އދ ގެ އަންހެނުންގެ ހައްޤުތަކާބެހޭ މުއާހަދާ (ސީޑޯ) އަށް ދިވެހިރާއްޖެ ރިޕޯޓުކުރުމުގެ 6 ވަނަބުރު ހިނގާދިޔަގޮތުގެ ކުރު ޚުލާސާ އޮކްޓޫބަރ 2021

Uthema Maldives international women's day 2021

Committee on the Elimination of Discrimination Against Women (CEDAW)

އަންހެނުންނާއިމެދު ކުރެވޭ އެންމެހާ ތަފާތުކުރުންތައް ނައްތާލުމާބެހޭ އދ ގެ ބައިނަލް އަޤުވާމީ މުއާހަދާ ނުވަތަ އަންހެނުންގެ ހައްޤުތަކާބެހޭ މުއާހަދާ (ސީޑޯ) އަކީ ދިވެހިރާއްޖެއިން 1993 ގައި ސޮއިކޮށްފައިވާ މުއާހަދާއެކެވެ. މި މުއާހަދާގެ ދަށުން ރާއްޖޭގައި އަންހެނުންގެ ހާލަތު  އޮތްގޮތް ބަޔާންކުރާ ތަފްސީލީ ރިޕޯޓެއް ކޮންމެ 4 އަހަރަކުން ސީޑޯ ކޮމިޓީއަށް ހުށަހެޅުމަށް ދައުލަތަށް ލާޒިމުވެއެވެ. ސީޑޯ މުއާހަދާގެ ދަށުން އަންހެނުންގެ ހާލަތާބެހޭ ރިޕޯޓުތައް ހުށަހެޅުމަށް ސަރުކާރުގެ އިތުރުން މުސްތަގިއްލު މުއައްސަސާއެއް ކަމުގައިވާ ހިއުމަން ރައިޓްސް ކޮމިޝަނާ، މަދަނީ ޖަމްޢިއްޔާތަކަށް ބާރުއަޅައެވެ. މިގޮތުން 2019 ވަނަ އަހަރުގެ އެޕްރިލް މަހު އދ ގެ ސީޑޯ މުއާހަދާ އާއިބެހޭ ކޮމިޓީއަށް ދިވެހި ދައުލަތުގެ 6 ވަނަ ރިޕޯޓު ހުށަހަޅާފައިވެއެވެ. އަދި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން 2021 ވަނަ އަހަރު ސީޑޯއަށް ރިޕޯޓެއް ހުށަހަޅާފައިވެއެވެ. އުސޫލެއްގެ ގޮތުން ދައުލަތުގެ ރިޕޯޓަކީ އޭގައިވާ ކަންކަމަށް ރިއާޔަތްކޮށް، ހުރި މައްސަލަތަކާ ބެހޭގޮތުން މަދަނީ ޖަމްޢިއްޔާތަކުން އެ ރިޕޯޓު ދިރާސާކޮށް، ރައްދުދީ، މައްސަލަތަކާބެހޭ ތަފްސީލީ މައުލޫމާތު ސީޑޯ ކޮމިޓީއަށް “ހިޔަނި ރިޕޯޓު” ގެ ސިފައިގާ ހިއްސާކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ. ދައުލަތުގެ ރިޕޯޓަށް ރައްދު ދިނުމުގެ އިތުރުން، ވަކިވަކި ދާއިރާތަކާ ނުވަތަ މައްސަލަތަކާ ބެހޭގޮތުން ތައްޔާރުކުރެވޭ ޚާއްސަ ރިޕޯޓުތައް ހުށަހެޅުމުގެ ފުރުސަތުވެސް މަދަނީ ޖަމްޢިއްޔާތަކަށް ސީޑޯ މުއާހަދާއިން ލިބިފައި އޮވެއެވެ.

ސީޑޯ ކޮމިޓީއަކީ އެކި ޤައުމުތަކުން ނަންހުށަހެޅި އިންތިޚާބު ކުރެވޭ، އެކި ދާއިރާތަކުން ފަންނީގޮތުން ހުނަރާތަޖުރިބާ ލިބިފައިވާ 23 މެމްބަރުންގެ ކޮމިޓީއެކެވެ. ސީޑޯ ކޮމިޓީގެ ފަރާތުން ދިވެހިރާއްޖޭގެ އަންހެނުންގެ ހައްޤުތަކުގެ ހާލަތުބެލުމުގެ 6 ވަނަ ދިރާސީބުރުގެ މަޝްވަރާ ބައްދަލުވުން ބޭއްވުމަށް ފުރަތަމަ ތާވަލުކުރެވުނީ 2020 ވަނަ އަހަރުގެ 22 ޖޫން އިން 10 ޖުލައިގެ ނިޔަލަށް ހަމަޖެހިފައިވާ އެ ކޮމިޓީގެ 76 ވަނަ ބައްދަލުވުމަށެވެ. ނަމަވެސް ކޯވިޑް ވަބާގެ ސަބަބުން އެ ބައްދަލުވުން އެކިފަހަރުމަތިން ފަސްޖެހެމުން ގޮސް، އެ ބައްދަލުވުން ބޭއްވުނީ 2021 ވަނަ އަހަރުގެ 18 އޮކްޓޫބަރުން 12 ނޮވެމްބަރުގެ ނިޔަލަށް ތާވަލުކުރެވިފައިވާ، ސީޑޯ ކޮމިޓީގެ 80 ވަނަ ބައްދަލުވުމުގައެވެ. ކޮމިޓީގެ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިތުރުން 10 ގައުމެއްގެ ހާލަތު ދިރާސާކުރެވޭނެއެވެ. އޭގެ ތެރޭގައި ނިކަރާގުއާ، ސްވީޑްން، މިސުރު، ޔަމަން، އިންޑޮނީޝިއާ، އިކުއަޑޯ، ކިރްގިސްތާން، ރޫސީވިލާތް، ދެކުނު ސުދާން އަދި ދެކުނު އެފްރިކާ ހިމެނެއެވެ. މިއިން ކޮންމެ ގައުމެއްގެ ދިރާސާއާއި އިސްކޮށް ހަވާލުވާން މެމްބަރުން ކަނޑައަޅާފައިވާއިރު، ކޮމިޓީގެ 80 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެއަށް ޚާއްސަކުރެވިފައިވާ މެމްބަރަކީ ނެޕާލަށް ނިސްބަތްވާ ބަންޑާނާ ރަނާ އެވެ. ސީޑޯ ކޮމިޓީގެ ބައްދަލުވުން ތަކަކީ ސްވިޓްޒަލެންޑް ގެ ޖެނީވާގައި ހުންނަ އދ ގެ އޮފީސްތަކުގައި ބާއްވާ ބައްދަލުވުންތަކެކެވެ. ނަމަވެސް މިހާރުގެ ހާލަތު ނިޔާކުރާގޮތުން، ސީޑޯ ކޮމިޓީގެ 80 ވަަނަ ބައްދަލުވުމުގެ ބައެއް ބައިތައް ކުރިއަށް ގެންދަމުންދަނީ އިންޓަނެޓުގެ ޒަރިއްޔާއިންނެވެ. އަދި އދ ގެ ޖެނީވާގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ބައިވެރިވި ފަރާތްތައް ފިޔަވާ، ދިވެހި ދައުލަތުގެ ވަފުދުގެ އެންމެހާ މެމްބަރުންނާއި މަދަނީ ޖަމްޢިއްޔާތަކުގެ މަންދޫބުންވެސް މި ބައްދަލުވުމުގައި ބައިވެރިވީ ވާޗުއަލް ކޮށެވެ.

ސީޑޯ މުއާހަދާގެ ދަށުން ދިވެހިރާއްޖޭގެ ހާލަތުބެލުމުގެ 6 ވަނަ ދިރާސީބުރުގައި ބައިވެރިވެ 3 މަދަނީ ޖަމްޢިއްޔާއަކުން ވަނީ ހިޔަނި ރިޕޯޓު ހުށަހަޅާފައެވެ. އޭގެ ތެރޭގައި އުތެމަ ޖަމްޢިއްޔާ، ހޯޕް ފޮ ވިމެން އަދި ލޭންޑްސީ މޯލްޑިވްސް ޖަމްޢިއްޔާ ހިމެނެއެވެ. އުތެމަ ޖަމްޢިއްޔާގެ ފަރާތުން ހިޔަނި ރިޕޯޓެއްގެ އިތުރުން 2 ޚާއްސަރިޕޯޓު ސީޑޯ ކޮމިޓީއަށް ހުށަހަޅާފައިވެއެވެ. އެ 2 ރިޕޯޓުގެ ތެރެއިން ފުރަތަމަ ރިޕޯޓަކީ ބައިނަލްއަޤުވާމީ ޖަމާއަތެއްކަމުގައިވާ މުސާވާ އާއިގުޅިގެން ސީޑޯ މުއާހަދާގެ 16 ވަނަ މާއްދާއާއި ހަވާލާދީ، އާއިލާއާއިބެހޭ ޤާނޫނާ ގަވާއިދާ ކަންހިނގާގޮތާ ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ ދިރާސީ ރިޕޯޓެކެވެ. ދެވަނަ ރިޕޯޓަކީ ބައިނަލްއަޤުވާމީ މަދަނީ ޖަމްޢިއްޔާ އީކުއަލިޓީ ނައު އާއި ގުޅިގެން ރާއްޖޭގައި އަންހެނުންނަށްކުރާ ޖިންސީ އަނިޔާގެ މައްސަލަތަކުގައި ޤާނޫނީ ގޮތުން އަދުލްއިންސާފު ހޯދުމަށް ހުރި ގޮންޖެހުންތަކާ ހުރަސްތަކާބެހޭ ދިރާސީ ރިޕޯޓެކެވެ.

މަތީގައި ދެންނެވުނު ރާއްޖޭގެ 3 މަދަނީ ޖަމްޢިއްޔާއިން ވަނީ 18 އޮކްޓޫބަރ 2021 ގައި ސީޑޯ ކޮމިޓީގެ 80 ވަނަ ބައްދަލުވުމުގައި، މަދަނީ ޖަމްޢިއްޔާގެ އާންމު އިއްވުމުގައި “އޯރަލް ސްޓޭޓްމަންޓް” ނުވަތަ އަނގަބަހުންދޭ ބަޔާން ހިއްސާކޮށްފައެވެ. އުތެމަ ޖަމްޢިއްޔާގެ ބަޔާން ހުށަހަޅާފައިވަނީ އެ ޖަމްޢިއްޔާގެ މެމްބަރު ހުމައިދާ އަބްދުލް ޢަފޫރު އެވެ. ހޯޕް ފޮ ވިމެންގެ ބަޔާން ހުށަހަޅާފައިވަނީ އެ ޖަމްޢިއްޔާގެ ނައިބުރައީސް އާއިޝަތު ނުޒުހާ އަލީ ޝަރީޕް އެވެ. ލޭންޑްސީ މޯލްޑިވްސްގެ ބަޔާން ހުށަހަޅާފައިވަނީ އެ ޖަމްއިއްޔާގެ މެމްބަރު މުނާ މުހަންމަދު އެވެ. މި 3 ބަޔާނަށް ކަނޑައަޅާފައިވާ ވަގުތަކީ ޖުމްލަ 10 މިނެޓެވެ. މީގެ އިތުރުން މަދަނީ ޖަމްޢިއްޔާތަކުގެ މަންދޫބުންނާއި ވަކިން ސީޑޯ ކޮމިޓީގެ މެމްބަރުން ބައްދަލުކޮށް މަޝްވަރާކުރުމަށްޓަކައި 18 އޮކްޓޫބަރުގައި އާންމުނުކުރާ ބައްދަލުވުމެއް ހަމަޖައްސާފައިވެއެވެ.

ދައުލަތުގެފަރާތުން ސީޑޯ ކޮމިޓީއާއި މައުލޫމާތު ހިއްސާކޮށް އެ ކޮމިޓީގެ ސުވާލުތަކަށް ޖަވާބުދާރީވުމަށް 20 އޮކްޓޫބަރާ 21 އޮކްޓޫބަރުގެ ދެ ދުވަސްމަތިން ދައުލަތުގެ ވަފުދަކުން ވަނީ ބައްދަލު ކޮށް މަޝްވަރާ ކޮށްފައެވެ. ދައުލަތާއެކު ކޮމިޓީއިން ހިންގާފައިވާ މި ބައްދަލުވުމުގައި ސަރުކާރުގެ ގިނަ މުއައްސަސާތަކަކާއި، ރައްޔިތުންގެ މަޖިލިހާ އަދި ޝަރުއީ ނިޒާމު ހިމެނޭގޮތަށް 30 މެމްބަރުންގެ ބޮޑު ވަފުދެއް ބައިވެރިވެފައި ވެއެވެ. މި ބައްދަލުވުމަކީ ހާމަކަން ބޮޑުކޮށް، އާންމުކޮށް ހުޅުވާލެވިފައިވާ، އދ ގެ އިންޓަނެޓް ޓީވީގެ ޒަރިއްޔާއިން ލައިވް ކޮށްފައިވާ ބައްދަލުވުމެކެވެ. ބައްދަލުވުމުގެ އާންމު އުސޫލުގެ މަތިން، ބައްދަލުވުން ހުޅުވުުމުގެ ގޮތުން ދިވެހި ދައުލަތުން ސީޑޯ ކޮމިޓީއަށް ބަޔާނެއް ހުށަހެޅުނެވެ. 30 ސަފްހާގެ މި ބަޔާން ހުށަހެޅުއްވީ ވަފުދުގެ އިސްވެރިއަކަށް ހުންނެވި މިނިސްޓަރ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް، އަލްފާޞިލާ އާއިޝާ މުހަންމަދު ދީދީ އެވެ.  ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ އަންހެނުންގެ ހާލަތަށް އައިސްފައިވާ ކުރިއެރުންތަކާ އަދިވެސްހުރި ގޮންޖެހުންތަކުގެ ތަފްސީލު މިނިސްޓަރ އާއިޝާ މި ބަޔާނުގައި ހުށަހެޅުއްވިއެވެ. އެކަމަނާ ވިދާޅުވިގޮތުގައި، “މި ސަރުކާރު އައީ އަދުލު އިންސާފާ ދިމިގްރާތީ ހަމައާއުސޫލު އިޔާދަކުރުމަށާ އިންސާނީ ކަރާމާތާ ހައްގުތައް ކުރިއެރުވުމަށާ ދައުލަތް ހިންގުމުގެ ނިޒާމު ރާއްޖޭގައި ހަރުދަނާކުރުމަށް ވައުދުވެގެންނެވެ”، އަދި “އަންހެނުންގެ ހައްޤުތައް ކުރިއަރުވާ ހިމާޔަތްކުރުމަކީ ރައީސް އިބްރާހިމް މުހަންމަދު ޞާލިހުގެ ސަރުކާރުގެ އިސް އަމާޒެއް” ކަންވެސް ފާހަގަކުރެއްވިއެވެ. ދައުލަތުގެ ބަޔާނަށް ފަހު ސީޑޯ ކޮމިޓީގެ އެކި މެމްބަރުން ދައުލަތާ ކުރައްވާފައިވާ އެކި ދާއިރާތަކާގުޅޭ ފަންނީ ސުވާލުތަކަށް ކަމާބެހޭ އެކި މުއައްސަސާތަކުން ޖަވާބުދާރީވުމަށް މަސައްކަތް ކުރައްވާފައިވެއެވެ.

އޮކްޓޫބަރ 18 އިން 21 އަށް ކުރިއަށް ގެންދެވުނު ދިވެހިރާއްޖޭގެ ދިރާސީ މަރުހަލާ އަށްފަހު ސީޑޯ ކޮމިޓީއަށް މަދަނީ ޖަމްޢިއްޔާ ތަކުންނާއި ދައުލަތުގެ މުއައްސަސާތަކުންނާއި ސަރުކާރުން ހުށަހަޅާފައިވާ ރިޕޯޓުތަކާއި، ބައްދަލުވުމުގައި ހިއްސާކުރެވުނު މައުލޫމާތުގެ އަލީގައި ސީޑޯ މުއާހަދާގެ މަގުސަދުތައް ހާސިލުކުރުމަށް މެމްބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން ކުރަންޖެހޭ ކަންކަން ކޮމިޓީއިން ނިންމަވާ އެއްކަރުދާސް ކުރެވޭނެއެވެ. މިއީ ދައުލަތުގެ ބައިވެރިވުމާ އެއްބާރުލުމާއެކު ތައްޔާރުކުރެވޭ ކަރުދާހެކެވެ. އަދި މި ނިންމުންތަކުގެ ތެރޭގައި ދައުލަތުން ސީޑޯ މުއާހަދާ ނެގެހެއްޓުމަށްޓަކާ “ކޮންކްލޫޑިންގ އޮބްޒަވޭޝަންސް” ގެ ނަމުގައި ކަންތައްތަކެއް ފާހަގަކޮށް، ކޮމިޓީގެ ފަރާތުން ހުށަހެޅުންތަކެއް ހުށަހެޅޭނެއެވެ. މި ހުށަހެޅުންތަކުގައިވާ ފަދައިން އަންހެނުންގެ ހާލަތާ ހައްޤުތައް ރާއްޖޭގައި ކުރިއަރުވާ، ސީޑޯ މުއާހަދާގެ މަގްސަދު ހާސިލުކުރުމަށްޓަކައި ދައުލަތުން އަމަލީގޮތުން މަސައްކަތްތަކެއް ކުރަންވާނެއެވެ. އަދި މީގެތެރެއިން ޚާއްސަކޮށް ފާހަގަކުރާ ބައެއް ކަންކަމާބެހޭ ރިޕޯޓެއް 2 އަހަރު ދުވަހުގެ ތެރޭގައި ދައުލަތުން ކޮމިޓީއަށް ހުށަހަޅަންޖެހޭނެއެވެ. އެއަށްފަހު، 6 ވަނަ ދިރާސީބުރު ނިމޭތާ 4 އަހަރުގެ ތެރޭގައި ސީޑޯ ކޮމިޓީގެ ދިވެހިރާއްޖޭގެ 7 ވަނަ ދިރާސީ ބުރުގައި ބައިވެރިވުމަށް ދައުލަތުގެ ރިޕޯޓެއް އެކުލަވާލާ ހުށަހަޅަންޖެހޭނެއެވެ. މި އެންމެހާ މަރުހަލާތައް ހިނގަމުންދާ ގޮތް މަދަނީ ޖަމްޢިއްޔާތަކުންނާއި ރައްޔިތުންވެސް ބަލަމުންދިޔުމަކީ، ސީޑޯ މުއާހަދާ އިން ހިމާޔަތްކުރާ ހައްޤުތަކުން ރާއްޖޭގެ އަންހެނުންނަަށް އެންމެ ފުރިހަމަގޮތުގައި މަންފާލިބުމަށް ފަހިވެގެންދާނެ ކަމެކެވެ.

ހުމައިދާ ޢަބްދުލްޤަފޫރު އަކީ އިޖްތިމާޢީދާއިރާގައި ދިވެހިރާއްޖޭގައި އަންހެނުންގެ ހާލަތުދެނެގަތުމުގެ އެކިމައުޟޫޢު ދަސްކޮށް، ދެނެގަނެ ދިރާސާކުރުމުގެ މަސައްކަތްކުރާ ފަރާތެކެވެ. އޭނާ ރާއްޖޭގެ އަދިރާއްޖެއިންބޭރުގެ އެކި މަދަނީޖަމުޢިއްޔާތަކާއި ގުޅިގެން މަސައްކަތްކުރެއެވެ. އ.ދ ގެ އަންހެނުންގެ ޖަމުއިއްޔާގެ އިންޑިއާ، ބޫޓާން، ޝްރީލަންކާ އަދި ދިވެހިރާއްޖެ ހިމެނޭ ސަރަހައްދީ އޮފީހަށްލަފާދޭ މަދަނީޖަމުއިއްޔާގެ އިސްތިޝާރީގުރޫޕުގައި 2015-2017 އަށް އޭނާ ޚިދުމަތްކުރިއެވެ. 
ހުމައިދާ އަކީ އުތެމަ ގެ ލިޔުންތެރިއެކެވެ.

 

Uthema