވަން ޖެހޭ ކަމެއްކަމާއި މިއީ ބަލަންތިބެގެންވާނެ ފަދަ ކަމެއް ނޫންކަމެވެ. ޙުސްނުއްސުޢޫދު ވިދާޅުވެފައިވަނީ އިސްލާމް ދީނުގެ ނަމުގައި އަދި އިސްލާމް ދީން ކުރިއެރުވުމުގެ ނަމުގައި އަންހެނުންނަށާއި ކުޑަކުދިންނަށް އަނިޔާވެރިވުމަށް ވަކާލާތު ކުރުމަކީ ކޮންމެމީހަކުވެސް ކަންބޮޑުވާން ޖެހޭނެކަމެއް ކަމުގައެވެ. އަދި އިސްލާމް ދީނަކީ އިންސާނީ ކަރާމާތް ނެގެހެއްޓުމަށް ނުހަނު އިސްކަމެއްދޭ ދީނެއްކަމުގައެވެ. ޙުސްނުއްސުއޫދު އަކީ ދީނީ އިލްމުވެރިއެއްގެ ލަގަބު ލިބިފައިވާ ފަރާތެއްކަމަށް ނުވިނަމަވެސް އެ މަނިކުފާނުގެ ކަންބޮޑުވުމާއި މިމައްސަލައާއި ބެހޭގޮތުން ދެއްކެވި ވާހަފުޅަކީ ސައްހަ ވާހަކަފުޅެއްކަން ތިރީގައި ތަފްސީލު ކުރެވޭތޯ ބަލާނަމެވެ.
ރާއްޖޭގެ އާބާދީގެ ސިއްހީ ހާލަތު ދެނެގަތުމަށް ޤައުމީ ފެންވަރެއްގައި ކުރަމުންދާ އެންމެ މުހިންމު ދިރާސާއަކީ ސިއްހީ ވުޒާރާގެ ފަރާތުން އިސްނަގައިގެން، ޑެމޮގްރެފިކް ހެލްތް ސާވޭ ގެ ނަމުގައި ކުރާ ޢިލްމީ ދިރާސާއެކެވެ. އަދި އެ ދިރާސާގެ ހޯދުންތައް އެންމެ ފުރަތަމަ ޝާއިޢު ކުރެވުނީ 2009 ވަނަ އަހަރުއެވެ. ނަމަވެސް، 2009 ގެ ދިރާސާގައި އަންހެން ކުދިން ޚިތާނުކުރުމާބެހޭ ގޮތުން މަޢުލޫމާތު ހޯދާފައި ނެތްނަމަވެސް، ދެވަނަ ފަހަރަށް އެ ދިރާސާ 2016-2017 ގައި ތަކުރާރު ކުރެވުނުއިރު މިމައްސަލަވެސް ވަނީ އެ ދިރާސާގެ ތެރޭގައި ހިމަނާފައެވެ. މިއިން ދޭހަވަނީ، މިކަމަކީ އާންމުޞިއްހަތާބެހޭ މައްސަލައެއްކަން ދިވެހި ސަރުކާރަށް ޤަބޫލު ކުރެވިފައިވާކަމެވެ.
ރާއްޖޭގައި އަންހެނުން ޚިތާނުކުރުމުގެ މައްސަލަ އޮތީ 15 އަހަރާއި 49 އަހަރާއި ދޭތެރޭގެ އަންހެނުންގެ އާބާދީގެ ތެރޭގައި %13 ގައި
އަދި %10 ޤަބޫލުކުރާގޮތުގައި އަންހެންކުދިން ޚިތާނުކުރުމަކީ
ދީނީ ގޮތުން ވާޖިބުކަމެއް
ބުނެވިދިޔަ ދިރާސާގެ ހޯދުންތަކުން އެނގިގެން ދިޔައީ، ރާއްޖޭގައި އަންހެނުން ޚިތާނުކުރުމުގެ މައްސަލަ އޮތީ 15 އަހަރާއި 49 އަހަރާއި ދޭތެރޭގެ އަންހެނުންގެ އާބާދީގެ ތެރޭގައި %13 ގައިކަމެވެ. އަދި އަންހެންކުދިން ޚިތާނު ކުރުމާގުޅޭގޮތުން އަޑުއަހާފައިވާ މީހުންގެ ތެރެއިން %10 ޤަބޫލުކުރާގޮތުގައި އަންހެންކުދިން ޚިތާނުކުރުމަކީ ދީނީ ގޮތުން ވާޖިބުކަމެއް ކަމުގައެވެ. އަދި %8 ޤަބޫލުކުރަނީ މިކަން ކުރަމުން ގެންދިއުމަކީ އެދެވިގެންވާ ކަމެއްކަމުގައެވެ. އެހެން ކަމުން 2009 ގައި ޙުސްނުއްސުޢޫދު ފާޅުކުރެއްވި ކަންބޮޑުވުމަކީ ޞިއްހަތާ ބެހޭ ދިރާސާގެ ޢިލްމީ ހޯދުންތަކުން ފާހަގަކުރެވޭ ކަމެއްކަން ސާފުވެއެވެ. ރާއްޖޭގައި އަންހެން ކުދިން ޚިތާނު ކުރުމުގެ ވާހަކަތައް އާ ރޫހަކާއެކު ފެތުރިފައިވާކަން މަތީގައި ދެންނެވުނު ސާވޭއިން ސާބިތުވަނީ އެކަން ބަލައިގަންނަ ބަޔަކު ދިވެހި މުޖުތަމަޢުގައި ތިބިކަން އެ ދިރާސާއިން އެނގޭތީއެވެ.
ދެން ބަލާލަން ޖެހެނީ ރާއްޖޭގައި އަންހެން ކުދިން ޚިތާނުކުރުމަށް އާ ރޫހެއްގައި ވަކާލާތު ކުރަމުންދަނީ ކޮން ފަރާތްތަކަކުން ކޮންގޮތަކަށްތޯ ކަމެވެ. ރާއްޖޭގެ އޭރުގެ ފިގުހު އެކެޑަމީ ގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޑރ. އިޔާޒު ޢަބްދުއްލަޠީފުއާއި ޙަވާލާދީ 2014 ވަނަ އަހަރުގެ ޚަބަރެއްގައި ރިޕޯޓުކޮށްފައިވަނީ އޭނާ ވިދާޅުވާ ގޮތުގައި އަންހެން ކުދިން ޚިތާނު ކުރުމަކީ ދީނީ ގޮތުން ވާޖިބުކަމެއް ކަމުގައެވެ. އަދި ދާދި ފަހުން ޖަނަވަރީ 2020 ގައި އޭނާ ލިޔުއްވި ފޭސްބުކް ޕޯސްޓެއްގައިވެސް ވަނީ މިވާހަކަ މިގޮތަށް ތަކުރާރު ކުރަށްވާފައެވެ. ރާއްޖޭގައި މި ގޮތަށް މިކަމަށް ވަކާލާތުކުރާ ބައެއް އެހެންފަރާތްތައް ވެސް ވާކަން ފާހަގަކުރެވެއެވެ. ބައެއް ފަރާތްތަކުން މިކަމަށް ތަރުހީބު ދެމުންގޮސްފައިވީ ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމު ޢިލްމުވެރިން ވަކާލާތުކުރަނީ އަންހެން ކުދިން ޚިތާނު ކުރުމަކީ ދީނީގޮތުން ސައްހަކަމެއް ނޫންކަމަށެވެ. ދީނީ އިލްމު ދިރާސާކުރާ ބައެއްފަރާތްތަކުން ބުނާގޮތުގައި އަންހެންކުދިން ޚިތާނުކުރުމަކީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ (ﷺ) ގެ ސުންނަތުގައި ފެންނާން އޮތްކަމެއްނޫނެވެ. އަދި ޚުދު ކީރިތި ރަސޫލާ (ﷺ) އެކަލޭގެފާނުގެ އަންހެން ދަރިކަނބަލުންވެސް ޚިތާނެއް ނުކުރަށްވާކަމެވެ. ނަމަވެސް ދީނީ އިލްމުވެރިންގެ މެދުގައިވެސް ލޮއީފް ޙަދީސް ކަމަށް ބަލައިގެންފައިވާ މައުލޫމާތު މެދުވެރިކޮށް މިފަދަކަންކަން “ވާޖިބު” ކުރުމަށް ވަކާލާތު ކުރުމަކީ ހަމައެކަނި ރާއްޖޭގައި ހިނގާކަމެއް ނޫންކަންވެސް ފާހަގަކުރެވެއެވެ. އެހެންކަމުން ރާއްޖޭގައި މިކަން އާ ރޫހެއްގައި ފެތުރެމުންދާ ތަން ބަލަން ތިބުމަކީ ކޮށްގެންވާނޭ ކަމެއް ނޫންކަމަށް ޙުސްނުއްސުޢޫދު ވިދާޅުވެފައިވާ ވާހަކައަކީ ޞައްޙަ ވާހަކައެއްކަމަށް ބެލެވެއެވެ.
މި ސަޤާފަތް އޮންނަ ޤައުމުތަކުގެ ސަރުކާރުތަކާއި ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ އަދި މަދަނީ ޖަމްޢިއްޔާތައް ވެސް ގުޅިގެން
މިކަން ހުއްޓުވުމަށް ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެން ކުދިން ޚިތާނުކުރުމަކީ ބައެއް މުޖުތަމައު ތަކުގައި ސަޤާފީ ގޮތުން ކުރަމުންދާ ކަމެކެވެ، އަދި މީގެ ތެރޭގައި ބައެއް މުސްލިމް ޤައުމުތައްވެސް ހިމެނެއެވެ. ނަމަވެސް މިކަމަކީ އަންހެން ކުދިންނަށާއި އަންހެނުންނަށް ސިއްހީގޮތުން ނުހަނު ނުރައްކާވާ ކަމަކަށް ވުމުން، މި ސަޤާފަތް އޮންނަ ޤައުމުތަކުގެ ސަރުކާރުތަކާއި ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ އަދި މަދަނީ ޖަމްޢިއްޔާތައް ވެސް ގުޅިގެން މިކަން ހުއްޓުވުމަށް ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ބުނާ ގޮތުގައި އަންހެން ކުދިން ޚިތާނު ކުރުމަކީ އެކުދިންގެ ކުޑަކަމުދާ ނިޒާމަށާއި، ޖިންސީ އަދި ދަރިމައިވުމާއި ވިހެއުމުގެ ނިޒާމަށާއި، ޖިސްމާނީ އަދި ނަފްސާނީ ސިއްހީ ދުޅަހެއުކަމަށާއި އަންހެނުންގެ މުޅި ޙަޔާތަށް ގެއްލުންދޭ ކަމެއްކަމަށެވެ.
ރާއްޖޭގައި މިކަން ކުރަނީ ވަކިގޮތަކަށް ކަމަށްބުނެ އެކަމުން ގެއްލުމެއް ނުވާނެކަމަށް ސިއްހީދާއިރާއިންބޭރުގެ ބައެއް ފަރާތްތަކުން ބުނާ ބުނުމަކީ ހުއްޖަތެއްކަމަށް ބަލައިގަނެވޭނެ ޖާގައެއްނެތެވެ. ސަބަބަކީ، އަންހެން ކުދިން ޚިތާނުކުރުމަކީ ދީނީ ގޮތުން ކުރަން ނުޖެހޭ ކަމަކަށް ވާއިރު އެއީ ސިއްހީގޮތުން ނުރައްކާތެރި ކަމެއްކަންވެސް އެނގެން އޮތަތީއެވެ. އެހެންކަމުން މި ނުރައްކާތެރި ޢަމަލު ރާއްޖޭގެ ތުއްތު އަންހެން ކުދިންގެ ސިއްހީ ރައްކާތެރިކަމާއި ދެކޮޅަށް ކުރުމަށް ވަކާލާތުކުރުމަކީ ރާއްޖޭގައި ކުރެވިގެންވާނެ ކަމެއްނޫނެވެ. އެފަދަ ވާހަކަތަކުން އަންހެން ކުދިންގެ ސިއްހަތަށް ނުރައްކާވުމަށް މަގުފަހިކުރުމަކީ ވެސް ޙުސްނުއްސުޢޫދު ފާހަގަކުރެއްވި ފަދައިން ބަލަންތިބެގެން ވާނެފަދަ ކަމެއްނޫނެވެ.
އަންހެނުންނާއި އަންހެންކުދިންގެ ޙައްޤުތައް ނެގެހެއްޓުމަށް ވަކާލާތުކޮށް އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް އަޑުއުފުލައި އެފަދަ ކަންކަމަށް ވާގިދީ ދައްކާ ވާހަކަތަކާދޭތެރޭ ސުވާލު އުފެއްދުމަކީ “ކުފުރު” “މުރުތައްދު” އަދި “ލާދީނީ” ކަމެއްވެސް ނޫނެވެ.
އަންހެނުންނާއި އަންހެންކުދިންގެ ޙައްޤުތައް ނެގެހެއްޓުމަށް ވަކާލާތުކޮށް އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް އަޑުއުފުލައި އެފަދަ ކަންކަމަށް ވާގިދީ ދައްކާ ވާހަކަތަކާދޭތެރޭ ސުވާލު އުފެއްދުމަކީ “ކުފުރު” “މުރުތައްދު” އަދި “ލާދީނީ” ކަމެއްވެސް ނޫނެވެ. އަދި ކޮންމެ ރައްޔިތަކަށްވެސް މިފަދަ މައްސަލަތަކާއި ދޭތެރޭ ވިސްނާ ފިކުރުކޮށް، ސުވާލުކޮށް، ކަންބޮޑުވުން ފާޅުކޮށް، ދީނީ ގޮތުން ޞައްޙަ މަޢުލޫމާތު ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. އިންސާނިއްޔަތުކަން މުޖުތަމައެއްގެ ތެރޭގައި އާލާކޮށް، އިޖްތިމާޢީ ދުޅަހެޔޮކަމާއި ޢާއިލީ ހަމަޖެހުން ކުރިއެރުވުމަށް ވަކާލާތު ކުރުމަކީ އިސްލާމްދީނާ ދެކޮޅު ކަމެއްގެ ގޮތުގައި ސިފަކުރުމަކީ އިސްލާމްދީނުގެ މަތިވެރި މަޤްސަދާއި ހަމަތަކާއި ފުށުއަރާ ކަމެކެވެ. އަންހެން ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ސިއްހަތު ސަލާމަތްކޮށް ރާއްޖޭގެ އިސްލާމީ ސަޤާފަތަކީ އަންހެން ކުދިންނާއި އަންހެނުންގެ ހައްޓާއި ނަފްސު ރައްކާތެރިކުރާ، ދީނީގޮތުން އަންހެނުންނަށް ލިބިފައިވާ މަތިވެރި ދަރަޖައާއި އިންސާނީ ޙައްޤުތަކާއި ކަރާމާތަށް ފުރިހަމައަށް އިހުތިރާމު ކުރާ ސަގާފަތަކަށް ހެދުމަކީ ކޮންމެ ފަރުދެއްގެވެސް ފަރުދީ، ޢާއިލީ އަދި މަދަނީ ޒިންމާއެކެވެ.
ހުމައިދާ ޢަބްދުލްޤަފޫރު އަކީ އިޖްތިމާޢީދާއިރާގައި ދިވެހިރާއްޖޭގައި އަންހެނުންގެ ހާލަތުދެނެގަތުމުގެ އެކިމައުޟޫޢު ދަސްކޮށް، ދެނެގަނެ ދިރާސާކުރުމުގެ މަސައްކަތްކުރާ ފަރާތެކެވެ. އޭނާ ރާއްޖޭގެ އަދިރާއްޖެއިންބޭރުގެ އެކި މަދަނީޖަމުޢިއްޔާތަކާއި ގުޅިގެން މަސައްކަތްކުރެއެވެ. އ.ދ ގެ އަންހެނުންގެ ޖަމުއިއްޔާގެ އިންޑިއާ، ބޫޓާން، ޝްރީލަންކާ އަދި ދިވެހިރާއްޖެ ހިމެނޭ ސަރަހައްދީ އޮފީހަށްލަފާދޭ މަދަނީޖަމުއިއްޔާގެ އިސްތިޝާރީގުރޫޕުގައި 2015-2017 އަށް އޭނާ ޚިދުމަތްކުރިއެވެ.
ހުމައިދާ އަކީ އުތެމަ ގެ ލިޔުންތެރިއެކެވެ.