އަންހެނުންގެ ޖިންސީގުނަވަނަށް ގެއްލުންދިނުމާ އަންހެނުން ޚިތާނު ކުރުމުގެ މައްސަލައާބެހޭ ގޮތުން
އަންހެނުންގެ ޖިންސީގުނަވަނަށް ގެއްލުންދިނުމާ އަންހެނުން ޚިތާނު ކުރުމުގެ މައްސަލައާބެހޭ ގޮތުން
އިކުއަލިޓީނައު، އައްޑޫ ވިމެންސް އެސޯސިއޭޝަން، ފެމިލީ ލީގަލް ކްލިނިކް، ފެމް ހެލްތް، ހޯޕް ފޮ ވިމެން، އެމް.ވީ ރައިސްއަޕް، އުތެމަ އަދި ވިމެން އެންޑް ޑިމޮކްރަސީ މަދަނީ ޖަމްޢިއްޔާތައް ގުޅިގެން ނެރޭ ނޫސްބަޔާން
ނޫސްބަޔާން – 13 ޖުލައި 2021  

އަންހެނުންގެ ޖިންސީގުނަވަނަށް ގެއްލުންދިނުމާ އަންހެނުން ޚިތާނު ކުރުން ނުވަތަ “ފީމޭލް ޖެނިޓަލް މިއުޓިލޭޝަން/ކަޓިންގ” ( ކުރުކޮށް – އެފް.ޖީ.އެމް.ސީ) އަކީ އަންހެންކުދިންނާ އަންހެނުންގެ އިންސާނީ ހައްޤުތައް ނިގުޅައިގަނެ އަންހެންކުދިންނާ އަންހެނުންނަށް އަނިޔާވެރިވުމުގެ ނޭއްގާނީ އަމަލެކެވެ. ދުނިޔޭގެ ފެންވަރުގައި ލިބެންހުރި ތަފާސްހިސާބަށް ބަލާއިރު މި އަމަލަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޅާދާއިރާއެއްގައި ކުރަމުންދާ ކަމެކެވެ. ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ ތަފާސްހިސާބު ދައްކާގޮތުގައި 31 ގައުމަކުން 200 މިލިއަން އަންހެން ކުދިންނާ އަންހެނުންނާ ދެކޮޅަށް މި އަމަލު ހިންގާފައިވެއެވެ، އަދި މިކަން ހިނގަމުން ދިޔަނަމަވެސް ގައުމީފެންވަރުގައި ތަފާސްހިސާބު ނެތް ގައުމުތައް މި ތަފާސްހިސާބުގައި ނުހިމެނެއެވެ. މީގެއިތުރުން އަހަރަކު މަދުވެގެން 2 މިލިއަން އަންހެންކުދިންނަކީ އެމީހުންގެ ޖިންސީގުނަވަނަށް މިފަދައަނިޔާ ލިބުމުގެ ނުރައްކާއޮތް ބައެކެވެ. އަންހެނުންގެ ޖިންސީގުނަވަނަށް ގެއްލުންދިނުމާ އަންހެނުން ޚިތާނު ކުރުމުގެ (އެފް.ޖީ.އެމް.ސީ) އަމަލު ހިންގަމުންދާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނެއެވެ. މިކަމުގެ ފަސްފަހަތުގައިވާކަމަކީ މިކަންކުރުމަކީ އަންހެނުންގެ ޖިންސީގުޅުންތައް ހުންނަންޖެހޭކަމަށް ބެލެވޭގޮތަށް އެކަންބެހެއްޓުމަށާ އެމީހުން ކައިވެންޏަށް ތައްޔާރުކުރުމުގެ ގޮތުން ކުރެވޭކަމެއްގެ ގޮތުގައި ގެންގުޅޭ ވިސްނުންތަކެކެވެ. ދިވެހިރާއްޖޭގައި ތައްޔާރުކުރެވުނު އާބާދީއާއި ސިއްހަތާބެހޭ ސާވޭ 2016/2017 (މޯލްޑިވްސް ޑެމޮގްރެފިކް އެންޑް ހެލްތް ސާވޭ) ގެ ހޯދުންތަކުން އެނގިފައިވަނީ ރާއްޖޭގެ 15 އަހަރާ 49 އަހަރުގެ އުމުރުފުރާގެ އަންހެނުންގެ އާބާދީގެ %13 އަކީ އެފް.ޖީ.އެމް.ސީ ކޮށްފައިވާ މީހުންކަމެވެ.

އެފް.ޖީ.އެމް.ސީ އަކީ އާންމުސިއްހަތާ ބެހޭ މައްސަލައަކަށް ވާއިރު، މިއީ އަންހެނުންނަށް އެމީހުންގެ ހައްޓާނަފްސަށް އޮތް އަމިއްލަވަންތަކަމާ ހަށިގަނޑުގެ ސަލާމަތްތެރިކަމުން މަހުރޫމު ކުރުވާ އަމަލެކެވެ. މި އަމަލަކީ އޭގައި އެއްވެސް ސިއްހީފައިދާއެއް ނުވާ ކަމަކަށްވާއިރު، އޭގެ ސަބަބުން އެތަކެއް ޖިސްމާނީ އަދި ނަފްސާނީ މައްސަލަތަކެއް އުމުރުދުވަހަށްވެސް އުފެދިގެން ހިނގައިދާނެފަދަ ކަމެކެވެ. މީގެތެރޭގައި، މިއަނިޔާގެ ސަބަބުން ކުރުރާސްތާގައި ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި ވޭންބޮޑު ތަދުގެ އިތުރުން ލޭ މަނާނުވުމާ، ޓެޓަނަސް އަދި ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަންއުފެދުމާ ފެންބޭރުނުވުން، ޖިންސީގުނަވަނުގައި ފާރުއުފެދުމާ، ހުންއައުމާ ސެޕްޓިސީމިއާ ފަދަ ބަލިތަކަށް ހުށަހެޅިގެންދިއުން ހިމެނެއެވެ. ލޭ މަނާނުވުމާ އިންފެކްޝަން އުފެދުމުގެ މައްސަލަތައް ބައެއްހާލަތުގައި ބޮޑުވެގެންގޮސް ފުރާނައަށް ނުރައްކާވާ ހާލަތު މެދުވެރިވާ ހިސާބަށްދެއެވެ. މިކަމުގެ ސަބަބުން ދިގުރާސްތާގައި، ވިހެއުމުގައި މައްސަލަތައް ދިމާވެ، ލޭގައި ހިމޮގްލޮބިން މަދުވުން (އެނީމިއާ)، މާބަނޑުވުމަށް ދަތިވުން، ޖިންސީގުޅުމުގައި މައްސަލަދިމާވުން، ޖިންސީގުނަވަނަށް އާދަޔާޚިލާފަށް އުނދަގޫތައްދިމާވުން އަދި އެޗް.އައި.ވީ (އެއިޑްސް) ބަލިފެތުރުމަށް ހުށަހެޅުމުގެ އިތުރުން ނަފްސާނީ ގޮތުން މައްސަލަތައް ދިމާވުން ހިމެނެއެވެ.

އަހަރެމެން – އިކުއަލިޓީނައު، އައްޑޫ ވިމެންސް އެސޯސިއޭޝަން، ފެމިލީ ލީގަލް ކްލިނިކް، ފެމް ހެލްތް، ހޯޕް ފޮ ވިމެން، އެމް.ވީ ރައިސްއަޕް، އުތެމަ އަދި ވިމެން އެންޑް ޑިމޮކްރަސީ ގުޅިގެން، އިންސާނީ ހައްޤުތަކުން މަހުރޫމުކުރުވާ އެފް.ޖީ.އެމް.ސީ ގެ އަނިޔާ ދުނިޔޭގައި އަދި ދިވެހި މުޖުތަމައުގައިވެސް އޮތްއޮތުމާ، މިކަން ދެމެހެއްޓުމުގެ ފަހަތުގައިވާ މިންތީގެ ނަހަމަކުރުންތައް ނިމުމަކަށް ގެނައުމަށް ކުރާމަސައްކަތްތަކުގެ އަޒުމް އަދު އާލާކުރަމެވެ.  އެފް.ޖީ.އެމް.ސީ އަކީ އަންހެން ކުދިންނާ އަންހެނުންނާ ދެކޮޅަށް ކުރާ ނުހަނު އަނިޔާވެރި އަމަލެއްކަމުން މިކަން އަހަރެމެން ކުށްވެރި ކުރާ ހިނދު، މި އަމަލަށް ސުންބަރުދާސްތު (ޒީރޯ ޓޮލަރަންސް) ގެންގުޅުމަށް ގުޅިގެން ގޮވާލަމެވެ. އަސާސީ އިންސާނީ ޙައްޤުތަކަށް އަރައިގަތުމަށް ހިތްވަރުދިނުމާ އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާގޮވުންތަކަށް ސުންބަރުދާސްތުގެ ރައްދުދިނުން މުހިންމުކަމަށް ދެކެމެވެ. އާންމުންގެ ތެރޭގައި ދަންނަ ފަރާތްތަކާ އަދި ދައުލަތުގެ މުއައްސަސާތަކާ ތައުލީމުދޭ ތަންތަނުގެ ވަޒީފާގައި ތިބޭ ފަރާތްތަކާ، އެ ފަރާތްތަކާ ގުޅުންހުރި އެކި ޚަބަރުފަތުރާ މަސްދަރުތަކުން އަންހެންކުދިންނާ އަންހެނުންނަށް އަނިޔާކުރުމަކީ އާންމުހަމައަކަށް ހެދުމަށް މަސައްކަތް ކުރުމަކީ ތަހުޒީބު މުޖުތަމައެއްގައި ބަލައިގަނެވޭނެ ކަމެއްނޫނެވެ. މުޖުތަމައުއެއްގެ ތެރޭގައި ކަންކަން އަގުކުރުމާ، ވަޒަންކުރުމާ، އިންސާނީ ހައްޤުތައް ކަށަވަރުކުރުމާ އަންހެންކުދިންނާ އަންހެނުން ބާރުވެރި ކުރުމަށްޓަކައި އާންމު ހެޔޮހަމަތަކުގެ ތަސައްވުރެއް އުފައްދާއިރު، ސަގާފީކަމެއްގެ ގޮތުގައިކުރާ އަނިޔާވެރިއަމަލުތައް ދާއިމީގޮތެއްގައި ބަދަލުކޮށް ނިމުމަކަށް ގެނައުމަކީ މުޖުތަމައުގެ ތެރެއިން އިސްނަގައިގެން ކުރަންޖެހޭ ކަމެކެވެ. އެފް.ޖީ.އެމް.ސީ ނިމުމަކަށް ގެނައުމަށްޓަކައި ބައިނަލްއަޤުވާމީ މުޖުތަމައުއިން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ނަމަވެސް، އެ މަންޒިލަށް ވާސިލްވުމަށް އަދިވެސް ދިގުދަތުރެއް ކުރަންޖެހެއެވެ.  ޒަމާންތަކެއްގެ ތެރޭގައި ބިންވަޅުނެގިފައިވާ މިންތީގެ ނަހަމަކަމުގެ ވިސްނުންތަކެއްގެ ސަބަބުން އަންހެންކުދިންނާ އަންހެނުން އަގުކޮށް ދަރަޖަކުރުމުގައި އަނިޔާލިބޭފަދަ ބަސްކޮށާރެއް އުފެދި، އޭގެ ނޭދެވޭ އަސަރުތައް އެމީހުން ދިރިތިބުމާ ދިރިއުޅުމަށް ކުރަމުންދާއިރު، މިއީ ގައުމެއްގެ އާންމުސިއްހަތާ އިޖްތިމާއީ އަދި އިޤްތިޞާދީ ތަރައްޤީއާ ގުޅިފައިވާ ކަމަކަށްވާއިރު، މިކަމުން އަރައިގަތުމަށް އަހަރެމެން އެންމެން ގަދައަޅާ މަސައްކަތްކުރަން ޖެހެއެވެ.

އަންހެނުންގެ ޖިންސީގުނަވަނަށް ގެއްލުންދިނުމާ އަންހެނުން ޚިތާނު ކުރުމުގެ މައްސަލައާބެހޭ ގޮތުން
Uthema