ބައިނަލް އަޤުވާމީ އަންހެނުންގެ ދުވަސް – 8 މާރިޗު 2020

އަންހެނުންނާ ދެކޮޅަށް ކުރާ އެންމެހާ ތަފާތުކުރުންތައް ނައްތާލުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ – ސީޑޯ ގެ
16 ވަނަމާއްދާއާއި ގުޅޭ ރެޒަވޭޝަން ނެގުމާބެހޭ ގޮތުން ދައުލަތުން ކަންކޮށްފައިވާ ގޮތާއި ގުޅޭ


ބައިނަލް އަޤުވާމީ ދުނިޔޭގެ އެކުވެރި ދައުލަތްތަކުގެ އާއިލާގައި 1965 ވަނަ އަހަރު ދިވެހިރާއްޖެ ބައިވެރިވެ، އ.ދ. ގެ އެއްބަސްވުންތަކާއި މަޝްވަރާއާއި އެކު ދުނިޔޭގެ އެންމެހާ އިންސާނުންގެ އިންސާނީ ޙައްޤުތަކާއި އިންސާނީ ކަރާމާތް ހިމާޔަތްކޮށް ކަށަވަރުކުރުމަށް އުފައްދާފައިވާ އަސާސީ މުއާހަދާތަކެއްގައި، އެހެންޤައުމުތަކެކޭ އެއްފަދައިން ރާއްޖެ އަންނަނީ ބައިވެރިވަމުންނެވެ.

މިގޮތުން އަންހެނުންނާ ދެކޮޅަށް ކުރާ އެންމެހާ ތަފާތުކުރުންތައް ނައްތާލުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ (ނުވަތަ ‘ ސީޑޯ ‘) ގައި ރާއްޖެ ބައިވެރިވުމަށް ސޮއިކުރީ 1993 ގައެވެ. ރާއްޖޭގެ އޭރުގެ ހާލަތުގައި އާއިލާއާއި ބެހޭ ޤާނޫނެއް ޤާނޫނީ އޮނިގަނޑުގެ ތެރޭގައި ނެތެވެ.   ސީޑޯ މުއާހަދާގައި ރާއްޖެ ބައިވެރިވުމުން އަންހެނުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމާއި އިންސާނީ ކަރާމާތް ރައްކާތެރި ކުރުމަށް ރާއްޖޭގެ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް އެ މުއާހަދާއިން ބާރުއެޅިގެން ދިޔައެވެ. ސީޑޯގައި ރާއްޖެ ސޮއިކުރި އިރުވެސް އެމުއާހަދާގެ 7 ވަނަ މާއްދާއާއި 16 ވަނަ މާއްދާއަށް އަމަލު ކުރުމަށް ރާއްޖެއިން އިންކާރުކޮށް “ރެޒަވޭޝަން” ހިމެނިއެވެ. ސީޑޯގެ 7 ވަނަ މާއްދާގައި ބުނަނީ އަންހެނަކަށް ވީތީ ސިޔާސީ އަދި މަދަނީއެއްވެސް މަގާމަކާއި ހައިސިއްޔަތަކުން އަންހެނުން މަހުރޫމު ކުރެވިގެން ނުވާނެކަމެވެ. ނަމަވެސް އޭރު ރާއްޖޭގެ ޤާނޫނު އަސާސީ ލިޔެފައި އޮތް ގޮތުން އަންހެނަކަށް ރާއްޖޭގެ ވެރިކަމެއް ނުކުރެވޭނެއެވެ. 2008 ވަނައަހަރު ވުޖޫދަށްއައި ޤާނޫނު އަސާސީ އަށް ފަހު މިދެންނެވި ހުރަސް ނެތިގެން ދިއުމުން ސީޑޯގެ 7 ވަނަ މާއްދާ އަށް ރާއްޖެއިން އޮތް ރެޒަވޭޝަން 2010 ގައި ރަސްމީކޮށް ނެގިގެންދިޔައެވެ. އޭގެ ފަހުން ސީޑޯއަށް ރާއްޖެއިން އިއުތިރާޒުކުރާ އޮތީ ހަމައެކަނި ސީޑޯގެ 16 ވަނަ މާއްދާއެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއާސް 25 ފެބްރުވަރީ 2020 ގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ މުއައްސަސާ އިން ސީޑޯ މުއާހަދާގެ 16 ވަނަ މާއްދާގެ 1 ގެ (ށ) (ބ) (ކ) (އ) އަދި އެމާއްދާގެ 2 އަށް ރާއްޖެއިން އިންކާރުކޮށްފައިވާ ވުން ނިމުމަކަށް ގެނައުމަށް އ.ދ. އަށް ސަރުކާރުން ހުށަހަޅައިފި ކަމެވެ. ސީޑޯ މުއާހަދާގެ 16 ވަނަ މާއްދާއަކީ ކައިވެނި ކުރުމާއި އާއިލާ އެކަށައެޅުމުގައި އަންހެނުންނަށާއި ފިރިހެނުންނަށް ހަމަހަމަ ގޮތުގައި ޙައްޤުތަށް ކަށަވަރު ކުރުމާބެހޭ މާއްދާއެވެ. މި މާއްދާއަކީ ސީޑޯ މުއާހަދާގެ މައިގަނޑު އަސާސްއާއި ގުޅިފައިވާ މާއްދާއެކެވެ. ރާއްޖެއިން އަދިވެސް އިންކާރު ކުރަމުންދާ މި މާއްދާގެ 4 ނުކުތާ ތިރީގައި ދަންނަވަމެވެ.

1) 16(ހ) ގައި ބުނަނީ ކައިވެނި ކުރުމުގެ ޙައްޤު އަންހެނުންނަށާއި ފިރިހެނުންނަށް ހަމަހަމައަށް އޮންނަންވާނެ ކަމެވެ.
2) 16(ނ) ގައި ބުނަނީ ކައިވެނީގެ ތެރޭގައި އަދި ކައިވެނި ނިމުމަކަށް އައުމުންވެސް އަންހެނުންނަށާއި ފިރިހެނުންނަށް ހަމަހަމައަށް ހައްޤުތަކާއި ޒިންމާތަށް އޮންނަންވާނެ ކަމެވެ.
3) 16(ރ) ގައި ބުނަނީ ދަރިންނާއި ބެހޭ ކަންކަމުގައި، ކައިވެނީގެ ހާލަތަށް ރިޢާޔަތް ނުކޮށް، މައިންބަފައިންގެ ހައިސިއްޔަތުން ހަމަހަމަ ޙައްޤުތަކާއި ޒިންމާތައް އޮތުމާއި، އެފަދަ ހުރިހާ މައްސަލަ ތަކެއްގައިވެސް އިސްތިސްނާއެއްނެތި ދަރިންގެ މަސްލަހަތު އިސްކުރަން ޖެހޭނޭ ކަމެވެ.
4) 16(ޅ) ގައި ބުނަނީ ޤައުމުގެ ޤާނޫނީ އޮނިގަނޑުގެ ތެރޭގައި ވާ މަފްހޫމްތަކުގެ ތެރެއިން ބަލަދުވެރިކަމާއި (ގާޑިއަންޝިޕް، ވޯޑްޝިޕް، ޓްރަސްޓީޝިޕް) އަދި އެޑޮޕްޝަން ފަދަ ކަންކަމުގައި ހަމަހަމަ ޙައްޤުތަކާއި ޒިންމާތަށް އޮތުމާއި، އެފަދަ ހުރިހާ މައްސަލަ ތަކެއްގައިވެސް އިސްތިސްނާއެއްނެތި ދަރިންގެ މަސްލަހަތު އިސްކުރަން ޖެހޭނޭ ކަމެވެ.

ދިވެހި މުޖުތަމައުގައި އަދުގެ ހާލަތަށް ބަލާއިރު މަތީގައި ދެންނެވުނު ނުކުތާތަކަށް ދިވެހި ދައުލަތުން އިންކާރު ކުރަންވީ ސަބަބެއް އޮތުމަކީ ހައިރާންވާން ޖެހޭކަމެކެވެ. ސަބަބަކީ ރާއްޖޭގެ ގިނަ އާއިލާތަކަކީ ދެމަފިރިންގެ މަސައްކަތުން އާމުދަނީ ހޯދައިގެން ޙަރަދުތަކާއި ދަރިންގެ ޒިންމާތަށް އުފުއްލަމުންދާ އާއިލާތަކެވެ. ރާއްޖޭގެ ހަޤީގަތަކީ ދައުލަތުގެ ވަޒީފާގައި ސިވިލްސާވިސް ގައިވެސް އަދު ނިސްބަތުން ގިނައީ އަންހެނުން ކަމެވެ.  އަދި އެކަނިވެރި މައިން ދަރިންގެ ޒިންމާތައް އެކަނިމައި އެކަނި ނަގަމުންދާ ހާލަތަކީ އާންމު ހާލަތަކަށް ވަނީ ވެފައެވެ. މިއީ ޤައުމީ ތަފާސްހިސާބުން ފެންނަންއޮތް ޙަޤީގަތް ތަކެވެ. ދުނިޔޭގެ ނިސްބަތުންވެސް އިންތިހާއަށް ވަރިގިނަ ދިވެހިރާއްޖޭގައި، ދަރިން ބެލުމުގެ ޒިންމާ އަންހެނުން ނަގަމުންދާ ސަގާފަތެއް އޮތް ހިނދު، ޙައްޤުތަކާއި ޒިންމާތައް ހަމަހަމައަށް އަންހެނުންނަށާއި ފިރިހެނުންނަށް ނުދިނުމަށާއި ދަރިންގެ މަސްލަހަތު އެންމެ އިސްކަމެއްގެ ގޮތުގައި ކަނޑައެޅުމަށް ދައުލަތުން އުޒުރުވެރިވުމަކީ ނުހަނު ޒިންމާދާރުކަން ކުޑަ ވިސްނުމެއް ކަމުގައި މި ޖަމްޢިއްޔާއިން ދެކެމެވެ. އަދި ރާއްޖޭގެ ކޯޓުތަކުގައި ދަރިންގެ ޙަރަދު ހޯދުމަށް އަންހެނުން އުފުއްލާ ތަކުލީފަކީ ހަނދާން ނައްތާލާ، ނުވާކަމަކަށް ހެދޭވަރުގެ މައްސަލައެއް ނޫނެވެ.

މީގެ އިތުރުން ފާހަގަކުރަން ޖެހެނީ މަޤްރިބް ކަރައާއި ޓޫނިސްފަދަ ދުނިޔޭގެ އިޖްތިމާއީ ގޮތުން ތަހުޒީބުވަމުންދާ އިސްލާމީ މުޖުތަމައު ތަކުންނާއި، އަދި މުސްލިމުންގެ އާބާދީބޮޑު އިންޑޮނީޝިއާ ފަދަ ޤައުމު ތަކުންވެސް ސީޑޯ ގެ 16 ވަނަ މާއްދާއަށް އަދު އިންކާރުނުކުރާ ކަމެވެ. އެހެންކަމުން ދިވެހިރާއްޖޭގެ މުޖުތަމައުއާއި ދިރިއުޅުމުގެ ޙަޤީޤީ ހާލަތަށް ރިޢާޔަތް ނުކޮށް، މިފަދައިން ސީޑޯ މުއާހަދާގެ 16 ވަނަ މާއްދާއާއި މެދު އަމަލު ކުރުމަކީ ކަންކުރުމުގައި ކޮށިވިސްނުމެއް ގެންގުޅެވިފައިވާ ކަން ރަމްޒުކޮށްދޭ ކަމެކެވެ.

ސީޑޯ މުއާހަދާއާއި ގުޅޭ މި މަސައްކަތް ދިވެހި ދައުލަތުން ކުރިގޮތާދޭތެރޭ މިޖަމްއިއްޔާއިން ކަންބޮޑުވާ އިތުރު ސަބަބަކީ ސީޑޯގެ 16 ވަނަ މާއްދާގެ ރެޒަވޭޝަނާއި ބެހޭ ގޮތުން ރައްޔިތުންގެ މަޖިލިހުން ކަންނިންމި ކޮމިޓީގައި ތިއްބެވީ 13 ފިރިހެނުންކަމެވެ. އަދި މިކަމާބެހޭ ގޮތުން 17 ފެބްރުވަރީ 2020ގައި ބޭއްވި އެންމެ ފަހުގެ ބައްދަލުވުމުގައި ވެސް ތިބީ ހުސް ފިރިހެނުންކަމެވެ. އަދި މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާވިސަސް ގެ ބައިވެރިވުން މިޖަލްސާގައި ފެންނަން ނެތްކަމެވެ. އަދި ހަމަ އެފަދައިން މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލިހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ ބައިވެރިވުން ނެތްކަންވެސް ފާހަގަކުރަން ޖެހެނީ ހައިރާންކަމާއި އެކުއެވެ. ރައްޔިތުންގެ މަޖިލިހުގައި މި ނިންމުން ނިންމި ބައްދަލު ވުމުގައިތިބީ ހަމައެކަނި ފިރިހެނުންކަން ފާހަގަކުރާ ހިނދު، އަދި އެ މެމްބަރުންނަކީ ސީޑޯ މުއާހަދާއަށް އަހުލުވެރި ބައެއްކަމާ ދޭތެރޭ ސުވާލުއުފެދޭ އިރު، ދިވެހިރާއްޖޭގެ އަންހެނުންގެ ޙައްޤުތަކާއި ބެހޭ ކަންކަމުގައި އަންހެނުންގެ ހިއްސާ ނެތި ދިއުމަކީ މިޖަމްޢިއްޔާއިން ކުށްވެރިކުރާ ކަމެކެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި މިންތީގެ ހަމަހަމަކަން ރާއްޖޭގައި ޤާއިމުކުރުމަށް އުފައްދާފައިވާ އެންމެހާ ޤާނޫނުތަކާއި ހަމަތަކާއި އުސޫލުތަކާއި މުޅިން ބީރަށްޓެހި ގޮތަކަށް އަންހެނުންގެ ހިއްސާ ގަސްތުގައި ނުހިމަނާ ދައުލަތުން މިކަން ކޮށްފައި ވުމަކީ މިއަދު އެންމެހާ ދިވެހީން ލަދުވެތިވާންޖެހޭ ކަމެއް ކަމުގައި ދެކެމެވެ.

މިއަދު އަންހެނުންގެ ދުވަސް ފާހަގަކުރާއިރު މިފެންނަނީ ރާއްޖޭގެ ދިމިޤްރާތީ ނިޒާމު އެކަށައެޅުމުގެ ޒިންމާއޮތް ފަރާތްތަކުން، އާބާދީގެ ދެބައިކުޅަ އެއްބައި ކަމުގައިވާ ދިވެހި އަންހެނުންގެ ޙައްޤުތަކަށް ގޮންޖަހާ، އަންހެނުންނާއި އާއިލާގެ ހަމަޖެހުމާއި އިޖްތިމާއީ އަދާލަތާއި ގުޅިފައިވާ މުހިންމު ކަންކަމުގައި އަންހެނުންގެ ހިއްސާ ހީނަރުކުރަމުން ދާތަނެވެ. އެހެންކަމުން ސީޑޯ މުއާހަދާގެ 16 ވަނަ މާއްދާ އެކަށީގެންވާ މިންވަރަށާއި ފެންވަރަށް މުރާޖާކޮށް ރާއްޖޭގެ އަންހެނުންގެ ޙައްޤުތައް ކަށަވަރުކޮށް ދިވެހިރާއްޖޭގެ ކުޑަކުދިންނަށް ދައުލަތުގެ އެންމެހާ ނިންމުންތަކުގައި ދޭންޖެހޭ އިސްކަމާއި މުހިންމުކަން ޔަގީންވާ ދަރަޖައަށް ކަންނިންމުމަށް، ސީޑޯ މުއާހަދާގެ 16 ވަނަމާއްދާ ގެ ރެޒަވޭޝަން އެއްވެސް ނުކުތާއަކަށް އިންކާރު ނުކޮށް ނެގުމަށް މިޖަމްޢިއްޔާއިން ދައުލަތަށް ގޮވާލަމެވެ. އަދި އަންހެނުންގެ ޙައްޤުތައް އެކަށައެޅުމަށް އ.ދ. ގެ އަންހެނުންނާ ދެކޮޅަށް ކުރާ އެންމެހާ ތަފާތުކުރުންތައް ނައްތާލުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އާއި ގުޅޭ ކަންކަން ނިންމުމުގައި އަންހެނުންނަށް ތަފާތުކުރުމުގެ އަމަލުތަށް ދައުލަތުން ގެންގުޅުން ދާއިމީގޮތުން ނިމުމަކަށް ގެނައުމަށް ވެސް ގޮވާލަމެވެ.


ނިމުނީ

Do NOT follow this link or you will be banned from the site!