24 ފެބްރުއަރީ 2016 ވަނަދުވަހު، ރާއްޖޭގެ ހުރިހާރައްޔިތުން ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީސްކުރާގޭގެ ތަޅުމުގައި، މެޖޯރިޓީ ޕާޓީގެ ލީޑަރު އަހުމަދު ނިހާނު، ހަމައެމަޖިލިހުގެ އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް އަށް ފުރައްސާރަ ކުރައްވައި ރޮޒޭނާ އާދަމްގެ މޫނަށް ކުޅާއިފެންޖެއްސެވި މަންޒަރަކީ ރާއްޖޭގެ ތާރީޙުގައި އެމަޖިލިހުގައި ފެނިފައިނުވާވަރުގެ ދަށުދަރަޖައިގެ، ހުތުރު އަދި ނާތަހުޒީބު އަމަލެކެވެ.  ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާނުގެ އަމަލަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ މަގާމުގައި ހުރެ، އަންހެނުންނާއި ދޭތެރޭ އޭނާ ދެކޭގޮތް ރަމްޒުކޮށްދޭ ފުރިހަމަ މިސާލެއްކަމަށް ޤަބޫލުކުރެވެއެވެ. އެހާދިސާ އާއި ގުޅިގެން ނުފޮށޭ ނަމަކަށް ކިޔާ ފަރާތަކުން ނެރެފައިވާ ބަޔާނެއްގައި އަހާފައިވާ ސުވާލަކީ މުހިންމު ސުވާލެކެވެ. އެއީ، އެމަޖިލިހުގެ ފިރިހެން މެމްބަރަކާއި ދެކޮޅަށް އެހުތުރު އަމަލު އޭނާ ހިންގަފާނެ ބާއެވެ؟

ނާތަހުޒީބުކަމާއި، އިންސާނީކަރާމާތަށް އިހުތިރާމު ނުކުރުމާއި، ބިރުވެރިކަމާ، ނާމާންކަމާ، ހިތްނުތަނަވަސްކަމުގެ ވެއްޓެއްގައި ދިރިއުޅުމަށް މަޖުބޫރުވެގެން ދިއުމަކީ އެއްވެސް މުޖުތަމައެއްގެ ދުޅަހެއުކަމަށް އޮތް ކުރިއެރުމަކަށް ނުވާނެއެވެ.  ނަމަވެސް ދިވެހިރާއްޖޭގައި ޙާއްސަކޮށް އަންހެނުންނަށާއި އަންހެންކުދިންނަށް އަދުއޮތީ އެފަދަ އިޖްތިމާއީ މާހައުލެކޭ ބުނުމަކީ އެއްވެސްމީހަކަށް އެއަށް އިންކާރުކުރެވޭނެ އެއްޗެއް ނޫނެވެ.

28 ޑިސެމްބަރު 2015ގައި ދުނިޔެދޫކޮށްދިޔަ ޒިޔާދާ ނައީމް ނިޔާވުމަށް މެދުވެރިވީ އޭނާގެ ފިރިމީހާގެފަރާތުން އޭނާ އަށް ދީފައިވާ ލާއިންސާނީ ދަށުދަރަޖައިގެ އަނިޔާތަކެއްގެ ސަބަބުން ކަމަށް ތުހުމަތުކުރެވިފައިވެއެވެ.

07 ޖަނަވަރީ 2016ގައި ގޯޅިގަނޑެއްގެ ތެރޭގައި އޮއްވާފެނުނު ހައްވާ ޒުހާ ނިޔާވިސަބަބު އެނގިފައިނުވިނަމަވެސް، އޭނާ އެގޯޅިގަނޑުތެރެއިން ފެނުނުއިރު ނިޔާވެފައިވާކަންޙަބަރުތަކުން ބުނެއެވެ. އަދި ޝައްކުކުރެވެނީ އޭނާވަނީ މަރާލާފައިކަމަށެވެ. އެކަންކުރިމީހާނުވަތަމީހުން ވީތަނެއް އަދިއެނގިފައެއްނުވެއެވެ. ޕޯސްޓްމޯޓަމެއް ހެދިފައިވީނަމަވެސް އޭގެނަތީޖާ އާންމުކުރެވިފައެއް ނުވެއެވެ.

12 ޖަނަވަރީ 2016ގެ ރޭގަނޑުގެ ވަގުތެއްގައި އިވުނީ ގދ. ގައްދޫގައި 15 އަހަރުގެ ކުޑައަންހެންކުއްޖަކަށް 3 ފިރިހެނުން ފަޅުގެއަކަށް ގަދަކަމުން ގެންގޮސް ޖިންސީއަނިޔާކުރިކަމުގެ ޙަބަރެވެ. ރޭޕްކުރިކަމުގެ ޙަބަރެވެ. އޭނާގެމުޅި ހަޔާތުގައިވެސް ސިކުނޑިންފިލުވާނުލެވޭނެ، އަދިއޭގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ވަޒަންނުކުރެވޭނެފަދަ ނޭދެވޭއަސަރުކުރާނެ، މިންޖުވާންދަތިވާނެ ބޮޑުއަނިޔާވެރިކަމަކާއި ކުރިމަތިކުރުވީއެވެ.  ދިވެހިރާއްޖޭގައި ކޮންމެ 8 އަންހެނެއްގެ ތެރެއިން އެކަކު އޭނާގެ އުމުރުން 15އަހަރު ނުފުރެނީސް ޖިސްމާނީ/ޖިންސީއަނިޔާ ތަޖުރިބާކޮށްފައިވާކަން ތަފާސްހިސާބުން ދައްކައެވެ.

މަތީގައިދެންނެވުނު ޙަބަރުތައް އެނގެނީ ނޫސްތަކުގައި ރިޕޯޓުކުރާ ޙަބަރަށް ވާތީއެވެ. އުފެދޭސުވާލަކީ ނޫސްތަކަށް ނާރާ އެފަދަ ކިތައްޙަބަރުރާއްޖޭގެ ކުދިއާބާދީގެ ރަށްތަކުގައި އަދި އާބާދީބޮޑު މާލޭގައި ހިނގާބާއެވެ؟

މިއީ ރާއްޖޭގެ އާންމު މުޖްތަމައު ފިކުރުހިންގާ ސުވާލެއްބާއެވެ؟

ދެންއުފެދޭ ސުވާލަކީ މިއީ ކީއްވެގެން އަންހެނުންނާދެކޮޅަށް ހިންގަމުންދާ ޖަރީމާތަކެއްބާއެވެ؟

އަންހެނުންގެ ދަރަޖައިގެ މަތި ވާހަކަދައްކާ ބަޔަކުވެސް އުޅެއެވެ. ނަމަވެސް އެއީއެބައިމީހުން ޝަރުތުތަކެއް ހިމަނައިގެން ދޭ ދަރަޖައެކެވެ. ޙަޤީގަތުގައި އަންހެނުންގެ ދިރިއުޅުމާއި ހަޔާތުގެ ތަޖުރިބާތަކަށް ނަޒަރުހިންގުމުން އެނގެނީ ދިވެހިމުޖުތަމައު ގަބޫލުކުރާ އަންހެނުންގެ ދަރަޖައިގެ ވާހަކަތަކުގައި ބޮޑެތި ފުށުއެރުންތަކެއް އުޅޭކަމެވެ. މަތި ވެ، ސުވަރުގޭގެ ނިޢުމަތްވެސް ‘މަންމަގެ ފައިތިލަދަށުން’ ނޫނީ ލިބެންނެތްކަމަށް ބުނާބުނުމެއް އޮންނައިރުވެސް، އެމަންމައިންގެ ހަޔާތުގެ ތަޖުރިބާއިން ފެންނަމުންދަނީ އެއީ އަނިޔާވެރިކަން އިންތިހާއަށް ތަޖުރިބާ ކުރަމުންދާ ބައެއްގެ ގޮތުގައެވެ. މިހެންބުނަންޖެހޭ މައިގަނޑު ސަބަބަކީ ތަފާސްހިސާބުތަކުން ދައްކަނީ ދިވެހިރާއްޖޭގެ ކޮންމެ 3 އަންހެނަކުން އެކަކީ އަނިޔާގެ ޝިކާރައަކަށްވާ މީހެއްކަމަށްވާތީވެ. އަދިމިއަނިޔާ ދޭފަރާތްތަކަކީ މައިގަނޑުގޮތެއްގައި، އާއިލާގެ ތެރޭގައި ހިމެނޭ އަދި އޭނާއާއި އާއިލީގާތް ގުޅުމެއްއޮންނަ އޭނާއަށް ކާކުކަން އެނގޭ، ފިރިހެނުންނެވެ.

ރާއްޖޭގެ ކޮންމެ 5 އަންހެނަކުން އެކަކީ އޭނާގެ ހަޔާތުގެ ބައިވެރިޔާގެ ފަރާތުން ޖިސްމާނީ/ޖިންސީ އަނިޔާލިބިފައިވާ މީހެއްކަމަށް ތަފާސްހިސާބުން އެނގެއެވެ. އިތުރަށް ތަފްސީލު ނުކުރިނަމަވެސް ހަމަބުއްދިން ވިސްނާނަމަ ދިގުދެމިގެންދާނެ ނަފްސާނީ ބަލިމަޑުކަމުގެ އަނިޔާއެއް ނުލިބޭނެގޮތަކަށް ޖިސްމާނީ/ޖިންސީއަނިޔާއެއް ނުކުރެވޭނެއެވެ.

މަތީގައި ފާހަގަކޮއްފައިވާ ޒިޔާދާ ނައީމާއި، ހައްވާ ޒުހާއާއި އަދި ގދ.ގައްދޫގެ 15 އަހަރުވީ ކުޑައަންހެންކުއްޖާ އަށް އެމީހުން ދިރިއުޅުނު އަދި އުޅެމުންދާ މުޖުތަމައުގެ ފިރިހެނުންތަކެއްގެ ފަރާތުން ދީފައިވާ އަނިޔާވެރި ތަޖުރިބާތަކަކީ އެއްވެސްމީހަކަށް ނުހިނގާ ކަންތަކަށް ހެދުމުގެ ޖާގައޮތް ކަންތައްތަކެއް ނޫނެވެ. މަޖިލިހުގެ އަންހެންމެމްބަރު ރޮޒެއިނާ އާދަމް އާއިދެކޮޅަށް މަޖިލިހުގެ ތަޅުމުގައިހިންގި، ޓީވީ ތަކުން ފެނުނު ދަށުދަރަޖައިގެ އަމަލަކީވެސް ފޮޓޯއާއި ވީޑިއޯއިން ފެންނަންހުރި ހަޤީގަތެވެ.

އަންހެނުންގެ ދަރަޖައިގެ މަތި ވާހަކަ އެވާހަކަތައް ބޭނުންކުރަން ބޭނުންވާ ވަގުތުތަކެއްގައި ދެއްކިއަސް، އަންހެނުންގެ ހަޔާތުގެ ތަޖުރިބާއިން ފެންނަންއޮތް ހަޤީގަތަކީ މިއާމުޅިން އިދިކޮޅު ވާހަކަތަކެކެވެ. އާންމު ދިރިއުޅުމުގައި ބޭނުންކުރާ ބަސްމަގުގައި އަންހެނުންގެ ދަރަޖައިގެ ދަށްކަމުގެ ވާހަކަ އެކިގޮތަށް ދެކެވެއެވެ. އެމީހުންގެ ‘ބަލިކަށި’ ކަމާއި، ‘ނާޒުކު’ ކަމާއި، އެމީހުންނަކީ ކަންކަން ކުރަން ‘ނުކެރޭ’ ބައެއްކަމާއި، ވިސްނުމުގައި ފިރިހެނުންނަށްވުރެ ‘ކޮށި’ ބައެއް ކަމާއި، ހުރިހާގޮތަކުން ވެސް ފިރިހެނުންނަށްވުރެ ދަށް ދަރަޖައެއްގެ ބައެއްކަން އާންމުހަމައެއްގޮތުގައި ޤަބޫލުކުރަމުން ދެއެވެ.  މިހެންމިވާހަކަތައް ދައްކަމުން ދަނީ ދޭދޭ ފަރުދުންގެ ދެމެދުގައި ދެކެވޭ ވާހަކަތަކުގައާއި، ސްކޫލުގައި ކިޔަވައިދެމުންދާ ކިޔެވެލީގެ ތެރޭގައާއި އަދި މީޑިއާގައި އަންހެނުންގެ ސިފަތަށް ރަމްޒުކޮށްދެމުންދާ ވައްޓަފާޅީގެ ތެރޭގައިވެސް މެއެވެ. އަދިހަމަ ދައުލަތުގެ މުއައްސަސާތަކުގައި އެކަށައެޅިގެން ތަންފީޒުކުރާ ޤާނޫނާ، ގަވާއިދާ، ހަމަތަކުގެ ތެރެއިންވެސް އަންހެނުންނާއި ދޭތެރޭ ތަފާތުކޮށް، ޙިދުމަތްލިބިގަތުމުގައި ދަރަޖަދައްވެ އެކަހެރިވުންދިމާވެއެވެ. މިއީ އިޖްތިމާއީ އެކިދާއިރާ ތަކުގެ ގިނަދުވަސްވީތަޖުރިބާގެ ލިޔުންތަކުގެ އަލީގައި ވަރަށް ދިގުކޮށް ތަފްސީލުކޮށް ލިޔެވިދާނެ ވާހަކަތަކެކެވެ. މިތަނުގައި އިންސާފުކުރެވިދާނެ ވާހަކަތަކެއްނޫނެވެ.

މުޅިމުޖުތަމައުގެ ހުރިހާ ހިސާބެއްގައި އަންހެނުންގެ ދަރަޖައިގެ ތަފާތުކަމާއި ފިރިހެނުންނާ އަޅާކިޔާ ދަށްކުރުމުގެ ސަބަބުން އަންހެނުންނަށް ވެސް އެކަން ބަލައިގަނެވިފައިވާކަން ފާހަގަކުރެވެއެވެ.  2012 ގައި ހިއުމަންރައިޓްސް ކޮމިޝަނުން ނެރުއްވިދިރާސާއެއްގެ  ތަފާސްހިސާބުން ދައްކާ ގޮތުގައި އަނބިމީހާގެ ގައިގާ ފިރިއަކަށް ޖެހިދާނެކަމަށް ޤަބޫލުކުރާ އަންހެނުންގެ އަދަދު %16.9 އެވެ. އަދި މިއަދަދަކީ ކުރީގެ ހޯދުންތަކާއި އަޅާބަލާއިރު ދައްވެފައިވާ އަދަދެއްކަން ފާހަގަވެއެވެ. ނަމަވެސް މިވިސްނުމުގެ ފިރިހެނުންގެ އަދަދަކީ %25.8 އެވެ. އަދި އަނބިމީހާގައިގާ ފިރިމީހާ އަށް ޖެހިދާނެކަން ޤަބޫލުކުރާ ފިރިހެނުންގެ އަދަދު 2005ގެ ތަފާސްހިސާބާއި އަޅާބަލާއިރު އިތުރުވެފައިވާކަން މިދިރާސާގައި ފާހަގަކޮއްފައިވެއެވެ.

މުޖުތަމައެއްގެ އިޖުތިމާއީ މިންގަނޑަކީ ނަހަމަ އުސޫލުތައް ޤަބޫލުކުރުމާއި، ލާއިންސާނީ އަމަލުތަކަށް ޖާގަދިނުމާއި، ބޭއިންސާފަށް ބޯލެނބުމާއި، އަންހެނަކަށްވީތީ ދަރަޖަދަށްކޮށް އެއީ އެދެވިގެންވާ ގޮތެއްކަމަށް ބަލައިގަތުމުން، އާޙިރުގައި ފެންނާނީ އެދެވޭ ނަތީޖާއެއް ނޫންކަން އެނގެނީ ހަމައެކަނި ބުއްދީގެހަމަތަކުން ވިސްނީމައެއް ނޫނެވެ. އެކަން ލޯތައް މަތީގައި ސާފުކޮށް ފެންނަންއޮތީ ދިވެހިރާއްޖޭގެ ގޭގޭގެތެރޭގައި، އާއިލާތަކުގެ ތެރޭގައި، ސްކޫލު ތަކުގެތެރޭގައި އަދި މަގުތަކުގެމަތިންނެވެ.  24 ފެބްރުއަރީ 2016 ގައި ރާއްޖޭގެ ޤާނޫނުހަދާ މަޖިލީހުގައި ތަމްސީލުވެގެން ދިޔައީ އަންހެނުންގެ ދަރަޖަ ދިވެހިމުޖްތަމައުގައި އޮތްގޮތް ރަމްޒުކޮއްދޭ ވަރުގަދަމިސާލެކެވެ.

22 ފެބްރުއަރީ 2016 ގައި ރައްޔިތުންގެ މަޖިލީހަށް މުހިންމު ބިލެއް ހުށަހެޅުނެވެ. އެއީ “ޖެންޑަރ އިކުއަލިޓީ” ބިލު، ނުވަތަ (‘ޖެންޑަރ’ މިބަހަށް ދިވެހިބަހުގައި ހެދިފައިވާ ބަހެއްބޭނުންކުރާނަމަ)، “މިންތީގެ” ހަމަހަމަކަމުގެ ބިލެވެ. މިބިލަކީ ވަކިޖިންސަކަށް އިސްކަންދިނުމުގެ ނޭދެވޭތަފާތުކުރުންތައް ދިވެހިމުޖުތަމައުގައި ބިންވަޅުނެގިފައިވާތީ އެކަމަށް ފަރުވާއެއް ހޯދާ، އަންހެނުންނާއި ފިރިހެނުންނަކީވެސް އިންސާނުންނަށްވީތީ، ޤާނުނީގޮތުން ހަމަހަމަކުރުމުގެ ނިޔަތުގައިފަރުމާކޮށްފައިވާ ބިލެކެވެ. މިފަދަޤާނޫނެއް ރާއްޖޭގައި އޮތުމަކީ ކޮންމެހެންމުހިންމު ކަމެއްކަން މަތީގައި ދެކެވުނުވާހަކަތަކުން ސާފުވާނެއެވެ. މިމުހިންމު ޤާނޫނު ގެނައުމަށްވެސް ރައްޔިތުން އިތުބާރުކުރަންޖެހިފައިވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށެވެ. ނަމަވެސް ފެންނަންހުރި ޙަޤީގަތްތަކަށް ރިޢާޔަތްކޮށް، އެވަރުން ދިވެހިއަންހެނުން އަދި ފިރިހެނުންވެސް ފުއްދާލައިގެން ތިބުމަކީ އަދު ބުއްދިވެރި ކަމެއްތޯ ސުވާލުކުރަންޖެހެއެވެ. މިހެންބުނަންޖެހެނީ މިންތީގެ ހަމަހަމަކަން ޤާއިމްނުވެ އިޖުތިމާޢީ ދުޅަހެއުކަމާއި އަދާލަތު ނުހޯދޭނެތީއެވެ. ސަބަބަކީ މިންތީގެ ހަމަހަމަކަމަކީ އިޖުތިމާއީ އަދާލަތުގެ މައިބަދަ ކަމަށްވާތީއެވެ.

މިއަދަކީ ބައިނަލް އަޤުވާމީ އަންހެނުންގެ ދުވަހެވެ. ދުނިޔޭގެ އެހެންޤައުމުތަކެކޭ އެއްފަދައިން ދިވެހިރާއްޖޭގައިވެސް މިދުވަސް، 8 މާރޗް ފޯރިޔާއިއެކު ފާހަގަކުރާނެއެވެ. އަންހެނުންގެ ޙައްޤުތަކަށް އަދި މިންތީގެ ހަމަހަމަކަމަށް ވަރުގަދަރޫހެއްގައި ވަކާލާތުކުރުމަށް ދިވެހިއަންހެނުން ތެދުވެ އަޑުއުފުލުމުގެވަގުތު އަތުވެއްޖެއެވެ. އިޖްތިމާއީ އަދާލަތަށް ލޯބިކުރާ އެންމެންވެސް މިންތީގެ ހަމަހަމަކަމަށް ވަކާލާތުކުރުމުގައި އަމަލީގޮތުން ބައިވެރިވުން ކޮންމެހެންލާޒިމުވަގުތެއް އަދު މިއޮތީ ކުރިމަތިވެފައެވެ.

ނިންމާލަމުން އަހާލަންބޭނުންވަނީ މިސުވާލުތަކެވެ.

މިކަންކަމާބެހޭގޮތުން ކަންބޮޑުވެ އަޑުއުފުލާނީ ކޮންބައެއްބާއެވެ؟

މިންތީގެ ހަމަހަމަކަމަށް ވަކާލާތުކުރާނީ ކާކުހެއްޔެވެ؟

މީ ފަރުދީ ގޮތުން ކޮންމެމީހެއްގެ ވެސް ޒިންމާއެއް ނޫންހެއްޔެވެ؟

އަންހެނުންނާއި އަދި އަންހެންކުދިންގެ ދަރަޖަދަށްކޮށް ނޭދެވޭ ތަފާތުކުރުންތައް އާލާކުރުމުގެ ސަގާފަތެއް ބަލައިގަތީމާ އާޙިރުގައި ލިބޭނީ ކުރިންވެސް، މިހާރުވެސް ތަޖުރިބާ ކުރަމުންމިދާ އަނިޔާވެރި، އަގަލުކުޑަ، ނާމާން، އިންސާފުން އެއްކިބައިވެފައިވާ އިޖުތިމާއީހާލަތު ނޫންހެއްޔެވެ؟

މި ލިޔުމަކީ 2016 ވަނައަހަރުގެ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް 08 މާރޗް ވީ އަންގާރަ ދުވަހު ”ހަވީރު އޮންލައިން“ ނޫހުގައި ޝާޢިއުކުރެވުނު މިލިޔުމުގެ އެޑިޓްކޮށްފައިނުވާ ކަރުދާހެވެ.

ހުމައިދާ ޢަބްދުލްޤަފޫރު އަކީ އިޖްތިމާޢީދާއިރާގައި ދިވެހިރާއްޖޭގައި އަންހެނުންގެ ހާލަތުދެނެގަތުމުގެ އެކިމައުޟޫޢު ދަސްކޮށް، ދެނެގަނެ ދިރާސާކުރުމުގެ މަސައްކަތްކުރާ ފަރާތެކެވެ. އޭނާ ރާއްޖޭގެ އަދިރާއްޖެއިންބޭރުގެ އެކި މަދަނީޖަމުޢިއްޔާއާއިގުޅިގެން މަސައްކަތްކުރެއެވެ. އޭނާއަކީ އ.ދ ގެ އަންހެނުންގެ ޖަމުއިއްޔާގެ އިންޑިއާ، ބޫޓާން، ޝްރީލަންކާ އަދި ދިވެހިރާއްޖެ ހިމެނޭ ސަރަހައްދީއޮފީހަށްލަފާދޭ މަދަނީޖަމުއިއްޔާގެ އިސްތިޝާރީގުރޫޕުގެ މެމްބަރެކެވެ.

ހުމައިދާ އަކީ އުތެމަ ގެ ލިޔުންތެރިއެކެވެ.

Uthema