

ނޫސް ބަޔާން – 27 ފެބްރުވަރީ 2021
އުތެމަ ޖަމްޢިއްޔާއިން ރާއްޖެޓީވީ އާއި ގުޅޭގޮތުން ބްރޯޑްކޮމް އަށް ހުށަހެޅި މައްސަލައާއި ގުޅޭ
ދިވެހިރާއްޖޭގައި، ޤައުމީފެންވަރުގައި ޚަބަރާއި މައުލޫމާތު ބްރޯޑްކާސްޓް ކުރުމުގައި އިސް ދައުރެއް އަދާކުރާ ރާއްޖެޓީވީ ގެ ފަރާތުން 2 ސެޕްޓެމްބަރ 2020 ގެ ހެނދުނު 10.00 ގެ ޚަބަރުގައި މި ޖަމްޢިއްޔާއާއި ގުޅޭގޮތުން ޙަޤީގަތާ ޚިލާފު މައުލޫމާތު ތަކެއް އެކުލެވޭރިޕޯޓެއް އާންމުކޮށް، މި ޖަމްޢިއްޔާ އާއިބެހޭގޮތުން އާންމުންގެ ތެރޭގައި ނަފްރަތު އުފެދޭނެ ތަސައްވުރެއް އުފެދޭނެފަދަ ގޮތަކަށް ޚަބަރުގެ ގޮތުގައި ބްރޯޑްކާސްޓްކޮށް، މީސްމީޑިއާގައި ރީބްރޯޑްކާސްޓް ކޮށްފައި ވެއެވެ. އަދި އެކަމާ ބެހޭ ގޮތުން 16 ސެޕްޓެމްބަރ 2020 ގައި މި ޖަމްޢިއްޔާއިން ކަމާބެހޭ މުއައްސަސާ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އަށް ޝަކުވާގެ މައްސަލައެއް ހުށަހެޅުނެވެ.
މައްސަލަ ހުށަހެޅުމަށްފަހު، މި ޖަމްޢިއްޔާއިން މަސައްކަތްކުރީ ރާއްޖެޓީވީ އާއިއެކު އެކުވެރިކަމާއި އެކު ދެފަރާތަށް އެއްބަސްވެވޭފަދަ ގޮތަކަށް ބްރޯޑްކޮމްގެ މީޑިއޭޝަންގެ އިހްތިސާސްގެ ތެރޭގައި މައްސަލަ ހައްލުކުރުމަށެވެ. ނަމަވެސް އެ ނިޔަތުގައި ކުރެވުނު މަސައްކަތް އެދެވޭގޮތެއްގައި ކުރިއަށް ނުދިޔުމުން ބްރޯޑްކޮމް ގެ އިސްނެގުމާއިއެކު، ކޮމިޝަނުގެ މުސްތަޤިއްލު ތަހުޤީގެއް ކުރިއަށް ގެންދެވިއެވެ. އަދި އެ ތަހުޤީގަށްފަހު އެ ކޮމިޝަނުން ގޮތެއްނިންމަވާ 25 ފެބްރުވަރީ 2021 ގައި އެކަން ވަނީ މި ޖަމްޢިއްޔާއާއި ހިއްސާކުރައްވާފައެވެ.
ބްރޯޑްކޮމްގެ ނިންމުމުގައި ޤާނޫނު ނަމްބަރ 2010/16 (ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) ގެ (1) އާއި ހަވާލާދީ، ރާއްޖެޓީވީ އިން “ސައްޙަ ނޫން މައުލޫމާތެއް ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަން އިސްލާހު ކުރުމަށާއި، ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން ޕްރޮގްރާމްތައް ބައްޓަން ކުރުމަށާއި، މިފަދަ ކޮންޓެންޓުތައް ފޮނުވުމުގައި ސަމާލުވުމަށް” ރާއްޖެޓީވީ އަށް ވަނީ އެ ކޮމިޝަނުން ނަސޭހަތްތެރިވެފައެވެ.
ބްރޯޑްކޮމް ގެ ނިންމުމުގައި، ރާއްޖެޓީވީގެ ފަރާތުން މި ޖަމްޢިއްޔާއާއި ބެހޭގޮތުން 2 ސެޕްޓެމްބަރ 2020 ގެ ހެނދުނު 10.00 ގެ ޚަބަރުގައި އާންމުކޮށްފައިވާ ރިޕޯޓަކީ ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިރީގައިވާ ހަމަތަކާ ޚިލާފުވާ ރިޕޯޓެއްކަމަށް އެ ކޮމިޝަނުން ވަނީ ނިންމަވާފައެވެ.
1 – ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 3 ވަނަ ހަމައިގެ 1
“މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާފަދަ ނުވަތަ އިއްޒތާއި ގަދަރަށް އުނިކަމެއް އަތުވެދާނެފަދަ ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާއި މަންޒަރާއި އަޑު ބްރޯޑްކާސްޓް ނުކުރުން”
2 – ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 5 ވަނަ ހަމައިގެ 1
“ޚަބަރާ ކަރަންޓް އެފެއާޒް ގެނެސްދިނުމުގައި، ވަކި ފަރާތަކަށް ބުރަވުމެއްނެތި، ހަމަހަމަ ކަމާއެކު ގެނެސްދިނުމަށް އިސްކަންދީ ތެދު މައުލޫމާތު ފެތުރުމަށް މަސައްކަތް ކުރުން”
3 – ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 5 ވަނަ ހަމައިގެ 2
“ޚަބަރާއި ފެކްޗުއަލް ޕްރޮގްރާމްތަކުގައި އެކި ފަރާތްތަކުން ހޯދާ ކޮންޓެންޓް ހިމެނުމުގައި އެފަރާތަކުން ދެއްކި ވާހަކައިގެ މަފްހޫމް ނުގެއްލޭގޮތަށް ބްރޯޑްކާސްޓް ކުރުން”
4 – ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 5 ވަނަ ހަމައިގެ 3
”ވަކި ކަމެއްގައި ހިމެނިގެންވާ ނުކުތާއެއްގެ ސައްޙަ ނޫން މައުލޫމާތެއް ހުށަހެޅިއްޖެނަމަ، ވީ އެންމެ އަވަސް ފުރުސަތެއްގައި އެކަން އެގޮތަށް ހިނގައިފިކަން ހާމަކޮށް އެކަން ރަނގަޅުކުރުން”
އެހެންކަމުން މި ޖަމްޢިއްޔާއިން ހުށަހެޅި މައްސަލަ ބްރޯޑްކޮމް އިން ތަހުޤީގުކުރައްވާ، ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނުކުތާއާއި ހަވާލާދީ، މައްސަލައާއި ގުޅޭގޮތުން ގޮތެއްނިންމެވި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުން އިއްތިފާޤު ވެވަޑައިގެންފައިވަނީ ރާއްޖެޓީވީ އިން “އުތެމަ ޖަމްޢިއްޔާއާބެހޭ ގޮތުން ބްރޯޑްކާސްޓްކޮށްފައިވާ ޙަބަރުގެ މައުލޫމާތު އިސްލާހުކޮށް އާންމުކުރުމަށާއި، މަޢާފަށް އެދި ބަޔާނެއް ނެރުމަށާއި، އެއްވެސް ޝަރުތެއް ނެތި މި ބަޔާން 28 ފެބްރުވަރީ 2021 ވާ އާދީއްތަ ދުވަހުގެ ކުރިން، އެއް ރޭ 8.00 އާއި 8.30 އާ ދެމެދު ރާއްޖެޓީވީން ޢާންމުކުރުމަށް”، މިގޮތަށެވެ.
އެނގިވަޑައިގެންވާނޭ ފަދައިން މި ޖަމްޢިއްޔާއާއި ބެހޭގޮތުން ޙަޤީގަތާ ޚިލާފު ވާހަކަތަކެއް ބަޔަކު މީސްމީޑިއާގައި ފަތުރާ، މި ޖަމްޢިއްޔާ އުވާލުމަށް ގޮވާލާ، ޖަމްޢިއްޔާގެ އެކި މެމްބަރުންނަށް ފުރައްސާރަކޮށް ބިރުދެއްކުމުގެ އޮއެވަރެއް ވަނީ ޖޫން 2020 އިން ފެށިގެން އުފައްދާފައެވެ. އަދި އެކަމާ ބެހޭގޮތުން މި ޖަމްޢިއްޔާއިން ވާނީ 23 ޖޫން 2020 ގައި ބަޔާނެއްވެސް ނެރެފައެވެ. ރާއްޖެޓީވީ ގެ، މަތީގައި ދެންނެވުނު ރިޕޯޓަކީވެސް މި އޮއެވަރުގައި އެޅުނު ކަތި ފިޔަވަޅެއްކަމުގައި ބެލެވޭނެ ޖާގައޮތްކަމަށް މި ޖަމްޢިއްޔާއަށް ޤަބޫލުކުރެވެއެވެ. ނަމަވެސް ރާއްޖޭގައި އަދު މީސްމީޑިއާ ބޭނުންކުރުމުގައި ހުރި ނޭދެވޭ މައްސަލަތަކަކީ ޒިންމާދާރު ނޫސްވެރިކަންކުރާ މީޑިއާތަކަށް ސާފުވެފައިވާނެ ކަންތައްކަން ފާހަގަކުރަމެވެ.
އުތެމަ ޖަމްޢިއްޔާއަކީ ދިވެހިރާއްޖޭގައި އަންހެނުންނަށް ލިބިފައިވާ ފުރިހަމަ އިންސާނީ ޙައްޤުތަކާއި، މިނިވަންކަމާއި، އިންސާނީ ކަރާމާތާއި، މިންތީގެ ހަމަހަމަކަމަށް ވަކާލާތު ކުރުމުގެ މުހިންމު މަޤްސަދާއި ހެޔޮނިޔަތުގައި އުފައްދާ ހިންގަމުންދާ މަދަނީ ޖަމްޢިއްޔާއެއްކަން މީޑިއާގެ އެންމެހާ ފަރާތްތަކަށާއި އާންމުންނަށް މި ފުރުސަތުގައި ހަނދުމަކޮށް އަރުވަމެވެ. އަދި ރާއްޖޭގައި އަންހެނުންގެ ދިރިއުޅުމުގެ ތަޖުރިބާއާއި ޙަޤީގަތްތަކާ ގުޅޭގޮތުން މި ޖަމްޢިއްޔާއިން އާންމުކުރާ ފަންނީ އަދި ދިރާސީ ހޯދުންތަކާއި، ލިޔުންތަކާއި، އެހެނިހެން މައުލޫމާތުތައް މި ޖަމްޢިއްޔާގެ އެކި ޑިޖިޓަލް ވަސީލަތްތަކުން ހާމަކަމާއެކު ފެންނަން ހުންނާނެކަންވެސް ހަނދުމަކޮށް އަރުވަމެވެ.
މި ޖަމްޢިއްޔާއިން ބްރޯޑްކޮމް އަށް ހުށަހެޅުނު ރާއްޖެޓީވީގެ ޙަޤީގަތާ ޚިލާފު ރިޕޯޓުގެ މައްސަލައިގާ އެ ކޮމިޝަނުން ޑިސްޕިއުޓް ރިޒޮލިއުޝަންގެ މަރުހަލާތައް ގެންދަވާފައިވާ ގޮތާއި ދޭތެރޭ ހިތްހަމަޖެހޭކަން ފާހަގަކުރަމެވެ. އަދި ކޮމިޝަނުގެ ނިންމުން ހެޔޮހިތުން ބަލައިގަންނަމެވެ. ދިވެހިރާއްޖޭގެ އެންމެހާ މީޑިއާތަކަކީ އާންމުކޮށް މުޖުތަމައުގައި ޚަބަރާ މައުލޫމާތު ފެތުރުމުގައި ހަރުދަނާ، ޒިންމާދާރު ހަމަތަކަކާއި، ފަންނީ މަފްހޫމްތަކަކާއި، ސުލޫކާއި، އިންތަކަކާއި، މިންތަކެއްގެ ތެރޭގައި މަސައްކަތްކުރާ ފަރާތްތަކަކަށް ވާންޖެހޭކަން މި ޖަމްޢިއްޔާއިން ޤަބޫލުކުރަމެވެ. އަދި މީޑިއާ ރެގިއުލޭޓަރުންގެ ފަރާތުން އެ މިންގަނޑުތައް ހިފެހެއްޓުމަށް ޤާނޫނާއި ގަވައިދުތަކުގެ ތެރެއިން ހަރުދަނާ ނިންމުންތައް ނިމިގެންދާތަން ފެނުމަކީ އެފަދަ މުއައްސަސާތަކަށް އާންމުންނާއި މަދަނީ މުޖުތަމައުގެ އިތުބާރު އުފުލިގެންދާނޭ ކަމެއްކަންވެސް މި ޖަމްޢިއްޔާއިން ފާހަގަކުރަމެވެ. އަދި ބްރޯޑްކޮމް ގެ މި ނިންމުމަކީ ރާއްޖޭގެ އެންމެހާ މީޑިއާތަކަށްވެސް އެފަރާތްތަކުގެ ފަންނީ މަސްއޫލިއްޔަތު އަދާކުރުމުގައި އޭގެ މަންފާ ލިބޭނޭ ނިންމުމަކަށް ވެގެންދާނެކަމަށް މި ޖަމްއިއްޔާއިން އުންމީދުކުރަމެވެ.