ކުޅުދުއްފުށިކުޅި ހިއްކުމާބެހޭގޮތުން ކަންބޮޑުވުން – ރަށުކައުންސިލަށް ފޮނުވި ހުޅުވިފައިވާ ސިޓީ – 5 ނޮވެމްބަރ 2017

ހދ. ކުޅުދުއްފުށި ކައުންސިލުގެ އެންމެހާ ކައުންސިލަރުންނަށް

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން، އެއާޕޯޓެއް އެޅުމުގެ މަޤްސަދުގައި ކުޅުދުއްފުށީގެ ޤުދުރަތީ މުހިންމު ވަސީލަތެއް ކަމުގައިވާ ރަށުގެ މަށިކުޅި ހިއްކުމުގެ މަސައްކަތް ތިޔަފަރާތުގެ އިޒުނައާއިއެކު ދަނީ ދައުލަތުގެ ކުންފުނި އެމް.ޓީ.ސީ.ސީ އިން ކުރަމުންނެވެ.

ކުޅުދުއްފުށިފަދަ ރާއްޖޭގެނިސްބަތުން ބަލާއިރު ޒަމާންވީބޮޑުރަށެއްގެ މިފަދަ ޤުދުރަތީ ވަސީލަތްތަކަކީ އޭގެޒާތުގައި ރަށުގެ އެންމެހާ ދިރުންތަކާއި ގުޅި ލާމެހިފައިވާ ތަންތަނެވެ. މީގެތެރޭގައި ގަސްގަހާގެއްސާއި، ދޫނިސޫފާ ސޫފީގެ އިތުރުން އިންސާނުންވެސް ހިމެނެއެވެ. އަދި ރަށުގެ އާބާދީގެ މިހާރާއި މުސްތަޤުބަލުގެ ސަލާމަތާ ރައްކާތެރިކަން މިކުޅީގެ ޤުދުރަތީވެއްޓާއި ކަނޑާނުލެވޭނެ މިންވަރަށް ގުޅިފައިވާކަންވެސް ރަށުގެކައުންސިލަށް އެނގިވަޑައިގަންނަވާނެކަން ކަށަވަރެވެ. މިކުޅިއަކީ ދިވެހިރާއްޖޭގައި އޮތް އެންމެބޮޑު މިފަދަ މަށިކުޅިކަމާއި މިއީ ދިވެހިރާއްޖޭގެ ޤުދުރަތީ ޤައުމީ ތަރިކައެއްކަންވެސް އެނގިވަޑައިގަންނަވާނެއެވެ. ތިޔަފަރާތަށް ކުޅުދުއްފުށި ކުޅީގެ ޤައުމީ، ޤުދުރަތީ، އިޤްތިސާދީ، އިޖުތިމާއީ އަދި ސަގާފީ މުހިންމުކަން އެހެންބަޔަކު ބަޔާންކޮށް ކިޔައިދޭކަށް ނުޖެހޭނެކަންވެސް ފާހަގަކުރަމެވެ. ރަށާ ރައްޔިތުންގެސަލާމަތާ، ރައްކާތެރިކަމާ، ރަށުގެ ދެމެހެއްޓެނިވި ތަރައްޤީއާ ކުރިމަގު ފަރުމާކުރާނެގޮތް އެންމެބޮޑަށް ދަންނާނެ ފަރާތަކީވެސް ރަށުގެރައްޔިތުންގެ ވޯޓުން ހޮވާފައިވާ ކައުންސިލު ކަންވެސް ފާހަގަކުރަމެވެ. ކުޅުދުއްފުށިކުޅި ހިއްކުމަށް ތިޔަކައުންސިލުން ތާއީދުކޮށް ކުރުރާސްތާގެ ތަރައްޤީއެއްގެ އެދުމުގައި ކުޅި “ޤުރުބާން” ކުރުމުގެ މަގު ޙިޔާރުކުރައްވަން ނިންމަވާ، ކުޅިހިއްކުމަށް އެއްބާރުލުން ދެމުންގެންދަވާކަމާއިގުޅިގެން ތިޔަފަރާތަށް މިސިޓީލިޔަންޖެހެނީވެސް މަތީގައިދެންނެވުނު ޙަޤީގަތްތަށް އެގޮތަށް އޮތަތީއެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި މިޖަމުއިއްޔާތަކުން ރަށުގެ ކައުންސިލަށް އިލްތިމާސްކޮށް ގޮވާލަނީ ރަށަށާއި ރަށުގެ ރައްޔިތުންނަށް އޭގެމަންފާ ފައިސާއިން އަގުނުކުރެވޭވަރުގެ މުހިންމު ކުޅުދުއްފުށިކުޅި “ޤުރުބާން” ކުރުން ވަގުތުން ހުއްޓާލެއްވުމަށެވެ.

ދެވަނަކަމަކަށް ފާހަގަކުރަންބޭނުންވަނީ މިވަގުތު ކުޅިހިއްކުމަށްކުރަމުންދާ މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ޤާނޫނާ ޤަވާޢިދުތަކުގެ އިމުގެ މުޅިންބޭރުން ކުރަމުންދާ ކަމެއްކަމެވެ. މިކަމާބެހޭގޮތުން މިޖަމުއިއްޔާތަކުގެ މުހިންމުކަންބޮޑުވުންތަކެއް ތިރީގައި ބަޔާންކުރަމެވެ.
1 – ކުޅިހިއްކަން ފެށިފައިވަނީ ކުޅިހިއްކުމާބެހޭ ތިމާވެށީގެ ރިޕޯޓުގައި ކަންކުރަންވީގޮތް ކަނޑައެޅިފައިވާގޮތާއި މުޅިން ޚިލާފަށެވެ.
2 – ކުޅިހިއްކަން ފެށިފައިވަނީ ތިމާވެށީގެ ރިޕޯޓުގައިވާގޮތަށް، އާންމުރައްޔިތުންގެ ޙިޔާލުހޯދުމުގެ މަރުހަލާއަށް ތަންނުދީއެވެ. މީގެސަބަބުން ރަށުގެ ރައްޔިތުންނަށާއި ރާއްޖޭގ ެއެންމެހާރައްޔިތުންނަށްވެސް މިޤައުމީ ތަރިކަ ނައްތާލުމާބެހޭ ގޮތުން ބަހެއްބުނުމުގެ ފުރުސަތުން މަހުރޫމުވީއެވެ.
3 – ކުޅިއަކީ ރަށުގެ އާބާދީގެ ގިނަބައެއް، ޚާއްސަކޮށް އަންހެނުން، ދެމެހެއްޓެނިވިގޮތެއްގައި އާމުދަނީ ހޯދަމުންދާ ވަސީލަތެކެވެ. އެމީހުން ކުޅިންފޭބުމަށް އަންގާ މަސައްކަތުގެ ފުރުސަތުން ކުއްލިގޮތަކަށް މަހުރޫމުކުރިކުރުމަކީ މިޖަމުއިއްޔާތަކުން ކުއްވެރިކުރާ އަމަލެކެވެ. އަދި އެމީހުންނަށް ބަދަލުދިނުމުގެ އެއްވެސް ޕްލޭނެއް ނެތި، އެމީހުންނަށް ލިބެމުންދިޔަ އާމުދަނީ އިން މަހުރޫމުކުރެވިގެންދިއުމަކީ ކައުންސިލެއްގެ ހައިސިއްޔަތުން ޒިންމާދާރުކަމެއް އޭގައިނެތް ނިންމުމެއްކަންވެސް ހިތާމައާއިއެކު ފާހަގަކުރަމެވެ.
4 – 2013 ވަަނައަހަަރު ތިމާވެށީގެ ވުޒާރާއިން ކޮންޓްރެކްޓް ކޮށްގެން، ކުޅުދުއްފުށީގެ ހާލަތާއި ނާޒުކުކަން އަދި ވިލުންވެރިކަން ދެނެގަތުމަށް ހެދިފައިވާ ދިރާސާއަކުން އެނގެން އޮތްގޮތުގައި ކުޅުދުއްފުއްޓަކީ ސުނާމީއެއްފަދަ ޤުދުރަތީ ކާރިސާއެއް މުސްތަޤްބަލުގައި އަތުވެއްޖެނަމަ 100 އާއި 126މިލިއަންރުފިޔާއާއި ދޭތެރޭގެގެއްލުން ލިބޭނެކަމަށް އަންދާޒާކުރާ ރަށެކެވެ. އަދިކުޅިއަކީ ރަށުގައި ވާރޭ ވެހުމުގެ ސަބަބުންނާއި ހަޅަނަކަތުގައި އަރާ ރާޅުން ސަލާމަތްކޮށްދޭ އެންމެ މުހިންމު ވަސީލަތުގެ އިތުރުން، ރަށުގެ ސާފު ފެންފަށަލަ ދެމެހެއްޓުމަށް މުހިންމުދައުރެއް އަދާކުރާ ވަސީލަތެއްކަންވެސްވަނީ ފާހަގަކޮށްފައެވެ. މިކަންކަމުގެއިތުރުން، 1990ގެ އަހަރުތަކުގައި ރަށުގެ ދެކުުނު ކޮޅުގައި އޮތް ޗަސްބިން ހިއްކާފައިވުމުގެ ސަބަބުން ރަށުގައި ފެންބޮޑުވުމުގެ ހާދިސާތަކަށް މަގުފަހި ކޮށްދޭކަމާއި ރަށުގެ ވިލުންވެރިކަން އެތަށް ތަނެއް ދަށްވެ ރަށް ނުރައްކަލުގެ ތެރެއަށް ހުށައެޅިފައިވާކަން ވަނީ ފާހަގަ ކޮށްފައެވެ. މިދިރާސާއިން އެނގޭ ގޮތުގައި ރާއްޖޭގެ ރަށްތަކަށްބަލާއިރު ކުޅުދުއްފުއްޓަކީ އެރަށްއޮތްތަނުގެ ގޮތުން، ސުނާމީއެއް އަތުވެއްޖެނަމަ ‘ހައި ރިސްކް’ ޒޯނެއްގައިވާ ރަށެއްކަމެވެ. މީގެއިތުރުން ފާހަގަކުރެވިފައިވަނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކަކީ ތާރީޚަށްބަލާއިރުވެސް ޤުދުރަތީކާރިސާތައް ގިނައިންތަޖުރިބާކޮށްފައިވާ ސަރަހައްދެއްކަމެވެ. ރަށުގެކުޅީގެ ނިޒާމަކީ ރަށްހިމާޔަތްކުރާ ޤުދުރަތީ ރައްކަލަކަށްވާހިނދު، ކުޅި “ޤުރުބާން” ކޮށް ނައްތާލުމުން މިފަދަގެއްލުންތައް ބޮޑުތަނުންއިތުރުވާނެ ކަމަކީ ރަށުގެކައުންސިލަށް ނޭނގިއޮންނާނޭ ކަމެއްކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

މިއަދަކީ (05 ނޮވެމްބަރު) އދ. އިން ދުނިޔޭގެ ފެންވަރުގައި ސުނާމީއާއިބެހޭގޮތުން މީހުންއަހުލުވެރިކުރުމަށް ފާހަގަކުރާ ބައިނަލްއަޤުވާމީ ދުވަހެވެ. 2004ގެ ބޮޑުކާރިސާގެ ތަޖުރިބާއަކީ ރާއްޖޭގެރައްޔިތުންގެ ހަނދާނުންނާއި ތާރީޚުން ފިލާނުދާނެ ބޮޑުފިލާވަޅެކެވެ. އަދި އެފަދަކާރިސާއަކުން ރާއްޖޭގެ ޖަޒީރާރަށްތަށް ސަލާމަތްކޮށް ދެމެހެއްޓެނިވިގޮތެއްގައި އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މުހިންމު ޒިންމާ މިޖީލަށް އޮތްއިރު، ކުޅުދުއްފުށީގެ ޤުދުރަތީ ސަލާމަތީވަސީލަތް “ޤުރުބާން” ކުރާ މިސާލު ތިޔަކައުންސިލުން ނަންގަވާފައިވާވުމަކީ އިންތިހާއަށް ކަންބޮޑުވާކަމެކެވެ.
5 – ކުޅުދުއްފުށި ކުޅިއަކީ ރާއްޖެގޭ މިފަދަ އެހެންކުޅިތަކަށް ބަލާއިރު މިތަނުގެ އުފުދެމުގައި ޙާއްސަ ސިފަތަކެއްވާ އަދި ކުޅީގެދިރުންތަކުގެ ސަބަބުން ޤައުމީ ފެންވަރުގައިވެސް ޚާއްސަ ތަރިކައެކެވެ. މިކުޅިއަކީ ރާއްޖޭގައިއޮތް މިފަދަ އެންމެ ބޮޑު މަށި ކުޅީގެ އިތުރުން އެއްތަނެއްގައި އެންމެ ގިނައިން ކުޅިފަދަ ތަންނަތުގައި ހެދޭ ގަސް (ޓްރޫ މެންގްރޯވް ސްޕީސީސް) ފެންނަން ހުރިތަނެވެ. މިތަނުން ފެންނަ 8 ބާވަތެއްގެ ގަހަކީ މިހާރުވެސް އެތަކެތީގެ ނަސްލަށް ދިމާވެފައިވާ ނެތިހިނގައިދާނެކަމުގެބިރު އޮތުމުގެ ސަބަބުން، ޤުދުރަތީވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމުއިއްޔާތަކުގެ (އިންޓަރނޭސަނަލް ޔޫނިއަން ފޯރ ކޮންސަރވޭޝަން އޮފް ނޭޗަރ) ‘ރެޑް ލިސްޓް’ ގައިވާގަސްތަކެކެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ކުޅުދުއްފުށި ކުޅިއަކީ ބައިނަލް އަގްވާމީ އަދި ރާއްޖޭގައި ހެދިފައިވާ ގާނޫނު ތަކުން ހިމާޔަތް ލިބިދޭ އެތައް ދޫންޔެއްގެ މޫސުމީ ހިޖުރައިގެ މުހިންމު މަންޒިލެކެވެ.
6 – ކުއްލި ގޮތަކަށް މަހާޖައްރާފާ ރަށަށްދަތުރުކޮށް ކުޅިހިއްކަން ފެށުމުން އެމަސައްކަތުގެ ސަބަބުން އެސަރަހައްދުގެ އަދި ސަރަހައްދާ ގުޅިފައިވާ ރަށްކައިރީ އޮންނަ ޑައިވްކުރާ މުހިންމު މުރަކަތިލަތަކަށް، އަދިޙާއްސަގޮތެއްގައި ޤުދުރަތީގޮތުން މުއްސަނދި ރަށުބޮޑުތިލައަށް ބޮޑެތިނޭދެވޭ އަސަރުތަކެއް ކުރާނެ ކަމުގެ ކަންބޮޑުވުން ޑައިވްކުރުމާބެހޭ ފަންނީ ފަރާތްތަކުން ހާމަކުރަންފަށާފައިވާކަންވެސް ހިތާމައާއިއެކު ފާހަގަކުރަމެވެ. މިފަދަކަންކަމަށް ސަމާލުވުމެއްނެތި، ރަށުގެ ދިރުންތަކާއި އިޤުތިސާދީ ގޮތުން ބޮޑެތިފައިދާ ތަކެއް ކުރިމަގުގައި ލިބެންހުރި ވަސީލަތްތަކަށް އިޔާދަނުކުރެވޭނެފަދަ ގެއްލުންލިބޭނޭ ކަމެއް ކައުންސިލުގެ ރުހުމާއެކު ކުރިއަށްދާކަމީ ރަށަށްވެވޭ އިހުމާލެއް ނޫންގޮތަށް ސިފަކުރެވޭކަށް ނެތްކަންފާހަގަކުރަމެވެ.
7 – ޒަމާނީ ތަރައްޤީއަކީ ކުޅި ނައްތާލައިގެން ގެނެވޭނެ އެއްޗެއްކަމަށް ކައުންސިލްގެ ރައީސްގެވާހަކައިން ދޭހަވެފައިވާކަން ހިތާމައާއިއެކު ފާހަގަކުރަމެވެ. އަދި ދުނިޔޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ބައިނަލްއަޤުވާމީ ފެންވަރެއްގައި ދިވެހިރާއްޖެ ބައިވެރިވެ، އެކަމާބެހޭ ރިޕޯޓު އދ ގެކަމާބެހޭ ބައްދަލުވުމެއްގާ ދާދިއިހަކަށްދުވަހު ހުށަހަޅާފައިވާއިރު، އާބާދީބޮޑު ކުޅުދުއްފުށީގެ ކައުންސިލުގެ ރައީސްއެއްގެ ފަރާތުން މިމޭރުމުންވާހަކަ ދެކެވިފައިވާކަމީ ނުހަނު ކަންބޮޑުވާކަމެކެވެ. ދުނިޔެ ޤަބޫލުކުރާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަޑިތައް ހާސިލްކުރެވެން އަންނަނީ ޤުދުރަތީ ވަސީލަތްތައް ހިމާޔަތް ކޮށްގެނެވެ. ދެމެހެއްޓެނިވި ތަރައްޤީއަކީ ހަމައެކަނި އުމްރާނީ ތަރައްގީ ނޫންކަން ކައުންސިލުގެ އެންމެހާ މެމްބަރުންނަށްވެސް އެނގިވަޑައިގަންނަވާނެކަން ކަށަވަރެވެ. އަދި ދަންނަވަމެވެ. ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި، މީގެތެރޭގައި އައްޑޫ އަތޮޅުގައިއޮންނަ އީދިގަލި ކިޅި އަދި ފުވައްމުލަކުގައި އޮންނަ ބަންޑާރަ ކިޅި އާއި ދަނޑިމަގު ކިޅި ބަލަހައްޓާ، ރާއްޖޭގެ ތިމާވެށީގެ ވުޒާރާއިން ބައިނަލް އަގުވާމީ އެހީހޯދައިގެން ފައިދާ ލިބޭނެ ފަދަ ޕްރޮޖެކްޓްތައް އަންނަނީ ހިންގަމުންނެވެ. ކުޅުދުއްފުށިކުޅި ނައްތާލަން ސިޔާސަތު ރޭވުނު ހިނދު އެކަމަށް އިއުތިރާޒު ނުކުރުމަކީ ކުޅުއްދުފުށި ކުޅިން މިފަދަ ޕްރޮޖެކްޓްތައް ހިންގައިގެން، އަންނަން އޮތް ޖީލުތަކަށް ލިބެންއޮތް ފައިދާއިން ކުޅުދުއްފުށި ރައްޔިތުން މަހްރޫމްވުމެވެ.
8 – އެއާޕޯޓް އެއް އެޅުމުން މީހުން މާލެ ހިޖުރަ ކުރުން މަދުވާނެކަމަށް ކައުންސިލުގެ ވިސްނުމުގައި ވާކަން ފާހަގަކުރަނީވެސް ކަންބޮޑުވުމާއެކުގައެވެ. ސަބަބަކީ، މިހެން މިކަންހިނގާނަމަ، ފެންނަށް އޮތް އެތައްމިސާލުތަކެއް ކަމަށްވާ އައްޑޫ، ފުވައްމުލައް، ލާމު އަތޮޅު އަދި ހުވަދު އަތޮޅު ފަދަ ކަންކޮޅުތަކުން މާލެ ހިޖުރަކުރާމީހުން އަދަކު ނެތީހެވެ. ކުޅުދުއްފުށީގެ ރައްޔިތުންނަށް ނުހަނު ބޭނުންވެފައިވާ އަސާސީ ޚިދުމަތްތައް ކަމުގައިވާ އެދެވޭފެންވަރެއްގެ ސިއްޙީ ޚިދުމަތާއި، ފެންވަރު ރަނގަޅު ޔުނިވާސިޓީއަކާއި، ރާއްޖެއިން ތަކެތި އެތެރެ ކުރެވޭނެ ގޮތަށްހެދިފައިވާ ސަރަހައްދީ ބަދަރެއްގެ ވަސީލަތާއި އަދި އަތޮޅުތެރޭގައި އަގުހެއުކޮށް ދަތުރުކުރެވޭނެ ދަތުރުފަތުރު ކުރުމުގެ ނިޒާމަކީވެސް ރަށަށާއި، ރައްޔިތުންނަށާއި އެމީހުންގެ ދިރިއުޅުމުގެ ހާލަތަށް ހެއުބަދަލުތަކެއް ހޯއްދަވަން މަސައްކަތް ކުރެއްވޭނެ ކަންކަމެވެ.
9 – ކުޅުދުއްފުށި ކުޅިހިއްކައިގެން އެތައް ވަޒީފާއެއް އުފެދިގެންދާނެ ވާހަކަ ވިދާލުވަމުންދާތީ މިކަމާވެސް މިޖަމުއިއްޔާތަކުން ނުހަނުކަންބޮޑުވެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ނުހިމެނޭ ގޮތަށް ދިވެހިރާއްޖޭގައި ދެންއޮތް 11 އެއާޕޯޓުގައި އުފެދިފައިވަނީ ގާތްގަނޑަކަށް ޖުމްލަ 1035 ވަޒީފާއެވެ. އެހެންކަމުން އެއަރޕޯޓެއްގައި އެވްރެޖެކޮށް އުފެދެނީ 100 އެއްހާ ވަޒީފާކަން ލިބެންހުރި ތަފާސްހިސާބުތަކުން އެނގެއެވެ. ކުޅުދުއްފުށި އެއާޕޯޓު އިންޓަރނޭޝަނަލް ނުކުރެވޭތީ އުފެދޭ ފުރުސަތުތައް މިއަށްވުރެންވެސް މަދުވާނެ ކަމަށް އަންދާސީ ހިސާބުތަކަށް ބާލާއިރު ލަފާކުރެވެއެވެ.

މަތީގައި ތަފްސީލުކޮށްފައިއެވަނީ މިމައްސަލައާއި ގުޅިގެން މިޖަމުއިއްޔާތަކަށްހުރި ކަންބޮޑުވުންތަކުގެ ތެރެއިން ބައެއް ކަންތައްތަކެވެ. ނަމަވެސް ކުޅުދުއްފުއްޓާއި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބަސްބުނުމުގެ ފުރުސަތުނުދީ، ކުޅި “ޤުރުބާން” ކުރުމުގެ ނިންމުމެއް ނިންމާ، އަދި އިޔާދަނުކުރެވޭނެ ގެއްލުން ކުޅިހިއްކައިގެން އެވަސީލަތަށްދެވި، މުސްތަޤުބަލުގައި ދިމާވެދާނޭ ޤުދުރަތީ ނިކަމެތިކަމަކާއި ގެއްލުމަކަށް ބެލުމެއްނެތި، ޢައިރުޒިންމާދާރު ގޮތުގައި މިކަން ހިންގަމުންދާ ދިއުން މިޖަމުއިއްޔާތަކުން ފާހަގަކުރަނީ ނުހަނުބޮޑު ކަންބޮޑުވުމާއެކުގައެވެ.

މަތީގައި ދެންނެވުނު ކަންކަންމިހެން ހިނގަމުންދާއިރު ކުޅުދުއްފުށި ކައުންސިލަކީ ކަމާބެހޭ ޤާނޫނީ ހަމަތަކަށް އިހުތިރާމުކޮށް ޤާނޫނު ނަގަހައްޓަން މަސައްކަތްކުރާ ޒިންމާދާރުފަރާތަކަށް ވުމަކީ ކޮންމެހެން ކުރަންޖެހިފައިވާކަމެއްކަމަށް މިޖަމުއިއްޔާތަކުން ދެކެމެވެ. އަދި މިކަމުގައި ޤާނޫނީއިމުގެ ތެރޭގައި ކަންކުރުމަށާއި، ރަށުގެރައްޔިތުންނާއި އަދި ރަށުންބޭރުގެ ރައްޔިތުން މިކަމާބެހޭގޮތުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ތިޔަކައުންސިލުން ޖަވާބުދާރީވުމަށްވެސް އިލްތިމާސްކޮށް ހުށަހަޅަމެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
05 ނޮވެމްބަރު 2017
16 ސަފަރު 1439

ހދ. ކުޅުދުއްފުށި ކައުންސިލުގެ އިދާރާ
ހދ. ކުޅުދުއްފުށި

ކޮޕީ : މިނިސްޓްރީ އޮފް އެންވައިރަމަންޓް އެންޑް އެނަޖީ، ދިވެހިރާއްޖެ
ކޮޕީ : އެންވައިރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ، ދިވެހިރާއްޖެ

އީކޯކެއަރ
އެމް.ޑީ.އެން
ބްލޫޕީސް
ބީލީފް
ފްރެންޑްސްއެއިޑް
ވޮއިސްއޮފްވިމެން
އުތެމަ

Uthema