

ނޫސްބަޔާން
18 ސެޕްޓެމްބަރު 2018
ހދ.ކުޅުދުއްފުށި ކުޅީގެ ބާކީއޮތްބައި ހިމާޔަތްކުރުމަށް މަދަނީ ޖަމިއްޔާތަކުން ގޮވާލަން
ހދ.ކުޅުދުއްފުށީގައި އެއަރޕޯޓެއް އެޅުމަށްޓަކައި ރާއްޖޭގައި އޮތް ޤުދުރަތީ ގޮތުން އެންމެ މުއްސަނދި އެއް ކުޅިކަމުގައިވާ ހދ.ކުޅުދުއްފުށީ ކުޅިން ބޮޑުބައެއް ހިއްކުމުގެ ސަބަބުން، އެކުޅިއަށް ވަނީ އިޔާދަ ނުކުރެވޭފަދަ ބޮޑެތި ގެއްލުން ލިބިފައެވެ. މިފަދަ ބޮޑު ޖަރީމާއެއް ހިންގީ ކުޅުދުއްފުށީގެ ކުޅީގެ ހާލަތާއި ބޭނުން ދެނެގަންނަށް ކޮށްފައިވާ ދިރާސާތަކަށް ބެލުމެއްނެތި، އަދި ކުޅި ހިމާޔަތް ކުރުމަށް ގޮވާލާ، ކުޅީގެ ބޮޑުބައެއް ނައްތާލުމުން ނިކުންނާނެ ނޭދެވޭ އަސަރުތައް އެކި އެކި މުއައްސާސާތަކުގެ ސަމާލުކަމަށް ގެނައުމަށް އަމިއްލަ ފަރުދުންނާއި އެކި ޖަމިއްޔާ ޖަމާއަތްތަކުން ނުހަނު ގިނަ ގުނަ މަސައްކަތްތަކެއްކުރަމުން ދަނިކޮށެވެ.
އެއަރޕޯޓް އެޅުމުގެ ޕްރޮޖެކްޓްގައި ހިއްކާނީ އަދި ގެއްލުންވާނީ ކުޅީގެ %30 ކަމަށް ސަރުކާރުގެ ކަމާބެހޭ އެކި މުއައްސަސާތަކުންނާއި މުއައްސަސާތަކުގެ ވެރިން ވަނީ ހާމަކޮށްފައެވެ. މިގޮތުން އެންވަޔަރަންމަންޓް މިނިސްޓަރ ތޯރިޤް އިބްރާހީމް ވަނީ ކުޅިން ހިއްކަނީ %30 ކަމަށާއި ކުޅީގެ ބާކީ އޮތްބަޔަށް ގެއްލުން ނުވާނެ ކަމުގެ ޔަގީންކަން އެކިފަހަރު މަތިން ދީފައިވެއެވެ. އަދި 16 ސެޕްޓެމްބަރު 2018ގައި ބޭއްވުނު ހަފްލާއެއްގައި، ކުޅުދުއްދުށީ ކުޅިން ހިއްކާފައިވަނީ %50 އަށް ވުރެވެސް ކުޑަ ތަންކޮޅެއްކަމަށް ރައީސް ޔާމީންވެސް ވިދާޅުވެފައި ވިނަމަވެސް، ހަގީގަތަކީ އެއަރޕޯޓް އެޅުމަށް ކުޅި ހިއްކައި ނިމުނު އިރު ކުޅީގެ ގާތްގަނޑަކަށް %70 ހިއްކާފައިވާކަމެވެ.
ކުޅި ހިއްކުމުގައި އެންވަޔަރަންމަންޓް އިމްޕެކްޓް އެސްސްމެންޓް (އީ.އައި.އޭ) އަދި ޕްރޮޖެކްޓްގެ ޑިސިޝަން ސްޓޭޓްމެންޓަށް އެއްވެސް ބެލުމެއް ނެތި އަމަލު ކޮށްފައި ވާތީ މިއަދު މިވަނީ ތަރައްގީގެނަމުގައި އިއާދަ ނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކެއް ކުޅުދުއްފުށީ ކުޅިއަށް ދީފައެވެ. މިގޮތުން ހިއްކާ ބަޔާއި ނުހިއްކާ ބައި ވަކި ނުކުރުމާއި އަދި ހިއްކިބައިން ނެގުނު ކިސަޑު ނުހިއްކާ ބަޔަށް އެޅުމުގެ ސަބަބުން ކުޅީގެ ބާކީ އޮތްބަައި ވަނީ ވަރަށް ބޮޑަށް ތިލަވެ ކުޅި ފަނާވެ ނެތި ދިއުމުގެ ބިރާ ކުރިމަތިވެފައެވެ. އަދި ކުޅިއަށް މޫދުން ލޮނު ވަންނާނެ އެންމެހާ ގޮތްތައް ބަންދުކޮށްފައިވާތީ ކުޅީގެ ދިރުންތަކަށް އަންނަނީ މެދުކެނޑުމެއްނެތި ގެއްލުން ލިބެމުންނެވެ. މިގޮތުން ހިމާޔަތް ކުރެވިފައިވާ ގަސްގަހާގެހި، މަސްމަހާމެހި އަދި އެކި ބާވަތްތަކުގެ ދޫނި ސޫފާސޫފިގެ ގެދޮރު ތާއަބަދަށް ގެއްލި ދިއުމުގެ ބިރުވަނީ ކުރިމަތިވެފައެވެ.
ކުޅުދުއްފުށީ ކުޅީގެ ހާލަތު މިހާ ނާޒުކު ފައްތަރަކަށް ވައްޓާލާފައިވަނިކޮށް، އެއާރޕޯރޓްހެދުމުގެ ނަމުގައި 18ގެ އެއްގެ އާއިލާތައް، އުޅޭނެ ގޮތެއް ދެއްކުމަކާއި ނުލާ މަގުމަތި ކޮށްލުމަށް ކުއްލިއަކަށް އެންގި އެންގުމަކީ ތަރައްގީގެ ނަމުގައި އެތައްބައެއްގެ ބޯހިޔާވަހިކަމުގެ ހައްގަށް އަރައިގަތުމެވެ. މިފަރާތްކަށް ލިބެންޖެހޭ އަސާސީ ހައްގުތައް ނިގުޅައިގަންނަމުންދާއިރު އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް މަތިކޮށްފައިވާ މިނިވަން މުއައްސަސާކަމުގައިވާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ހަނުތިބުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން، މިއާއިލާތަކަށް ލިބިދޭންޖެހޭ ހައްގު ބަދަލު ހޯދައިދިނުމަށް ތެދުވުމަށް ކަމާ ބެހޭ މުއައްސަސާތަކަށް މިޖަމިއްޔާތަކުން ގޮވާލަމެވެ.
ކުޅި އަދި ފާ ޗަސްބިންތަކަކީ ދިވެހިންގެ ދިރިއުޅުމާއި ތިމާވެއްޓަށް މުހިއްމު ތަންތަންކަން ގަބޫލުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިތަކާއި ޗަސްބިންތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ޕްރޮޖެކްޓްތައް ހިންގަމުންދާއިރު ކުޅުދުއްފުށީ ކުޅީގެ ބާކީއޮތްބަޔަށް އަޅައި ނުލާ ދޫކޮށްލުމަކީ ކުޅުދުއްފުއްޓާއި އުތުރުގެ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ބޭއިންސާފެކެވެ. އަދި ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި އޮތް މިމުހިންމު ޤައުމީ ޤުދުރަތީ ތަރިކައަށް ދައުލަތުން ވަމުންދާ ބޮޑު އިހުމާލެކެވެ. އަދި ޤާނޫނުއަސާސީގެ 22 ވަނަ މާއްދާ އާއި ތިމާވެށި ރައްކާތެރި ކުރަން ހެދިފައި ހުރި ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ދައުލަތަށް މަތިކޮށްފައިވާ ތިމާވެށި ހިމާޔަތް ކުރުމުގެ އަސާސީ ޒިންމާއާ ކަނޑައެޅިގެން ހިލާފުކަމެކެވެ. މިގޮތުން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީގެ މައްޗަށް ބާރުފޯރުވައި ކުޅި ހިއްކުމުގެ ހުއްދަ އެންވަޔަރަންމަންޓް މިނސްޓަރ ތޯރިޤް އިބްރާހީމް އަމިއްލަޔަށް ދީފައިވުމަކީ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމާއި ރާއްޖޭގެ ތިމާވެއްޓަށް އަމާނާތްތެރިވުމުގެ ގާނޫނީ ޒިންމާ އިން އެކަހެރިވެ، މަސްލަހަތު ފުށުއަރާފަދަ ގޮތަކަށް ކޮށްފައިވާ ދަށުދަރަޖައިގެ އަމަލެކެވެ.
މި މަޝްރޫއުއަކީ ފެށުނިއްސުރެވެސް ގޯހުން ގޯހަށް ހިންގަމުންދާ މަޝްރޫއަކަށްވީހިނދު، ދައުލަތުން ރާއްޖޭގެ މި ގުދުރަތީ ތަރިކަ އެއްކޮށް ނެތިކޮށްލިޔަ ނުދޭނެކަން ޔަގީންކުރުމަށްޓަކައި އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީއިން ކުރަންވާ ވަރަށް އެއްވެސް ކަމެއް ކޮށްފައިނުވުމަކީ، ކުޅީގެ ހާލަތު މިހާ ނާޒުކުފައްތަރަކަށް ވައްޓާލުމަށް އެހީތެރިވެ ދިން އެއްސަބަބެވެ. ތިމާވެއްޓާއި ގުޅުންހުރި މަޝްރޫއުތައް ހިންގަމުންދާއިރު، ކަމާގުޅުންހުރި ގަވާއިދުތަކާއި ހެދިފައިވާ އީ.އައި.އޭ އަދި ޕްރޮޖެކްޓްގެ ޑިސިޝަން ސްޓޭޓްމެންޓްގައި ކުރުން ލާޒިމްކޮށްފައިވާ ކަންތަކަށް ހުރުމަތްތެރިކޮށް ހިތާތޯބަލާ، އެކަންކަމަށް ހުރުމަތްތެރިކޮށް ހިތަމުން ނުދާނަމަ، ފިޔަވަޅު އެޅުމަކީ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީގެ މައިގަނޑު އެއް މަސްއޫލިއްޔަތެވެ. އެހެންނަމަވެސް މިހާތަނަށް، އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީއިން މިފަދަ އެއްވެސް ކަމެއް ކޮށްފައިވާތަން ފެނިފައި ނުވުމަކީ، ނުހަނު ހިތާމަހުރި ކަމެކެވެ. އަދި ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީގެ ނަމުގައި އެޖެންސީ އެއް ހިންގުމުގެ ބޭނުމާއި މެދުވެސް ސުވާލު އުފެދޭކަމެކެވެ.
ވީމާ، ކުޅުދުއްފުށި ކުޅީގެ ބާކީއޮތް ބައި ހިމާޔަތް ކުރަން ކަމާބެހޭ ދައުލަތުގެ އެންމެހާ މުއައްސަސާތަކުން މިހާރުން މިހާރަށް މަސައްކަތް ފެށުމަށް ގުޅިފައިވާ މި ޖަމިއްޔާތަކުން އަޑުހަރުކޮށް ގޮވާލަމެވެ. މިކަމަކީ ދައުލަތުގެ ހުރިހާ އިދާރާއަކަށް ގާނޫނީ ގޮތުން ލާޒިމްކުރާ ކަމެއް ކަމުގައިވެސް މި ފުރުސަތުގައި ހަދާންކޮށްދެމެވެ. މިކަމަށް އިހުމާލުވުމަކީ މިކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކާމެދު ގާނޫނީ ގޮތުން ފިޔަވަޅު އެޅޭނެ ކުށެއް ކަމުގައިވެސް މިފުރުސަތުގައި ހަނދާން ކޮށްދެމެވެ. އަދި މިދަނޑިވަޅުގައި ދިވެހިރާއްޖެއިން ސޮއިކޮށް ބަލައިގަނެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި ހިލާފަށް އެތައް ކަމެއް ތަކުރާރުކޮށް ސަރުކާރުން ކުރަމުންގެންދާތީ އެކަން ކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެކަންކަން ހުއްޓުމަށް ސަރުކާރަށް ގޮވާލަމެވެ. ވަކިން ހާއްސަކޮށް ރިއޯ ޑިކްލެރޭޝަން އޮން އެންވަޔަރަންމަންޓް އެންޑް ސަސްޓައިނަބްލް ޑިވެލޮޕްމަންޓް (1992)ގެ 15ވަނަ މާއްދާ ކަމުގައިވާ “ޕްރިކޯޝިނަރީ ޕްރިންސިޕަލް” ސަރުކާރަށް ހަނދާންކޮށްދިނުމާއި އެކު، އިއާދަ ނުކުރެވޭ ގެއްލުމެއް ތިމާވެއްޓަށް ލިބިދާނެ ފަދަ ހާލަތެއްގައި، ސައިންސްގެ ފުރިހަމަ ޔާގީންކަން ލިބިފައި ނެތްކަމަށް ބުނެ ތިމާވެށީގެ ކުށްތަކަށް އަރައިގަނެ އެކަންކަމުން ބަރީއަވުމަށް މަސައްކަތް ނުކުރެވޭނެކަންވެސް ފާހަގަކުރަމެވެ.
ނިމުނީ
މި ނޫސްބަޔާނާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް އަހުމަދު މުހައްމަދާއި 7782487 އިން ގުޅުއްވުން އެދެމެވެ.
