01 މެއި 2018
މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން މަދަނީ ޖަމްޢިއްޔާތަކުން ނެރޭ ނޫސްބަޔާން

މިއަދު ދުނިޔޭގެ ފެންވަރުގައި މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރަމުންދާއިރުގައި، ދިވެހިރާއްޖޭގައި، މި ޤައުމުގެ އިޤްތިސާދާއި މުޖުތަމައު އާލާކޮށް ދެމެހެއްޓުމަށް، އެކި ހިސާބުތަކުގައި އެކި ދާއިރާތަކުގައި އެކިވައްތަރުގެ ކުދި، ބޮޑު މަސައްކަތް ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު ކުރަމުންދާ އެންމެހައި މަސައްކަތްތެރިންގެ އަގު ވަޒަންކޮށް މިޖަމްޢިއްޔާތަކުން އެމީހުނަށް ސާބަސް ކިޔަމެވެ.

ހަމަ މިއާއެކު ދިވެހިރާއްޖޭގައި މަސައްކަތްތެރިންގެ އަގު ވަޒަންކުރެވޭ މިންވަރު ކުޑަކަމާއި މަސައްކަތްތެރިންގެ ޙައްޤުތައް ހިމާޔަތްކުރުމުގައި އިހުމާލުވެފައިވާ މިންވަރު ފާހަގަކޮށް އެކަމާ ހިތާމަ ފާޅުކުރަމެވެ. ދިވެހިރާއްޖޭގައި މަސައްކަތްކުރާ ދިވެހީންނާއި ބިދޭސީން، އަންހެނުންނާއި ފިރިހެނުންނަށް ހުރި ގޮންޖެހުންތަކުގެ ތެރޭގައި އެންމެ އަސާސީ ކަންތައްތައް ހިމެނިފައިވުމަކީ ދިވެހި ދަޢުލަތުން ލަދުވެތިވާންޖެހޭ ކަމެކެވެ. އެހެންކަމުން ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހައި މަސައްކަތްތެރިންނަށް ދިމާވާ ދަތިތައް ދެނެގަނެ، އެމީހުންގެ އަސާސީ ޙައްޤުތަށް ރައްކާތެރިކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ފަހިކޮށްދެއްވުމަށް ހިއުމަން ރައިޓްސް ކަމިޝަން އޮފް ދި މޯލްޑިވްސް އަދި ސަރުކާރަށް ގޮވާލަމެވެ.

ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ ޤާނޫނެއް ތަންފީޒުކުރެވެމުން ދިޔަނަމަވެސް މިރާއްޖޭގައި ވަޒީފާ އަދާކުރާ އެތަކެއް ބައެއްގެ ވަޒީފާގެ ޔަޤީންކަމެއް ނެތެވެ. ޤާނޫނުއަސާސީއިން ލިބިދޭ އަސާސީ ޙައްޤުތަށް ލިބިގަތުމުން، ނުވަތަ ވަޒީފާ ދޭ ފަރާތުގެ ޒާތީ މައްސަލަތަކުގައި އެތައް މަސައްކަތްތެރިންނެއް ވަޒީފާއިން ވަކިކުރެއެވެ. އެތަކެއް ވަޒީފާތަކުގައި ކުރަންޖެހޭ މަސައްކަތާ ލިބޭ އުޖޫރައާ ނުބައްދަލެވެ.

ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނާމެދު ކަންތައްކުރާ އިހާނެތިގޮތް ބަދަލުކުރުމުގައި އެންމެހައި ރައްޔިތުންގެ ޒިންމާ އެބައޮތެވެ. ބިދޭސީ މަސައްކަތްތެރިންނަކީ ނަސްލީ ތަފާތުކުރުމުން ރައްކާތެރިކުރެވިފައިވާ ބަޔަކަށް ހަދަން ކޮންމެ މީހަކުމެ މަސައްކަތް ކުރަންޖެހެއެވެ. ޖިންސީ ވިޔަފާރީގައި ބިދޭސީ މަސައްކަތްތެރިން ބޭނުންކުރަމުން އެބަދެއެވެ. ބިދޭސީން އެންމެ ގިނައިން މަސައްކަތްކުރާ ކޮންސްޓްރަކްޝަން ދާއިރާގައި، އެމީހުނަށް ދޭންޖެހޭ ރައްކާތެރިކަން ނުދިނުމުގެ ސަބަބުން މަސައްކަތްތެރިންގެ ފުރާނަ ގެއްލުމަކީ ޢާއްމު ކަމަކަށް ވެއްޖެއެވެ. އެމީހުން މަސައްކަތް ކުރުމަށް ވަކި ވަގުތެއް ކަނޑައަޅައި، އަރާމު ކުރުމަށް ވަގުތު ނުދީ، ހަފްތާ ބަންދު ދުވަހެއް ނުދީ މަސައްކަތް ކުރުވައެވެ. އެމީހުން ނިދާ، ދިރިއުޅުމަށްޓަކައި ބައިތިއްބަނީ ތޮއްޖެހިފައިވާ، އިންސާނުންނަށް ދިރިއުޅުން ދަތިވާފަދަ ތަންތަނުގައެވެ. ބިދޭސީންނަށް އުޖޫރަ ދިނުން ލަސްކުރުމާއި

އުޖޫރަ ނުދީ މަސައްކަތްކުރުވުމަކީ ޢާއްމު ކަމެކެވެ. އެމީހުނަށް ވަޒީފާ ދޭ ފަރާތުން ދޭން ލާޒިމުކުރާ ކޮއްތު އަދި ދިރިއުޅޭނޭ ތަނަކީ އެމީހުންގެ އުޖޫރައިގެ ބަޔަކަށް ހަދައެވެ. އެމީހުންގެ ޕާސްޕޯޓާއި ވަޒީފާއާބެހޭ އެހެނިހެން ލިޔެކިއުން އެމީހުންގެ އަތަށް ނުދެއެވެ، އަދި އެމީހުނަށް ލިބެންޖެހޭ
އަސާސީ މިންވަރަށްވެސް ސިއްޙީ ފަރުވާ ނުލިބޭ އެތަކެއް ބިދޭސީ މަސައްކަތްތެރިންނެއް ދިވެހިރާއްޖޭގައި އުޅެއެވެ. މީގެ އިތުރުން، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ބިދޭސީ މަސައްކަތްތެރިންނާމެދު އަނިޔާވެރިވެ ލާއިންސާނީ ޢަމަލުތައް ހިންގާކަމުގެ މަޢުލޫމާތު ލިބެއެވެ. ކޯޓުތަކުގައި ބިދޭސީންގެ ޝަރީޢަތްކުރާއިރުގައި އެމީހުން ދަންނަ ބަހުރުވާއިން ޝަރީޢަތްކުރުމުގެ ބަދަލުގައި ދިވެހި ބަހުން މައްސަލަ އަޑުއަހައި ނިންމައެވެ. މިއީ ރާއްޖޭގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި މަނާކޮށްފައިވާ ނަސްލީ ތަފާތުކުރުމެވެ. އަދި ބިދޭސީ މަސައްކަތްތެރިންނަށް ލިބެންޖެހޭ އެކަށީގެންވާ ޤާނޫނީ ރައްކާތެރިކަން އަސާސީ އިންސާނީ ޙައްޤުތަކުގެ ހިސާބުގައާއި އަދާކުރާ މަސައްކަތުގެ ހިސާބުގައިވެސް ނެތެވެ. ބިދޭސީ މަސައްކަތްތެރިންނަށް ޖަމްޢިއްޔާ، ޖަމާއަތް އުފައްދާ، އެމީހުންގެ މަސައްކަތްތެރިންގެ ޔުނިއަންތައް ހަދައި، އެ މަސައްކަތްތެރިންގެ ޙައްޤުގައި ވަކާލާތުކުރުމަށް އެއްވެސް ހުރަހެއް އޮވެގެން ނުވާނެއެވެ. ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، 30 ވަނަ މާއްދާގައިވާ ޖަމްޢިއްޔާ، ޖަމާއަތް އުފެއްދުމާއި، 32 ވަނަ މާއްދާގައިވާ އެއްވެ އުޅުމުގެ އަސާސީ ޙައްޤު ދިވެހިންނެކޭ އެއްހަމައެއްގައި ދިވެހިރާއްޖޭގައި އުޅޭ ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.

ދިވެހިރާއްޖޭގައި ހުނަރުވެރި އެތަކެއް ބަޔަކު ތިބިނަމަވެސް، ބައެއް ވަޒީފާތަކަކަކީ ދިވެހިންގެ ބަދަލުގައި ބޮޑެތި އުޖޫރައާއި ދިރިއުޅުމުގެ އިނާޔަތްތައް ދީގެން ބިދޭސީން ގެންނަ ވަޒީފާތަކެވެ. މިކަން ފަތުރުވެރިކަމުގެ ދާއިރާގައި ބޮޑުކަމުގައި ފާހަގަ ވެއެވެ. ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުނަށް އެންމެ ބުރަކޮށް، ޗުއްޓީ ނުލިބި އުޅެންޖެހޭ ދުވަސްވަރާ ސްކޫލް ޗުއްޓީއާ ދިމާވުމުން އެމީހުންގެ އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ހުރަސްއެޅެއެވެ. ގިނަ އާއިލާތަކަށް ބޭސްފަރުވާއަށް ދެވެން އޮންނަނީ ޑިސެމްބަރު ޗުއްޓީގައި ކަމުން އާއިލާތަކަށް ދަތިވެ މިފަދަ އަސާސީ ބޭނުންތަށް ނުކުރެވޭ މިންވަރަށް ދަތިވެއެވެ. މިކަންކަން މަސައްކަތްތެރީންނަށް ފަހިކުރުމަށްޓަކައި ހަރުދަނާ ސިޔާސަތު ތަކަކާއި ޤާނޫނީ އޮނިގަނޑެއް ތައްޔާރުކޮށް ތަންފީޒުކުރުމަކީ ސަރުކާރުން ކުރުން ލާޒިމުކަންކަމެވެ. މީގެ އިތުރުން، ވަޒީފާއާބެހޭ ޤާނޫނުން ވަޒީފާއަދާކުރާ މީހުނަށް ލިބިދޭ ފުރިހަމަ ރައްކާތެރިކަމުން ދިވެހި ފުލުހުންނާއި ސިފައިން އިސްތިސްނާ ކޮށްފައިވާއިރު، ވަޒީފާއާ ގުޅޭ މައްސަލަތަކަށް ޚާއްސަކޮށްފައިވާ މުއައްސަސާތަކުގެ ޚިދުމަތުން ފުލުހުންނާއި ސިފައިން މަހްރޫމް ކޮށްފައިވާކަން ފާހަގަ ކުރަމެވެ. އަދި ސަލާމަތީ ޚިދުމަތްތަކުގައި ވަޒީފާ އަދާކުރާ މީހުނަށް ވަޒީފާގައި ދިމާވާ މައްސަލަތައް ޙައްލުކޮށްދެވޭނޭފަދަ މިނިވަން މުއައްސަސާއަކާ އެ ޒިންމާ ޙަވާލުކުރުމަށް ދަޢުލަތަށް ގޮވާލަމެވެ.

ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި ބޮޑެތި ތަފާތުކުރުން އަދިވެސް އެބައޮތެވެ. ރާއްޖޭގެ އެންމެބޮޑު ސިނާއަތް ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހި އަންހެނުންގެ ބައިވެރިވުން އޮތީ އެންމެ %2 ގައެވެ. އަދި މިހާތަނަށް އަންދާޒާކުރެވިފައިވަނީ ނުރަސްމީދާއިރާގައި ވަޒީފާގެ އެއްވެސް ރައްކާތެރިކަމެއްނެތި މަސައްކަތްކުރާމީހުންގެ %90 އަކީ އަންހެނުންކަމެވެ. ރަސްމީދާއިރާތަކުގައި އަންހެނުން ވަޒީފާ އަދާކުރާ މާޙައުލުގައި ޖިންސީ ގޯނާ ކުރުމާއި ފުރައްސާރަކުރުން ޢާންމުވެ، ދަޢުލަތުގެ މަޤާމުތަކުގައި ތިބޭ މީހުން އެފަދަ ޢަމަލުތައް ކުރުމުން ފިޔަވަޅު ނޭޅުމަކީ މި ޖަމްޢިއްޔާތަކުން ކުށްވެރިކުރާ ކަމެކެވެ. 2017 ވަނައަހަރުގެ ސެޕްޓެމްބަރުމަހު ފެނިގެންދިޔައީ ރާއްޖޭގެ އެންމެއާބާދީބޮޑު އެއްރަށް ކަމުގައިވާ ކުޅުދުއްފުށީގެ ކުޅިބޭނުންކޮށްގެން ރޯނުވެށުމުގެ މަސައްކަތް އެތައް ޖީލުތަކެއްގެ ދިގުމުއްދަތުގައި ކުރަމުން އައި ބަޔަކު، އެމަސައްކަތުން ލިބެމުންދިޔަ އާމުދަނީއިން ހަފްތާއެއްގެ ތެރޭގައި 400 އެއްހާއާއިލާ އާމުދަނީހޯދުމުގެ ފުރުސަތުން މަހުރޫމު ކުރެވިގެންދިޔަ މަންޒަރެވެ. އަދިއެމީހުނަށް މިކަމުގެ އެއްވެސް ބަދަލެއް ދޭނެގޮތެއް ހަމަޖައްސާފައިނުވާކަމީ އަންހެނުންނަށް އާމުދަނީހޯދުމުގެ ފުރުސަތާ އާމުދަނީ ހޯދުމަށްއޮތް މަގުތަކަށް ދައުލަތުގެ މުއައްސަސާތަކުން ބެލުމެއްނެތި ހުރަސްއަޅަމުންދާ ކަމުގެ ވަރުގަދަ ހެއްކެކެވެ. މީގެއިތުރުން އަމިއްލަ އިސްނެގުމާއިއެކު ނުރަސްމީދާއިރާގައި ކުރަމުންދިޔަ ބުރަ އަދި ހުނަރުވެރި މިމަސައްކަތަކީ އަގެއްނެތް އެއްޗެއްގެ ގޮތުގައި ދައުލަތުން ދެކޭކަން ދޭހަވާ ގޮތަށް ކަންކޮށްފައިވާތީ މިއަމަލު މިޖަމުޢިއްޔާތަކުން ކުށްވެރިކުރަމެވެ.

2018 ގެ އެޕްރީލްމަހު ހުޅުމާލޭގެ އާންމުތަނެއްގައި ހެދިކާވިއްކައިގެން ޙަރަދުތަށް ފޫބެއްދުމަށް ގޭގައިތިބެގެން އަންހެނުންގެ ބަޔަކު ކުރަމުންދިޔަ މަސައްކަތަށްވެސް ކުއްލިގޮތަކަށް ލޮޅުންއަރާ އެމަސައްކަތްކުރުން ހުއްޓާލަންޖެހޭ މިންވަރަށް ހުޅުމާލޭގެ އުމްރާނީ ތަރައްޤީގެ މަސައްކަތްކުރާ ހުޅުމާލޭ ޑިވެލޮޕްމަންޓު ކޯޕަރޭޝަނުން އުސޫލުތަންފީޒުކުރަން ނިންމިތަން ފެނިގެންދިޔައެވެ. މިކަންކަމުން އެނގެނީ އަންހެނުންގެ ކުރިއެރުމަށާއި ނިކަމެތި ހާލަތުން އަރައިގަތުމަށް އަންހެނުން ކުރާ މަސައްކަތަށް ދިވެހި ދައުލަތުގެ ފަރާތުން އެދެވޭ ސިޔާސަތެއް ނެތްކަމާއި މީގެސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި އަންހެނުންނަށް މަސައްކަތްކޮށް އާމުދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށް އަދިއާލާކޮށްވެސް ނުދެވޭކަމެވެ. ދިވެހި ސަރުކާރުގެ ފަރާތުން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި ތަކުގެ އަސާސީ މަފްހޫމެއްގެ ގޮތުގައި “އެއްވެސް މީހަކު ބާކީނުކުރުން” ކަމަށް ވަކާލާތުކުރަމުންދާއިރު، މިފަދަ ބޮޑެތި ފުށުއެރުންތައް އަމަލުން ފެނުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނޭ ކަމެއްނޫންކަން ފާހަގަކުރަމެވެ.

ދިވެހިރާއްޖޭގައި މަސައްކަތްތެރިންގެ ޙައްޤުތައް ގެއްލިފައިވަނީ މިދެންނެވި ޙާލަތްތަކުގައި އެކަންޏެއް ނޫނެވެ. މިއީ ދަޢުލަތުން އެކަށީގެންވާ ވަގުތާއި ހޭދައެއް ދީގެން މައްސަލަތައް ދެނެގަނެ، މަސައްކަތްތެރިންގެ ބަސް ހޯދައިގެން ލަސްނުކޮށް ޙައްލުކުރަންޖެހިފައިވާ ބޮޑެތި މައްސަލަތަކެކެވެ. އަދި އެފަދަ މަސައްކަތެއްގައި ހެޔޮނިޔަތުގައި އެހީތެރިވެދިނުމަށް މިޖަމްޢިއްޔާތަކުން ތައްޔާރަށް ތިބިކަން ދަންނަވަމެވެ.

ދިވެހިރާއްޖޭގެ އެންމެހާ މަސައްކަތްތެރީންނަށް މޭޑޭގެ ތަހުނިޔާ ފޮނުވަމުން ދަންނަވަމެވެ. ވަޒީފާގައި މަސައްކަތްތެރީންނަށް އިންސާފުވެރިކަމާއި ތަނަވަސްކަން ހޯދުމަށްޓަކައި މަސައްކަތްތެރީންގެ ޙައްޤުތައް ކަށަވަރުކުރުމަށް އަތުކުރިއޮޅާލައިގެން ނިކުތުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. ސަބަބަކީ ދުނިޔޭގެ ތާރީޙުން ފެންނަންއޮތް ޙަޤީގަތަކީ މަސައްކަތުގެ ދާއިރާގައި ލިބިދޭ ރައްކާތެރިކަން ލިބިފައިވާ މިންވަރަށްވެސް އޮތީ މަސައްކަތްތެރީން ނިކުމެ އެޙައްޤުތައް ހޯދައިގެންކަމަށްވާތީއެވެ.

Uthema