މިލިޔުމަކީ 2 މެއި 2017 ގައި ތައްޔިބް އިބްރާހީމްގެ އަމިއްލަ ބްލޮގްގައި ޝާޢިއުކޮށްފައިވާ ލިޔުމެކެވެ.
އުތެމަ ގެ ވެބްސައިޓުގައި މިލިޔުން ހިއްސާކުރަން ތައްޔިބްގެ އިޒްނަލިބިފައިވާތީ ޝުކުރު ރައްދުކުރަމެވެ.

click to visit website: WeAreYaamyn.com

އެކުވެރިއެއް ކަމުގައިވާ ޔާމީން ރަޝީދުގެ މަރުގެ ހަބަރުން ލިބުނު ސިހުން އަދިވެސް ފިލާނުދާއިރު، މިއަދު ހިތުގައި ގިނަގުނަ ސުވާލުތަކެއް އުފެދެމުން އެބައާދެއެވެ. އަނިޔާވެރި ގޮތަކަށް ޔާމީން މަރާލާފައިވާއިރު، އެމަރުގެ ފަހަތުގައި ތިބީ ކޮންބައެއްތޯ މިއީ އެންމެ ޖަވާބު ބޭނުންވާ އެއްކަމެވެ. އަދި އެ ލާއިންސާނީ އަމަލު ހިންގި ސަބަބަކީ ކޮބައިތޯ އެނގެންވެސް ބޭނުންވެއެވެ.

އަނިޔާވެރި ގޮތަކަށް ޔާމީން މަރާލާފައިވާއިރު، އެމަރުގެ ފަހަތުގައި ތިބީ ކޮންބައެއްތޯ
މިއީ އެންމެ ޖަވާބު ބޭނުންވާ އެއްކަމެވެ.

ޔާމީނުގެ މަރާލުން

ޔާމީނުގެ މަރާ ގުޅިގެން އެކި ފަރާތްތަކުން ފާޅުކުރަމުން އަންނަ ޝުއޫރުތަކަށް ބަލާއިރު، މިމަރަށް ހާއްސަ އަހައްމިއްޔަތުކަމެއްދެވޭ ދެސަބަބެއް އެބައޮތެވެ. އެއް ސަބަބަކީ، ޔާމީންގެ މަރާލުން ގިންތީވަނީ ރާއްޖޭގައި އަލަށް އިތުރުވަމުން އަންނަ ބާވަތެއްގެ މަރާލުމެއްގެ ތެރެއަށެވެ. މިބާވަތުގެ ހާދިސާތަކުގެ ތެރޭގައި ފާހަގަކޮށްލެވެނީ 2012ވަނަ އަހަރު ޔާމީން މަރާލާފައިވާގޮތާއި ދާދި އެއްގޮތަކަށް މަރާލާފައިވާ ޑރ. އަފްރާޝީމް އަލީގެ މަރެވެ. އެއަށްފަހު، 2014 ވަނައަހަރު ވަގަށްނަގާފައިވާ، އަދިވެސް ވީނުވިއެއް އެނގިފައިނުވާ އަހުމަދު ރިލްވާނުގެ މައްސަލައެވެ. ޑރ. އަފްރާޝީމާއި ރިލްވާން އަދި ޔާމީނަކީ ދިވެހިރާއްޖޭގައި އުފެދިގެންއައި ‘އައު ފިކުރުތަކެކެވެ’. އަދި ދީނީ ހަރުކަށި ކަމާދެކޮޅަށް ގަދަވަމުންއައި އަޑުތަކެއްވެސް މެއެވެ. ފުޅާދާއިރާއެއްގައި ބަލާއިރު، ބުއްދިކުރުމުގެ (causality) ފަލްސަފާއެއްގެ ތެރޭގައި މިތިން މީހުންގެވެސް ބަހުރުވަ ހިމަނާލެވެއެވެ. ދެވަނަކަމަކީ، ހާއްސަގޮތެއްގައި ޔާމީނުގެ މަރާގުޅިގެން އުފެދެމުންއަންނަ ތަފާތު ބަލައިނުގަތުމުގެ ހަރުކަށި ވިސްނުމެއް ރާއްޖޭގައި ހެސްކިޔާފައި ވައިގަ ހިފަމުންއަންނަ ކަމެވެ. އަލަށް މަދަރުސާތަކުން ނިކުންނަ ޒުވާން ބަޔަކު ދީނީ އިލްމުވެރިންގެނަމުގައި ހަރަކާތްތެރިވެ މިބަހުރުވަ ކުރިއެރުވުމުގައި އިސްދައުރެއް އަދާކުރާކަން ފާހަގަކުރެވެއެވެ. އަދި މިބަހުރުވަ ދީނާ ގުޅުވައި، ދީނުގެ އާލަމީ ރިވެތި ސިފަތަކަށް ބޭއިންސާފު ލިބޭނެ ބީދައަކުން ބަސްމަގު ބަހައްޓައި، ބުއްދިކުރުމަށް ވަކާލާތު ކުރާބަޔަކު މަރާލުމަކީ އެއްވެސް މައްސަލައެއްނެތް ކަމެއްގެ ގޮތުގައި ސިފަކުރާތަން ފެނެއެވެ. މިވިސްނުން ބޮޑަށް ވައްތަރީ ވައްހާބީ ފަލްސަފާއާއެވެ. މިވާހަކަތަކުގެ ތަފުސީލުން މިހިސާބުން އެކަހެރިވެ، މިލިޔުމުގެ މައިގަނޑު މައުލޫއަށް ޖެހިލާނަމެވެ. އާދެ، “ޔާމީނަށް އިންސާފު” ގެ މުރާދަކީ ކޮބާހެއްޔެވެ؟

ހާއްސަގޮތެއްގައި ޔާމީނުގެ މަރާގުޅިގެން އުފެދެމުންއަންނަ ތަފާތު ބަލައިނުގަތުމުގެ
ހަރުކަށި ވިސްނުމެއް ރާއްޖޭގައި ހެސްކިޔާފައި ވައިގަ ހިފަމުންއަންނަ ކަމެވެ.

ޔާމީނަށް އިންސާފު

ޖަސްޓިސް ފޯ ޔާމީން ނުވަތަ ޔާމީނަށް އިންސާފު، މިއީ ޔާމީނުގެ މަރާލުމާ ގުޅިގެން ގިނަބަޔަކު ބޭނުންކުރަމުން އަންނަ ބަސްކޮޅެކެވެ. ކުރު މިބަސްކޮޅުގެ މާނަ ފުންވެފައި، މާނަކުރެވޭގޮތްވެސް ގިނަކަމުގައި ފާހަގަކުރެވެއެވެ. އިންސާފު ބިނާވެގެންވަނީ ގާނޫނުގެ (Law) މައްޗަށެވެ. އާންމު (public) އަދި އަމިއްލަ (private) ބޭނުންތައް ރައްކާތެރިކުރުމަށާއި ސުލްހަމަސަލަސްކަން ޔަގީންކުރުމުގައި ގާނޫނުގެ ދައުރު އިންތިހާއެވެ. އިންސާފު ގާއިމުކުރުން މިނެކިރެވެނީ ބޭއިންސާފުގެ މާހައުލެއްގައެވެ. މިގޮތުން ގާނޫނާއި އިންސާފު ވަނީ ގުޅިލާމެހިފައެވެ. އަމަލުތައް އޭގެ ފައިދާއާއި ގެއްލުމުގެ މައްޗަށް ބިނާކޮށް ހުއްދަ ނުވަތަ މަނާކުރަނީ ގާނޫނުތަކުންނެވެ. މިހެންކަމުން އިންސާފުގެ ތަސައްވުރެއް ބަޔާންކުރަނީ ގާނޫނެވެ.

ކަންމިހެން އޮތްނަމަވެސް ޔާމީނު މަރާލުމާގުޅިގެން އިންސާފުގެ ބަހުރުވަވެސް މިވަނީ އާންމުމާހައުލު (public sphere) ގައި ދެކަފިވެފައެވެ. އިސްވެ ބުނެވުނު ވައްހާބީ ފަލްސަފާއަށް ބުރަވެ ވާހަކަދައްކާ މީހުންގެ ނަޒަރުގައި ޔާމީނުގެ މަރާލުން އެއީ އިންސާފުވެރި އަމަލެކެވެ. އެމީހުން މިގޮތަށްދެކެނީ ދީނީ ވަރަށް ހަނި ނަޒަރިއްޔާތެއްގެ ތެރެއިން ޔާމީނު ‘މުރުތައްދު’ ވެފައިވާކަމަށް ބުނެއެވެ. ނަމަވެސް މިކަމުގައި ދައުލަތުން އިންސާފު ގާއިމުކުރުމާވެސް ގުޅުމެއް އެބައޮތެވެ. މިހެން ވަކާލާތުކުރާމީހުން ދެކޭގޮތުގައި ދިވެހިދައުލަތުން އިންސާފު ގާއިމުކުރުމަށްވަނީ ނުކުޅެދިފައެވެ. އެހެންކަމުން، ޔާމީނުގެ މަރާލުން މައްސަލައަކަށް ނުވަނީ ދައުލަތުން އިންސާފު ގާއިމުކުރުމަށް ނުކުޅެދިފައިވާތީއެވެ.

މިއާހިލާފަށް، ޔާމީނަށް އިންސާފު ލިބުމަށް ވަކާލާތުކުރާ މީހުންގެ ނަޒަރުގައި ޔާމީނުގެ މަރާލުން އެއީ އިންސާނިއްޔަތުކަމުން އެކަހެރި، ޖާހިލު އަމަލެކެވެ. އަދި އެކަންކުރިބަޔަކު ހޯދާ، އެބަޔަކަށް ހައްގު އަދަބު ލިބެންޖެހެއެވެ. މިގޮތަށް ވަކާލާތު ކުރާމީހުންވެސް އުފައްދާ ސުވާލެއް އެބައޮތެވެ. އެއީ ދައުލަތަށް ޔާމީނަށް އިންސާފު ހޯދައިދެވިދާނެތޯ ކުރާ ސުވާލެވެ. މިސުވާލު ކުރަނީ ކުރީގައި ހިނގާފައިވާ ހާދިސާތަކުގެ މައްޗަށް ބިނާކޮށް، އެފަދަ ހާދިސާތަކަށް އިންސާފު ހޯދިފައިނެތުމުންނެވެ. މިސާލަކަށް ޑރ. އަފްރާޝީމްގެ މަރާލުމުގެ ހާދިސާއާއި، ރިލްވާން ވަގަށްނަގާފައިވާ ހާދިސާ ފާހަގަކޮށްލެވެއެވެ.

އިންސާފު ގާއިމުކުރުން މިނެކިރެވެނީ ބޭއިންސާފުގެ މާހައުލެއްގައެވެ.
މިގޮތުން ގާނޫނާއި އިންސާފު ވަނީ ގުޅިލާމެހިފައެވެ.

މިހެންކަމުން ޔާމީނުގެ އިންސާފާ ގުޅޭގޮތުން އެކިގޮތްގޮތަށް ވާހަކަދައްކާ މީހުންގެ މެދުގައި އެއްކަމެއްގައި އެބަ އެއްބަސްވުމަކަށް އާދެއެވެ. އެއީ ދައުލަތުން އިންސާފު ގާއިމުކުރުމުގައި ނުކުޅެދިފައިވާކަމެވެ. ގާނޫނީވެރިކަން (rule of law) ގާއިމުކުރުމަށް އެންމެ އަޑުހަރުކޮށް ވަކާލާތުކުރި މީހުންގެ ތެރޭގައި ޔާމީނުވެސް ހިމެނެއެވެ. އަހަރެންގެ ނަޒަރުގައި، އަދި މިލޔުން ލިޔުމުގެ ކުރިން އަހަރެން ވާހަކަދައްކާލި ބައެއްމީހުންގެ ނަޒަރުގައިވެސް، ޔާމީނަށް ފުރިހަމަ އިންސާފު ލިބުމުގައި ވަރަށްގިނަ ކަންތަކެއް ހިމެނެއެވެ. އޭގެތެރޭގައި ޔާމީނު ކުރަމުންއައި މަސައްކަތުގެ އަގު އޭގެ ފުރިހަމަ ގޮތުގައި ވަޒަންކުރުމާއި، އެމަސައްކަތައް ހީނަރުކަމެއް ނުގެނެސް ކުރިއަށް ގެންދިޔުން ހިމެނެއެވެ. އަދި ޔާމީނު މަރާލިބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު އެބަޔަކަށް ދިނުމަކީވެސް ޔާމީނަށް އިންސާފު ހޯދުމުގެ ބައެކެވެ.

ނަމަވެސް މިކަންކަން، ހާއްސަގޮތެއްގައި ގާތިލުން ހޯދައި އެމީހުންނަށް ހައްގު އަދަބުދިނުން، ބިނާވެފައިއޮތީ ދައުލަތުގެ ކުޅަދާނަކަމުގެ މައްޗަށެވެ. އެހެނީ، ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމާއި ކުރިއެރުވުމަކީ ދައުލަތުގެ ޒިންމާއަކަށް ވާތީއާއި އިންސާފު ގާއިމުކުރުމަކީވެސް ދައުލަތުގެ ޒިންމާއަކަށްވާތީއެވެ. ނަމަވެސް މިއަދުގެ ސިޔާސީ މާހައުލުގައި މިކަންވެދާނެކަމީ އުފެދޭ ބޮޑު ސުވާލެކެވެ. އިންސާފު ހޯދުމަށް ވަކާލާތު ކުރުމުގައި މުއައްސަސާތަކުގެ ދައުރު އަދާކުރުމަށް ބާރުއަޅާ ބަޔަކުއެބަތިއްބެވެ. ނަމަވެސް ވިސްނާލުން މުހިންމުކަމަކީ މުއައްސަސާތައް މަސައްކަތްކުރަނީ ހުސްކަމެއްގެތެރޭގައި ނޫންކަމެވެ. މުއައްސަސާތަކަކީ ސިޔާސީ ނިޒާމުގެ ތެރޭގައި ހިމެނޭ، އަދި ސިޔާސީ ނިންމުތަކުގެތެރެއިން ހިނގާތަންތަނެވެ. ފަންނީގޮތުން ކިތަންމެ ގާބިލުބަޔަކު މުއައްސަސާތަކުގައި ތިބިނަމަވެސް ސިޔާސީނިންމުންތަކުގެ މައްޗަށް ފަންނީ ގާބިލުކަން އަރައިގަނެވޭނެ ގޮތެއްއޮތްތޯ މިއީ އުފެދޭ ސުވާލެކެވެ. އަދި ސިޔާސީ ކަންކަން ބައްޓަންވެގެން އަންނަކީ ކޮންބައެއްގެ ނުފޫޒުގެ މައްޗަށްތޯ، މިއީވެސް ކުރުން މުހިންމު ސުވާލެކެވެ.

މި މަސައްކަތުގެ ބޮޑުކަމާއި ބިރުވެރިކަން އިންތިހާނަމަވެސް، މިއަދު ސޫތެއްހާތަން ދޫކޮށްލިނަމަވެސް، ދިވެހިރާއްޖޭގައި އިންސާފު ގާއިމުކުރުމަކީ ތާއަބަދުގެ ހުވަފެނަކަށްވެދާނެއެވެ.

މިދެކެވުނު ވާހަކަތަކުގެ އަލީގައި، ޔާމީނަށް އިންސާފު ހޯދުމަކީ ބުރަ އަދި ބިރުވެރި މަސައްކަތެއްގެ ގޮތުގައި އަހަރެން ސިފަކުރަމެވެ. ޔާމީނު މަރާލާފައިވަނީވެސް، ޔާމީނުގެ އެކުވެރިޔާ ރިލްވާނަށް އިންސާފު ހޯދުމުގެ ބުރަ އަދި ބިރުވެރި މަސައްކަތުގައި ވަނިކޮށެވެ. މި މަސައްކަތުގެ ބޮޑުކަމާއި ބިރުވެރިކަން އިންތިހާނަމަވެސް، މިއަދު ސޫތެއްހާތަން ދޫކޮށްލިނަމަވެސް، ދިވެހިރާއްޖޭގައި އިންސާފު ގާއިމުކުރުމަކީ ތާއަބަދުގެ ހުވަފެނަކަށްވެދާނެއެވެ.

އިބްރާހީމް ޠައްޔިބު އަކީ މިންތީގެހަމަހަމަކަމަށް ވަކާލާތުކުރާ، ދިވެހިރާއްޖޭގެ އިޖުތިމާއީ ދާއިރާގައި މިންތީގެހަމަހަމަކަމާއި ގުޅުންހުރިއެކި މައުލޫއުތަކަށް ތަމްރީނުދިނުމާއި އަހުލުވެރިކުރުމުގެ ޕްރޮގްރާމުތަކުގެ އެތަކެއްއަހަރުގެ އަމަލީތަޖުރިބާ ލިބިފައިވާ، އަދި މަދަނީޖަމުއިއްޔާގެ ދާއިރާގައި މިހާރުވެސް ޚިދުމަތްކުރަމުންދާ ފަރާތެކެވެ. ޠައްޔިބު އަކީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ދާއިރާއިން އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސިޑްނީ އިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތެކެވެ. އަދި ޠައްޔިބު ދިރާސާ ކުރުމުގެ ދާއިރާއިން ޝައުގުވެރިކަން ހުންނަނީ މިންތީގެ ހަމަހަމަކަމާއި އިސްލާމްދީނާ ގުޅޭގޮތުން ދިރާސާކުރުމަށެވެ.

ތައްޔިބު އަކީ އުތެމަ ގެ ލިޔުންތެރިއެކެވެ.

Uthema