ދަ ޖަޖް : ފިލްމު ދެއްކުމާއި ޚިޔާލު ބަދަލުކުރުން

މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް އާއި އުތެމަ ޖަމްޢިއްޔާއާއި ގުޅިގެން 17 ޖުލައި 2019 ވަނަ ދުވަހު ދަ ޖަޖް ޑޮކިއުމެންޓަރީ ފިލްމު އޮލިމްޕަހުގައި ދެއްކުންނެވެ. މިޑޮކިޔުމެންޓަރީއަކީ ފަލަސްތީނުގެ ޝަރީއާ ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރަކު އައްޔަންކުރެވިގެން ދިޔަގޮތުގެ ޙަޤީގަތް ދައްކުވައިދޭ ތާރީޙީ ފިލްމެކެވެ. އަދި އެ އަންހެން ފަނޑިޔާރު، އަލްޣާޛީ ޚުލޫދު އަލް ފާޤިހް އެމަޤާމަށް 2009 ގައި ހޮވުމަށްފަހު، އަންހެނަކަށްވީތީ ކުރިމަތިލާންޖެހުނު ގިނަގުނަ ގޮންޖެހުންތަކާއި އޭނާއެ ގޮންޖެހުންތަކާއި ކުރިމަތިލި ގޮތް ދައްކުވައިދިން އިބްރަތުން ފުރިގެންވާ ޙަޤީޤީ ތަފާތު ވާހަކަތަށް މިފިލްމުން ފެނިގެންދިޔައެވެ. އަލްޣާޛީ ޚުލޫދު އަލް ފާޤިހްގެ ނަން ފަލަސްތީނުގެ އަދި މެދުއިރުމަތީގެ ތާރީޙުގައި މިހާރު ލިޔެވިފައިވަނީ އަރަބިދުނިޔޭގައި ވެސް ޝަރީއާކޯޓަކަށް އައްޔަންވި ފުރަތަމަ އަންހެން ފަނޑިޔާރުގެ ގޮތުގައެވެ.

“ދަ ޖަޖް” އަކީ އިސްލާމީޝަރީޢާ ގާއިމުކުރުމުގައި އަންހެން ފަނޑިޔާރުންގެ މުހިއްމުދައުރު ދައްކުވައިދޭ ފިލްމެކެވެ. އަދި އަލްޤާޛީ ޚުލޫދުގެ ފަނޑިޔާރުކަމުގެ ފުރަތަމަ އަހަރުތަކުގައި ހިނގާދިޔަ ކަންތައްތަކާއި އެކަމަނާއަށް ދިމާވި އެކި ފިއްތުންތަކުގެ އިތުރުން އެތަކެއްފަހަރު މަގާމުގެ މަސްއޫލިއްޔަތުތަކުން ބަރީޢަކުރުމަށް ކުރިމަތިކުރުވި އެކި ކަންތައްތައް ހިނގާދިޔަގޮތް ފިލްމުން ފެނިގެންދިޔައެވެ. ނަމަވެސް އަލްޤާޛީ ޚުލޫދު ޝަރީއާގެ މަގުގައި މުޖުތަމައުގައި އިންސާފު ޤާއިމުކުރުމަށްޓަކާ އޭނާކުރަމުންދިޔަ މަސައްކަތުގެ ދިފާއުގައި ނުހަނުސާބިތު ކަމާއިއެކު ދެމިހުއްޓެވެ. އަލްޤާޛީ ޚުލޫދުއަކީ ރާއްޖެފަދަ މުސްލިމް ޤައުމުތަކުގެ ޝަރުޢީދާއިރާއަށް ފެންނަންއޮތް ނަމޫނާ އަންހެން ފަނޑިޔާރެއް ކަމާއި ދޭތެރޭ ޝައްކެއްނެތެވެ. ފާހަގަކޮށްލެވޭ ގޮތުގައި ފިލްމު ބައްލަވަން ވަޑައިގެން ބޭފުޅުންނަށް ފަލަސްތީނުގެ ޝަރުއީދާއިރާގެ ހާލަތާއި ރާއްޖޭގެ ހާލަތާއި އަޅާބެލޭފަދަ ވަރަށް އެއްގޮތް ކަންކަން ހުރިކަން ފާހަގަވެގެން ދިޔައެވެ. މިފިލްމަކީ އާންމުކޮށް ހުޅުވާލެވިގެން ހިލޭދެއްކުނު ފިލްމެކެވެ.

މި ފިލްމު ބައްލަވާލެއްވުމަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިޙް އާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓެޖް ޔުމްނާ މައުމޫނުގެ އިތުރުން މިނިސްޓަރ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލްސާވިސަސް ޝިދާތާ ޝަރީފާއި، މިނިސްޓަރ އޮފް ފިޝަރީސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދާއި، މިނިސްޓަރ އޮފް ޕްލޭނިންގް އެންޑް އިންފްރާ ސްޓްރަކްޗަރ މުހަންމަދު އަސްލަމާއި، މިނިސްޓަރ އޮފް އެންވައިރަމަންޓް ޑރ. ހުސެންރަޝީދު ހަސަން އާއި، މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް ސައިންސް އެންޑް ޓެކްނޮލޮޖީ މުހަންމަދު މަލީހު ޖަމާލު ވެސް މިހަފްލާގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ފިލްމުދެއްކުމަށްފަހު ޚިޔާލުބަދަލުކުރުމުގެ ސެގްމެންޓެއްވެސް އިންތިޒާމުކުރެވުނެވެ. މި ޚިޔާލުބަދަލުކުރުމުގައި ދިވެހިރާއްޖޭގައި
އަދުލުއިންސާފުގެ ދާއިރާގައި މަސައްކަތް ކުރައްވަމުންދާ، ރާއްޖޭގެ މަތީކޯޓަކަށް ފުރަތަމަ އައްޔަންކުރެވުނު އަންހެން ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އާއި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުފުރުއްވި ޤާނޫނީ ވަކީލް ހުސެން ޝަމީމް އަދި ރާއްޖޭގެ މިންތީގެ ހަމަހަމަކަމަށް ކެނޑިނޭޅި ވަކާލާތުކުރައްވާ މިދާއިރާއަށް ގިނައަހަރުތެކެއްގެ ޙިދުމަތްކުރައްވާފައިވާ އަނީސާ އަހުމަދު ބައިވެރިވެ ވަޑައިގަތެވެ. މި ޚިޔާލުބަދަލުކުރުމުގައި ރާއްޖޭގެ އަދުލުއިންސާފުގެ ދާއިރާގައި އަންހެނުންނަށް ހުރި ގޮންޖެހުންތަކާއި އަދި އަންހެން ފަޑިޔާރުންގެ ބައެއް ތަޖުރިބާ ހިއްސާކުރެވިގެން ދިޔައެވެ.

މިފިލްމު ބެއްލެވުމަށް އާންމުންގެ ފަރާތުންނާއި ދައުލަތުގެ އިސްމަގާމުތަކުގައި ތިއްބެވި އެކިވެރިންނާއި ވަޒީރުން ބައިވެރިވެފައި ވާކަމީ މިޖަމްޢިއްޔާ އަށް ލިބިގެންދިޔަ އުފަލެކެވެ، އަދި އެފަރާތްތަކަށް ނުހަނު އިޙުލާސްތެރި ޝުކުރެއް ރައްދުކުރާ ކަމެކެވެ.

ޖަމްޢިއްޔާގެ ވަރަށް ޚާއްސަ ޝުކުރެއް ރައްދުވާ ފަރާތްތަކަކީ މިހަރަކާތް ކާމިޔާބު ހަރަކާތަކަށް ހެއްދެވުމުގައި އުތެމައާއި އެކު ބައިވެރިވި މިނިސްޓްރީއޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓެޖް އާއި އެވުޒާރާގެ ވަޒީރު އަލްފާޟިލާ ޔުމްނާ މައުމޫން އެވެ. އުތެމަގެ އުންމީދަކީ މުޖުތަމައުއަށް ފައިދާހުރި މިފަދަ މަސައްކަތްތައް ދައުލަތުގެ މުއައްސަސާތަކާއިއެކު މުސްތަގްބަލުގައި ވެސް އިންތިޒާމުކޮށް ހިންގުމެވެ.

އަލްޤާޛީ ޚުލޫދު އިސްލާމީ އުންމަތަށް ދެއްވާ މެސެޖަކީ ރާއްޖެއަށްވެސް މުހިންމު މެސެޖެއްކަން ކަށަވަރެވެ.

އޭނާ ވިދާޅުވެފައިވަނީ –

އަހަރެންގެ ވާހަކަ މި ފިލްމުގެ ޒަރީއާއިން މީހުނާ ހިއްސާކުރުމުގެ މަގުސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އަންހެން ކުދިންނާއި އަންހެނުން ހައްގުތައް ކަށަވަރުކުރުމަށް ބާރުއަޅައި އަދި އެމީހުން އެމީހުންގެ ހުވަފެންތައް ހަގީގަތަށް ހެދުމަށް ބާރުއެޅުމަށެވެ. އަދި އަންހެނުންނާއި އަންހެން ކުދިންނަށް އިންސާފު ހޯދުމަށް މުސްލިމް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙައްޤުގެ މަގުގައި މަސައްކަތްކުރަމުންދާ ގާނޫނީ ވަކީލުންނަށާއި އިސްލާހަށް މަސަތްކަތްކުރާ އެޑްވޮކޭޓުންނަށް މުޖުތަމައުއާއި ފަރުދުން އަދި ސިޔާސަތުކަޑައަޅާ ނިންމާ ފަރާތްތައް ހޭލުންތެރިކުރުވުމަށް ބޭނުންކުރެވޭނެ ވަސީލަތެއް ކަމުގައިވުމެވެ.

Do NOT follow this link or you will be banned from the site!