
އާންމުތަނެއްގައި ބުނެދޭން ދަތި ގޯނާގެ އަމަލަކީ “ކުޑަކަމެއް” ނޫން
މިިކަމުގެ ޒިންމާއަކީ ވަކި ދާއިރާއެއް އަދި މުއައްސަސާއެއްވެސް އިސްތިސްނާ ކުރެވެން ނެތް ފިސާރިބޮޑު ކަމެކެވެ.
ރާއްޖޭގައި އަންހެނުންނަށް ގޯނާކުރުމަކީ “ކުޑަކަމެއް” ކަމަށް ސިފަކުރެވޭނެ ޖާގަނެތް ސަބަބުތަކަކީ ވަރަށް ދިގުކޮށް މިކަމުގެވާހަކަ ދެކެވިދާނެ އަދި އޭގައި ގިނަ ޙަޤީގަތްތަކެއް އޮތް ބޮޑު އިޖްތިމާއީ މައްސަލައެކެވެ. މި ޙަޤީގަތްތައް ފެނިފައިވަނީ އަދަކުނޫނެވެ. ރާއްޖޭގައި މިހާތަނަށް ހެދިފައިވާ މުހިންމު ފަންނީ އިޖްތިމާއީ ދިރާސާތަކުގެ ތަފާސްހިސާބުތަކާއި، އެހެނިހެން ހޯދުންތަކުން މި ޙަޤީގަތް އޮތީ ހާމަކަން ބޮޑުކޮށް ފެންނާށެވެ. ނަމަވެސް މިފަދަ ޙަޤީގަތްތަކަށް ރިއާޔަތްކޮށް ޤާނޫނުތަކެއް ހެދިފައިވާއިރުވެސް، ސިޔާސަތު ފަރުމާކޮށް ޚިދުމަތްތައް ޤާއިމުކޮށް ތަންފީޒުކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް އަބަދުވެސް ވަނީ ނުކުޅެދިފައެވެ. މިކަމުގެ ޒިންމާއަކީ ވަކި ދާއިރާއެއް އަދި މުއައްސަސާއެއްވެސް އިސްތިސްނާ ކުރެވެން ނެތް ފިސާރިބޮޑު ކަމެކެވެ. ސަރުކާރާއި، ކޯޓުތަކާއި، ރައްޔިތުންގެ މަޖިލިހެވެ. ދައުލަތުގެ މިނިސްޓްރީ ތަކެވެ. ތައުލީމީ ދާއިރާއެވެ. ސިވިލް ސާވިސް ކޮމިޝަނާއި އެ އަގުބޮޑު އާންމު ޚިދުމަތުގެ ބައިބޮޑު މުއައްސަސާއެވެ. ތަހުޤީގީ އިދާރާ ތަކާއި އާންމު އިޖްތިމާއީ އަދި ސިއްޙީ ޚިދުމަތްތަކެވެ. ފުޅާވެ އޮބިނޯވެ ހައްދުން ނެއްޓި ގޮސްފައިވާ މީޑިއާގެ ދާއިރާއެވެ. އަދު ރާއްޖޭގައި އުފެދިފައިވާ އާންމު އިޖްތިމާއީ ބަލި ހާލަތަކީ މި ނުކުޅެދުންތެރިކަމުގެ ހިތި ނަތީޖާއެވެ.
މިއީ ކުޑަކަމެއްނޫނެވެ. މިއީ ފިސާރި ބޮޑުކަމެކެވެ.
ފިރިހެނުންނަކީ އެމީހުންގެ އަތުންފައިން ކުރާ ކަންކަމަށް އަމިއްލަ އިޙުތިޔާރު ނޯންނަ، ފިކުރީގޮތުންނާއި، ވިސްނުމުގެ ގޮތުންނާއި، ޖިސްމުގެ ގޮތުން ބަލިކަށިބައެއްގެ ގޮތަށް އަދު ސިފަކުރެވިގެންދާ ކަމީ ލަދުވެތިކަމެކެވެ.
ދިވެހިރާއްޖޭގައި ފިރިހެނުން އަންހެނުންނަށް ފޮށި ފުރައްސާރަކޮށް ގޯނާކުރުމުގެ މައްސަލަތަކުގައި ފިރިހެނުންނަކީ އެމީހުންގެ އަތުންފައިން ކުރާ ކަންކަމަށް އަމިއްލަ އިޙުތިޔާރު ނޯންނަ، ފިކުރީގޮތުންނާއި، ވިސްނުމުގެ ގޮތުންނާއި، ޖިސްމުގެ ގޮތުން ބަލިކަށިބައެއްގެ ގޮތަށް އަދު ސިފަކުރެވިގެންދާ ކަމީ ލަދުވެތިކަމެކެވެ. ސަބަބަކީ އެންމެހާ އެހެން ކަންކަމުގައި ސިފަކުރެވެމުންދަނީ ފިރިހެނުންގެ އިސްކަމާއި ގަދަފަދަ ކަމާއި ޖިންސީ އަދި އަބަވީ އިމްތިޔާޒުގެ ހައިބަތުގެ ބޮޑުކަމާ ފުޅާކަމާ ފުރިހަމަކަމާ ފިރިހެނަކަށްވީތީވާ ކެރިފޯރުންތެރިކަމުގެ ގަދަފަދަ ކަމެވެ. އަދި ސަޤާފީ މުނިފޫހިފިލުވުމަކަށް ހަދައިގެން “ކުޑަކަމެއް” ގެ ގޮތުގައި ފިރިހެނުން އަންހެނުންނަށް އާންމުހަމައެއްގެ ބީދައިން ކުރަމުންދާ ފޮށުމާ، ފުރައްސާރައާ އެކިބާވަތުގެ ގޯނާ އަދި އަނިޔާއަކީ ބޭއިޚުތިޔާރުގައި “ކޮށްލެވޭ” އަދި އާންމު އިޖްތިމާއީ މިންގަނޑެއްގެ ގޮތުގައި ދެކި، ކަންބޮޑުވާން ނުޖެހޭ ކަމެއްގެ ގޮތުގައި ބަލައިގަތުމަކީ މުޅި މުޖުތަމައަށްޖެހޭ ގޮމެކެވެ. މިކަމުން ސިފަވެގެންދަނީ ދިވެހިންނަކީ ސާދާ އިޖްތިމާއީ ދިރިއުޅުމެއް އުޅެން ނުދަންނަ ނާތަހުޒީބު ސަޤާފަތެއްގެ ވެރިބައެއްކަމެވެ. މިފަދަ ދަށް ދަރަޖައެއް ހަމައެއްގެ ގޮތުގައި ބަލައިގަތުމަކީ މުޖުތަމައީ ނުކުޅެދުންތެރިކަމެކެވެ.
އަހަރެމެންނަށް ލިބިފައި އޮތް ފުރުސަތަކީ ސާދާ ހަމަ ފަރުދީފެންވަރުގައި ޚިޔާރުކުރުމެވެ.
ރާއްޖެއަކީ މުއްސަނދި ދިގު ތާރީޙަކާއި، ސަޤާފީގޮތުން ހުނަރުވެރި މަސައްކަތްތެރި ބައެއް އުޅޭ، ޙާއްސަ ޤައުމީ ސިފަތަކެއް ލިބިފައިއޮތް މިނިވަން ދިވެހިރައްޔިތެއްގެ ޤައުމެކެވެ. ނަމަވެސް އިޖުތިމާއީ ގޮތުން ބަލިކަށި ހަމަތަކެއްގެ ވެރިބަޔަކަށް ދިވެހީންހެދުމުގެ އަމަލީސިފަ ގެންނަނީ ހަމަ ދިވެހީންނެވެ. އެކަން އެބީދައިން ދިޔަނުދިނުމަށް އަޑުއުފުލާ ބަހާއި އަމަލުން އިޖްތިމާއީ މިންގަނޑު ސާދާ ހަމަތަކެއްގެ ތެރޭގައި ހިފަހައްޓަން މަސައްކަތްކުރާނީވެސް ހަމަ ދިވެހީންނެވެ. އަހަރެމެންނަށް ލިބިފައި އޮތް ފުރުސަތަކީ ސާދާ ހަމަ ފަރުދީފެންވަރުގައި ޚިޔާރުކުރުމެވެ. މީ ކޮންމެ ޖިންސެއްގެ މީހަކަށްވެސް ލިބިފައިވާ އިޚުތިޔާރެކެވެ. ފިރިހެނުންނަކީ، އަދި ދުޅަހެއު އިންސާނީ ހާލަތެއްގައި ހުންނަ ކޮންމެ މީހަކީވެސް، އެއްވެސް ހާލެއްގައި އެމީހެއްގެ ޒާތީބާރާއި އިޙުތިޔާރު ދޫވެގޮސް އަތުންފައިންކުރާ އަމަލުތަކަށް ޒިންމާ ނުނެގި ހަމަހުރެފަ އަންހެނަކާދެކޮޅަށް ގޯނާ “ކޮށްލެވޭ” ބަލިކަށި ހާލުދެރަ މީހުނެއް ނޫނެވެ. އިންސާނީ ޙަޤީގަތަކީ މިއީއެވެ.
މިކަން ކުރެވޭނީ ފިރިހެނުންނަކީ އަތުން ފައިން ކުރެވޭ ކަންކަމަށް ޒިންމާއުފުލޭ ވަރުގެ ބައެއްގެ ގޮތުގައި މުޖުތަމައު ބަލައިގަނެގެންނެވެ.
މިކަން ކުރުމުގެ ބިންގާއެޅުމަށް ތައުލީމީ މަންހަޖުން ފެށިގެން މިންތީގެ ތަފާތުކުރުން ނައްތާލުމަށް މަސައްކަތްކުރަން ޖެހެއެވެ. އަދި ދިވެހި މުޖުތަމައުގެ އަސާސީ މިންގަނޑަކީ ފިރިހެނުންގެ ޖިންސީ އިމްތިޔާޒުން އެއްކިބާވެފައިވާ އެއްޗަކަށް ވާން ޖެހެއެވެ. މިކަން ކުރެވޭނީ ފިރިހެނުންނަކީ އަތުން ފައިން ކުރެވޭ ކަންކަމަށް ޒިންމާއުފުލޭ ވަރުގެ ބައެއްގެ ގޮތުގައި މުޖުތަމައު ބަލައިގަނެގެންނެވެ. އަދި ދެ ޖިންސުގެ މީހުންނަކީވެސް އިންސާނީ ކަރާމާތާއި ޤަދަރާއި އިހުތިރާމް ޙައްޤުވާ ބައެއްގެގޮތުގައި ފިކުރީގޮތުންނާއި، ވިސްނުމުގެ ގޮތުންނާއި، ލިޔުމުންނާއި، ބަހުންނާއި، އަމަލުން، ދެކި ފެނި ފަހުމްވެ ކޮންމެފަރުދަކުވެސް އެ މިންގަނޑު ހިފެހެއްޓުމުންނެވެ. އަންހެނަކަށް ވީތީ ފިރިހެނުންނަށް ގޯނާ ކުރެވިދާނެކަމާ، އެއީ “ކުޑަކަމެއް” ކަމަށް ބެލެވޭ ނޭއްގާނީ ސިފަތައް މުޖުތަމައުއިން މުޅިން ނެތިގޮސްގެންނެވެ. އަދި މިކަމުގައި ސުންބަރުދާސްތު (ޒީރޯ ޓޮލަރަންސް) ޚިޔާރުކުމަކީ ކޮންމެ ގިންތިއެއް އަދި ފަންތިއެއްގެ މީހަކަށްވެސް ކުރުން ލާޒިމު ކަމެކެވެ. މިކަން ނުކޮށް ދިވެހި މުޖުތަމައު ތަހުޒީބުގެ މަގަށް އެޅުވޭކަށް ނެތެވެ.
ހުމައިދާ ޢަބްދުލްޤަފޫރު އަކީ އިޖްތިމާޢީދާއިރާގައި ދިވެހިރާއްޖޭގައި އަންހެނުންގެ ހާލަތުދެނެގަތުމުގެ އެކިމައުޟޫޢު ދަސްކޮށް، ދެނެގަނެ ދިރާސާކުރުމުގެ މަސައްކަތްކުރާ ފަރާތެކެވެ. އޭނާ ރާއްޖޭގެ އަދިރާއްޖެއިންބޭރުގެ އެކި މަދަނީޖަމުޢިއްޔާތަކާއި ގުޅިގެން މަސައްކަތްކުރެއެވެ. އ.ދ ގެ އަންހެނުންގެ ޖަމުއިއްޔާގެ އިންޑިއާ، ބޫޓާން، ޝްރީލަންކާ އަދި ދިވެހިރާއްޖެ ހިމެނޭ ސަރަހައްދީ އޮފީހަށްލަފާދޭ މަދަނީޖަމުއިއްޔާގެ އިސްތިޝާރީގުރޫޕުގައި 2015-2017 އަށް އޭނާ ޚިދުމަތްކުރިއެވެ.
ހުމައިދާ އަކީ އުތެމަ ގެ ލިޔުންތެރިއެކެވެ.