
![Jaaaga eh neiy-protest [Refty credit] uthema Jaaaga eh neiy-protest [Refty credit] uthema](https://uthema.org/wp-content/uploads/Jaaaga-eh-neiy-protest-Refty-credit-960.jpg)

ރައްޔިތުންގެ މަޖިލިހުން ޖިންސީކުށުގެ ޤާނޫނަށް ގެނެސްފައިވާ މުހިންމު އިސްލާހުތަކަށް މަރުހަބާ
ރާއްޖޭގެ ކުށުގެ ވެށީގައި ޖިންސީއަނިޔާގެ އެކި ބާވަތުގެ ކުށްތަކަކީ ޚާއްސަގޮތެއްގައި އަންހެނުންނާ އަންހެންކުދިން ތަހައްމަލް ކުރަމުންދާ ބޮޑެތި ޖަރީމާތަކެއްކަން ފާހަގަކުރަމުންދާތާ އަހަރުތަކެއްވެ، ޖިންސީ ކުށުގެ ޤާނޫނެއް ވުޖޫދަށް އައީ 2014 ވަނަ އަހަރުއެވެ. ނަމަވެސް އެ ޤާނޫނުގައިވާ މާއްދާތަކުގައި ހުރި އެތަކެއް އުނި ކަންތައްތަކެއްގެ ސަބަބުން އަނިޔާގެ ޝިކާރައަށްވާ ފަރާތްތަކަށް އިންސާފު ލިބުމަށްވުރެ ނުލިބުން އޮތީ ގާތްކަމަކަށް ވެފައެވެ. އެހެންކަމުން ރައްޔިތުންނާ މަދަނީ މުޖުތަމައުއިން ދަނީ މިކަންކަމާބެހޭ ގޮތުން އަޑުއުފުލާ ކެނޑިނޭޅި ކަންބޮޑުވުންތައް ފާޅުކޮށް އެކަންކަން ފާހަގަ ކުރަމުންނެވެ. އަދި މި ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލިހަށް ފޯރުކޮށްދެވުމުގެ ނަތީޖާއެއްގެ ގޮތުން އަދުގެ ޖިންސީ ކުށުގެ ޤާނޫނުގައިވާ ބައެއް އުނިކަންކަމަށް އިސްލާހު ގެނައުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވި، 29 ނޮވެމްބަރ 2021 ގައި ޖިންސީ ކުށުގެ ޤާނޫނަށް މުހިންމު އަދި ތަހުޒީބީ އިސްލާހުތަކެއް އެ މަޖިލިހުން ގެނެސްފައިވެއެވެ. އަދި މި އިސްލާހުތައް މަޖިލިހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ދިރާސާކޮށް، މަޖިލިހުގެ އާންމުވޯޓަށް ހުށަހަޅައި މެމްބަރުންގެ ފުރިހަމަ އަގުލަބިއްޔަތުން ފާސްކޮށްފައިވުމަކީ މި ޖަމްޢިއްޔާތަކުން މަރުހަބާކިޔާ ކަމެކެވެ.
ފާސްކުރެވިފައިވާ އިސްލާހުތަކުގެ ތެރޭގައި ޚާއްސަ ގޮތެއްގައި ރޭޕް ގެ ކުށާއި، ޖިންސީއަނިޔާ އަދި ޖިންސީ ގޯނާގެ ކުށް ސާފުއިބާރާތުން މާނަކުރެވިފައިވުމަކީ މުހިންމު ކުރިއެރުމެކެވެ. ޖިންސީކުށްތަކާއި ރޭޕްގެ ކުށްތަކަކީ ނޭއްގާނީ އަދި ލާއިންސާނީ ބޮޑު ޖަރީމާތަކެކެވެ. އަދި މިއީ އެ ޖަރީމާތަކުގެ ޝިކާރައަށްވާ ފަރާތްތަކުގެ މުޅި އުމުރަށް ސިއްހީގޮތުންނާއި އެހެނިހެން ގޮތްގޮތުން އޭގެ ޖިސްމާނީ އަދި ނަފްސާނީ ނޭދެވޭ އަދި ދިގުދެމިގެންދާ އަސަރުތައް ދިރިއުޅުމަށް ކުރުވާ ސީރިއަސް މައްސަލައެކެވެ. އަދި ކައިވެނީގެ ތެރޭގައި ކުރާ ރޭޕް އަކީ ހުރިހާ ހާލަތެއްގައިވެސް ރޭޕްކަމަށް ކަނޑައެޅި، މި އިސްލާހުތަކުގެ ތެރޭގައި ފާސްވެގެން ދިއުމަކީ ދެކުނުއޭޝިއާގައިވެސް މި ދާއިރާގެ ޤާނޫނުތައް ކުރިއަރާފައިވާ އެހެން ޤައުމުތަކާ ދިވެހިރާއްޖެ އެއްހަމަވެގެން އަދު އައިސްފައިވާ ކަމުގެ ހެއްކެކެވެ. މީގެ އިތުރުން ރޭޕްގެ ކުށް ތަހުޤީގުކުރުމުގައި ކަމާބެހޭ އިދާރާތައް ޒިންމާދާރު ކުރުވުމަށް ގެނެވިފައިވާ އިސްލާހުތައްވެސް ފާހަގަކުރަމެވެ. މިއީ މި ޖަމްއިއްޔާތަކުން އުފަލާއެކު ބަލައިގަންނަ އުންމީދީ އިސްލާހު ތަކެއްކަން ފާހަގަކުރަމެވެ. އަދި މި އިސްލާހުތަކުގެ ސަބަބުން ޖިންސީއަނިޔާއާއި ރޭޕްގެ ކުށުގެ ޝިކާރައަށްވާ ފަރާތްތަކަށް އިންސާފު ލިބުމުގެ މަގު ހަޤީގަތުގައިވެސް ފަހިވެގެން ދާނެކަމުގެ އުންމީދު އަދު ލިބިގެންދާކަން ފާހަގަކުރަމެވެ.
މި ޖަމްއިއްޔާތަކުގެ އެދުމަކީ ވީއެންމެ އަވަސް ފުރުސަތެއްގައި މި ޤާނޫނު ރައީސުލް ޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި، ޖިންސީއަނިޔާގެ ޖަރީމާއިން ދިވެހި މުޖުތަމައު ރައްކާތެރި ކުރުމަށް ޤާނޫނީގޮތުން ކުރެވެންހުރި އެންމެހައި ކަންކަން ލަސްނުކޮށް ތަންފީޒީ އިދާރާތަކުން ފެނިގެން ދިއުމެވެ. އަދި ޤާނޫނުގައި މިހާރު އޮތް ކަންކަމާއި އިސްލާހު ކުރެވޭ ކަންކަންވެސް ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކަމާބެހޭ މުއައްސަސާތަކުން، ޚާއްސަ ގޮތެއްގައި ތަހުޤީގީ އިދާރާތަކުން، ތަންފީޒުކުރުން އަވަސްކުރުމަށް ގޮވާލަމެވެ. އަދި މިފަދަ ބަދަލުތަކުގެ ސަބަބުން ކުށުގެވެށްޓަށް ހެޔޮ ބަދަލުތަކެއް އައިސް ކުށްކުރުން މަދުވެ، އެފަދަ ޖަރީމާތަކުގެ ޝިކާރައަށްވާ ފަރާތްތަކަށް އިންސާފު ގާއިމުކުރެވިގެން ދާތަން ފެނުމަކީ މިހާރުވެސް ލަސްވެފައި ވާކަމަކަށްވާތީ މިކަން އަވަސްކުރުމަށްވެސް މިފުރުސަތުގައި ރައީސުލް ޖުމްހޫރިއްޔާއަށާއި ސަރުކާރުގެ ތަންފީޒީ އިދާރާތަކަށް ގޮވާލަމެވެ.
