ނޫސް ބަޔާން – 7 ފެބްރުވަރީ 2021

ވިހެއުމުގައި މައިންނާ ތުއްތުދަރިފުޅު މަރުވުމުގެ ހާދިސާތަކާބެހޭ ކަންބޮޑުވުން


ރާއްޖޭގެ ސިއްޙީ ނިޒާމަކީ “ކުރިއަރާފައިވާ” ނިޒާމެއްގެ ގޮތުގައި ތަސައްވުރެއް އުފެދިފައިވީނަމަވެސް ބައެއް އަސާސީ ޚިދުމަތްތަކަކީ އަދިވެސް ނިޒާމީގޮތުން އެކަށީގެންވާ ފެންވަރަށް ކުރިނާރާ ހުރިކަންތައް ކަން މި ޖަމްއިއްޔާއިން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި ކަންމިހެން އޮތުމުގެ ސަބަބުން ސިއްޙަތާބެހޭ އެންމެ މުހިންމު އެއް ދާއިރާކަމަށްވާ އުފަންވެނި ސިއްޙަތާ، މާބަނޑުވުމާ،  ރައްކާތެރިގޮތުގައި ވިހެއުމާ، މައިމީހާއާއި ކުޑަދަރިފުޅު ދުޅަހެއު ސިއްހަތެއްގައި ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ އަސާސީ ނިޒާމީ ކަންކަން އެކަށީގެން ނުވާދަރަޖައަށް ދަށްވެގެންގޮސް ފުރާނައަށް ގެއްލުންވާ ހާލަތްތައް ދިމާވަމުންދާކަމީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ.

މީޑިއާ ރިޕޯޓުތަކުން މައުލޫމާތުލިބޭ ގޮތުގައި 03 ފެބްރުވަރީ 2021 ގައި އޭ.ޑީ.ކޭ ހޮސްޕިޓަލަށް ވިހަންދިޔަ 25 އަހަރުގެ ޒުވާން އަންހެނެއް ވިހެއުމުގެ ތެރޭގައިވަނީ ނިޔާވެފައެވެ. ކަމުގެ ވަށައިގެންވާ ފުރިހަމަ މައުލޫމާތު ލިބެންނެތް ނަމަވެސް، މި ހިތާމަވެރި ޚަބަރަކީ އަދު ރާއްޖޭގެ އެންމެ މަތީ ހަރުފަތުގެ ހޮސްޕިޓަލެއްގައި ސިއްހަތު ސަލާމަތުންހުރި މީހަކަށް ވުން އެކަށީގެންވާނޭ ކަމެއް ނޫންކަން މިޖަމްޢިއްޔާއަށް ޤަބޫލުކުރެވެއެވެ. 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކ. މާފުށީ ގައި 20 އަހަރުގެ ޒުވާން އަންހެނަކު ބަނޑުގައިއޮތް 8 މަހުގެ ދެ ކުދިންނާއެކު ނިޔާވި ޚަބަރަކީ ވެސް ރާއްޖޭގެ ސިއްޙީނިޒާމުގައި ހުރި އުނިކަން ސާފުކޮށް ފެނިގެންދިޔަ މިސާލެއް ކަމަށް މި ޖަމްޢިއްޔާއިން ދެކެމެވެ. އަދި ކ. މާފުށްޓަކީ މާލެއާއި ކައިރީގައި އޮތް ރަށަކަށްވީނަމަވެސް އެކަށީގެންވާ އުފަންވެނި ސިއްޙީފަރުވާ ހޯދުމަކީ އެރަށުގެ މާބަނޑު އަންހެނުންނަށް ލިބެންނެތް ޚިދުމަތެއްކަން ހާމަވެގެން ދިޔައެވެ.  2017 ވަނަ އަހަރުގެ ޖޫން މަހު ށ. މިލަންދޫ ގައި 21 އަހަރުގެ މާބަނޑު ޒުވާން އަންހެނަކު ވީގޮތެއްނޭނގި ވަނީ ނިޔާވެފައެވެ. މާބަނޑު އަންހެނަކު “ވީގޮތެއްނޭނގި” ނިޔާވުމަކީ އަދު އެއްވެސް ސިއްޙީނިޒާމެއްގައި ބަލައިގަނެވޭނެފަދަ ކަމެއްނޫނެވެ.

ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އުފަންވެނި ސިއްޙީ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތައް އިތުރަށް ހާމަވެގެންގޮސްފައިވެއެވެ. 2020 ވަނަ އަހަރުގެ މެއި މަހު އއ. ތޮއްޑޫ ގައި އަދި ށ. ނަރުދޫ ގައި ވެސް މާބަނޑު އަންހެނެއްގެ ބަނޑުގައި އޮތް ދަރިފުޅު ނިޔާވުމުގެ ދެ ހާދިސާއެއް ހިނގާފައިވެއެވެ. މި ހާލަތު މެދުވެރިވި މައިގަނޑު ސަބަބަކަށް ވަނީ އެކަށީގެންވާ ސިއްޙީފަރުވާ ރަށާއި ރަށުގެ ސަރަހައްދުންވެސް ލިބެންނެތުމާ، މި އަސާސީ ޚިދުމަތް ހޯދޭނެ އެހެން ގޮތެއްވެސް ނެތުމެވެ. 2020 ވަނަ އަހަރުގެ ޖޫން މަހުގައިވެސް ހަމަ މިފަދަ ހާދިސާއެއް ހއ. ބާރަށު ގެ އާއިލާއަކާއި ކުރިމަތިވިއެވެ، އަދި 2018 ވަނަ އަހަރުގެ ޖަނަވަރީ މަހު ޅ. ނައިފަރު އަތޮޅު ހޮސްޕިޓަލަށް ދައްކަމުންއައި މާބަނޑު މީހެއްގެ ބަނޑުގައި އޮތް ދަރިފުޅު ނިޔާވެ އެތައްދުވަހެއް ހޭދަވެގެންދިޔަ މައްސަލައަކީވެސް ސިއްޙީ ނިޒާމުގެ ތެރޭގައި ހުރި ސީރިއަސް ބާގަނޑުތައް ހާމަވެގެންދިޔަ މައްސަލަތަކެކެވެ. މީގެ އިތުރުން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު މާލޭގެ އޭ.ޑީ.ކޭ ހޮސްޕިޓަލުގައި ވިހެއުމުގައި އެކަށީގެންވާ ފެންވަރުގެ ސިއްޙީފަރުވާ ނުލިބުމުގެ ސަބަބުން ކުޑަދަރިފުޅު ނިޔާވި ހާދިސާވެސް މީޑިއާގެ ރިޕޯޓުތަކުން ފާހަގަކުރެވެއެވެ.

ރާއްޖޭގެ އަންހެނުންނާ ތުއްތުކުދިންނަށް ދުޅަހެއު އަދި ރައްކާތެރި ހާލަތުގައި މާބަނޑުވެ، ވިހައިބޮޑުވުމުގެ ފުރުސަތު ސިއްޙީނިޒާމުން ފޯރުކޮށްދިނުމަކީ ދައުލަތުގެ އަސާސީ އިސް ޒިންމާއެއްކަމަށް މި ޖަމްޢިއްޔާއިން ދެކެމެވެ. މަތީގައި ދެންނެވުނު މާބަނޑު އަންހެނުންނާ ތުއްތުކުދިންގެ މަރުތައް ސިއްޙީދާއިރާގެ ތެރެއިން ފުރިހަމައަށް ތަހުޤީގުކުރެވޭނެ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރެވިފައި އޮންނަންޖެހެއެވެ. ރާއްޖޭގެ ސިއްޙީ ވުޒާރާގެ ތެރޭގައި “މެޓާނަލް ޑެތް ރިވިއު ކޮމިޓީ” (ނުވަތަ މާބަނޑުހާލަތުގައި ހިނގާމަރުތައް ދިރާސާކުރާ ކޮމިޓީ) އެއް 1997 ވަނަ އަހަރު އުފެދިފައި ވީނަމަވެސް، އަދު މި ކޮމިޓީ މަސައްކަތްކުރާތަން ފެންނަން ނެތުމަކީ މި ޖަމްޢިއްޔާއިން ކަންބޮޑުވާކަމެކެވެ. މިގޮތުން ވިހެއުމުގެ ތެރޭގައި އަދި ޅަފަތުގައި ތުއްތުކުދިން ނިޔާވާ މިންވަރާ ސަބަބުތައްވެސް ގާތުން ބެލުމަކީ ސިއްޙީފަރުވާ ދިނުމުގެ ނިޒާމުގައި ދިމާވާ މައްސަލަތައް ނައްތާލުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކޮންމެހެން ބޭނުންވާ ނިޒާމީ ފަރުވާއެއްކަމުގައި ދެކެމެވެ.

އެހެންކަމުން މަތީގައި ފާހަގަކޮށްފައިވާ ފަދަ މައްސަލަތައް އާންމު ސިއްޙަތުގެނިޒާމު ހަރުދަނާކުރުމުގެ ނަޒަރުން ފުރިހަމައަށް ދިރާސާކޮށް، އެފަދަ ކޮންމެ ހާދިސާއަކީ ހުއްޓުވޭނޭ ހާދިސާއަކަށް ބަދަލުކުރަންޖެހެއެވެ. މިކަން ކުރުމަށްޓަކައި “މެޓާނަލް ޑެތް ރިވިއު ކޮމިޓީ” ގެ މަސައްކަތް ހަރުދަނާ ގޮތުގައި ކުރުމަށާއި، އެފަދަ ހޯދުންތަކުގެ އަލީގައި މައްސަލަތައް ހައްލުކުރުމަށް އަމަލީގޮތުން މަސައްކަތްކުރުމަށް މިނިސްޓްރީއޮފް ހެލްތަށް ގޮވާލަމެވެ. އަދި މާބަނޑުވުމާ ވިހެއުމުގެ ތެރޭގައި މައިންނާ ދަރިންގެ ފުރާނަ ސިއްޙީނިޒާމުގެ ތެރެއިން ސަލާމަތްކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް، ރާއްޖޭގެ ވަކި ސަރަހައްދުތަކެއް އިސްތިސްނާ ނުވާނޭގޮތަށް މުޅިނިޒާމުގެ ފެންވަރުގައި އެޅުމަށް މިނިސްޓްރީއޮފް ހެލްތަށާ ސަރުކާރުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ގޮވާލަމެވެ. މިފަދަ މައްސަލަތައް ގިނަވެ، ސިއްޙީ ނިޒާމާއި ދޭތެރޭ އާންމުންގެ ތެރޭގައި އޮންނަންޖެހޭ އިތުބާރު ގެއްލިދިޔަ ނުދިނުމަށްޓަކައި މިފަދަ ހާދިސާތައް އެކަށީގެންވާ ފަންނީ ފެންވަރެއްގައި ދިރާސާކޮށް އެކަންކަން ހައްލުކުރުމަށް އެޅޭފިޔަވަޅާބެހޭ ސާފު މައުލޫމާތު އާންމުކޮށް ރައްޔިތުންނާ ހިއްސާކުރުމަށްވެސް މި ފުރުސަތުގައި މިނިސްޓްރީއޮފް ހެލްތަށް ދަންނަވަމެވެ.

Uthema