ނަސަބު ސާބިތުކުރުމަށް ޖެހިލުންވުމާ ބަފާކަމުގެ ޒިންމާއިން ބަރީއަވުން : ދަރިންނަށް ވެވޭ އިހުމާލު

ފިރިހެނަކު ބޭނުންވީމާ ފޯމެއްގެ ޒަރިއްޔާއިން އަނބިމީހާ ވަރިކުރުމަކީ އޭގެ ޒާތުގައި އިދާރީ ކަމެކެވެ.
ނަމަވެސް އަންހެނަކު ފިރިއަކު ވަރިކުރުމަކީ ކޯޓަށް މައްސަލަ ހުށަހަޅައިގެން ކޯޓުގެ އިޒުނަލިބިގެން ކުރަންޖެހޭ، އެތައް އަހަރެއް އެކަމުގައި ހޭދަކުރަންޖެހޭ ބޮޑު ތަކުލީފެކެވެ.

ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ އާބާދީކުޑަ އެއް ޤައުމު ކަމަށްވީނަމަވެސް، ރާއްޖޭގެ މި ކުޑަ އާބާދީ އަކީ ނިސްބަތުން އެންމެ ވަރި ގިނަ ޤައުމެވެ. އަދި ދުނިޔޭގެ ވަރީގެ ރިކޯޑުވެސް އޮތީ ރާއްޖެއަށް ލިބިފައެވެ. ދީނީ ގޮތުން ވަރިއަކީ ނުރަނގަޅު އެއްޗެއްކަމަށް ޤަބޫލުކުރާ ކުރުމެއް އޮވެއެވެ. އަދި ކައިވެނި ކުރުމުގައި އަންހެނުންގެ ހުއްދަހޯދުމުގެ ސަޤާފަތެއް އޮތްނަމަވެސް، ވަރިކުރުމަކީ ފިރިހެނުންނަށް ނަހަމަ އަދި އާދަޔާޚިލާފު އިޚްތިޔާރަކާ ބާރެއް ދީފައިވާ އެއްޗެކެވެ. އާއިލާއާއި ބެހޭ ޤާނޫނެއް ފުރަތަމަ ފަހަރަށް 2000 ވަނަ އަހަރު ވުޖޫދުވެގެން ދިޔައިރު ރާއްޖޭގެ ވަރީގެ ރިކޯޑުގެ މައްސަލައަށް ފަރުވާ ހޯދާފައިވަނީ ވަރިކުރުމަކީ ފިރިހެނެއްގެ އަނގައިން ބުނެލުމުން ކުރެވޭ ކަމަކަށް ވުމުގެ ބަދަލުގައި ފޯމެއްފުރައިގެން ކޯޓަކަށް ހުށަހަޅައިގެން ކުރާ ކަމަކަށް ހަދައިގެންނެވެ. މީގެ ސަބަބުން ރާއްޖޭގެ ވަރީގެ ތަފާސްހިސާބަށް އެދެވޭ ބަދަލެއް އައިނަމަވެސް، ވަރިއަކީ ރާއްޖޭގެ ސަޤާފަތުގައި އާންމު ކަމަކަށްވުމާއެކު އެކަން ހިނގަމުންދެއެވެ. ކައިވެންޏަކީ އުސޫލެއްގެ ގޮތުން ތަސައްރަފް ފުދިފައިވާ ދެމީހެއްގެ މެދުގައި ވެވޭ އެއްބަސްވުމަކަށް ވީނަމަވެސް، ވަރިއަކީ އެގޮތަށް އޮންނަ ކަމެއްނޫނެވެ. ފިރިހެނަކު ބޭނުންވީމާ ފޯމެއްގެ ޒަރިއްޔާއިން އަނބިމީހާ ވަރިކުރުމަކީ އޭގެ ޒާތުގައި އިދާރީ ކަމެކެވެ. ނަމަވެސް އަންހެނަކު ފިރިއަކު ވަރިކުރުމަކީ ކޯޓަށް މައްސަލަ ހުށަހަޅައިގެން ކޯޓުގެ އިޒުނަލިބިގެން ކުރަންޖެހޭ، އެތައް އަހަރެއް އެކަމުގައި ހޭދަކުރަންޖެހޭ ބޮޑު ތަކުލީފެކެވެ.

އިނދެވަރިކުރުން މިހެން އޮންނައިރު، ކައިވެނި ރޫޅޭ ހާލަތުގައި ދަރިންބެލުމުގެ ޒިންމާއަކީ އަންހެންމީހާގެ ބޮލުގައި އުސޫލެއްގެގޮތުން އެޅޭ ޒިންމާއެކެވެ. އެއީ ސަބަބުތަކަކާ ހުރެއެވެ. ރާއްޖޭގެ ސަޤާފަތުގައި ދަރިންބެލުމުގެ ޒިންމާ އުފުލަނީ މައިގަނޑުގޮތެއްގައި އަންހެނުންނެވެ. ތަފާސްހިސާބަށް ބަލާނަމަ 2014 ގެ ބޯހިމެނުމުން ދައްކާގޮތުގައި ރާއްޖޭގައި %20 ކުދިންނަކީ ހަމައެކަނި މަންމަ ބަލަމުންދާ ކުދިންނެވެ އަދި ހަމައެކަނި ބައްޕަ ބަލާކުދިންނަކީ %1 އެވެ. ވަރީގެ ސަބަބުން އެތައް އަންހެނުންނެއް ބަދަލުވެގެންދަނީ “އެކަނިވެރި މައިން” ނަށެވެ. މައިން އެކަނިވެރި ވާތީ ދައުލަތުން އެމީހުނަށް މާލީއެހީވެސް ފޯރުކުރެއެވެ. ދައުލަތުގެ މި އެހީއަކީ އެކަށީގެންވާ މިންވަރުގެ އެހީއެއް ނޫންކަމަށް ވިޔަސް، އެއްވެސް އެއްޗެއް ނުލިބުމަށްވުރެ ލިބުން ރަނގަޅުވާތީ އެދެވޭ އެއްޗެކެވެ. ނަމަވެސް މިއީ ދެމެހެއްޓެނިވި ގޮތެއްގައި އާއިލާގެ މާލީ ހާލަތު ރަނގަޅުވެގެންދާނެ މައުނަވީ ފަރުވާއެއް ނޫނެވެ.  މައިން އެކަނިވެރިވެ ފަޤީރުވާ އެތައް ސަބަބެއް ހުރެއެވެ، އަދި އެކަމުގެ ވާހަކަ މިފަދަ ކުރު ލިއުމެއްގައި ހިމެނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް އެކަނިވެރި މައިން އެކަނިވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ފާހަގަކޮށްލެވޭ އެއްކަމަކީ ކައިވެނި ރޫޅިގެން ގޮސް ދެމަފިރިން ވަކިވުމުން، ދަރިންގެ ބައްޕަގެ ފަރާތުން ދަރިންނަށް ޚަރަދު ނުލިބުމެވެ. އޭނާގެ ދަރިންބެލުމުގެ މާލީ ޒިންމާ އޭނާ ނުނެގުމެވެ. އެހެންކަމުން ދައުލަތުން “ބަފާކަމުގެ” ޒިންމާ ނެގެނީ ރަމްޒީ ގޮތެއްގައެވެ. ދައުލަތުން ކުރަންޖެހޭ، ނަމަވެސް ނުކުރެވޭ ކަމަކީ ދަރިއަކަށް ޒިންމާނުނަގާ ފިރިހެންމީހާ ޒިންމާދާރު ކުރުމެވެ.

މި ދަންނަވާ އެކަނިވެރި މައިމީހާއަކީ ދަރިން ހޯދާ ބެލުމަށްޓަކައި ވަޒީފާގެކުރިއެރުމާ އޭނާގެ އަމިއްލަ މާލީތަނަވަސްކަން ދޫކޮށް، އޭނާގެ ހަޔާތުގަ ބައިވެރިވާ ފިރިމީހާއަށް ބަރޯސާވެ، ހިލޭސާބަހަށް އާއިލާއެއް އުފެއްދުމުގެ މަސްއޫލިއްޔަތު އުފުލަން ޖެހިފައިވާ މީހެކެވެ. އަދި  އުޖޫރަނުލިބޭ މި މަސައްކަތުގެ އިތުރުން ގިނަފަހަރު ނުރަސްމީ ދާއިރާގައި، ވަޒީފާގެ ރައްކާތެރިކަންނެތް މަސައްކަތެއްކޮށް، އާއިލާގެ މާލީހާލަތު ތަނަވަސްކުރަންވެސް މަސައްކަތްކުރާ މައެކެވެ. ނަމަވެސް ދިރިއުޅުމާ ކައިވެނީގެ ހާލަތު ބަދަލުވަމުންގޮސް ވަރީގެ ސަބަބުން އެކަނިވެރި މައެއްގެ ހާލަތަށް އަންހެންމީހާ ދިއުމުން، ކައިވެނީގެ ތެރޭގައި ފިރިމީހާ މަސައްކަތަށް ފޮނުވާފައި ގެދޮރާ ދަރިން ބަލަހައްޓަން ހުރި އަންހެންމީހާ އަށް، އެކަނިވެރި މަޔަކަށްވާ ވަގުތުގައި މާލީ ގޮތުން ފުދުންތެރިކަން ލިބޭނެގޮތެއް ފަހިވެފައެއް ނޯވެއެވެ. އެ ވަގުތުގައި އާއިލާ ދޫކޮށްފައިދާ ކުދިންގެ ބައްޕައަށް، ވަރިކުރުމަށްފަހު ދަރިންނަށް އަޅާނުލުމުގެ އިޚްތިޔާރުވެސް އޮންނަނީ ނިޒާމުގެ ތެރެއިން ވަރަށް ފުރިހަމައަށް ލިބިފައެވެ. އެހެންކަމުން އެކަނިވެރި މައިންނަށް ދަރިންބެލުމާ ޚަރަދު ބަރަދުގެ ޒިންމާވެސް އާޚިރުގައި އޮންނަނީ އުފުލަންޖެހިފައެވެ. ނަމަވެސް އާއިލާދޫކޮށްފައިދާ ކުދިންގެ ބައްޕަ އެ ޒިންމާއިން ބަރީއަވެ، އެހެން ކައިވެންޏަކަށް ގޮސް އަނެއްކާވެސް އެހެންއާއިލާއެއް ފެށުމަކީ ރާއްޖޭގައި ބަލައިގެންފައިވާ އާންމު ހަމައެކެވެ. އެއީ އޭނާއަށް ލިބިފައިވާ “ޙައްޤެއް” ކަމަށްވެއެވެ. ނަމަވެސް އެކަނިވެރިވި މައިމީހާ އެހެން ކައިވެންޏެއް ކޮށްފިނަމަ، އޭނާއަށް ދައުލަތުން ދެމުންދިޔަ އެކަނިވެރި މައެއްގެ އިނާޔަތް ލިބުން ހުއްޓުމުގެ އިތުރުން، އޭނާއަށް އޭނާގެ ދަރިން ގެއްލުމުގެ ބިރުވެސް އޮވެއެވެ.  ރާއްޖޭގެ އިޖްތިމާއީ އަދި ޝަރުއީ ނިޒާމުން މި ގޮތަށް މިކަންކުރާ ސަބަބަކީ އަމިއްލަ ދަރިންގެ ޚަރަދު ނުބަލާ ބަފައެއްވެސް، އާ އާއިލާއެއް ޤާއިމުކޮށް، އާ ދަރިން ބަލާނެކަމަށް ޤަބޫލުކުރާތީ ތާއެވެ. އަދި އާ ކައިވެންޏަކީ އެކަނިވެރި އެހެން މަޔަކާ ކުރާ ކައިވެންޏެއްނަމަ، އާ އަނބީގެ ކުރީގެ ފިރިމީހާ އަޅާނުލާ ދަރިންވެސް، ތިމާގެ އަމިއްލަ ދަރިންގެ ޒިންމާ ނުނެގި މީހަކު ނަގާނެކަމަށް ޤަބޫލުކުރާތީތާއެވެ.

ޒަމާނީ ސައިންސްގެ އީޖާދީ ވަސީލަތްތައް ބޭނުންކޮށްގެން ދަރިން ހޯދުމާ ނުހޯދުމަކީވެސް
އެކަމުގައި މައްސަލައުފެދޭ ކަމެއްނޫނެވެ.

ދާދި މިދާކަށްދުވަހު ރާއްޖޭގެ ހައިކޯޓުން ނިންމި ބަފާކަމުގެ ޒިންމާ އޮތްކަން ސާބިތުވުމަށް ޖާގަލިބިގެންދާނެ، “ޝަރުޢީ ޒިނޭ” ތޯ “ޤާނޫނީޒިނޭ” ތޯ ސާފުނުވި މައްސަލައިގާ ކަންހިނގާފައިވާގޮތަށް ނަޒަރު ހިންގާލާއިރު މިފަދަ ނިޒާމީ މައްސަލައެއް ފެންމަތިވާ ކަމަށް ބެލެވެއެވެ. ޒަމާނީ ސައިންސާއި ވަސީލަތްތައް ބޭނުންކޮށްގެން ޖިނާއީ ކުށްތައް ސާބިތުކުރުމަށް ޑީ.އެން.އޭ އަކީ އުސޫލެއްގެ ގޮތުން ބޭނުންކުރެވޭނެ ވަސީލަތެއް ކަމަށް ރާއްޖޭގެ ޝަރުޢީ ނިޒާމާ ޤާނޫނުތައް ބަލައިގަނެއެވެ. އިންސާނެއް މެރުމުގެ ކުށުގައިވެސް ހެކީގެގޮތުގައި ޑީ.އެން.އޭ ބޭނުންކުރެވެއެވެ. އެކި ހާލަތްތަކުގައި ފޮރެންސިކް ސައިންސްގެ ބޭނުންކޮށްގެން ލިބެންހުންނަ މައުލޫމާތު ހެކީގެ ގޮތުގައި ބޭނުންކުރުމަކީ އާންމު ކަމެކެވެ. ޖިންސީ ކުށްތަކުގައިވެސް ފޮރެންސިކް ސައިންސް ބޭނުންކުރެވޭހިނދު ޖިންސީ ގުޅުމުން އުފަންވާ ދަރިންގެ ނަސަބު ސާބިތު ނުކުރެވުމަކީ ހަމަޖެހޭ ހުއްޖަތެއް ތޯއެވެ؟ އަދި ހަމަ ޒަމާނީ ސައިންސްގެ އީޖާދީ ވަސީލަތްތައް ބޭނުންކޮށްގެން ދަރިން ހޯދުމާ ނުހޯދުމަކީވެސް އެކަމުގައި މައްސަލައުފެދޭ ކަމެއްނޫނެވެ. ނަމަވެސް އިންސާނެއް ދުނިޔެއަށް އައުމާގުޅޭގޮތުން ތުއްތު ދަރިއެއްގެ ނަސަބު ކަށަވަރުކުރުމަށް އެފަދަ ޒަމާނީ ވަސީލަތެއް ބޭނުންކުރުމަކީ އެކަށީގެން ނުވާ “ހަރާމް” ކަމެއްކަމަށް ނިންމުމަކީ ކޮން ވިސްނުމަކުން އާދެވޭ ހިސާބެއްތޯ ސުވާލުއުފެދެއެވެ. ކަމުގެވަށައިގެން ބަލައިލުމުން އަނެއްކާވެސް ސިފަވަނީ ފިރިހެނުން އަމިއްލަ ދަރިންނަށް އުފުލަންޖެހޭ ޒިންމާއިން ބަރީއަވުމަށް ކޮށިފައިއޮތް މަގެއްގެ ގޮތުގައެވެ.

ހައިކޯޓުގެ 17 ޑިސެމްބަރ 2020 ގެ ނިންމުމުގެ 4.5 ވަނަ ނުކުތާގައި މައްސަލައިގާ އޭނާގެ މަސްލަހަތު އެންމެ އިސްވެގެންވާ ތުއްތުކުއްޖާއަކީ “މައްސަލައިގާ ނުހިމެނޭ” ކުއްޖެއް ކަމަށް ފާހަގަކޮށްފައިވުމަކީ ކުޑަދަރިފުޅުގެ މަސްލަހަތައް އެއްވެސް މިންވަރަކަށް ބެލިފައިނެތްކަމުގެ ދަލީލެއްކަމަށް ބެލެވެއެވެ. ކުޑަކުއްޖާގެ މަސްލަހަތު އިސްކުރެވިފައިވާނަމަ، މި ހުކުމުން އޭނާގެ ނަސަބު ކަށަވަރު ކުރެވިގެންދާނެ ކަމަށް ޤަބޫލުކުރެވެއެވެ. ނަމަވެސް ކަންހިނގާފައިވާގޮތަކީ ކުޑަކުއްޖާގެ މުޅިހަޔާތަށް އޭނާއަކީ “ބައްޕަނެތް” ކުއްޖެއްގެ ގޮތަށް މުޖުތަމައު ސިފަކުރާނޭ ކުއްޖަކަށް ވެގެން ދިއުމެވެ. ދިވެހި މުޖުތަމައަކީ މިފަދަ މައުސޫމުކުދިން އިތުރަށް ނިކަމެތިކޮށް އެކުދިންގެ ބޮލުގައި އަޅުވަން ހެޔޮނުވާނެ އިލްޒާމުތައް އަޅުވާ، ދާއިމަށް ލަގަބެއްގެ ގޮތުގައި “ނަހަލާލު” ކަމަށް ކަނޑައަޅައި އިނގިލިދިއްކޮށް، ނިޒާމީފެންވަރުގައި އެކުދިންނަށް އިހުމާލުވާ މުޖުތަމައެކެވެ. މި ނާތަހުޒީބު ނިކަމެތިކަން މައުސޫމު ކުދިންނަށް ދިނުމުގައި ޝަރުއީ ނިޒާމު ޝާމިލުވާކަން ތާރީޚާ ސަޤާފަތް ހެކިދެއެވެ. އަދި ޑީ.އެން.އޭ “ހަރާމް” ކޮށް، ހައި ކޯޓުގެ ނިންމުމުގައި އިސްކުރެވިފައިވަނީ އަނެއްކާވެސް ޒިނޭގެ ތުހުމަތުން ބަރީއަވާން މަސައްކަތްކުރާ ފިރިހެންމީހާގެ މަސްލަހަތެވެ. ރާއްޖޭގެ ތަފާސްހިސާބުން އެނގެންއޮތް ޙަޤީގަތަކީ ޒިނޭގެ ތުހުމަތަކީ %80 އަށްވުރެ މަތީއަދަދަކަށް ހަމައެކަނި އަންހެނުންނަށް “ސާބިތުވާ” ކުށެއްކަމެވެ. އެއީ ކައިވެނިންބޭރުން ވިހާ ކުދިންގެ ނަސަބު ސާބިތުކުރަން އޮންނަ ޖެހިލުންވުމެއްގެ ސަބަބުން ނޫންތޯއެވެ؟ އަދި ފިރިހެނުން އެމީހުންގެ އާއިލީ ޒިންމާއިން ރެކެން ކޮށާދެވިފައިވާ މަގެއް ނޫންތޯއެވެ؟ އަންހެނުންނާ ކުޑަކުދިންނަށް ނިކަމެތިކަމާ ބިކަވުމުގެ ހާލަތުއުފައްދާ ނިޒާމެއް ރާއްޖޭގައި ހިނގަމުންދާ ކަމީ ޝަރުއީ ނިޒާމާއި ދައުލަތް ހިންގުމުގެ ނިޒާމުގެ އެންމެބޮޑު އެއް އިހުމާލެވެ.

ފިރިމީހާ އަށް އެއްދާން ކުރެވެނީ އަނބިމީހާއާއިތޯ ނޫންތޯކަމުގެ ހޭވެރިކަން ނުވުމަކީވެސް ހަމަ ފިރިހެނުންނަށް ވީތީ ބަލައިގަނެވޭނެ ހަމައެއް ކަމަށް ފަތުވާ ކޮމިޓީއިން ދުށުމަކީ
ރާއްޖޭގެ އިޖްތިމާއީ ފޭރާމަށް ލިބޭ ކުރިއެރުމެއްތޯވެސް ސުވާލުއުފެދެއެވެ.

ހައިކޯޓުގެ ނިންމުމުގެ 4.8 ވަނަ ނުކުތާގައި “ޒިނޭކޮށްގެން ލިބޭ ދަރިން ނިސްބަތްވާ ފިރިހެނަކު ހޯދުމަށް ޑީ.އެން.އޭ ޓެސްޓު ހެދުމަކީ ހުއްދަނޫން ހަރާމް ކަމެއްކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ” މަޖިލިހުން ކަނޑައަޅާފައިވާ ކަމަށް ރިއާޔަތް ކޮށްފައި އޮތް އޮތުމަކީ ކޮން ހަމައެއްގެ ދަށުން ޝަރުއީ ހުކުމަކަށް ވާގިދޭ ކަމެއްތޯ ސުވާލުއުފެދެއެވެ. މި ފަތުވާއިން ސިފަވެގެންދަނީ ފިރިހެނުންނަކީ ހިއްސުތަކުގެ ގޮތުން ބަލިކަށި އަދި ނުކުޅެދުންތެރި ބައެއްގެ ގޮތުގައެވެ. އޭގައި ނަސަބު ސާބިތުކުރަން ނުޖެހޭ ހާލަތެއްގެ ގޮތުގައި ހިމަނާފައިވާ އެއް މިސާލަކީ “ތިމާ ނިދާ އެނދުގައި އޮށޯންނަ ވަގުތު އެނދުގައި ނިދާފައިއޮތް ތިމާގެ އަނބިމީހާގެ އުޚުތާއާ އެއްދާން ކުރުން” އެއީ ވެސް ބަލައިގަނެވޭ ހާލަތެއް ކަމެވެ. އެހެންކަމުން ތިމާ ނިދާ އެނދުގައި އޭނާއާއި ކައިވެނި ކޮށްފައިނުވާ “އަނިބިމީހާގެ އުޚުތާ” އާއި އެއްދާން ކުރުމުން ލިބޭ ދަރިއެއްގެ ނަސަބު އޭނާއަށް ސާބިތުވާނޭ ގޮތެއް މުޅިއަކުން ސާފުވާ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ފިރިމީހާ އަށް އެއްދާން ކުރެވެނީ އަނބިމީހާއާއިތޯ ނޫންތޯކަމުގެ ހޭވެރިކަން ނުވުމަކީވެސް ހަމަ ފިރިހެނުންނަށް ވީތީ ބަލައިގަނެވޭނެ ހަމައެއް ކަމަށް ފަތުވާ ކޮމިޓީއިން ދުށުމަކީ ރާއްޖޭގެ އިޖްތިމާއީ ފޭރާމަށް ލިބޭ ކުރިއެރުމެއްތޯވެސް ސުވާލުއުފެދެއެވެ. މިފަދަ ސުލޫކީ މިންގަނޑަކަށް ރާއްޖޭގެ ޝަރުއީ ނިޒާމު ބަރޯސާވުމަކީ ހައިރާންކަން އުފެދި ކަންބޮޑުވާ ކަމެކެވެ.

މާތް ﷲގެ ހަޞްރަތުގައި ކޮންމެ އިންސާނެއްވެސް ހަމަހަމައެވެ.

ވަރިގިނަ ދިވެހިރާއްޖޭގައި ވަރިކުރުމުގެ ނަހަމަ އިޚްތިޔާރު ލިބިފައިވަނީ ފިރިހެނުންނަށެވެ. ވަރިކޮށްފައި ދަރިންނަށް ޚަރަދު ނުކުރާ ބައްޕަގެ އިހުމާލު ފޫބައްދަން ދައުލަތުން “އެކަނިވެރި މައިންނަށް” ދޭން ނިންމާފައިވަނީ ދެކޮޅުނުޖެހޭ، ރަމްޒީ މާލީ އެހީތެރިކަމެކެވެ. މީގެ އިތުރުން ފިރިހެނުން އެމީހުންގެ ދަރިންނަށް ޒިންމާނެގުމަށް ނިޒާމީ ހައްލެއް ގެނެވިފައެއް ނެތެވެ. ކައިވެނީގެ އެތެރެއިންނާ ބޭރުން ދަރިން ލިބުމަކީ އިންސާނީ މުޖުތަމައުގެ ޒަމާންވީ ޙަޤީގަތަކަށް ވާއިރު، މި ކަމުގައި ވެސް ފިރިހެނުންނަށް ނިޒާމުގައި ކޮށާދީފައިވަނީ ދޮގުހަދައިގެން ޒިންމާއިން ބަރީއަވުމުގެ މަގެވެ. މިކަން ކަށަވަރުވެގެންދަނީ ތަފާސްހިސާބުގެ އަލީގައެވެ. ޒަމާނީ ސައިންސާއި ވަސީލަތްތައް ބޭނުންކޮށްގެން ދަރިން ހޯދުމާ ނުހޯދުމަކީވެސް ހަރާމްކަމެއް ނޫނެވެ. ނަމަވެސް ދަރިއެއްގެ ބައްޕަ އަކީ ކާކުކަން ހަމަ އެފަދަ ޒަމާނީ ވަސީލަތެއް ބޭނުންކޮށްގެން ހޯދުމަކީ ހަރާމްކަމަކަށްވަނީ ހެދިފައެވެ. ކަންހިނގަމުންދާ ގޮތުގެ ޙަޤީގަތްތަކަށް ނަޒަރުކުރުމުން ފެންނަންއޮތް މަންޒަރަކީ މިފަދަ ކަންކަން ރާއްޖޭގައި އޮންނަންވާ ގޮތްކިޔަން ތިބެނީވެސް ހަމަ ފިރިހެނުންކަމެވެ. އަދި މިގޮތަށް ނިޒާމު އުފައްދާ ދަމަހައްޓަމުންދާ ގޮތާދޭތެރޭ ވިސްނާލުމުން ފެންނަނީ މުޅިނިޒާމަކީ ދަރިންގެ ނަސަބު ސާބިތުކުރުމަށް ޖެހިލުންވާ، ބަފާކަމުގެ ޒިންމާއިން ބަރީއަވުމަށް މަގުފަހިކޮށް، އަންހެންމީހާ އާއި މައުސޫމުކުއްޖާ ކުށްވެރިކޮށް، “ނަހަލާލު” ކޮށް، މުޖުތަމައިން އެކަހެރިކޮށް، ބިކަކުރުމަށް ވާގިދޭ ނިޒާމެއްގެ ގޮތުގައެވެ. އާއިލީ އަދި އިޖްތިމާއީ ދުޅަހެއުކަމުގެ ނަޒަރުން ބަލާނަމަ މި ނިޒާމަކީ ބަފައިން ދަރިންނަށް އިހުމާލުވުމަށް ފަހިކޮށްފައިވާ ނިޒާމެކެވެ. ދަރިންނަކީ ދެމީހެއްގެ ގުޅުމަކުން ހޯދާ ދެމީހުންގެ ޒިންމާ ހަމަހަމައަށް އޮންނަންވާނެ އަމާނާތަކަށްވާއިރު، އެ މަސްއޫލިއްޔަތުން ފިރިހެނުން ބަރީއަވުމަށް މަގުކޮށާ ނިޒާމެއް އުފެދިފައިވަނީ ރާއްޖޭގައި އަށަގެންފައިވާ އަބަވީނިޒާމުގެ ސަބަބުން ކަމުގައި ޝައްކެއްނެތެވެ. މިއީ ދީނީ ގޮތުން އެކަށީގެންވާ ހަމަތަކާ އުސޫލުތަކުގެ އިމުގެތެރޭގައި އޮތް ނިޒާމެއް ކަމަށް ބެލެވޭނެ ޖާގަނެތް ސަބަބަކީ، އިސްލާމް ދީނަކީ އަދުލްވެރި ކަމާ، އިންސާފާ، އިންސާނީ ކަރާމާތާ، ޙައްޤުތަކާ، އިޖްތިމާއީ މަސްލަހަތާ ހަމަޖެހުމަށް އިސްކަންދޭ ދީނެއްކަމަށްވާތީއެވެ. މާތް ﷲގެ ހަޞްރަތުގައި ކޮންމެ އިންސާނެއްވެސް ހަމަހަމައެވެ.

ހުމައިދާ ޢަބްދުލްޤަފޫރު އަކީ އިޖްތިމާޢީދާއިރާގައި ދިވެހިރާއްޖޭގައި އަންހެނުންގެ ހާލަތުދެނެގަތުމުގެ އެކިމައުޟޫޢު ދަސްކޮށް، ދެނެގަނެ ދިރާސާކުރުމުގެ މަސައްކަތްކުރާ ފަރާތެކެވެ. އޭނާ ރާއްޖޭގެ އަދިރާއްޖެއިންބޭރުގެ އެކި މަދަނީޖަމުޢިއްޔާތަކާއި ގުޅިގެން މަސައްކަތްކުރެއެވެ. އ.ދ ގެ އަންހެނުންގެ ޖަމުއިއްޔާގެ އިންޑިއާ، ބޫޓާން، ޝްރީލަންކާ އަދި ދިވެހިރާއްޖެ ހިމެނޭ ސަރަހައްދީ އޮފީހަށްލަފާދޭ މަދަނީޖަމުއިއްޔާގެ އިސްތިޝާރީގުރޫޕުގައި 2015-2017 އަށް އޭނާ ޚިދުމަތްކުރިއެވެ. 
ހުމައިދާ އަކީ އުތެމަ ގެ ލިޔުންތެރިއެކެވެ.

 

Uthema