


ދެކުނު އޭޝިއާގައި ޖިންސީ ކުށުގެ ޤާނޫނުތައް ކަމަށްއެކަށީގެންނުވެ، ދެކޮޅުނުޖެހި އަދި ތަންފީޒު ކުރުމުގައި
ބަލިކަށި ޤާނޫނުތަކަކަށް ވުމުގެސަބަބުން ޖިންސީކުށުގެ ޝިކާރައަށް ވުމުގެ ނުރައްކަލަށް
އަންހެނުންނާއި އަންހެންކުދިން އިތުރަށް ހުށަހެޅިގެން ދެއެވެ.
21 އެޕްރިލް 2021
އިންޑިއާ، ނިއުދިއްލީ، އެޕްރިލް 21 – ދެކުނު އޭޝިއާގެ ޤައުމުތަކުގައި، ދިވެހިރާއްޖެ ހިމެނޭގޮތައް، ގަދަކަމުން ޖިންސީއަނިޔާ ކުރުން (ނުވަތަ ރޭޕް) އާ ބެހޭ ޤާނޫނުތަކަކީ ކަމަށް އެކަށީގެންނުވާ، ދެކޮޅުނުޖެހޭ، އަދި ނިޒާމީ ގޮތެއްގައި ތަންފީޒު ނުކުރާ ޤާނޫނުތަކަކަށް ވުމުގެ ސަބަބުން ޖިންސީކުށުގެ ޝިކާރައަށް ވުމުގެ ނުރައްކަލަށް އަންހެނުންނާ އަންހެންކުދިން އިތުރަށް ހުށަހެޅިގެން ދާކަމަށް، އަލަށް ތައްޔާރުކުރެވުނު ދިރާސާ ރިޕޯޓަކުން ހާމަވެއްޖެއެވެ. އަދި ޖިންސީކުށުގެ ޝިކާރައަށްވާ ފަރާތްތަކާ އެމީހުންގެ އާއިލާތައް ދެވަނަފަހަރަށް ޝިކާރައަކަށް ވެގެންދިއުމުގެ ނަތީޖާއަކަށްވަނީ ރޭޕް ގެ ކުށް ރިޕޯޓުކުރުން ބޮޑުތަނުން މަދުވެ، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި މައްސަލަތައް ދިގުލައިގެންގޮސް މައްސަލަތައް އަނބުރާގެންދިއުމެވެ.
އަންހެނުންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ ދެ ޖަމްޢިއްޔާއެއް ކަމުގައިވާ އީކުއަލިޓީ ނައު އާއި ޑިގްނިޓީ އެލައެންސް ގުޅިގެން ޝާޢިއުކުރި ރިޕޯޓު، ދެކުނު އޭޝިއާގައި ޖިންސީއަނިޔާ : އަނިޔާގެ ޝިކާރައަށްވާ ފަރާތްތަކުން އިންސާފު ހޯދުމަށްހުރި ޤާނޫނީ އަދި އެހެނިހެން ހުރަސްތައް، އަލިއަޅުވާލަނީ ހަ ޤައުމަކަށް – ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، ދިވެހިރާއްޖެ، އިންޑިއާ އަދި ސްރީލަންކާ އަށެވެ. އަދި އެ ޤައުމުތަކުގެ ސަރުކާރުތަކަށް ގޮވާލަނީ ޖިންސީކުށުގެ މައްސަލައަށް ހައްލުހޯދުމަށް މިހާރުން މިހާރަށް ފިޔަވަޅުތަކެއް އެޅުމަށާ، ކުށުގެ ޝިކާރައަށްވާ ފަރާތްތަކަށް އިންސާފުހޯދުމަށް ފަހިކުރުމަށާ، ކުށަށް އަރައިގަންނަ މީހުނަށް އޮތް ފަހި މާހައުލު ނިމުމަކަށް ގެނައުމަށެވެ.
ރާއްޖެއަށް ނިސްބަތްވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ : ރޭޕްގެ ކުށް ސާބިތުކުރުމަށް ހެކީގެބުރަދަން ބޮޑުވުން؛ ކައިވެނީގެ ތެރޭގައިކުރާ ރޭޕް ޖިނާއީ ކުށަކަށް ހެދުމަށް ފޭލްވެފައިވުން؛ މިންތީގެ ސްޓެރިއޯޓައިޕް ކުރުމާ އަނިޔާލިބޭފަރާތް ދެވަނަފަހަރަށް ޝިކާރައަކަށްވުން؛ ކުށް ރިޕޯޓުކުރާ މިންވަރުގެ ދަށްކަން؛ ޖިންސީކުށް ރިޕޯޓުކުރުމާ، ދައުވާ އުފުލުމާ، ކުށް ސާބިތުވެ ހުކުމްކުރުމާބެހޭ ތަފާސްހިސާބު އާންމުކޮށް ލިބެން ނެތުން؛ ރޭޕްގެ މައްސަލަތައް ޝަރުޢީމަރުހަލާގައި ދިގުލައިގެންދިއުން؛ އަދި ކުށުގެ ޝިކާރައަށްވާ ފަރާތްތަކަށް އެހީތެރިވުމުގެ ޚިދުމަތްތައް ނެތުން ކަމަށް ފާހަގަކުރެވެއެވެ.
ޤައުމުތަކުގެ ޖިންސީކުށްތަކާ ބެހޭ ޤާނޫނުތަކާ ސިޔާސަތުތަކުގެ މި ދިރާސާއިން ދައްކާގޮތުގައި، ރިޕޯޓުގައި ހިމެނޭ ހަ ޤައުމުގެ ޤާނޫނު ތަކުގައިވެސް ބާގަނޑުތަކާ، ޤާނޫނު ތަންފީޒުކުރުމަށް ފޭލްވުމާ، އަދި އަންހެނުންނާ އަންހެން ކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް މި ޤައުމުތަކުން ކޮށްފައިވާ ބައިނަލްއަޤުވާމީ އިޤުރާރުތަކާ އޭގެ ޒިންމާތައް ނެގެހެއްޓުމަށް އިހުމާލު ވަމުންދާކަން ހާމަވެއެވެ.
ފޯކަސް ގްރޫޕްތަކާ، ކުށުގެ ޝިކާރައަށްވެފައިވާ ފަރާތްތަކާ، އެކްޓިވިސްޓުންނާ އަދި ޤާނޫނީ ވަކީލުންނާއެކު ދިރާސާގެ ރިސާޗަރުން ހިންގި ފުންމަޝްވަރާ ތަކުން ފާހަގަކުރެވުނީ ޖިންސީކުށުގެ ޝިކާރައަށްވާ ފަރާތްތަކަށް އެތައް ހުރަސްތަކަކާ ކުރިމަތިލާން ޖެހޭކަމެވެ. ފުލުހުންގެ މުއައްސަސާގައި މައްސަލަ ރިޕޯޓުކުރުމަށް ކާމިޔާބުވާ މަދު ފަރާތްތަކަށް އެކަންވެގެންދަނީ އިންސާފު ހޯދުމަށް ކުރާ ދަތި އުނދަގޫ އަދި ދިގު ދަތުރެއްގެ ފެށުމަށެވެ. އެފަރާތްތައް ކުރިމަތިލާންޖެހޭ ހުރަސްތަކުގެ ތެރޭގައި ހިމެނޭ ބައެއްކަންކަން :
- ދެކުނު އޭޝިއާގެ ހުރިހާ ހިސާބެއްގައިވެސް ރޭޕްގެ ކުށް ސާބިތުވާ މިންވަރު ވަރަށް ދަށް؛ ދިވެހިސަރުކާރުން ލިބެންހުރި ތަފާސްހިސާބު ދައްކާގޮތުގައި 2015 އާއި 2019 އާއި ދެމެދުގައި ހިނގާފައިވާ ޖިންސީއަނިޔާގެ 364 މައްސަލައިގެ ތެރެއިން ކުށްސާބިތުވެ ހުކުމް ކަނޑައެޅިފައިވަނީ އެންމެ 49 މައްސަލައިގައެވެ.
- މައްސަލަތަކުގައި ފުލުހުންގެ ތަހުޤީގާއި، ސިއްހީ ތަހުލީލާއި، ދައުވާއުފުލުމާއި ޝަރުއީ މަރުހަލާ ދިގުލައިގެން ދިޔުމަކީ އާންމުހާލަތައް ވެފައިވެއެވެ.
- ފުލުހުންގެ ފަރާތުން މައްސަލަ ބަލައިގަތުމަށް އުޒުރުވެރިވާކަމާއި، ރިޕޯޓުކުރާ މައްސަލަ ތަހުޤީގު ކުރުމަށް ފޭލްވާކަމުގެ ރިޕޯޓުތަކަކީ އާންމު ކަމަކަށް ވެފައިވެއެވެ، އަދި ދިވެހިރާއްޖެ ވެސް މިހާލަތު އޮތް ޤައުމުތަކުގައި ހިމެނެއެވެ.
- ރޭޕްގެ ކުށްތަކުގައި ތަފާތުކުރުންތައް ބޮޑުވެ، ހުށަހަޅަންޖެހޭ ހެކީގެ ބުރަދަން ބޮޑެވެ. މިސާލަކަށް، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، ދިވެހިރާއްޖެ އަދި ސްރީލަންކާގައި ކުށުގެ ޝިކާރައަށްވާ ފަރާތުގެ މާޒީގެ ޖިންސީގުޅުމުގެ މައުލޫމާތު ހެކީގެ ގޮތުގައި ހުށަހެޅެއެވެ. މިއީ އަބަވީނިޒާމުގެ ނަޒަރިއްޔާއަކުން ކުރާހީކުރުމެއްގެ މައްޗައް ބިނާވެފައިވާ ކަމެކެވެ – އެ ހީކުރުމުގެ ތެރޭގައި ރޭޕް އަކީ ކުށުގެ ޝިކާރައަކަށްވާ ފަރާތުގެ “އިއްފަތްތެރި” ކަމާ، “ސުލޫކާ”، “އަޚުލާގާ” ގުޅިފައިވާ އެއްޗަކަށް ހެދުމުން، އޭގެ ނަތީޖާއަކަށްވަނީ ރޭޕްގެ ކުށުގެ ޖަރީމާގެ އަމަލުން މުޅިން އެހެންދިމާއަކަށް މައްސަލައިގެ ފޯކަސް ބަދަލުކުރުމެވެ.
- ރިޕޯޓުކުރާ މައްސަލަ އަނބުރާ ނެގުމަށާ އަދި ހަނުތިބުމަށް ރޭޕްގެ ޝިކާރައަށްވާ ފަރާތްތަކާ އާއިލާ އަށް ބޮޑެތި ޕްރެޝަރުތަކެއް ވަރަށްގިނަފަހަރަށް ކުރިމަތި ކުރުވައެވެ. މީގެ ތެރޭގައި ވަށައިގެންވާ މުޖުތަމައުއިން ނުރަސްމީކޮށް މައްސަލަ ހައްލުކުރަން މަޖުބޫރުކުރުމާއި، މުޖުތަމައުގެ ނުރުހުން އެމީހުނަށް އަމާޒުކުރުމާއި، ޝިކާރައަށްވާމީހާ ބަދުނާމުކުރުމާއި، އިންޒާރުދިނުމާއި، ރިޝްވަތު ދިނުމާއި، މީގެތެރޭގައި ބަދަލުހިފުމުގެ ރޫހުގައި ވަޒީފާ ގެއްލުމަށް ފަހިކުރުމާ، ދިރިއުޅޭތަނުން ބޭރުކުރުމާ އިތުރު އަނިޔާތަކާ ކުރިމަތިކުރުވައެވެ.
- ކުށުގެ ޝިކާރައަށްވާ ފަރާތްތަކުން ހުށަހަޅާ ޤާނޫނީ މައްސަލަ ހުއްޓުވުމަށާއި، ޝަރުއީ ނިޒާމުގެ ބޭރުން މައްސަލަ ހައްލުކޮށް ކުށްކުރި ފަރާތާއެކު އެއްބަސްވުމަކަށް އައުމަށް މަޖުބޫރުކުރުވުމަކީ ހިނގާކަންކަމެވެ. އެގޮތުން ބަންގްލަދޭޝް، އިންޑިއާ އަދި ނޭޕާލް އަށް ބަލާއިރު މި ރިޕޯޓަށް އިންޓަވިއު ކުރެވުނު ކުށުގެ ޝިކާރައަށްވެފައިވާ މީހުންގެ %60 ބުނި ގޮތުގައި މިފަދަ ޕްރެޝަރާ ކުރިމަތިވެ މައްސަލައިގެ މައިގަނޑު އަސާސް ގެއްލިގެންދާގޮތަށް ހައްލުކުރުމަށް ބާރުއަޅާފައިވެއެވެ. އެކި މައްސަލަތަކުގައި ޝަރުޢީ ނިޒާމުގެ ބޭރުން މިގޮތަށް ހިންގާ އެއްބަސްވުމުގައި ދިނުމަށް ވައުދުވާ ބަދަލު ލިބިފައިނުވާ ކަމަށް އެނގިފައިވެއެވެ.
- ބަންގްލަދޭޝް، ދިވެހިރާއްޖެ، އިންޑިއާ އަދި ސްރީލަންކާގައި، ކައިވެނީގެ ތެރޭގައިކުރާ ރޭޕްގެ ކުށަކީ ހުރިހާ ހާލަތެއްގައި ޖިނާއީ ކުށެއްކަމަށް ކަނޑައެޅިފައެއް ނުވެއެވެ. ކައިވެނީގެ ތެރޭގައި ރޭޕްކުރުމަށް ފަހި މާހައުލެއް ޤާނޫނީގޮތުން ހުއްދަކުރުމުން ކުރެވޭކަމަކީ އަންހެނުންނަކީ ފިރިންގެ މުދާކަމުގައި ބެލެވި، އަންހެނުންނަށް އެމީހުންގެ އަމިއްލަ ހަށްޓާ ޒާތަށް އޮންނަ ހައްޤުން މަހުރޫމް ކުރުވުމެވެ.
- ކުށުގެ ޝިކާރައަށްވާ ފަރާތްތަކަށް އެދެވޭ ފެންވަރެއްގެ ޚިދުމަތްތަކެއް ލިބެން ނެތުމާއި، ސަލާމަތްކަން ހޯދުމަށް ހިޔާއެއްގެ ވަސީލަތާއި، ކައުންސަލިން ނުވަތަ ނަފްސާނީ އެހީތެރިކަމުގެ ޚިދުމަތް މަދުފަހަރެއްގައި ނޫނީ ނުލިބެއެވެ. ކުށުގެ ޝިކާރައަށްވާ ފަރާތާ ހެކިންނަށް ސަލާމަތްކަން ފޯރުކުރުވުމުގެ ސްކީމްތަކުގެ ހީނަރުކަމުން އެފަރާތްތަކާ އާއިލާތައް އިތުރު ނުރައްކަލަށް ހުށަހެޅިގެންދެއެވެ.
ދިރާސާ ރިޕޯޓުގެ އެއް ލިޔުންތެރިއެއް ކަމަށްވާ އިންސާނީ ޙައްޤުތަކުގެ ޤާނޫނީ ވަކީލު އަދި އީކުއަލިޓީ ނައު ގެ ޤާނޫނީ މުޝްތަޝާރު، ޑިވްޔާ ސްރީނިވަސަން ބުނެފައިވަނީ : “އަހަރެމެންގެ ދިރާސާއިން ހާމަވަނީ ޖިންސީއަނިޔާއާއި ދެކޮޅަށް އަންހެނުންނަށާއި އަންހެން ކުދިންނަށް މިހާރަށްވުރެ ހަރުދަނާ ގޮތުގައި ރައްކާތެރިކަން ފޯރުކުރުމަށާއި ކުށްކުރާ މީހުންނަށް އޮތް ފުޅާ އަދި ފަހި މާހައުލު ނިމުމަކަށް ގެނައުމަށްޓަކައި، ދެކުނު އޭޝިއާގެ އެކި ކަންކޮޅުތަކުގެ ސަރުކާރުތަކުން މިހާރުން މިހާރަށް އަމަލީ ފިޔަވަޅު އަޅަންޖެހޭ ކަން. މިކަންކުރުމަށްޓަކައި ޤާނޫނުގައި ހުރި ބާގަނޑުތައް ބަންދުކޮށް، ޝަރުޢީ ނިޒާމުގައި ހުރި އުނިކަންތައްތައް އިސްލާހުކޮށް، ކުށުގެޝިކާރައަށްވާ ފަރާތްތަކަށް އިންސާފު ހޯދުމަށާއި އެހީތެރިކަން ފޯރުކުރުމަށްޓަކައި ވަށާޖެހޭ ޚިދުމަތްތަކެއް ދިނުމަށް ބޭނުންވާ ވަސީލަތްތައް ހަމަޖައްސަންޖެހޭ.”
އަންހެނުންގެ ޙައްޤުތަކަށް ވަކާލާތުކުރާ ދިވެހިރާއްޖޭގެ އެކްޓިވިސްޓެއް، އަދި މިންތީގެ ހަމަހަމަކަމަށާއި އަންހެނުން ބާރުވެރި ކުރުވުމަށް ވަކާލާތުކުރާ ރާއްޖޭގެ މަދަނީ ޖަމްޢިއްޔާއެއް ކަމުގައިވާ އުތެމަ ގެ މުއައްސިސެއް ކަމުގައިވާ ހުމޭ އަބްދުލްޢަފޫރު ބުނެފައިވަނީ : “އަންހެނުންނާ އަންހެން ކުދިންނާ ދެކޮޅަށް ދިވެހިރާއްޖޭގައި ކުރާ ޖިންސީއަނިޔާއަކީ ޙަޤީގަތުގައިވެސް ހިޔަނި ވަބާއެއް – ފޮރުވިފައި، ފުރަގަސްދެވިފައި އަދި ނުފެންނައެއްޗަކަށް ހެދިފައި. ޖިންސީއަނިޔާއަކީ ޖިނާއީ ކުށަކަށް ޤާނޫނީގޮތުން ހެދިފައި ވީނަމަވެސް، ރާއްޖޭގެ އަބަވީ-އިޖްތިމާއީ ހާލަތުގައި ކަމާބެހޭ ތަހުޤީގީ މުއައްސަސާތަކުންނާއި، އިޖްތިމާއީ ރައްކާތެރިކަމުގެ ޚިދުމަތްތަކުންނާއި، ސިއްޙީ ޚިދުމަތްތަކުން އަދި ޖިނާއީ އަދުލުގެ ނިޒާމުންވެސް އަބަދުމެ ދަނީ މި މައްސަލައަށް އެކަށީގެންވާ އިޖާބައެއް ނުދެވި.”
މި ރިޕޯޓުން ދެކުނު އޭޝިއާގެ ޤައުމުތަކަށް ގޮވާލަނީ ޖިންސީ އަދި މިންތިއަށް ބިނާކޮށްކުރާ އަނިޔާތަކާ ދެކޮޅަށް، ހުރިހާފަރާތެއް ހިމެނޭގޮތައް ހަރުދަނާ ފުރިހަމަ ފިޔަވަޅުތަކެއް ފަރުމާކޮށް ތަންފީޒުކުރުމަށެވެ. މީގެ ތެރޭގައި :
- ރައްކާތެރިކަން ފޯރުކުރުމަށް ޤާނޫނުގައި ހުރި ހުރަސްތައް އިސްލާހުކުރުން
- ޖިންސީކުށްތަކާބެހޭ މައްސަލަތަކަށް ފުލުހުންގެ ފަރާތުންދޭ އިޖާބަ ހަރުދަނާ ކުރުން
- ރޭޕްގެ މައްސަލަތަކުގައި ކުށުގެޝިކާރައަށްވާ ފަރާތާއި ރައްޓެހިގޮތުގައި ސިއްޙީ ތަހުލީލުކުރުން ކަށަވަރުކުރުން
- ޖިންސީކުށާބެހޭ ދައުވާކުރުމުގެ އިޖުރާއަތުތަކާއި ޝަރީއަތް ހިންގުން ހަރުދަނާކުރުން
- ކުށުގެޝިކާރައަށްވާ ފަރާތްތަކަށް އިންސާފު ހޯދުން ހަރުދަނާ ކުރުމަށްޓަކައި ވަށާޖެހޭ ޕްރޮގްރާމްތައް ފަރުމާކޮށް ބޭނުންވާ މާލީވަސީލަތްތައް ކަނޑައެޅުން
- މުޖުތަމައުއިން އެކަހެރިކުރެވޭ އެންމެހާ ފަރާތްތަކުގެ ޚާއްސަ އަސާސީ ބޭނުންތައް ފޯރުކުރުމަށްޓަކައި ޤާނޫނާއި ސިޔާސަތުތައް އަލުންދިރާސާކުރުން (ނުވަތަ ރިވިއުކުރުން)
ފަހުބަހެއްގެ ގޮތުގައި ހުމޭ އަބްދުލްޢަފޫރު ބުނެފައިވަނީ : “ޖިންސީއަނިޔާގެ ހިޔަނި ވަބާގެ މައްސަލަ ހައްލުކުރުމަށާއި، އަންހެނުންނަށާއި އަންހެންކުދިންނަށް ލިބެންޖެހޭ ރައްކާތެރިކަމުގެ ޙައްޤާއި، އަނިޔާއިން ހިމާޔަތް ލިބިފައިވާ ގަދަރުވެރި ދިރިއުޅުމެއް ކަށަވަރު ކުރުމަށްޓަކައި، އެންމެންގެ ބައިވެރިވުން އޮތް، މުޅި ނިޒާމު ޝާމިލްވާ ހައްލެއް މިހާރުން މިހާރަށް ބޭނުންވޭ. އަހަރެމެންގެ އުންމީދަކީ، ދިވެހިރާއްޖޭގައި އަދި ދެކުނު އޭޝިއާގެ އެކި ކަންކޮޅުތަކުގައިވެސް އަންހެނުންނަށާއި އަންހެން ކުދިންނާ ދެކޮޅަށް ހިންގަމުންދާ ޖިންސީއަނިޔާގެ ވަބާ ހުއްޓުވުމަށްޓަކައި އެހީތެރިވާނޭ ހެޔޮ މަގެއްގެ ގޮތުގައި މި ރިޕޯޓު ބަލައިގަނެވިގެންދާނެ ކަމަށް.”
ނިމުނީ
އެޑިޓަރުންނަށް ނޯޓެއް : މީޑިއާއާއި ބެހޭ ފަރާތްތަކުން އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ
