އަންހެނުން ވަޒީފާ އަދާކުރުމުން ނިކުންނަ ނަތީޖާތަކުގެ މައްޗަށް ލިޔެލަންޖެހުނު ސަބަބު ބަޔާންކޮށްލާނަމެވެ. ދިވެހިބަހުން ލިޔެފައިވާ ފޮތެއްކަމުގައިވާ “ފިރިހެނުންނާއި އަންހެނުން ހަމަހަމައެއްނޫން”[1]، މިފޮތުގެ އެއްސުރުހީގައިވަނީ “ފިރިހެނުންނަށް ވަޒީފާ މަދުވުން” މިފަދައިންނެވެ. މިސުރުހީގެ ދަށުން ލިޔުންތެރިޔާ ނަގާ މައިގަނޑު ނުކުތާއަކީ އަންހެނުން ވަޒީފާގެ މާހައުލަށް ނިކުތުމުން، ވަޒީފާތަކުގެ އަސްލު ޙައްގުވެރިން ކަމުގައިވާ ފިރިހެނުންނަށް ވަޒީފާގެ ފުރުސަތު ހަނިވެގެންދާކަމެވެ. އަދި ރާއްޖޭގައިވެސް ވަޒީފާ މަދު ނޫންކަމަށާއި، ދިމާވެގެން އުޅޭ މައްސަލައަކީ މާގިނަ އަންހެނުން ވަޒީފާއަށް ނިކުތުން ކަމެވެ. ވަޒީފާތަކުގެ އަސްލު ހައްގުވެރިންނަކީ ފިރިހެނުން ކަމުގައި ލިޔުންތެރިޔާ ދެކޭ ސަބަބަކީ، އަންހެނުންނަކީ ވަރަށް ހާއްސަ ހާލަތްތަކުގައިމެނުވީ “ގެއިން ބޭރުގައި މަސައްކަތްކުރުން އޮތްބައެއް ނޫނެވެ. އެމީހުންގެ މަސައްކަތުގެ މަރުކަޒަކީ ފިރިމީހާގެ ގެއެވެ. އޭނާގެ ދަރިންނާއި، އޭނާގެ މުދާ ބެލެހެއްޓުމެވެ”. އަހަރެން މިކަމާއިމެދު ދެކޭގޮތް ތިރީގައި މިވަނީއެވެ.

[1]  އަބޫބަކުރު އިބްރާހީމް (ހިންނަވަރު)، 2010، “ފިރިހެނުންނާއި އަންހެނުން ހަމަހަމައެއްނޫން”

ތަބީއީ ނަޒަރިއްޔާތު

“އެމީހުންގެ މަސައްކަތުގެ މަރުކަޒަކީ ފިރިމީހާގެ ގެއެވެ”. މިއީ އަހަރެން ދެކޭގޮތުގައި ތަބީއީ ނަޒަރިއްޔާތެކެވެ. އެހެނީ، މިގޮތަށް ގަބޫލުކުރާ މީހުން ދެކޭގޮތުގައި، އަންހެނާގެ ދައުރު ގުޅިފައިވަނީ ތަބީއީގޮތުން، އަންހެނާ ދަރިމައިވާތީވެ އެކަމާއެވެ. ކުޑަދަރިފުޅު ގޮވައިގެން ގޭތެރޭގެ އެންމެހާ ޒިންމާ އަދާކުރުމަކީ އެއީ އަންހެނާގެ ތަބީއީ މަސްއޫލިއްތަޔެވެ. އަންހެނާ، އަންހެނަކަށްވީތީވެ، އެމީހާ ކޮންމެހެންވެސް އަދާކުރަންޖެހޭ މަސްއޫލިއްޔަތެކެވެ. އެހެންނަމަވެސް، މިކަމާއިމެދު ފުންކޮށް ވިސްނާލުން މުހިންމެވެ. ފުރަތަމަ ކަމަކީ، އަންހެނަކު އަންހެނަކަށް ވަނީ (އަންހެނެއްގެ އައިޑެންޓިޓީ) އެމީހަކު އަންބަކަށް ވުމަކުންނޫނެވެ. އެހެންކަމުން، ކޮންމެ އަންހެނެއްގެވެސް މަސައްކަތުގެ މަރުކަޒު ފިރިމީހާގެ ގެޔަށް ވާނީ ކިހިނެއްހެއްޔެވެ؟ ކައިވެނި ނުކުރާ އަންހެނެއްގެ މަސައްކަތުގެ މަރުކަޒަކީ ދެން ކޮބައިތޯއެވެ؟

ދެވަނަ ކަމަކީ، ތަބީއީ ގޮތުން އަންހެނެއް އުފެދިފައިވަނީ ހަމައެކަނި ފިރިމީހާގެ ކަންކަން ބަލަހައްޓައި، ދަރިން ބަލާބޮޑުކުރަން ކަމުގަ ވަނީނަމަ، އެކި ދުވަސްވަރު، އަދި އެކި ގައުމުތަކުގައި އަންހެނުންގެ ދައުރު ތަފާތުވަނީ ކޮން ސަބަބުތަކަކާހެދިތޯއެވެ؟ ދުނިޔޭގެ ކަންހިނގާ އުސޫލަށް ބަލައިފިނަމަ، އަދި ދިވެހިރާއްޖެއަށްވެސް ބަލައިފިނަމަ ފެންނަ މަންޒަރަކީ، ދިރިއުޅުމުގެ ހާލަތާއި މައުލޫމާތާއި ތައުލީމާއި ތަޖުރިބާގެ އަލީގައި ދިރިއުޅުމުގެ ވައްޓަފާޅިއާއި، ކުރާ ކަންކަން ބަދަލުވެގެން ދާކަމެވެ. ތަބީއީ ގޮތުން، ބަދަލު ނުކުރެވޭނެ ވަކި ޒިންމާތަކެއް އަންހެނަކަށްވެސް އަދި ފިރިހެނަކަށްވެސް ނުވާކަމެވެ. އެމީހަކު އަދާކުރާނެ ވަޒީފާއަކާއި، އެވަޒީފާއެއް އަދާކުރާނެ ތަނަކާއި، ވަޒީފާއިން ލިބޭ އާމުދަނީ ހޭދަކުރާނެ ގޮތަކާއި، މިއެންމެހާ ކަންކަން ގުޅިފައިވަނީ މީހާގެ އިޚުތިޔާރާއެވެ.

އެމީހަކު އަދާކުރާނެ ވަޒީފާއަކާއި، އެވަޒީފާއެއް އަދާކުރާނެ ތަނަކާއި، ވަޒީފާއިން ލިބޭ އާމުދަނީ ހޭދަކުރާނެ ގޮތަކާއި، މިއެންމެހާ ކަންކަން ގުޅިފައިވަނީ މީހާގެ އިޚުތިޔާރާއެވެ.

އިޚުތިޔާރު

ތަބީއީ ނަޒަރިއްޔާތުން ހުއްޓުވާ އެއްކަމަކީ އަންހެނަކަށްވީތީ އޭނާ ބޭނުންވާގޮތަށް ދިރިއުޅުން ބައްޓަންކުރުމުގެ އިޚުތިޔާރެވެ. އަންހެނަކު އުޅެންޖެހޭ ގޮތާއި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް މަޖުބޫރު ކުރުވުމަކީ އިންސާނަކަށް ލިބޭ އިޚުތިޔާރު ނިގުޅައިގަތުމެވެ. އަދި މީގެސަބަބުން ވަރަށްގިނަ މުޖުތަމައު ތަކުގައި އަންހެނުން އިޖުތިމާއީ، ސަގާފީ، ސިޔާސީ އަދި މާލީ ކަންކަމުން ބާކީކުރެވިފައި ނުވަތަ އެކަހެރި ކުރެވިފައި ވެއެވެ. އެމީހެއްގެ އަމިއްލަ ދިރިއުޅުން ބިނާކުރުމާއި ބައްޓަން ކުރުމުގައި އިޚުތިޔާރު އޮތުމުގެ މާނައަކީ ކޮބައިތޯއެވެ؟ ކުރުގޮތަކަށް ބަޔާންކުރާނަމަ، އިޚުތިޔާރު އޮތުމުގެ މާނައަކީ ލިބެންހުރި ތަފާތު ފުރުސަތުތަކުގެ ތެރެއިން ތިމާ ބޭނުންވާ ފުރުސަތެއް އިޚުތިޔާރުކުރުމުގެ މިނިވަންކަން، މަޖުބޫރު ކުރުވުމެއްނެތި ލިބިފައިވުމެވެ.

ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ކޮންމެ ރައްޔިތަކަށްމެ ލިބޭ ހައްގުތައް ބަޔާންކޮށްފައިވެއެވެ. މިގޮތުން އިޖުތިމާއީ، ސަގާފީ، ސިޔާސީ އަދި މާލީ ޙައްޤުތަކަށް ވާސިލު ވުމުގައި އެންމެ މުހިންމު އެއްކަމަކީ، އެމީހަކު ބޭނުންވާކަންކަން ކުރުމުގެ އިޚުތިޔާރު އެމީހަކަށްލިބިފައި އޮތުމެވެ. މުދާ ލިބިގަތުމާއި، އަމިއްލަކުރުމާއި، ހޭދަކުރުމާއި، ވަޒީފާ އަދާކުރުމާއި، މިފަދަ ކަންކަމުން މަންފާލިބިގަތުމަކީ އެމީހެއްގެ ޙައްޤެކެވެ. އަދި އެމީހެއްގެ އިޚުތިޔާރުގައި ވާންޖެހޭނެ ކަމެކެވެ. އަދި ހަމަ އެހެންމެ އަންހެނެއްގެ މައްޗަށް އެމީހެއްގެ ވަޒީފާގެ މަރުކަޒަކީ ފިރިމީހާގެ ގެކަމުގައި ކަނޑައެޅުމުން، އެ ހިފެހެއްޓިގެންދަނީ އަންހެނެއްގެ ހަރަކާތްތެރިވެ އުޅުމުގެ އިހުތިޔާރެވެ. މާނައަކީ، ވަޒީފާ އަދާކުރަންވެސް، ނުވަތަ އެނޫންކަމަކަށްވެސް ގެއިންބޭރަށް ނިކުމެވޭނެ ގޮތެއް ނެތުމެވެ. މިހެންކަމުން އަމިއްލަ އިޚުތިޔާރުގައި ހަރަކާތްތެރިވެ، ހެލިފެލިވެ އުޅުމަކީ އަންހެނަކަށް ވީތީވެ ތަބީއީގޮތުން ހިފެހެއްޓިފައިވާ، ނުވަތަ އެނޫންގޮތަކުންވެސް ހިފެހެއްޓިގެން ވާނެ ކަމެއްނޫނެވެ.

އަމިއްލަ އިޚުތިޔާރުގައި ހަރަކާތްތެރިވެ، ހެލިފެލިވެ އުޅުމަކީ އަންހެނަކަށް ވީތީވެ ތަބީއީގޮތުން ހިފެހެއްޓިފައިވާ، ނުވަތަ އެނޫންގޮތަކުންވެސް ހިފެހެއްޓިގެން ވާނެ ކަމެއްނޫނެވެ.

ަބީއީ ނަޒަރިއްޔާތާއި އިސްލާމްދީން

ތަބީއީ ނަޒަރިއްޔާތަށް ބުރަވެ، އަންހެނުންގެ އިޚުތިޔާރު ހަނިކުރުމަށް ވަކާލާތުކުރާ ބައެއް މީހުން، އެމީހުންގެ ވާހަކައިގެ ހުއްޖަތަކަށް ދީން ބޭނުންކުރެއެވެ. “ފިރިހެނުންނާއި އަންހެނުން ހަމަހަމައެއްނޫން”، މިފޮތުގައި ލިޔުންތެރިޔާ ލިޔެފައިވެއެވެ، “ތަނަކު ބަޔަކު އުޅޭހާ ގޮތަކަށް އިސްލާމް އަންހެންކުދިން ގޮތެއްފޮތެއް ނެތިގެން އުޅޭކަށް ނުޖެހެއެވެ”. ޤުރުއާނާއި ސުންނަތުގެ އަލީގައި، ލިޔުންތެރިޔާ އެއްވެސް ދަލީލެއް ބަޔާންކޮށްފައި ނުވިނަމަވެސް، މިފަދަ އިބާރާތްތަކުން ދޭހަވަނީ އަންހެނުން ވަޒީފާއަށް ދިޔުމަކީ އިސްލާމްދީން މަނާކުރާކަމެއްގެ ގޮތުގައެވެ. ނަމަވެސް، އިސްލާމީ ތާރީޚަށް ބަލާއިރުވެސް، އަދި އިސްލާމީ ޢިލްމަށް ރިއާޔަތްކުރާއިރުވެސް، އިންސާނަކު އަންހެނަކަށް ވީތީވެ އެމީހަކު ވަޒީފާއަށް ދިޔުން މަނާކުރުމަށް، ނުވަތަ އެމީހެއްގެ އަމިއްލަ މިނިވަންކަން ހިފެހެއްޓުމަށް ހުއްޖަތެއްނެތެވެ.

އިސްލާމީ ތާރީޚަށް ބަލާއިރު، އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި އިޖުތިމާއީ އިގުތިސާދީ އަދި މިނޫންވެސް ދާއިރާތަކުގައި އަންހެނުންގެ ދައުރު ފުޅާކަން ފާހަގަކުރެވެއެވެ. މީގެ މިސާލަކަށް ޚަދީޖަތުގެފާނުގެ ދިރިއުޅުއްވުންވެސް ފުދެއެވެ. ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّم އާއި ކައިވެނި ބައްލަވައިގަތުމުގެ ކުރީގައިވެސް ޚަދީޖަތުގެފާނުއަކީ ވިޔަފާރި ކުރެއްވުމުގައި އެންމު ކުރީގައި އުޅުއްވި ބޭފުޅެކެވެ. ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّم އާއި ކައިވެނި ބައްލަވައިގަތުމަށް ފަހުގައިވެސް އެކަމަނާ ވިޔަފާރި ކުރުން ހުއްޓާލުމަށް އަންގަވާފައެއް ނެތެވެ. އަދި، ވިޔަފާރީގެ ރޮނގުން ކުރިއަށްގޮސް، ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّم ގެ ބޭނުންތަކަށްވެސް، އަދި އިސްލާމްދީން ކުރިއެރުވުމަށްވެސް އެކަމަނާ ޚަރަދުކުރެއްވެވިއެވެ. އިސްލާމީ ދިގު ތާރީޚުގައި މިފަދަ އެތަކެއް މިސާލުތަކެއްވެއެވެ. މިހެންކަމުން، އަންހެނުންގެ ވަޒީފާގެ މައިދާނަކީ ފިރިމީހާގެ ގެކަމުގައި ދެކެވޭ ވާހަކައަކީ، އޭގައި ދީނީ ބުރަދަނެއްވެސް އަސްލެއްވެސް ހުރި ވާހަކައެއް ނޫނެވެ.

އަންހެނަކަށް މަޖުބޫރު ކުރުވައިގެން، އެމީހަކު ވަޒީފާއިން މަހުރޫމުކޮށް، ގޭގައި ބެހެއްޓުމަކީ އެމީހަކަށް ކުރެވޭ އަނިޔާއަކަށް ނުވާނެ ހަމައެއްވެސް ގޮތެއް އެބައޮތްތޯއެވެ؟

ނިންމާލުން

އިސްވެލިޔެވުނު ވާހަކަތަގު އަލީގައި، އަންހެނަކު ވަޒީފާއަދާކުރުމާއި އެމީހާގެ އަމިއްލަ އިޚުތިޔާރާވަނީ ގުޅިލާމެހިފައެވެ. ތަބީއީ ކަންކަމުގެ މައްޗަށް ނިސްބަތްކޮށް، ނުވަތަ ތަބީއީ ކަންކަމާއި ދީން ހުއްޖަތަކަށް ހަދައިގެން، މީހެއްގެ އަމިއްލަ އިޚުތިޔާރު ނިގުޅައިގަތުމަކީ އަނިޔާވެރިކަމުގެ އަމަލެކެވެ. ދިވެހިރާއްޖޭގައި އަމަލުކުރެވެމުންދާ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް ރިއާޔަތްކުރިނަމަވެސް މިކަން ފަހުމުވެއެވެ. އެޤާނުނުގައިވާގޮތުން ނަފުސާނީ އަނިޔާކުރުމާއި، މާލީގޮތުން ނުވަތަ އިގުތިސާތީގޮތުން ދަތިކުރުމަކީވެސް އަނިޔާގެ ބާވަތަކެވެ. އެހެންވީއިރު، އަންހެނަކަށް މަޖުބޫރު ކުރުވައިގެން، އެމީހަކު ވަޒީފާއިން މަހުރޫމުކޮށް، ގޭގައި ބެހެއްޓުމަކީ އެމީހަކަށް ކުރެވޭ އަނިޔާއަކަށް ނުވާނެ ހަމައެއްވެސް ގޮތެއް އެބައޮތްތޯއެވެ؟ ހަމަމިއާއެކު، އިސްލާމްދީނުގެ އާލަމީ ސިފަތަކުގެ ތެރޭގައި ހިމެނޭ އިންސާފާއި އަދުލުވެރިކަން މިފަދަ ތަފާތުކުރުންތަކުގެ ސަބަބުން ހީނަރުވެގެންދެއެވެ. މުޖުތަމައުގެ ސަގާފީ، ސިޔާސީ، އިގުތިސާދީ އަދި އިޖުތިމާއި ކަންކަމުގައި ބައިވެރިވެ، އެކަންކަމުން މަންފާ ލިބިގަތުމަކީ، އަންހެނަކަށްވިޔަސް ފިރިހެނަކަށްވިޔަސް ތަފާތެއްނެތި ލިބެންޖެހޭ ފުރުސަތުތަކެކެވެ. އަދި މިފުރުސަތުތަކަށް ވާސިލުވުމުގައި ހުރި ހުރަސްތައް ނައްތާލުމަކީ، ހަމަހަމަކަން ޔަގީންކުރުމަށް ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.

އިބްރާހީމް ޠައްޔިބު އަކީ މިންތީގެހަމަހަމަކަމަށް ވަކާލާތުކުރާ، ދިވެހިރާއްޖޭގެ އިޖުތިމާއީ ދާއިރާގައި މިންތީގެހަމަހަމަކަމާއި ގުޅުންހުރިއެކި މައުލޫއުތަކަށް ތަމްރީނުދިނުމާއި އަހުލުވެރިކުރުމުގެ ޕްރޮގްރާމުތަކުގެ އެތަކެއްއަހަރުގެ އަމަލީތަޖުރިބާ ލިބިފައިވާ، އަދި މަދަނީޖަމުއިއްޔާގެ ދާއިރާގައި މިހާރުވެސް ޚިދުމަތްކުރަމުންދާ ފަރާތެކެވެ. ޠައްޔިބު އަކީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ދާއިރާއިން އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސިޑްނީ އިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތެކެވެ. އަދި ޠައްޔިބު ދިރާސާ ކުރުމުގެ ދާއިރާއިން ޝައުގުވެރިކަން ހުންނަނީ މިންތީގެ ހަމަހަމަކަމާއި އިސްލާމްދީނާ ގުޅޭގޮތުން ދިރާސާކުރުމަށެވެ.

ތައްޔިބު އަކީ އުތެމަ ގެ ލިޔުންތެރިއެކެވެ.

Uthema