14 ފެބްރުވަރީ 2018

ކުއްލިނުރައްކަލުގެ ޙާލަތާ ގުޅޭ – އަމިއްލަ ޖަމްޢިއްޔާތަކުން ނެރޭ ނޫސްބަޔާން

5 ފެބްރުވަރީ 2018 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކުލުގެ ޙާލަތު އިޢުލާނުކުރައްވައި، އެކަން ހާމަކުރެއްވި ޤަރާރުން ޤާނޫނުއަސާސީގެ އެތަކެއް މާއްދާއެއް ވަގުތީގޮތުން ހިފަހައްޓާފައިވުމާ ގުޅިގެން ދަންނަވަމެވެ. މި ޖަމްޢިއްޔާތަކުން ދެކެނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރައްވާފައި އެވަނީ ޤާނޫނުއަސާސީއާ މުޅިން ޚިލާފަށް ކަމަށެވެ. އަދި ލަސްނުކުރައްވައި އެ ޤަރާރު ބާތިލްކުރައްވައި، ދުސްތޫރީ ނިޒާމް ރުޖޫއަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލިސްއަށާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ގޮވާލަމެވެ. ޤާނޫނުއަސާސީގެ އިންތަކުގެ ބޭރުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރެއްވުމުގެ ނަތީޖާއަކަށް ވެފައި މި އޮތީ ދައުލަތުގެ ތަފާތު އެކި މުއައްސަސާތަކެއް، އެ މުއައްސަސާތަކުގެ ޤާނޫނީ އިމުގެ ބޭރުން ޙަރަކާތްތެރިވެ، ޢާއްމު ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް އަރައިގަންނަމުން ދިއުމެވެ. ތަފްޞީލު ތިރީގައި މިދަންނަވަނީއެވެ.

1 – ކުއްލި ނުރައްކަލުގެ ޙާލަތު ޤާނޫނުއަސާސީއާ ޚިލާފުވުން

(ހ)   ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ވަނީ “ޤުދްރަތީ ކާރިޘާއެއް، ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް، ނުވަތަ ހަނގުރާމައެއް، ނުވަތަ ޤައުމީ ސަލާމަތައް ނުރައްކާވެދާނެ ފަދަ ކަމެއްކުރިމަތިވެއްޖެނަމަ ނުވަތަ ބޭރުގެ ޙަމަލައެއް ކުރިމަތިވެދާނެކަމުގެ ބިރުހީވެއްޖެނަމަ ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި، ނުވަތަ ކަނޑައެޅޭ ވަކި ސަރަހައްދެއްގައި ނުވަތަ ސަރަހައްދުތަކެއްގައި ތިރީސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ” މިހެންނެވެ.

6 ފެބްރުވަރީ 2018 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުންވެސް އަދި ޢާއްމުކޮށް ދިވެހިރާއްޖޭގެ ޙާލަތު އޭރުވެސް އަދި މިހާރުވެސް އޮތް ގޮތުން، ޤުދްރަތީ ކާރިޘާއެއް ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް ނުވަތަ ހަނގުރާމައެއް ކުރިމަތިވެފައި ނުވާކަން އެނގެއެވެ.

ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި “ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވުން” މާނަކޮށްދީފައިވަނީ އެއީ “ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިޤްލާލަށް ނުވަތަ މީހުންގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތި ވުމަށެވެ. މީގެތެރޭގައި ޓެރަރިސްޓް ހަމަލާތަކާއި، ހަތިޔާރު ބޭނުންކޮށްގެން ހިންގާ ޢުދުވާނީ ޙަރަކާތްތައް ހިމެނެއެވެ. އެހެންނަމަވެސް، ރައްޔިތުންނަށް ލިބިދޭ ޤާނޫނީ ޙައްޤުތައް ބޭނުންކޮށްގެން އެކި ކަންކަމަށް ތާއީދު ކުރުމަށް ނުވަތަ އިންކާރުކުރުމަށް ޤާނޫނާ ޚިލާފުނުވެ ހިންގާ ސުލްޙަވެރި ހަރަކާތްތަކެއް މީގެތެރޭގައި ނުހިމެނެއެވެ.” މިހެންނެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެއްވި ޤަރާރުގައި، ޤައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެފައިވަނީ ކޮންގޮތަކުން ކަމެއް ބަޔާން ކުރައްވާފައެއް ނުވެއެވެ. އަދި ދައުލަތުގެ ބަންޑާރަނާއިބާއި ޕްރޮސިކިއުޓަރ ޖެނެރަލަށް އެބޭފުޅުންގެ ޤާނޫނީ ވާޖިބު އަދާކުރައްވަން ދަތިފުޅުވުމަކީ، ނުވަތަ އެވާހަކަ އުއްތަމަ ފަނޑިޔާރުގެ ގާތުގައި ދަންނަވަން ދަތިފުޅުވުމަކީ ޤައުމީ ސަލާމަތަށް ނުރައްކާތެރިވާ ކަމެއްކަމުގައި މިޖަމްޢިއްޔާތަކުން ނުދެކެމެވެ. އަދި ޖުޑިޝަލް ސަރވިސް ކަމިޝަންގެ އިޙްތިޞާސް އާ ބެހޭގޮތުން ސުޕްރީމް ކޯޓުން ޤާނޫނުއަސާސީ އާއި ދެކޮޅަށް ގޮތެއް ނިންމެވުމަކީ، ސުޕްރީމް ކޯޓު ޖަވާބުދާރީކުރުވުމުގެ އިޙްތިޞާސް ލިބިފައިވާ ދައުލަތުގެ ދެވަނަ ބާރުކަމުގައިވާ ރައްޔިތުންގެ މަޖިލިސް އިން ފިޔަވަޅުއަޅަންޖެހޭ ކަމެއްކަން ފާހަގަކުރަމެވެ. ރައީސުލް ޖުމްހޫރިއްޔާގެ ހައިސިއްޔަތުން މިފަދަ ކަންބޮޑުވުމެއް އުފެދުމުން މިކަމަކީ ދުސްތޫރީ އޮނިގަނޑުގެތެރެއިން އެމަޖިލިހަށް ހުށަހެޅުން އެންމެއައުލާކަން ބޮޑުކަމެއްކަމުގައިވެސް ދެކެމެވެ. އަދި މިދުސްތޫރީ މަގުން އެއްކިބާވެ މިކަމާބެހޭގޮތުން ޤާނޫނުއަސާސީގެ އިމުންބޭރުން ޤައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވީކަމުގައި ޢިއުލާނުކުރައްވާ، ރާއްޖޭގެ ދައުލަތަށާއި ރައްޔިތުންގެ ހައްޤުތަކަށް ބޮޑެތިހީނަރުކަން ކުރިމަތިވާގޮތަށް ކަންކުރައްވަމުން ގެންދަވާ ކަމީ އިންތިހާދަރަޖައަށް ޣައިރުޒިންމާދާރު ކަމެއް ކަމުގައި މިޖަމުއިއްޔާތަކުން ދެކޭތީ އެފަދަ އަމަލުތަށް ކުށްވެރިކުރަމެވެ.

މީގެ އިތުރުން، ފަނޑިޔާރެއްގެ މައްޗަށް ޖިނާޢީ ތުހުމަތެއް ކުރެވި، އެމައްސަލައެއް ތަޙްޤީކުރުމަށް ހުރަހެއް އޮތްކަމަށް ބެލެވޭނަމަ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެއްވުމުގެ ބަދަލުގައި ކަންކުރައްވަންވީ ގޮތަކީ އެކަމަށް ޤާނޫނުން ލިބިދޭ ފަރުވާ ހޯއްދަވަން މަސައްކަތް ކުރެއްވުމެވެ.

ސުޕްރީމް ކޯޓުގެ 01/SC-SJ/2018 އަމުރުގެ 1 ވަނަ ނަންބަރުގައި، އެކޯޓުގެ 17/SC-A/2017 ވަނަ ޤަޟިއްޔާގައިވާ ޙުކުމް ބާތިލުކުރައްވައި، އަމުރުގެ 4 ވަނަ ނަންބަރުގައި،   މިދެންނެވި ޤަޟިއްޔާގެ ޙުކުމް ކުރިއިރު ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ ގޮތުގައި ތިއްބެވި އެންމެހައި މެންބަރުން ހިމެނޭ ގޮތުން 2018 ވަނަ އަހަރުގެ ފުރަތަމަ ޖަލްސާ ޤަވާއިދުން ކުރިއަށް ގެންދިއުމަށް އަންގަވާފައި ވާއިރު، އަދި މިހާތަނަށް އެމަޖިލީހުގެ ޖަލްސާތަށް ފަށާފައިނުވުމަކީ ދުސްތޫރީ ނިޒާމުން ބޭރުކަމެއްކަމުގައި ދެކެމެވެ.

ކުއްލިނުރައްކަލުގެ ހާލަތު ޢިއުލާނުކުރުމަށްފަހު ސަރުކާރުން އަމަލުކުރަމުންދާ ގޮތުން ވަރަށް ސާފުކޮށް ދޭހަވަނީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ހުރަސްއަޅާ އަދި އިންތިޚާބު ނުބޭއްވުމުގެ ނިޔަތެއްގައި ކުރަމުންދާ ކަންތައްތަކެއް ކަމެވެ. މިފަދައަމަލުތަކުގެ ސަބަބުން ޤާނޫނުއަސާސީގެ 26 ވަނަމާއްދާއިން ކަށަވަރުކޮށްދީފައިވާ ވޯޓުލުމުގެ ޙައްޤާއި އިންތިޚާބުތަކަށް ކުރިމަތިލުމުގެ ޙައްޤުން ދިވެހިރާއްޖޭގެ ރައްޔިތުން މަޙުރޫމުކުރުމަށް މަގުފަހިވެގެން ހިނގައިދާނެތީ މިކަމާ މިޖަމިއްޔާތަކުން ނުހަނު ކަންބޮޑުވެއެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެއްވި ޤަރާރުގައި، ދިވެހި ދައުލަތުގެ ސިޔާދަތަށް ގެއްލުންވާ ހިސާބަށް ކަންކަން ގޮސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ޤަބޫލުފުޅުކުރެއްވުނީ ދައުލަތުގެ “އެކިއެކި މުއައްސަސާތަކަށް” ލިބިފައިވާ މައުލޫމާތަށް ބައްލަވައިގެން ކަމަށް އޮތްއިރު، އެއީ ދައުލަތުގެ ކޮން މުއައްސަސާތަކެއް ކަމެއް ބަޔާން ކޮށްފައެއް ނުވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެ ދަށުގައިވާ ސަރުކާރެއްގެ އިދާރާއެއްގެ ހަމައެކަނި ބަހަކަށް މިފަދަ ޢަމަލެއް ހިންގެވުމަކީ ޤާނޫނުއަސާސީ ދަންނަ ދީމިޤްރާޠީ ހަމަތަކުގެ މުޅިން ބޭރުންކޮށްފައިވާ ކަމެއްކަމުގައި ދެކެމެވ.

(ށ)   ޤާނޫނުއަސާސީގެ 254 ވަނަ މާއްދާގައި، ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައިވާ ވަކި މާއްދާތަކެއް ހިފެހެއްޓިދާނެކަމުގައި އޮތް އިރު، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެއްވި ޤަރާރުގައި 2 ވަނަ ބާބުގެ ބޭރުން ޤާނޫނުއަސާސީގެ މާއްދާތަކެއް ހިފަހައްޓާފައިވެއެވެ. އެމާއްދާ ތަކަކީ ޤާނޫނުއަސާސީގެ 99، 100، 101، 113، 145 (ނ) އަދި 228 ވަނަ މާއްދާއެވެ.

މިމާއްދާތަށް ހިފަހައްޓާފައިވަނީ ކޮން ސަބަބަކާހުރެކަން ރައްޔިތުންނަށް ސާފުކޮށްދެވިފައިނުވެއެވެ. އަދި މީގެއިތުރުން މިމާއްދާތައް ހިފެހެއްޓުމުގެ ސަބަބުން ދައުލަތުގެ މުހިންމު މުއައްސަސާތަށް ހިންގުމަށް ވެސް ހުރަސްއެޅިފައިވެއެވެ. އެހެންކަމުން ކުއްލިނުރައްކަލުގެ މި ޢިއުލާނަކީ ޤާނޫނުއަސާސީގެ ހުދޫދުންބޭރު ޢިއުލާނެއްކަން އިތުރަށް ހާމަވެގެންދެއެވެ.

މީގެ އިތުރުން، 10 ފެބްރުވަރީ 2018 ވަނަ ދުވަހު ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުންގެ ތެރެއިން 62 ބޭފުޅުން ތާޢީދުކުރައްވައި ޢާއްމުކުރައްވާފައިވާ ރަޢުޔުގައިވާ ކަންތައްތައް ފާހަގަކޮށް، އެބޭފުޅުންގެ ޤާނޫނީ ރަޢުޔަށް އިޚްތިރާމްކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށާއި  ދައުލަތުގެ އެންމެހައި މުއައްސަސާތަކަށް ގޮވާލަމެވެ.

2 – މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ޢަމަލުތައް ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ އިމުން ބޭރުވުން

(ހ)   ޤާނޫނުއަސާސީގެ 255 ވަނަ މާއްދާގެ (ށ) ގައި “ކުއްލި ނުރައްކަލުގެ ޙާލަތެއްގައިވެސް މިޤާނޫނުއަސާސީގެ އަންނަނިވި މާއްދާތަކުގައިވާ ޙައްޤުތަކާއި މިނިވަންކަން ހިފަހައްޓައިގެނެއް ނުވާނެއެވެ” މިހެން ބަޔާންކޮށް ހިމަނާފައިވާ މާއްދަތަކުގެ ތެރޭގައިވާ 48 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން ބައެއް މީހުނަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ހަނިކޮށް އަދި ބައެއްހާލަތުގައި މުޅިން ބަންދުކޮށްފައިވަނީ އެމާއްދާއާ ކަނޑައެޅިގެން ޚިލާފަށެވެ.

(ށ) ސުލްޙަވެރިކޮށް އެއްވެ އުޅުމުގެ ޙައްޤު ޤާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވަނިކޮށް، އިދިކޮޅު ސިޔާސީ ފިކުރުގެ އެއްވުންތައް ހުއްޓުވައި، އެ އެއްވުންތަކުގެ ބައިވެރިންގެ ގަޔަށް ފުލުހުން އަތްލާ، ގަދަބާރު ބޭނުންކޮށްގެއް އެމީހުނަށް އެކިވަރުގެ އަނިޔާތައް ދީގެން ހައްޔަރުކުރުމަކީ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ހ) ގައި ބުނާ “އެކަށީގެންވާ ސަބަބެއްނެތި އެއްވެސް މީހެއްގެ ގަޔަށް އަތްލައި، ފާސްކޮށް، މީހެއްގެ އެއްޗެއް ގަދަކަމުން އަތުލައިގެނެއް ނުވާނެއެވެ” މި މާއްދާއާ ޙިލާފު ޢަމަލެވެ. މިގޮތަށް ޢަމަލުކުރުމުގައި އެއްވުންތަކުގައި ބައިވެރިންގެ ތެރެއިން އަންހެން ބޭފުޅުންގެ ގަޔަށް އަތްލައި، ލާއިންސާނީ ދަށުދަރަޖައިގެ އަނިޔާކުރާކަމާއި، އާންމު އިޖްތިމާޢީ މިންގަނޑުން މުޅިންބޭރުވެ އަދި ފުލުހުންގެ ޤާނޫނާއި ޚިލާފަށް، ހަޑިހުތުރުބަހުރުވައިން ރައްޔިތުންނާއި މުއާމަލާތުކުރުމާއި، އެފަދަ ހަޑިމުޑުދާރު ޢަމަލުތައް ހިންގުމުގައި ފުލުހުން ބައިވެރިވާކަމާއި، އަދި ހާއްސަކޮށް އަންހެން ބޭފުޅުން  ފާހަގަކޮށްގެން އަނިޔާކޮށް، ހަޑިހުތުރު ބަހުން މުޢާމަލާތުކުރުން ފަދަ ނޭއްގާނީ އަމަލުތަކުގައި އަންހެން ފުލުހުން ބައިވެރިވާކަން ހިތާމަޔާއެކު ފާހަގަކޮށް އެކަން ހަރުކަށިކޮށް ކުއްވެރި ކުރަމެވެ.  ފުލުހުންގެ މުއައްސަސާގައި ޚިދުމަތްކުރާ ފަރާތްތަކަށް މިފަދަ ނޭއްގާނީ އަމަލުތަށް ހިންގުމަށް ޖާގަދެވުމަކީ އެފަދަ ނާތަހުޒީބު ސަގާފަތެއް މުއައްސަސާގައި ޤާއިމުވުމަށް ޖާގަދިނުމެވެ. އަދި  މިކަމުގެ ސަބަބުން މުޅިމުއައްސަސާއަށް ރައްޔިތުންގެ އިހުތިރާމާއި ޤަދަރުގެއްލި ނެތިގެންދާނޭފަދަ ދަރަޖައަކަށް މުއައްސަސާ ވައްޓާލުމެވެ.

މީގެއިތުރުން މީހުންގެ ގޮވަތި ގެދޮރަށް ފުލުހުން ވަދެ، އެމީހުންގެ މުދަލާއި ތަކެތި ހިފަހައްޓަމުންދާކަމަކީ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) ގައިވާ، “ގޮވަތި ގެދޮރާއި މީހުން ދިރިއުޅޭ ތަންތަނަކީ ހުރުމަތްތެރިވެގެންވާ ތަންތަނެވެ. ވަގުތުން ފިޔަވަޅެއް ނާޅައިފިނަމަ މީހެއްގެ މުދަލަކަށް ނުވަތަ މީހަކަށް ލިބިދާނެ ނުރައްކާތެރި ގެއްލުމަކުން އެމުދަލެއް ނުވަތަ އެމީހަކު ސަލާމަތްކުރުމަށްޓަކައި، ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ދިރިއުޅޭ ތަނަކަށް އެމީހެއްގެ ނުރުހުމުގައި ވަދެގެނެއްނުވާނެއެވެ” މި ނުކުތާއާ ޚިލާފު ޢަމަލު ކަމުގައި ފާހަގަ ކުރަމެވެ.

ދެންނެވުނު ފަދައިން، އެއްވެސް ކޯޓެއްގެ އަމުރެއް ނުވަތަ ހުއްދައެއް ނެތި ސުޕްރީމް ކޯޓުގެ ގޮވަތިތެރެއަށް ވަނުމަކީ، އަދި ރައީސް މައުމޫނު ދިރިއުޅުއްވާ މ. އެންދެރިމާގެއަށް އެފަދައިން ހުއްދައެއް ނެތި ވަނުމަކީ މިދެންނެވި މާއްދާއާ ޚިލާފަށް ފުލުހުން ހިންގާފައިވާ ޣައިރުޤާނޫނީ ޢަމަލެކެވެ.

(ނ)   ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ “މިބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން، މިބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އެއްވެސް ގޮތަކުން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށް ލިބިގެންވެއެވެ. އެމީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް،  ނުވަތަ ޖިންސަށް، ނުވަތަ އުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަން ރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެނެއް ނުވާނެއެވެ.” މިހެންނެވެ. އަދިމީގެ އިތުރުން ޤާނޫނުއަސާސީގެ 246 ވަނަމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ “ސަލާމަތީ ޚިދުމަތްތަކުގައި ހިމެނޭ މީހުން އަމަލުކުރާންވާނީ ފަރުދުންގެ މެދުގައްޔާއި ޖަމާއަތްތަކުގެ މެދުގައި ތަފާތުކުރުމެއްނެތި، ހަމަހަމަކަމާއިއެކު އިސްލާމީ ރިވެތި އަޚުލާގާއި އިންސާނީ ޝަރަފާއި މީހުންގެ ޤަދަރަށް ޙުރުމަތްތެރިކޮށް ހިތައިގެންނެވެ.” އެހެންނަމަވެސް އިދިކޮޅު ސިޔާސީ ފިކުރުގެ ބޭފުޅުން އިންތިޒާމް ކުރައްވާ އެއްވެސް ޢާއްމު އެއްވުމަކަށް ޖާގަ ނުދީ، ފުލުހުން އެކަމަށް ހުރަސްއަޅައި ހުއްޓުވަމުންދާ ވަގުތުތަކުގައި ސަރުކާރު ހިންގާ ސިޔާސީ ފިކުރުގެ ބޭފުޅުން އިންތިޒާމްކުރާ އެފަދަ އެއްވުންތަކަށް ޖާގަދިނުމުގެ އިތުރުން، އެފަދަ ހަރަކާތްތައް ހިންގުމަށް ފުލުހުން އެހީތެރިވެދިނުމަކީ މިދެންނެވި މާއްދާތަކާ ކަނޑައެޅިގެން ޚިލާފަށް ކުރާ ކަމެކެވެ. ޤާނޫނުއަސާސީގެ 245 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވަނީ “އެއްވެސްފަރާތަކުން ސަލާމަތީ ޙިދުމަތްތަކުގައި ހިމެނޭއެއްވެސް މީހަކަށް ޣައިރުޤާނޫނީ އަމުރެއް ކޮށްގެންނުވާނެއެވެ. އަދި އެފަދައެއްވެސް އަމުރަކަށް ސަލާމަތީ ޚިދުމަތްތަކުގައި ހިމެނޭ އެއްވެސް މީހަކު ތަބާވެގެނެއް ނުވާނެއެވެ.” އެހެންކަމުން އެފަދަ ޢަމަލުތަކުން ދުރުހެލިވެ، ޤާނޫނުއަސާސީއަށް އިޚްތިރާމްކުރުމަށާއި ޣައިރުޤާނޫނީ އަމުރުތަކަށް ކިޔަމަން ނުވުމަށް އެންމެހައި ފުލުހުންނަށް ގޮވާލަމެވެ. އެނގިވަޑައިންނަވާނޭފަދައިން ފުލުހުންގެ ޤާނޫނުގެ 7 ވަނަމާއްދާގެ (ހ) ގެ 16 ވަނަނުކުތާގައި ސާފުބަހުން ބަޔާންކޮށްފައިވަނީ “ފުލުހުންގެ ވާޖިބާ ކަނޑައެޅިގެން ޚިލާފުވާނެއަމަލެއް ކުރުމަށް އަންގާ އެންގުމަކަށް، ނުވަތަ ކުރާ އަމުރަކަށް، ކިޔަމަންތެރިނުވުން” ކަމަށްވާއިރު، މިއީ ރާއްޖޭގެ ކޮންމެފުލުހެއްގެވެސް ޤާނޫނީ ވާޖިބެއްކަން މިފުރުސަތުގައި ހަނދުމަކޮށް އަރުވަމެވެ.

(ރ)   ޤާނޫނުއަސާސީގެ 44 ވަނަ މާއްދާގައި ބަޔާންކުރަނީ “ކުށްކުށުގައި ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ޤާނޫނުގައިވާ ގޮތުގެ މަތީން ތަޙްޤީޤު ހިންގުމުގައްޔާއި ،ޝަރީއަތް ކުރުމުގައްޔާއި، ކުށް ސާބިތުވެގެން ޙުކުމް ތަންފީޛުކުރުމުގައި އެނޫން މީހެއްގެ ޤާނޫނީ ޙައްޤަކަށް ނުވަތަ ޤާނޫނީ ވާޖިބަކަށް ހުރަސް އަޅައިގެނެއް ނުވާނެއެވެ.” މިހެންނެވެ. އެހެންނަމަވެސް ފާއިތުވީ ދުވަސްތަކުގައި ތަފާތު ކުށްތަކަށް ތުޙުމަތުކޮށްގެން ތަޙްޤީޤު ހިންގުމުގެ ނަމުގައި ބައެއް ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ އަނބި އަނބި ކަނބަލުންނާއި ދަރިކަލުން ހިފާ ހައްޔަރުކޮށްފައިވާކަން ނުހަނު ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ ވަޒީފާގައި ތިބިފަރާތްތަށް ވެސް މިފަދަ ޣައިރުޤާނޫނީ އުސޫލެއްގެތެރެއިން ހައްޔަރުކުރަމުންދާ ދިއުމަކީ ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް ބިރުދެއްކުމުގެ އަމަލެއްގެގޮތުގައި ސިފަކުރެވެއެވެ. އަދި އެފަދަ ޢަމަލުތައް ހިންގި ފުލުހުންނާއި އެފަދަ ޣައިރުޤާނޫނީ އަމުރު ކޮށްފައިވާ ވެރިންގެ މައްސަލަ ތަޙްޤީޤުކޮށް ޤާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ނޭޝަނަލް އިންޓެގްރިޓީ ކަމިޝަން އަދި ހިއުމަން ރައިޓްސް ކަމިޝަން އޮފް ދި މޯލްޑިވްސްއަށް ގޮވާލަމެވެ.

ކުއްލިނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާވިދިގެން ކުއްލިގޮތަކަށް ސަރުކާރުގެ ފަރާތުން ވަކިވަކިފަރުދުން ފާހަގަކޮށް ހައްޔަރުކުރަމުންދާ ދިއުމަކީ އެމީހުންގެ އާއިލާތަކަށާއި އަނބިދަރިންނަށް ބިރުވެރިކަމާއި، ނުތަނަވަސްކަމާއި، އަދިޤާނޫނުގެ ހިމާޔަތެއްނެތްކަން އިހުސާސްވެ، އޭގެސަބަބުން ނަފްސާނީ ނިކަމެތިކަން ކުރިމަތިވަމުންދާނެކަމެކެވެ. އަދި މިއީ ސަރުކާރުގެ މުއައްސަސާތަށް މެދުވެރިވެ ހިންގާ ލާއިންސާނީ އަދި ޣައިރުޤާނޫނީ އަމަލުތަކެއްކަމަށްވާއިރު، މިއާއިލާތަކުގެ ޙައްޤުތަށް ދިވެހިސަރުކާރުގެ ފަރާތުން ނިގުޅައިގެންފައިވާކަން ޤަބޫލުކުރެވޭނެކަމާ ދޭތެރޭ ނުހަނުކަންބޮޑުވެއެވެ. އަދިމިފަދަ ހާލަތަކަށް ރާއްޖޭގެ މުޖުތަމައު ގެންދިއުމަކީ އެއްވެސްހާލެއްގައި ބަލައިގަނެވޭނެކަމެއްނޫނެވެ.

މިދެންނެވި ކަންތައްތައް މިހެން ހުރުމީ ދައުލަތުގައި ހިންގަމުން އައި ދުސްތޫރީ ނިޒާމް ރޫޅިގެން ދާފަދަ ކަންތައްތަކެވެ. އަދި އެކަމުގެ ނަތީޖާއަކީ ދިވެހި ރައްޔިތުން އެތައް ޒަމާނެއް ވާންދެން އެކަމުގެ އަގު ދައްކައިގެންވެސް ހަމަ ނުޖެއްސޭވަރުގެ ބޮޑެތި ގެއްލުމެވެ. އެހެންކަމުން ލަސްނުކުރައްވައި، މިހާރު ހިންގާފައިމިވާ ކުއްލިނުރައްކަލުގެ ޙާލަތު ބާތިލު ކުރެއްވުމަށާއި، އެ ޙާލަތު އަސާސެއްގެ ގޮތުގައި ބޭނުން ކުރައްވައިގެން ދައުލަތުން ހިންގަވާފައިވާ އެންމެހައި ކަންތައްތައް ކުރިން އޮތްގޮތަށް ރުޖޫއަ ކުރެއްވުމަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ. އަދި ފުލުހުންނާއި ސިފައިންގެ ޢަމަލުތައް ޤާނޫނީ އިމުގެ ތެރޭގައި ބެހެއްޓުމަށް ގޮވާލަމެވެ.


ނިމުނީ

Uthema