ތުއްތު ކުއްޖަކު މަންމަގެ ނުރުހުމުގައި ދައުލަތަށް ނެގުމުގެ ސީރިއަސް މައްސަލައާއިގުޅޭ ކަންބޮޑުވުން
30 އޮގަސްޓު 2026 – ނޫސްބަޔާން
ވިހެއުމަށްފަހު ތުއްތު ދަރިފުޅު މަންމަގެ ނުރުހުމުގައި ނުހައްގުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށް ބުނާ މައްސަލައެއް 9 އޮގަސްޓު 2026 ގައި “ފޭސްބުކް” މެދުވެރިކޮށް، ކުއްޖާގެ މަންމަ ނުހަނު އަސަރާއިއެކު ވަނީ އާންމުކޮށް، މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި މައްސަލައަކީ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ވިހެއުމުގެ ޙިދުމަތް ހޯދުމަށް އައި މީހަކަށް ދިމާވި ހިތާމަވެރި ހާދިސާއެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިފަދަ ހަސްހާސް ވަގުތެއްގައި މަޔަކަށް މިފަދަ ހާލަތެއް މެދުވެރިވާގޮތަށް ކަމާބެހޭ އެއްވެސް މުއައްސަސާއަކުން ކަންކުރުމުގެ ޙަބަރު ލިބުމަކީ ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފެދޭނެ ކަމެކެވެ. އަދި ކަމާގުޅޭ މުއައްސަސާތަކާއި މެދު ނުބައި ތަސައްވުރެއް އުފެދި، އިތުބާރު ގެއްލިގެންދާނެ ކަމެކެވެ.
މި މައްސަލައިގާ ކަންހިނގާފައިވާ ގޮތާއި ދޭތެރޭ މައްސަލަ ދިމާވިފަރާތުން ހިއްސާކޮށްފައިވާ މައުލޫމާތަށް ބެލުމުން މިއީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ރައްޔިތަކާއި މެދު ދައުލަތުގެ މުއައްސަސާއަކުން ކޮށްފައިވާ އާދަޔާ ޚިލާފަށް ރަހުމުކުޑަ އަމަލެއް ކަމަށް ބެލެވެއެވެ. އަދި މިއީ ނުކުޅެދުންތެރި ކަމެއް ހުރިމީހެއްކަމަށް ދެކި، އޭނާއާއި ދޭތެރޭ މި އަމަލުހިންގާފައިވާ ފަރާތްތަކުން ކޮށްފައިވާ ތަފާތުކުރުމުގެ އަމަލެއްކަމަށްވެސް ބެލެވެއެވެ. އަދި މިގޮތަށް ކަންހިނގާފައިވާ ކަމުގެ ޝަކުވާއެއް އެއްވެސް ރައްޔިތަކު އާންމުކޮށް އުފުލަން މަޖުބޫރުވާނީ، ޒިންމާދާރު ގޮތުގައި ތަންފީޒީ ކަންކަން ކުރުމަށް ކަމާބެހޭ މުއައްސަސާތަކާއި، ކަމުގައި ހަރަކާތްތެރިވި މުވައްޒަފުން ވެސް ނުކުޅެދިފައިވާތީ ކަމަށް މި ޖަމްއިއްޔާތަކަށް ބެލެވެއެވެ. އަދި ކަމާބެހޭ ވުޒާރާއިން މީސްމީޑިއާ ގައި މިފަދަ މައްސަލަތައް ރައްޔިތުން ފާޅުކޮށްފައިވާ ގޮތަށް ފާޑުކިޔާ ނެރެފައިވާ ބަޔާނުގައިވެސް މިފަދަ ހާލަތްތަކުގައި ޤާނޫނީ އިޖުރާއަތު އޮންނަ ގޮތް ފާހަގަކޮށްފައިވީ ނަމަވެސް، މި މައްސަލަ މިގޮތަށް އާންމުވެފައިވަނީ ޤާނޫނީ އިޖުރާއަތު ތަންފީޒުކުރުމުގައި ހުރި އުނިކަމުގެ ސީރިއަސްކަމުން ކަމަށް މި ޖަމްއިއްޔާތަކަށް ގަބޫލުކުރެވެއެވެ. ވިހެއުމަށްފަހު ތުއްތު ދަރިފުޅު މައެއްގެ އަތުން ނެގުމުގެ މި މައްސަލަ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ހިނގާފައި މިވަނީ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް އަދި ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ ފަދަ ދައުލަތުގެ ސިއްހަތާބެހޭ މުއައްސަސާތަކުން، ގާތުން ކިރުދިނުމުގެ ބައިނަލްއަޤުވާމީ އަހަރީ ކެމްޕޭނުގައި ބައިވެރިވެ، ގާތުންދިނުމުގެ މުހިންމުކަމަށް ރައްޔިތުން ހޭލުންތެރިކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ. ދައުލަތުގެ މުއައްސަސާތަކުގެ އަމަލުތަކަކީ ފުށުއެރުންބޮޑު އަމަލުތަކަކަށްވާނަމަ، މިއީވެސް ރައްޔިތުންގެ އިތުބާރު މިފަދަ މުއައްސަސާތަކާއި މެދު ގެއްލޭނެ ކަންތައްކަން މި ޖަމްއިއްޔާތަކުން ފާހަގަކުރަމެވެ.
ދިވެހިރާއްޖޭގެ އާންމު އިޖްތިމާއީ ޚިދުމަތް ފޯރުކުރުމުގެ ޤައުމީ ނިޒާމަކީ ހަރުދަނާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ގޮންޖެހުންތައް ގިނަ ނިޒާމެކެވެ. އެކަށީގެންވާ ފެންވަރަށް ފަންނީ ޤާބިލު މުވައްޒަފުން ތައްޔާރުކުރެވިފައި ނެތުމަކީ ޚިދުމަތް ފޯރުކުރުމުގައި ނިޒާމީގޮތުން ފޭލުވުމަށް ހުށަހެޅޭ ކަމެކެވެ. އަދި އާއިލާއާއި ބެހޭ ދައުލަތުގެ ވުޒާރާއަކީ ކޮންމެ ސަރުކާރެއް އޮތްނަމަވެސް ތަފާތު ގޮތްގޮތަށް ތަނުގެ ނަމާއި، ކުރާކަންކަމާއި، ފަންނީ މުވައްޒަފުންނާއި، ދެވޭ ޚިދުމަތްތައް އެގޮތްމިގޮތަށް ތަކުރާރުކޮށް ބަދަލުކުރުމުގެ ސަބަބުން، ތަންފީޒީ ހަރުދަނާކަން ގެއްލިފައިވާ ވުޒާރާއެކެވެ. ކަންމިހެންއޮތުމުން، އަދު ފެންނަމުންދަނީ ނިޒާމީ ފޭލުވުންތަކެއްގެ ނޭދެވޭ ނަތީޖާކަމަށް މި ޖަމްއިއްޔާތަކަށް ގަބޫލުކުރެވެއެވެ.
ދިވެހިރާއްޖޭގެ އިންސާނީ ހައްޤުތަކާއި ބެހޭ ކޮމިޝަން (އެޗް.އާރު.ސީ.އެމް) އިން އިސްނަގައިގެން މިމައްސަލަ ތަހުޤީގު ކުރުމަށް ނިންމާފައިވާ ނިންމުމަށް މި ޖަމްއިއްޔާތަކުން މަރުހަބާ ކިޔަމެވެ. އަދި މި މައްސަލައާއި ގުޅުންހުރި އެންމެހައި މުއައްސަސާތަކާއި، ދައުލަތުގެ ރަހުމުކުޑަ އަމަލުގެ ޝިކާރައަކަށް ވެފައިވާކަމަށް ބުނާ ފަރާތާއި، މައްސަލައާއި ގުޅުންހުރި އެހެނިހެން ފަރާތްތަކުން ބޭނުންވާ މައުލޫމާތާއި ލިޔެކިޔުންތައް ހޯދުމުގެ އަމަލީ މަސައްކަތް އެ ކޮމިޝަނުން ހަރުދަނާގޮތެއްގައި ކުރުމަކީ ނުހަނު މުހިންމު ކަމެއްކަމުގައި ދެކެމެވެ. އެގޮތުން އެ ކޮމިޝަނުގެ ތަހުޤީޤީ މަސައްކަތުގައި، ހދ. ކުޅުދުއްފުށީގެ އިޖްތިމާއީ ޚިދުމަތް ދިނުމުގެ އިދާރާ (ނުވަތަ ފެމިލީ އެންޑް ޗައިލްޑް ސާވިސް ސެންޓަރ)، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލު އަދި ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާއީ އެހީއާއި ބެހޭ ވުޒާރާ އިން މި މައްސަލައިގާ އަމަލުކޮށްފައިވާ ގޮތުގެ ތަފްސީލީ ރިޕޯޓެއް ތައްޔާރުކޮށް، އާންމު ކުރުމަށް ގޮވާލަމެވެ. އަދި މިފަދަ ތަހުޤީޤަކުން ލިބިގެންދާ މައުލޫމާތުތަކުގެ އަލީގައި މި މުއައްސަސާތަކަށް ގެންނަންޖެހޭ ހަރުދަނާ ބަދަލުތަކަކީ ކޮބައިކަން ދެނެގަނެ، އެކަންކަން ކުރަންޖެހޭ މުހުލަތެއްވެސް މި ރިޕޯޓުގައި ހިމެނުމަށް ގޮވާލަމެވެ. މިފަދަ ހާލަތްތަކުގައި ކަމާބެހޭ މުއައްސަސާތަކުން ކުރާ މަސައްކަތް ތަކަކީ މައްސަލަ ފާޅުވާ ވަގުތުގައި ކޮށްލާ ކަމެއްކަމަށް ވުމަކީ އާންމު ކަމަކަށް ވެފައިވާތީ، މިއީ ސީރިއަސް ތަހުޤީޤަކަށް ހައްދަވާ، އަވަސް މުއްދަތެއްގައި ކޮމިޝަނުގެ ހޯދުންތައް ރައްޔިތުންނާއި ހިއްސާކުރުމަށްވެސް މިފުރުސަތުގައި ގޮވާލަމެވެ.
ދައުލަތުގެ މުއައްސަސާތަކުގެ ބާރު ނަހަމަގޮތުގައި ރައްޔިތުންނާއި ދެކޮޅަށް ބޭނުންކުރުމުގެ ފުރުސަތު ސަރުކާރުގެ މުވައްޒަފުންނަށް ފަހިވުމަކީ ރައްޔިތުންގެ މަސްލަހަތު އަދި އަސާސީ ޙައްޤުތައް ރައްކާތެރި ކުރުމަށް އޮތް ހުރަހެއްކަމައް މި ޖަމްއިއްޔާތަކުން ދެކެމެވެ. އަދި މިފަދަ އިހާނެތި އަމަލުތަށް ރައްޔިތުންނާއި މެދު ކުރުމުގެ ފުރުސަތު ނިޒާމީގޮތެއްގައި ނައްތާލުމަކީ ރާއްޖޭގެ އާންމު އިޖްތިމާއީ ޚިދުމަތް ފޯރުކުރުމުގެ ޤައުމީ އޮނިގަނޑުގެ ތެރޭގައިވާ ހުރިހާ މުއައްސަސާތަކާއި އެތަންތަނުގެ މުވައްޒަފުން ކުރަންޖެހިފައިވާ ކަމެއްކަމަށް ދެކެމެވެ. މިކަމުގައި ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާއީ އެހީއާއި ބެހޭ ވުޒާރާއިން އިސްދައުރެއް އަދާކުރަންޖެހެއެވެ. އަދި އެގޮތުން، މި ވުޒާރާގެ ޒިންމާތައް އަދާކުރުމުގައި ފޭލުވަމުންދާ ސަބަބުތައް ރަނގަޅަށް ދެނެގަނެ، މި ވުޒާރާގެ ހިންގުމާއި މުވައްޒަފުންގެ ފަންނީ މަސައްކަތްތައް އެކަށީގެންވާ ފެންވަރަކަށް ގެނައުމަށް ސިޔާސަތު ފަރުމާކޮށް، އެ ސިޔާސަތު ރައްޔިތުންނަށް ފެންނާނެގޮތަށް އާންމުކޮށް، ހަރުދަނާ ގޮތެއްގައި ތަންފީޒުކުރުމަށް ގޮވާލަމެވެ.

![Press cover [En] Uthema Maldives](https://uthema.org/wp-content/uploads/Press-cover-En-Uthema-Maldives-300x225.png)










![Rising above the cracks [Uthema Maldives]](https://uthema.org/wp-content/uploads/Rising-above-the-cracks-Uthema-Maldives-300x225.jpg)







![Jaaaga eh neiy-protest [Refty credit] uthema](https://uthema.org/wp-content/uploads/Jaaaga-eh-neiy-protest-Refty-credit-960-300x225.jpg)

































































