05 ޖޫން 2018
ބައިނަލް އަޤުވާމީ ތިމާވެށީގެ ދުވަސް – ނޫސް ބަޔާން

ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ސިޔާސަތުތައް ކަނޑައަޅާ އެކަށީގެންވާ ފެންވަރަކަށް ތަންފީޒުކުރުމަށް ސަރުކާރުން ނުކުޅެދިފައިވުމަކީ މުޅިރާއްޖޭގެ ތިމާވެއްޓަށް ފޫނުބެއްދޭ ފެންވަރުގެ ގެއްލުންތަކެއް ލިބި އަންނަންއޮތް ޖީލުތަކަށް ވެސް ވެވޭ ބޮޑު އިހުމާލެއް

ބައިނަލްއަޤުވާމީ ތިމާވެށީގެ ދުވަހަކީ ތިމާވެށި ހިމާޔަތްކުރުމަށްޓަކާ އެކިކަންކަމަށް އާންމުކޮށް އަލިއަޅުވާލާ ދުނިޔޭގެ ގިނަގައުމުތަކަކުން އަޑުއުފުލާ ދުވަހެކެވެ. މިގޮތުން މިއަހަރު ތިމާވެށީގެ ދުވަހާއި ގުޅިގެން ބައިނަލްއަޤުވާމީ ފެންވަރުގައި އިސްކަން ދީފައިވަނީ ޕްލާސްޓިކުގެ ވަބާއިން ދުނިޔޭގެ ތިމާވެށި ސަލާމަތްކޮށް، ރައްކާތެރިކުރުމަށް ވަކާލާތު ކުރުމަށެވެ.

ދިވެހިރާއްޖޭގެ ތިމާވެއްޓަކީ އާދަޔާޚިލާފަށް ޕްލާސްޓިކުގެ އުދަގުލާ ކުރިމަތިލާން ޖެހިފައިވާ ވެއްޓެކެވެ. ސަބަބަކީ ރާއްޖޭގެ ޤުދުރަތީ ވަސީލަތްތަކާ ދިރިއުޅުމުގެ މައިނާރަކަށް ވަނީ ކަނޑުފަޅާ ފަރުތައް ކަމަށްވެފައި، ރާއްޖެއަކީ %99 ކަނޑުހިމެނޭ ޤައުމަަކަށްވުމެވެ. އަދި ސައިންސްވެރިންގެ ގިނަގުނަ ދިރާސާތަކުން ދައްކާގޮތުގައި ދުނިޔޭގައި ޕްލާސްޓިކު ގިނަވެ ފުން ކަނޑުތަކުގެ އެންމެއަޑީގެ ދިރުންތަކުންވެސް ޕްލާސްޓިކު ފެނިފައިވާކަމީ ނުހަނު ކަންބޮޑުވާންޖެހޭ ހަޤީޤަތެކެވެ. ކަނޑުފަޅުގެ މަސްމަހާ ދޫނިސޫފާސޫތްޕާއި އެހެނިހެން ދިރޭތަކެތީގެ ވެށި ޕްލާސްޓިކު ކުނިން ތަޣައްޔަރުވުމުން ޤުދުރަތީ އެންމެހާ ދިރުންތަކާއި އިންސާނުންނަށްވެސް މިކުނީގެ ނޭދެވޭ ބޮޑެތި އަސަރުތައް ކުރަމުންދެއެވެ. ކަނޑުފަޅުތަކުގައި ޕްލާސްޓިކު އިތުރުވެ މަހުގެކާނާގެ ތެރެއަށް ޕްލާސްޓިކު ވަދެގެންދިއުމުގެ ނަތީޖާއަކީ އިންސާނުންގެ ކާބޯތަކެތި ޕްލާސްޓިކުން ތަޣައްޔަރުވެ މަސްމަހާމެއްސާއި އިންސާނުންނަށްވެސް ބޮޑެތި ނުރައްކަލާ ކުރިމަތިލާންޖެހުމެވެ. މިހާތަނަށް އަންދާޒާ ކުރެވިފައިވަނީ 2050 އަހަރާއި ހަމައަށްދާއިރު ދުނިޔޭގެ ކަނޑުތަކުގައި މަހަށްވުރެ ޕްލާސްޓިކު އިތުރުވާނެކަމެވެ. އަދި މިއީ މުޅިދުނިޔެއަށް އޭގެ ނުތަނަވަސްކަންލިބޭ އިންޒާރަކަށް ވާއިރު، ޚާއްޞަކޮށް ދިވެހިރާއްޖެއިން މިކަމަށް ސަމާލުވާން ޖެހެއެވެ.

ޕްލާސްޓިކުގެ ސަބަބުން ދުނިޔޭގެ ތިމާވެށީގެ ހާލަތު ދަށަށް ދަމުންދާއިރު، ދިވެހިރާއްޖޭގެ ސަރުކާރުން ރާއްޖޭގެ ނާޒުކުތިމާވެށި ހިމާޔަތްކުރުމަށް އެއްވެސް ފެންވަރެއްގައި ސިޔާސަތުކަނޑައަޅާ ތަންފީޒު ނުކުރުމަކީ މުޅިރާއްޖޭގެ ތިމާވެއްޓަށް ކުރުރާސްތާ އަދި ދިގުރާސްތާގައިވެސް އޮތް ބޮޑުނުރައްކަލެކެވެ. ރާއްޖޭގެ އެންމެ އާބާދީ ބޮޑު މާލެއިން ފެށިގެން ރާއްޖޭގެ އެންމެހާ ރަށްރަށުގައި އެކަށީގެންވާ ގޮތެއްގައި ޕްލާސްޓިކު އަދި އެހެނިހެން ކުނި ނައްތާލެވޭނެ ނިޒާމެއް ޤާއިމުވެފައެއްނެތެވެ. އަދި ކަންމިހެން އޮތްހިނދު، ރާއްޖެއަށް ޕްލާސްޓިކު އެތެރެކުރުމާއި ޕްލާސްޓިކަށް ބަރޯސާވުން އިތުރުކުރަމުންދާކަމީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަންކަމެވެ.

ރާްއްޖޭގައި ޕްލާސްޓިކު ފުޅީގައި ފެން ބަންދުކުރުމާއި ޕްލާސްޓިކު ކޮތަޅު އާންމުކުރުމުގެ ވަބާއަކީ ފާހަގަކުރަންޖެހޭ ބޮޑު މައްސަލައެކެވެ. ރާއްޖޭގެ ރަށްތަކުގައި މީހުންނަށް އިތުބާރުކުރެވޭ ސާފު ފެންލިބޭނެ ނިޒާމެއް ޤާއިމުކުރުމުގެ ބަދަލުގައި ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް ބުއިމުގެ އާދަކާދައެއް ސަރުކާރުންނާއި ބޮޑެތި ވިޔަފާރިތަކުން ޤާއިމުކޮށް ފުޅާކުރަމުންދާ ދިއުމަކީ ޕްލާސްޓިކުއާލާވެ ރާއްޖޭގެ ނާޒުކު ތިމާވެށްޓަށް ޕްލާސްޓިކުން އޮތްނުރައްކާ އެތައްގުނައެއް ބޮޑުވެގެންދާ ކަމެކެވެ. 2017 ވަނަ އަހަރުގެ ތިމާވެށީގެ ދުވަހުގައި ތިމާވެއްޓާބެހޭ ވުޒާރާއިން ވަނީ ރާއްޖޭގައި ހިންގަމުންދާ ފެން ބަންދުކުރާ ވިޔާފާރިތަކާ މަޝްވަރާކޮށް ޕްލާސްޓިކު މަދުކުރުމަށް މަސައްކަތްކުރާނެ ކަމުގެ ޚަބަރުދީފައެވެ. ނަމަވެސް 2017 ގެ ނޮވެމްބަރު މަހު އިވިގެންދިޔަ ޚަބަރަކީ ހދ. ކުޅުދުއްފުށީގައި، ސަރުކާރުގެ %80 ހިއްސާއޮންނަ ކުންފުނި، އެމް.ޑަބްލިއު.އެސް.ސީ އިން ފެން ބަންދުކުރާ ކާރުހާނާއެއް ޤާއިމު ކުރާނެޚަބަރެވެ. އެމް.ޑަބްލިއު.އެސް.ސީން ބުނާގޮތުގައި މިކާރުޚާނާގައި ގަޑިއަކު 10ހާސް ޕްލާސްޓިކު ފެން ފުޅި ތައްޔާރުކުރާނެއެވެ. މިތަނަކީ 24ގަޑިއިރު ހިންގާތަނެއްކަމަށް ވާނަމަ، މިމައުލޫމާތުން ދޭހަވަނީ އަހަރަކު 87.6 މިލިއަން ޕްލާސްޓިކު ފުޅި ރާއްޖެއަށް އިތުރުކުރަމުން ދާނެކަމެވެ.

ރާއްޖޭގައި ކެފޭ ރެސްޓޯރަންޓުތަކާއި، ދުނިޔޭގައި މިހާރު ގިނަބަޔަކު ސިއްހީގޮތުން ބަލައިނުގަންނަ ކާބޯތަކެތީގެ ފްރެންޗައިސްތައް ތަޢާރަފް ކުރަމުންދާއިރު ފާހަގަކުރެވެނީ މިފަދަ ވިޔަފާރިތަކަކީ ތިމާވެއްޓަށް ނުރައްކާވާ އެއްފަހަރު ބޭނުންކުރުމަށްފަހު އެއްލާލާ ޕްލާސްޓިކު ހޮޅި އަދި އުލާއި ސަމްސާފަދަ ތަކެތި އުސޫލެއްގެ ގޮތުން ބޭނުންކުރާ ތަންތަންކަމެވެ. މިފަދަ ވިޔަފާރިތަކުން ތިމާވެއްޓަށްކުރާ ނޭދެވޭ ގެއްލުންތައް ކުޑަކުރުމާއި ނައްތާލުމަކީވެސް ދިވެހިސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން، ތިމާވެށި ހިމާޔަތްކުރުމަށް ސިޔާސަތުކަނޑައަޅާ އެކަށީގެންވާ ފެންވަރަކަށް ތަންފީޒުކުރަންޖެހޭ، ނަމަވެސް މިހާތަނަށް ކޮށްފައިނުވާ ކަންކަމެވެ.

ހަމަ މިބީދައިން އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ ޕްލާސްޓިކު ކޮތަޅުގެ ވަބާއަކީ ރާއްޖެއަށް އިންތިހާއަށް އޭގެ މުސީބާތާއި ކުރިމަތިވެފައިވާ ކަމެކެވެ. އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ ޕްލާސްޓިކު މަދުކުރުމުގެ ބަދަލުގައި އެފަދަ ކޮތަޅު އަދި ފެން ކޭސް ބަންދުކޮށްފައި ހުންނަ ޕްލާސްޓިކު ކަވަރުގެ ބޭރުގައި ރާއްޖޭގެ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީގެ ލޯގޯ ޖަހައި އަދި އެއީ “ތިމާވެއްޓާއި ރަށްޓެހި” އެއްޗެއްކަމަަށް އޭގައިލިޔެފައިވާކަމީ ހިތާމަ ކުރަން ޖެހޭކަމެކެެވެ. ސައިންސްވެރިންނާއި ދުނިޔޭގެ ތަރައްޤީވެފައިވާ އެހެން ޤައުމުތަކުގެ ކަމާބެހޭ މުއައްސަސާތަކުގެ އެންމެ ފަހުގެ ހޯދުންތަކަށް ބަލާއިރު ވެށީގައިފަނާވެދާ ނުވަތަ ‘އޮކްސޯ ޑިގްރޭޑަބަލް’ ޕްލާސްޓިކަކީ އަދި އޭގެ ނުރައްކާ މާބޮޑު އެއްޗެކެވެ. މިފަދަ ބާވަތުގެ ޕްލާސްޓިކަކީ ލޮލަށް ނުފެންނަ ވަރުގެ ކުދި ‘މައިކްރޯ-ޕްލާސްޓިކަށް’ ބަދަލުވެ މަސްމަހާމެއްސާއި އެހެނިހެން ދިރުންތަކުގެ ކާނާގެ ނިޒާމަށްވަދެ، އެދިރުންތަކުގެ ޒަރިއްޔާއިން އިންސާނުންގެ ހައްޓަށް ޕްލާސްޓިކު ވާސިލްވާ ބޮޑު ނުރައްކަލެކެވެ. އެއްފަހަރު ބޭނުންކޮށްފައި އެއްލާލައި ޕްލާސްޓިކު ތަކެތި އުފެއްދުމަށާއި އެއްތަނުން އަނެއްތަނަށް އުފުލުމަށް އެތައްތެލެއް އެންދުމުގެ ނޭދެވޭ އަސަރުގެ އިތުރުން އެތަކެތި އުފެއްދުމުގައި އިސްރާފުވާ ‘ބައި ޕްރޮޑަކްޓްސް’ ގެ ގޮތުގައި ވެއްޓައް ގިނަގުނަ ވިހަ މާއްދާތަކެއް ބޭރުކުރެއެވެ. އެހެންކަމުން، ހުރިހާ ގޮތަކުން ބެލިއަސް އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކުގެ ވަބާއަކީ ޤައުމީ ފެންވަރެއްގައި މަސައްކަތްކޮށް މުޅިން ނައްތާލަންޖެހޭ ވަބާއެކެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކާއި ވުޒާރާތަކުން ހާމަކުރާ ޙަބަރުތަކާއި ޒިންމާދާރު މަޤާމުތަކުގައި ތިބޭ ފަރާތްތަކުން މިފަދަ ހަޤީޤަތްތަކުގެ އަލީގައި ފިޔަވަޅުއެޅުމުގެ ބަދަލުގައި އެމީހުންގެ ޒިންމާތަކަށް އިހުމާލުވެގެންދާ ދިއުމަކީ މުޅިރާއްޖޭގެ ތިމާވެއްޓަށް ފޫނުބެދޭވަރުގެ ގެއްލުންތަކެއް ލިބި އަންނަންއޮތް ޖީލުތަކަށްވެސް ވެވޭ ބޮޑު އިހުމާލެކެވެ.

ޕްލާސްޓިކު ފުޅިއާއި ޕްލާސްޓިކު ކޮތަޅަކީ އޭގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދަށްވެސް ނުހަނު ބޮޑު ގެއްލުންވާ އެއްޗެކެވެ. ފަތުރުވެރިކަމުގެ ދާއިރާ ތަމްސީލްކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) އިން 2017 ވަނަ އަހަރު ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ ނުރައްކާބޮޑު އެއްކަމަކީ ޕްލާސްޓިކު ފުޅި އާއި ޕްލާސްޓިކު ކޮތަޅު އަދި އެހެނިހެން ޕްލާސްޓިކު އިތުރުވެ ރާއްޖޭގެ ރީތިގޮޑުދޮށްތަކާއި މޫދު ތަޣައްޔަރުވުމެވެ. ކަންމިހެންއޮތްއިރު މިކަމުގެ އެންމެ ކަންބޮޑުވާންޖެހޭ އެއްކަމަކީ ޕްލާސްޓިކު ފުޅި އުފެއްދުމުގައި ފަތުރުވެރިކަމުގެ ދާއިރާގައި އިސްވެ ހަރަކާތްތެރިވާ ބައެއް ފަރާތްތަކުގެ ޝާމިލުވުން ހިމެނިފައިވުމެވެ. މި ފަރާތްތައް މިކަމުގެ ގެއްލުންދެނެތިބެ ޕްލާސްޓިކު ފުޅި އުފެއްދުން ކުރިއަރުވަމުން ގެންދާގެންދިއުން މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލަމެވެ.

ރާއްޖޭގެ ތިމާވެށި ހީނަރުވަމުންދާ ދިޔުމުގައި ޕްލާސްޓިކުގެ މައްސަލައިގެ އިތުރުން ތިމާވެއްޓާއި ގުޅުންހުރި އެހެންކަންކަމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ވަމުންދާ އިހުމާލު އިސް ދައުރެއް އަދާކުރެއެވެ. މާލޭ ސަރަހައްދަށް ރާއްޖޭގެ އާބާދީގެ %70 އެއްކުރުމުގެ ސިޔާސަތަކީވެސް ތިމާވެއްޓަށާއި ރައްޔިތުންގެ ޞިއްޙަތަށާއި ދުޅަހެޔޮ އަބުރުވެރި އަދި އުފާވެރި ދިރިއުޅުމެއް ހޯދުމަށްއޮތް ފުރުޞަތުތަކަށް ކުރިމަތިވެފައިވާ ބޮޑުހުރަހެއް ކަމުގައި ދެކެމެވެ. ސަބަބަކީ އެއްފަސްކުރުމުގެ ސިޔާސަތުގެ ސަބަބުން ނާޒުކުތިމާވެށި ހަލާކުވެ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކާއި ގިނަ އަދަދެއްގެ ރައްޔިތުން ކުރިމަތިލާން ޖެހޭނެތީއެވެ. އަދި ކުނި ނައްތާލުމުގެ އެކަށީގެންވާ ނިޒާމެއް ޤާއިމުކުރެވިފައި ނެތްހިނދު، ގިނަބަޔަކު އެއްތަނަކަށް ތޮއްޖެހި، ދުއްވާތަކެތި ގިނަވެ، ވައި ތަޣައްޔަރުވުމުގެ ސަބަބުން ދިމާވާ ބޮޑެތި އާންމު ޞިއްޚީ މައްސަލަތަކަކީ އާބާދީ ބޮޑު މާލޭގައި މިހާތަނަށްވެސް ހައްލެއް ގެނައުމަށް ނުކުޅެދިފައިވާ ކަންކަމެވެ.

މީގެ އިތުރުން ތަރައްޤީގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރު، ފަޅު، ކުޅި އަދި ޗަސްބިންތައް ހިއްކަމުންދާދިއުމަކީ ރާއްޖޭގެ ނާޒުކުތިމާވެއްޓަށް އަދު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ތިމާވެށީގެ ދިރުންކަމުގައިވާ މުރަކައާއި އެތަކެތި އާލާކޮށް ދަމަހައްޓާ އެހެނިހެން ދިރޭތަކެތީގެ ވެއްޓާއި ނަސްލުތައްވެސް ނެތިދިއުމަށް މަގު ފަހިވެގެންދާކަމީ އަދު ރާއްޖޭގެ އެންމެހާ ރައްޔިތުން ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ. ރާއްޖޭގެ ތިމާވެށި މިހާރާއި އަންނަންއޮތް ޖީލުތަކަށްޓަކައި ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ މުހިންމު ޒިންމާ ދިވެހި ސަރުކާރުން އަދާކުރަންޖެހެއެވެ. މިގޮތުން ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުއާހަދާތަކާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކާ ފަރުމާކުރަންޖެހޭ ތިމާވެށީގެ ސިޔާސަތުތައް އެކުލަވާލާ މިހާރު ހުރި ޤާނޫނާ ޤަވާއިދުތައް ތިމާވެށީގެ ހިމާޔަތުގައި ތަންފީޒުކުރުމަށް ދިވެހިސަރުކާރަށް ގޮވާލަމެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ރާއްޖޭގައި އެކި މޭރުމުން ސަރުކާރުގެ ވުޒާރާތަކުން އެކި ވާހަކަތައް އެހެން އަހަރުތަކެކޭވެސް އެއްފަދައިން ދައްކަމުންދާނެތެވެ. ނަމަވެސް ރައްޔިތުން ވިސްނަންޖެހޭ އެންމެ ބޮޑުކަމަކީ ރާއްޖޭގެ ރަށްތަކަށާއި އެރަށްތަކުގެ ވަށައިގެންވާ ކަނޑުފަޅުތަކާއި ދިރުންތަކަށް ސަރުކާރުގެ ސިޔާސަތުތަކާއި ތަންފީޒީ ނުކުޅެދުންތެރިކަމުގެ އިހުމާލުން ވަމުންދާ ގެއްލުންތައް ވަޒަންކޮށް އެފަދަ ހަރަކާތްތަކަށް ނޫނެކޭ ބުނުމެވެ. އަދި ޕްލާސްޓިކު އިތުރުކުރާ ކަންކަމަށް ނޫނެކޭ ބުނުމާއި ޕްލާސްޓިކު ވީހާވެސް މަދުން ބޭނުން ކުރާނެ ގޮތްގޮތަށް އަހަރެމެންގެ އަމަލުތަކާއި ދިރިއުޅުން ބަދަލު ކުރުމެވެ. މީގެއިތުރުން ކަނޑުފަޅުތަކަށް ދެމުންދާ ގެއްލުން ހުއްޓުވުމަށް ފަރުދީ ފެންވަރުގައި އަދި މަދަނީ ގުޅުންތަކުގެ ތެރެއިންވެސް ކުރެވެންއޮތް ކަމެއްކޮށް، ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް އޮތް އެންމެހާ ނުރައްކާތަކުން ސަލާމަތްކުރުމަށް ހަރަކާތްތެރިވުމަށް އެއްމެހާ ފަރާތްތަކަށް ގޮވާލަމެވެ.

Uthema