Photo credit: Vonadhona Raajje FB

ސިޔާސަތު ކަނޑައަޅާމޭޒުން ޖާގަލިބިއްޖެނަމަ…

ހުވަފެނަކަށްވާނީ އުޅެން ފަސޭހަ ހިތްގައިމު މާލެއެއްގައި ދިރިއުޅުމެވެ.

މާލޭގައި ދިރިއުޅޭ ކޮންމެ މީހެއްގެވެސްު ހުވަފެނަކަށްވާނީ އުޅެން ފަސޭހަ ހިތްގައިމު މާލެއެއްގައި ދިރިއުޅުމެވެ. މާލެއަކީ ދުނިޔޭގައިވެސް އެއްމެ ބައިބޯ ސިޓީއެވެ. އަދިވެސް އިމާރާތްތައް އަރަނީ މައްޗަށެވެ. މިތަންތާއުޅޭ މީހުން ދުވަހެއްދުވަހަކުން ގިނަވަނީއެވެ. އަރާމުގައި މިމާލޭގެ އެންމެނަށް ދިރިއުޅެވޭނެ ތަނަކަށް ހެދިދާނެކަމަށް ގިނަ މީހުން ޤަބޫލެއްނުކުރެއެވެ. އެމީހަކާ އެމީހެއް އުސޫލުން “ތަރައްޤީ” ކުރަނީއެވެ. މިނޫން ދުވަހެއް ފެންނާނީ ކިހިނަކުންތޯ ކޮންމެދުވަހަކު އަހަރެން ފިކުރުކުރަމެވެ. މިގޮތުން ސިޔާސަތު ކަނޑައަޅާމޭޒުން ޖާގައެއް ލިބިއްޖެނަމަ އަހަރެން މާލޭގެ ކަންކަން ބަދަލުކުރާނެގޮތާމެދު ހުރި ޚިޔާލު މިކިޔާދެނީ އެވެ.
އާންމު ތަންތަނުން އެ ޤައުމެއްގެ ޢިޖުތިމާއީ ހާލަތު ވަރަށް ފަސޭހައިން ވަޒަންކޮށްލެވޭނެއެވެ. އާންމު ތަންތަންކަމަށް މިބަލަނީ މަގުމަތި، ޕާކުތައް އަދި ސުކޫލު، ހޮސްޕިޓާ ފަދަ އާންމު ހިދުމަތްދޭ ތަންތަނެވެ. މިގޮތުން 1.92 އަކަކިލޯމީޓަރުގެތެރެއިން ގާތްގަނޑަކަށް 20 އިންސައްތަ އަކީ މާލޭގެ މަގުތަކެވެ. އެންމެ ފުރަތަމަ އިސްކަންދޭނީ މަގުމަތި އެންމެނަށް ރައްކާތެރި ކުރާށެވެ.

މިފަދަ ހިތްފަސޭހަ ދިރިއުޅުމަކީ ކޮންމެ ފަންތިއެެއްގެ މީހަކުވެސް ބޭނުންވާގޮތެވެ.

މަގުތަކުގައި ދެބައިކުޅަ އެއްބައި ބޭނުންކުރަނީ ދުއްވާއެއްޗެހި ޕާކުކުރާށެވެ. ގިނަ މަގުތަކުގައި ހިނގާ މީހުންނަށް ރައްކާތެރިކޮށް ހިނގޭނެ އެއްވެސް ގޮތެއް ނޯވެއެވެ. މިމަގުތައް ނުރައްކާވަނީވެސް އަހަރެމެން ދިވެހިންގެ ބޭނުންތަކާއި އާދަތައް ހުންނަގޮތުންނެވެ. ކޮންމެ މީހަކުވެސް ތަންތަނަށް ފަސޭހައިން އަދި އަވަހަށް ދާންބޭނުންވެއެވެ. މަގުތަކުގައި ހިޔާވެ ފިނީގައި އުޅެންބޭނުންވެއެވެ. ކުޑަކުދިން ގޮވައިގެން ރައްކާތެރި ކޮށް ހިނގަން ބޭނުންވެއެވެ. މިފަދަ ހިތްފަސޭހަ ދިރިއުޅުމަކީ ކޮންމެ ފަންތިއެެއްގެ މީހަކުވެސް ބޭނުންވާގޮތެވެ. މިގޮތުން އެކަކުވެސް ބާކީނުކޮށް ތަރައްޤީގެ ފޮނިމީރުކަން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނީ ހުރިހާ ފަންތިއަކަށްވެސް މިކަން ފަހިކޮށްދެވިގެންނެވެ. މިއީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނިތަކުގެ އެންމެ މުހިންމު މަފްހޫމެވެ.
މަގުމަތީގައި އެންމެ ނިކަމެތީންނޭ މިބުނާމީހުންނަކީ އުމުރުން ދުވަސްވީ މީހުންނާ ، ތުއްތުކުދިންނާ، ޙާއްސައެހީއަށް ބޭނުންވާ ކުދިބޮޑު އެންމެން، އަދި ޖުމުލަގޮތެއްގައ ފައިމަގުގައި އުޅޭ މީހުނެވެ. މަގުތައް ފަރުމާކުރުމުގައި ކޮންމެ މަގަކަށްވެސް މިފަދަ މީހުންނަށް އަމިއްލަ މިނިވަންކަމާއެކު ހިނގާ ބިނގާވެ އުޅެވުމަކީ އެންމެންނަށްވެސް މާލޭގެ މަގުމަތި ހިތްފަސޭހަވުމެވެ. މިކަން ހަޤީގަތަކަށް ހެދޭނީ ކޮންމެ މަގަކުންވެސް ހިނގާބިނގާވެ އުޅުމަށާއި ގެދޮރަށް ވަދެ ނިކުމެ އުޅުމަށް ދުއްވާއެއްޗެހީގެ ނުރައްކާ ނެތުމެވެ. މިއީ ހުވަފެނެއްކަމަށް ގަބޫލުކުރާމީހުން ގިނަވުން އެކަށީގެންވެއެވެ. ނަމަވެސް މިތަސައްވުރަކީ ސަރުކާރުގެ ސިޔާސަތަކަށް ހެދިއްޖެ ނަމަ، ފިޔަވަހި ފިޔަވަހިން މިއަމާޒަށް ވާސިލުވުމަށް ކުރެވިދާނެ ކަންކަން ފާހަގަ ކޮށްލާނަމެވެ.
1. މަހަކު އެއްދުވަހު ހަމައެކަނި ހިނގާފަ އޮފީހަށް ނުވަތަ ސްކޫލަށްދާ ދުވަހެއް ކަނޑައެޅުން. މިފަދަ ދުވަސްތައް ގިނަކުރަމުންގޮސް ކޮންމެދުވަހަކީ ވެސް ހިނގާފާއުޅޭ ދުވަސްގޮތައް ބޭއްވުން.
2. ހިނގާ ދުވަހަކީ، މަގުތައް އަމާން ދުވަހެއްކަމަށް ކަށަވަރުކުރުމަށް ޕޮލިހުގެ އެހީތެރިކަން ލިބުން އަދި، އެދުވަހަކީ މުދާބަރުކޮށް އުފުލާމީހުނަށް ހަމައެކަނި ރޭގަނޑު އެމަސައްކަތް ކުރެވޭދުވަހަކަށް ހެދުން.
3. އަމިއްލަ މީސްމީހުންގެ އުޅަނދު ރަޖިސްޓްރީ ކުރުން ކޮންޓްރޯލުކުރުން. ހަމައެއާއެކު އާންމުންނަށް ފަސޭހައިން ތަންތަނަށް ދިޔުމަށް ބަގީ ސިސްޓަމެއް ބޮޑެތި މަގުތަކުގައި ދުއްވުން. ނުވަތަ ގިނަ މީހުންނަށް ބޭނުންކުރެވޭގޮތައް ބައިސްކަލު ސިސްޓަމެއް ގާއިމުކުރުން
4. ހަނިގޯޅި ގޯޅި އަކީ ދުއްވާ އެއްޗެތި ޕާކުކުރުން މަނާ ތަންތަނަށް ހަދާ ހަމަ އެކަނި ހިނގާ މީހުންނަށާއި ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަށް ގެންގުޅޭފަދަ ފުރޮޅުލީ އެއްޗެއްސަށް ޚާއްސަކުރުން.
5. ދުވާރުމަތިން ގެދޮރަށް ވަނުމަށް ޚާއްސަ އެހީއަށް ބޭނުންވާމީހުންނާއި ކުޑަކުދިންލައިގެން ދުއްވާ ފުރޮޅުލީ ގޮޑި އަށް ފަސޭހައިން އަރާފޭބޭނެގޮތްހެދުން.
6. ކޮންމެ މަގަކީވެސް ހިނގާ މީހުންނަށް ހިޔާވާމަގެއް ކަމުގައި ހެދުމަށް ހިޔާލިބިދޭފަދަ ގަސްއިންދުން.
7. ކޮންމެ ހުކުރުދުވަހަކީ އެމީހެއްގެ ގޭދޮށް ސާފުކުރާދުވަހަކަށް ހެދުން. މިދުވަހު ކުނިއުކާ ނިޒާމުގެ އެހީގައި އެއްކުރާ ކުނި އުކާލުން.

އަހަރެންވެސް 25ން25އަށް ތާއީދުކުރަމެވެ.

މިސިޔާސަތައް އެންމެ ގިނަމީހުންގެ ސުވާލަކަށްވާނީ ކުދިން ތަންތަނަށް ފެރީކުރުމަށް ދިމާވާ ދަތި، ހޫނުގައި އެކިތަންތަނަށް ދާންހޭދަވާ ވަގުތު، ކުދިން އެކަނި ސްކޫލައް ދިޔުމަށް ހުރި ނުރައްކާ ފަދަ ކަންބޮޑުވުން ތަކެއްކަމަށް ޤަބޫލުކުރެވެއެވެ. ނަމަވެސް މިފަދަހުރަސްތަކާހުރެ، މިސިޔާސަތު ތަންފީޒުނުކުރުމަކީ އެއްވެސް ހުއްޖަތަކަށްނަހަދާ ސަރުކާރުން މިކަން ފަހިކުރުމަށް ކުރަންހުރި ކަންކަން ދެނެގަނެ އެގޮންޖެހުންތައް ނައްތާލުމަކީ މިދެންނެވި ސިޔާސަތުން އެންމެ ނިކަމެތި މީހާއަށްވެސް އޭގެ މަންފާ ކުރާނެ ކަންކަމެވެ. އިޤްތިޞާދީ ބޭނުންތައް ފަދައިން އިޖުތިމާއީ އަދި ނަފްސާނީ ދުޅަހެޔޮކަން ހާޞިލްކުރުމަށް މިފަދަ ސިޔާސަތެއް ތަންފީޒު ކުރުމަކީ މުޖުތަމައުގެ ހުރިހާ އެންމެންވެސް ބާއްޖަވެރި ދިރިއުޅުމެއް ޤާއިމު ކުރަން އެޅޭމުހިންމު ފިޔަވަޅެކެވެ. ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ދިވެހިރާއްޖެ ދަތުރުކުރާނަމަ އެކަކުވެސްބާކީނުކޮށް އެންމެ ދުރުގައިވާ މީހާވެސް ގޮވައިގެން އެންމެން ދުޅަހެޔޮ ސިއްހަތެއްގައި ކުރިއަށްދާނެ ގޮތެކެވެ.

އަހަރެންވެސް 25ން25އަށް ތާއީދުކުރަމެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ގައިންގަޔަށްނާރާ ބަލިތައް މަދުކުރުމަށް ހިންގާ ކެމްޕޭންގެ ޝިޔާރެވެ.

ޝާދިޔާ އިބްރާހިމް އަކީ އދ. ގެ އާބާދީ ޖަމުޢިއްޔާ ގައި 1997 ވަނަ އަހަރުން ފެށިގެން ޢިޖްތިމާއީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަފަރާތެކެވެ. ޚާއްސަގޮތެއްގައި އަންހެނުންގެ ތަރައްޤީގެ މަސައްކަތްތަކުގައި ޝާދިޔާއަކީ ތަފާތު ގިނަގުނަ ތަޖުރިބާލިބިފައިވާ ފަރާތެކެވެ. ޝާދިޔާ އަކީ އުތެމަ ގެ ލިޔުންތެރިއެކެވެ.

Uthema