ނޫސް ބަޔާން
16 ނޮވެމްބަރު 2018
މާލެ، ދިވެހިރާއްޖެ

އުތެމަ އަދި ވޮއިސް އޮފް ވިމެން ޖަމުއިއްޔާ އިން އާސަރުކާރަށް ހުށަހަޅާފައިވާ ހުށަހެޅުން

 އުތެމަ އަދި ވޮއިސްއޮފްވިމެން އަކީ ރާއްޖޭގައި އަންހެނުންގެ ޙައްޤުތަކަށް ވަކާލާތުކުރުމުގެ މަޤްސަދުގައިއުފެދި މަސައްކަތްކުރަމުންދާ ދެ މަދަނީ ޖަމުއިއްޔާއެވެ. ދިވެހިރާއްޖޭގައި ޢިޖްތިމާއީ، ޢިޤްތިސާދީ، ސިޔާސީ އަދިމިނޫންވެސް އެހެންދާއިރާތަކުގައި އަންހެނުންނަށްވީތީ ކުރަމުންދާ ނޭދެވޭ ތަފާތުކުރުންތަކަކީ ހައްލުނުވެ އޮންނަ އަދި ރާއްޖޭގެ ޤާނޫނުއަސާސީއާ ޤާނޫނުތަކާވެސް ޚިލާފު ބޮޑުމައްސަލަތަކެކެވެ. މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަކީ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތަކަށް އިޖްތިމާއީ އަދާލަތު އެކަށައެޅެންއޮތް މަގު ކަމަށްވާހިނދު، މިއީ ދައުލަތްހިންގުމުގައި އެންމެއިސްކަން ދޭންޖެހޭ ކަންކަމުގެ ތެރޭގައި ހިމަނަންޖެހޭ ކަމެއްކަން މިޖަމުއިއްޔާތަކުން ދެކެމެވެ. މިންތީގެހަމަހަމަކަން ރާއްޖޭގައި އަމަލީގޮތުން ޤާއިމުކުރުމަށް ސިޔާސަތު ބައްޓަންކުރުމުގައި ހިމަނަންޖެހޭ މުހިންމު ކަންތައްތަކެއް ނިމިދިޔަ ރިޔާސީއިންތިޚާބުގެ ތެރޭގައި ގުޅިފައިވާ ޕާޓީތަކަށް މިޖަމުއިއްޔާތަކުން  ވާނީ ހުށަހަޅާފައެވެ. އެހެންކަމުން މާދަމާ، 17 ނޮވެމްބަރު 2018 ގައި އަލްފާލިލް އިބްރާހިމް މުހަންމަދު ސޯލިހު އާސަރުކާރު ހިންގުމާ ހަވާލުވެވަޑައިގަންނަވާއިރު، އެމަނިކުފާނަށާ އާސަރުކާރު ހިންގުމުގެ ބޮޑުޒިންމާއާއި ހަވާލުވާ އެންމެހާ ފަރާތްތަކަށް މިޖަމުއިއްޔާތަކުން ހުށަހަޅާފައިވާ 8 ނުކުތާ ހަނދުމަކޮށް އެރުވުމަށްޓަކައި މިބަޔާނާއިއެކު އާންމުކުރަމެވެ.


ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މިންތީގެ ހަމަހަމަކަމުގެ ވައުދުނާމާގެ ސިޔާސަތުގައި ހިމެނުމަށް

އުތެމަ އަދި ވޮއިސް އޮފް ވިމެން ޖަމްއިއްޔާ އިން ހުށަހަޅާފައިވާ ހުށަހެޅުންތައް


1 – މިންތީގެ ހަމަހަމަކަމުގެ ޤާނޫނު އަދި ގެވެށިއަނިޔާ ހުއްޓުވުމުގެ ޤާނޫނުފަދަ އަންހެނުންނަށް ހަމަހަމަ ފުރުސަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ ގާނޫނުތަކުގެ އޮނިގަނޑު ވަރުގަދަކޮށް، ކަމަށްބޭނުންވާ ބަޖެޓާ އިންސާނީ އަދި އެހެނިހެން ވަސީލަތްތައް ޤާއިމުކޮށް ތަންފީޒުކުރުން.

2 – ދަރިމައިކަމުގެ 6 މަސްދުވަހުގެ ޗުއްޓީ މުސާރަޔާއެކު އަދި 1 މަސްދުވަހުގެ ބަފައިކަމުގެ ޗުއްޓީ (ބޭނުންނުކުރާނަމަ ގެއްލޭއުސޫލުން) ހަމަޖައްސައިދިނުން.

3 – ކުދިންބެލުމުގެ ރައްކާތެރި ހަރުދަނާ ނިޒާމެއް އަތްފޯރާފަށުގައި ސިވިލްސާވިސް މުވައްޒަފުންނަށާ ދައުލަތުގެ ވިޔަފާރިކުރާ ކުންފުނިތަކުގެ މުވައްޒަފުންނަށް ލިބޭނޭގޮތް ފަހިކޮށްދިނުން.

4 – ދައުލަތުގެ ބަޖެޓު މިންތީގެ ހަމަހަމަކަމާ އިޖްތިމާއީ އަދާލަތު ޤާއިމުކުރުމުގެ އުސޫލުތަކަށް ފަރުމާކުރުން.

5 – އުޖޫރައަކާނުލާ އަންހެނުން ގޭތެރޭގައި ކުރަމުންދާ އާއިލާ ބެލެހެއްޓުމުގެ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް އެބުރަ ލުއިކުރުމަށް މަގުފަހިކޮށްދޭނެ ސިޔާސަތުތަކެއް  ކަނޑައަޅާ ތަންފީޒުކުރުން.

6 – ރާއްޖޭގައި އިގްތިސާދީގޮތުން މަންފާ ހޯދުމަށް ގިނަ އަންހެނުން މަސައްކަތްކުރަމުންދަނީ ވަޒީފާގެ ހިމާޔަތެއްނެތް، ސޯޝަލް ޕްރޮޓެކްޝަން ފަދަ ޕެންޝަން ނުލިބޭ ނުރަސްމީ މަސައްކަތުގެ ދާއިރާއަށް ވީހިނދު، މިދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ މަސައްކަތުގެ އަގުވަޒަންކޮށް އެމީހުނަށް ސޯޝަލް ޕްރޮޓެކްޝަންގެ ނިޒާމުގެތެރެއިން މަންފާ ލިބޭނެ ސިޔާސަތުތަކާއި މިދާއިރާ ކުރިއެރުވުމަށް މަގުފަހިވާނެ އިގްތިޞާދީ ސިޔާސަތުތަކެއް ކަނޑައަޅާ، ތަންފީޒްކުރުން.

7 – ސިޔާސީ ޕާޓީތަކުގެ އިންތިޚާބީ ޓިކެޓުކަނޑައެޅޭ އުސޫލަކީ ޕާޓީތަކުގެ މެމްބަރުންގެ މިންތި ތަމްސީލުކުރާ ނިސްބަތަށް ހެދުން.

8 – ތިމާވެށި ރައްކާތެރިކުރުމުގެ ސިޔާސަތުތަކާއި މޫސުމަށް އަންނަބަދަލުތަކާގުޅިގެން އެކުލަވާލާސިޔާސަތުތައް ތަންފީޒުކުރުމުގައި މިންތީގެ ހަމަހަމަކަން ގެންގުޅެ މިސިޔާސަތުތަކަކީ ޔުނައިޓަޑް ނޭޝަންސް ފްރޭމްވާކް ކޮންވެންށަން އޮން ކްލައިމަޓް ޗޭންޖް ގެ ސަބްސިޑަރީ ބޮޑީ ފޮރ އިމްޕްލިމެންޓޭޝަން ގެ ޑިސިޝަން 3/ސީޕީ.23 ގެދަށުން އެކުލަވައިލެވިފައިވާ “ޖެންޑަރ އެކްޝަން ޕްލޭން” އާއި އެއްގޮތައް ތަންފީޒުކުރެވިގެންދާ ސިޔާސަތުތަކަށް ހެދުން.

ގުޅިފައިވާ ސިޔާސީޕާޓީތަކުގެ ސަރުކާރެއްގައި އެންމެހާ ސިޔާސަތުތައް އެކަށައަޅާ، ބަޖެޓުކޮށް، ތަންފީޒްކުރުމުގައި މިންތީގެ ހަމަހަމަކަމާ އިޖްތިމާއީ އަދާލަތު ޤާއިމުކުރުމުގެ ހަމަތަކާ އުސޫލުތަށް އިސްކުރުމަކީ ރާއްޖޭގެ އަންހެނުންގެ ހާލަތު އަދަށްވުރެ ހެއުހާލަތަކަށް ގެންދިއުމަށް ބޭނުންކުރެވޭނެ އެންމެމުހިންމު އަސާސީ ފަލްސަފާކަމުގައި މިޖަމްއިއްޔާތަކުން ދެކެމެވެ. އަދިއެފަދަ ފަލްސަފާއެއްގެ އަލީގައި މިވައުދުނާމާ އެކަށައެޅުމަށް އެދި މަތީގައިވާ 8 ނުކުތާ ހެއުނިޔަތުގައި ތިޔަފަރާތްތަކަށް ހުށަހަޅަމެވެ.


ނިމުނީ

Uthema