އުތެމަ ޖަމުޢިއްޔާ
ހ. މުންޑޫގެ، ވައިލެޓްމަގު
މާލެ، ދިވެހިރާއްޖެ

 

06 މާރިޗު 2018 – އާންމު ސިޓީ

ބައިނަލް އަޤުވާމީ އަންހެނުންގެ ދުވަހަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން

ސަރުކާރުގެ އެކި މުއައްސަސާތަކާ ރާއްޖޭގެ އަމިއްލަ ކުންފުނިތަކާ އޮފީސްއޮފީހުގައި މަސްއޫލިއްޔަތު އަދާކުރައްވާ އެންމެހާފަރާތްތަކަށް ވެދުން ސަލާމަށް ފަހު ދަންނަވަމެއެވެ.

ވޭތުވެ ދިޔަ އަހަރު ރާއްޖޭގައި އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އޮފީސް ތަކުން އިސްނަގައިގެން އެކި ހަރަކާތްތައް ބޭއްވިއެވެ. މީގެ ތެރެއިން ގިނައިން ފެނިގެން ދިޔައީ ވަކިގޮތަކަށް ނުވަތަ ކުލައެއްގެ ހެދުން އެޅުމާއި އަންހެންނުންނަށް ފިނިފެންމާ ދިނުމާއި، ޗޮކުލެޓު ދިނުމާއި، އޮފީސް ކެއުންތަކެއް ތައްޔާރުކުރުމެވެ. އަދި މިއަހަރުވެސް އަންހެނުންގެ ދުވަސް ގާތްވެފައި ވުމުން މިފަދަ ހަރަކާތްތައް ސަރުކާރުގެ އެކިމުއައްސަސާތަކުންނާއި އެހެންފަރާތްތަކުންވެސް ރާވަމުންގެންދާކަން ފާހަގަ ކުރެވެއެވެ.

ބައިނަލްއަޤުވާމީ ގޮތުން އަންހެނުންގެ ދުވަހެއް ފާހަގަ ކުރަން ނިންމާފައިވަނީ އިޤްތިޞާދީ، ޢިޖުތިމާއި، އަދި ސިޔާސީ ދާއިރާގައި ފިރިހެނުންނާއި އެއް ހަމައެއްގައި ހަރަކާތްތެރިވުމަށް އަންހެނުންނަށް މަގުފަހިކޮށްދީ މިކަންކަމަށް ހުރި ތަފާތު ހުރަސްތައް ނައްތާލުމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނަށް އެކި ގޮތްގޮތުންކުރެވޭ އަނިޔާ އާއި އަންހެނަކަށްވީތީކުރާ ތަފާތުކުރުންތަކާއި ދެކޮޅަށެވެ. ތަޢުލީމީ ގޮތުން، ސިޔާސީ ރޮނގުން އަދި އިޤްތިޞާދީ ގޮތުން ފިރިހެނުންނަށް ވުރެ އަންހެނުންނަށްހުރި ފުރުސަތުތައް މަދުވެ ދެޖިންސުގެ މީހުންގެ ދެމެދުގައި ބޮޑެތި ބޭއިންސާފުވެރި ފަރަގުތަކެއް އުފެދިފައިވާތީއެވެ. އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް އަންހެނުން ބާރުވެރިކުރުމުގެ މަޤުސަދުގައެވެ. އަންހެނުންނަށްކުރާ އަނިޔާ މަދުކުރުމަށެއެވެ. ތަފާސް ހިސާބުން ދައްކާގޮތުން، ދިވެހި ރާއްޖޭގައިވެސް އިޤްތިޞާދީ، ޢިޖުތިމާޢީ އަދި ސިޔާސީ ދާއިރާގައިވެސް އަންހެނުންނާއި ފިރިހެނުންގެ މެދުގައި ބޮޑެތިފަރަގުތަކެއް ވެއެވެ. އަންހެނުންނަށްކުރާ އަނިޔާ ނިސްބަތުން ގިނައެވެ. 2015 ވަނަ އަހަރު ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް 438 ގެވެށި އަނިޔާ ގެ މައްސަލަ ހުށަހެޅިފައިވާއިރު އަނިޔާ ލިބިފައިވާ ފަރާތުގެ %80 އަކީ އަންހެނުންނެވެ. 2014 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބަށް ބަލާއިރު ރާއްޖޭގައި އަންހެނުން ވަޒީފާގެ މާހައުލުގައި ހަރަކާއްތެރިވާމިންވަރު ފިރިހެނުންނަށްވުރެ ދަށެއެވެ. އަންހެނުން ބުނާގޮތުން ވަޒީފާގެ މާހައުލުގައި ހަރަކާތްތެރި ނުވަނީ ކުދިންބެލުމާއި، ގޭތެރޭގެ އެހެނިހެން ބެލެހެއްޓުމާއި އަޅާލުމުގެ ޒިންމާތަކާހެދިއެވެ. މިއީ އަދި މިހާތަނަށް ރާއްޖޭގައި އަގުނުކުރެވޭ މަސައްކަތެކެއެވެ. އަދިމިމަސައްކަތުން ގައުމުގެ އިޤްތިސާދަށް ކުރާ މަންފާ ބެލިފައެއްނުވެއެވެ.

ވީމާ އޮފީސް ތަކުން ހިންގާ ހަރަކާތްތަކުގައި ވެސް ބައިނަލްއަޤުވާމީ ފެންވަރުގައި އަންހެނުންގެ ދުވަސް ފާހަގަ ކުރެވޭ މަޤުސަދާއި އެއްރޫހެއްގައި ކަންކަން ރޭވުމަށް އުތެމަ އިން ބާރުއަޅަމެއެވެ. އަދި މިދުވަހަކީ ވަކި ގޮތަކަށް ހެދުން އަޅައި ނުވަތަ އަންހެނުންނަށް ހާއްސަ ހަދިޔާ ބަދަލުކުރާ ދުވަހަކަށް ވެގެންހިނގައްޖެނަމަ، އަންހެނުންނަށް ޙައްގު ހޯދުމާއި ބާރުވެރި ކުރުވުމުގެ މަސައްއަކަތަށްދޭން ޖެހޭ އިސްކަން ނުދެވި، ދިމާވާ ގޮންޖެހުންތައް ބަލައިނުގަނެވި ދިއުމަކީ އުތެމަ އިން ކަންބޮޑުވާ ކަމެކެވެ. އަދި އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، އެދުވަހުގެ މަޤުްސަދާއި އެއް ރޫހެއްގައި، އޮފީސް މާހައުލެއްގައި ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި ހުށަހަޅަމެވެ.

1. ވަޒީފާ ގެމާހައުލުގައި ޖިންސީފުރައްސާރަކުރުން ނައްތާލުމާއިގުޅޭ ސިޔާސަތެއް ކަނޑައަޅައި ހުރިހާ މުވަޒަފުން މިކަމަށް އަހުލުވެރި ކުރުވުން.
2. އޮފީހުގެ މެނޭޖްމެންޓް ނުވަތަ ކަންނިންމާ ފަންތީގައި މިންތީގެ ހަމަހަމަކަން (ޖެންޑާ ބެލަންސް) ޤާއިމުކުރުމަށް ލަނޑުދަނޑި ތަކެއް ކަނޑަ އެޅުން، އަދި އަންހެނުން މިފަދަ ރޯލު ތަކަށް ކުރިމަތިލާން އެޙީތެރިވާ މެންޓާރޝިޕް ފަދަ ޕްރޮގްރާމްތައް ތަޢާރަފް ކުރުން.
3. ކުރެވޭ މަސައްކަތުގައި މިންތީގެ ސްޓީރިއޮޓައިޕް ހުންނަނަމަ އެފަދަ ކަންތައްތައް މަދު ކުރަން ރޭވުން. (މިސާލަކަށް މާކެޓިން މެޓީރިއަލް ގައި ނުވަތަ އިޝްތިހާރު ތަކުގައި އަންހެނުންގެ ރޯލު ހަމައެކަނިވަކި ދާއިރާ ތަކަކުން ދެއްކުން ހުއްޓާލުން).
4. މުވައްޒަފުންގެ ތެރޭގައި ވޮލަންޓިޔާ ކުރުން ނުވަތަ ހިލޭ ސާބަހަށް، އަންހެނުންގެ ޙައްޤު ތަކަށް މަސައްކަތް ކޮށްދޭން ބާރުއެޅުން.
5.ކުންފުނީގެ ނުވަތަ އޮފީހުގެ ސީ.އެސް.އާރު ސިޔާސަތުގެ ދަށުން އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކޮށް އެފަދަ ހަރަކާތްތަކަށް އެއްބާރުލުން ދިނުން.
6. މުވައްޒަފުންގެ ތެރޭގައި ގެވެށި އަނިޔާ ލިބޭ ފަރާތެއްވާނަމަ ނުވަތަ އެކަނިވެރި މައިން ވާނަމަ، އެފަރާތްތަކަށް ހާއްސަ އެހީ ތެރިކަން ފޯރުކޮށްދޭ ގޮތްތަކެއް އޮފީހުގެ ފަރާތުން ރޭވުން.
7. އޮފީސް މާހައުލުގައި ކޮފީ ހެދުން ނުވަތަ ތަށި ދޮވުމަކީ ހަމައެކަނި އަންހެން މުވަޒަފުންގެ ޒިންމާ އެއްނޫންކަން ހުރިހާ މުވައްޒަފުންނަށް އަންގައި އެފަދަ މިންތީގެ ސްޓީރިއޯޓައިޕް ވަޒީފާގެ މާހައުލުން ނައްތާލުން.
8. މުޖުތަމައުގައި އާންމު ގޮތެއްގައި އުޖޫރައަކާ ނުލާ ކުރާ އަޅާލުންތެރި މަސައްކަތް (އަންޕެއިޑް ކެއަރވާރކް) ގައި އަންހެނުންނާއި ފިރިހެނުން ހިއްސާވާ މިންވަރުގައި ތަފާތުތައް ހުރިކަން ފާހަގަކޮށް މިކަމާމެދު މަޝްވަރާކުރުން. އަދި މީގެ އިތުރުން މިފަދަ މަސައްކަތާއި ހެދި ވަޒީފާގެ މައިދާނުގައި ހަރަކާތްތެރިވާ އަންހެނުންނަށް ކުރިމަތިވާ ދަތިތަކަކީ ކޮބާކަން ފާހަގަކޮށް، އެ ކަންކަމަށް ލުޔެއް ހޯދައިދިނުމަށާއި، މިފަދަ މަސައްކަތުގައި ފިރިހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަގުފަހިވާނޭ ގޮތަށް، އޮފީހުގައި ސިޔާސަތުތައް ގާއިމުކުރުން. މިސާލަކަށް، ދަރިއަކު ލިބުމަށްފަހު މޭޓާރނަލް އަދި ޕެޓާނަލް ލީވްގެ ގޮތުގައި ލިބޭ މުއްދަތު ހަމަހަމަ ކުރުން، އަންހެނުން އަދި ފިރިހެނުންނަށްވެސް ވަކި މިންގަނޑެއްގެ ތެރެއިން މަސައްތަކުގެ ގަޑިތައް ފްލެކްސިބަލްކުރުމުގެ ފުރުސަތު ދިނުން، އަދި މަސައްކަތް ކުރާ ތަނަކީ ފެމެލީ ފްރެންޑްލީ ނުވަތަ އާއިލާއާ ރައްޓެހި ތަނަކަށް ހެދުން.
9. ރާއްޖޭގައި އަމަލު ކުރަމުން އަންނަ ޖެންޑަރ އިކުއަލިޓީ ގާނޫނު ހުރިހާ މުއައްޒަފުންނަށް އަހުލުވެރިކޮށްދީ ތިޔަމުއައްސަސާއިން މިގާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭކަންކަން ނުވަތަ ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މަޝްވަރާކުރުން.

ދުނިޔޭގެ އެހެން ޤައުމުތަކަށް ބަލައިލާއިރު އަންހެނުންގެ ދުވަސް ފާހަގަކުރުމަށްޓަކާ 04 މާރިޗުގައި ލަންޑަނުގައިވަނީ އަންހެނުންގެ ބޮޑު ހިނގާލުމެއް ބާއްވާފައެވެ. އެމީހުންގެ މިހަރަކާތުގެ މަޤުސަދަކީ އިނގިރޭސިވިލާތުގައި އަންހެނުންނަށް ވޯޓުލުމުގެ ޙައްޤުލިބުނުތާ މިއަހަރަށް 100 އަހަރުފުރޭ މުނާސަބަތު ފާހަގަކޮށް، މިންތީގެ ހަމަހަމަކަމަށް ވަކާލާތުކޮށް އަޑުއުފުލުމެވެ.

2018 ވަނައަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އ.ދ. ގެ އަންހެނުންގެ ޖަމުޢިއްޔާއިން ޚިޔާރުކޮށްފައިވާ ބައިނަލްއަޤުވާމީ ޝިއާރަކީ މިއީއެވެ : ‘ވަގުތަކީ މިހާރެވެ :ރަށްފުށުގައި އަދި ބޮޑުއާބާދުތަކުގައިއުޅޭ އެކްޓިވިސްޓުން އަންހެނުންގެ ދިރިއުޅުމަށް ހެއުބަދަލު ގެނައުން’. މިޝިއާރުގެ ރޫހުގައި ރާއްޖޭގެ އެކިކަންކޮޅުތަކުން ދިވެހި އަންހެނުން ރާއްޖޭގެއަންހެނުންގެ ހާލަތު ކުރިއެރުވުމަށް ތާރީޚީގޮތުން ކޮށްފައިވާ އަދިމިހާރުވެސް ކުރަމުންދާ ކަންކަން ފާހަގަކޮށް އޭގެ އަގުވަޒަންކުރުން ކިހިނެއްވާނެތޯއެވެ؟ އަދިމިކަމާބެހޭ މައުލޫމާތު މުވައްޒަފުންގެ ތެރޭގައި ނެތްނަމަ، އެފަދަ މައުލޫމާތު އެއްކުރުމުގެ ހަރަކާތެއް ކުރިއަށްގެންދިއުމަކީ ބޭނުންތެރިކަމަކަށް ނުވާނެތޯއެވެ؟

މަތީގައި ދެންނެވުނު މިސާލުގައި ލަންޑަނުގައި އޮތްހިނގާލުމަކީ އިނގިރޭސިވިލާތުގައި އަންހެނުންނަށް ވޯޓުލުމުގެ ޙައްޤުހޯދުމަށް ބޮޑެތިޤުރުބާނީތަކެއްވި އަންހެނުންގެ އަގުވަޒަންކުރުމަށް ހިންގިހަރަކާތެކެވެ. ކޮންމެ މުޖުތަމައެއްގެ އަންހެނުންނަކީވެސް އެމުޖުތަމައަކަށް ނުހަނުބޮޑެތި ޚިދުމަތްތަކެއް ކޮށްފައިވާނެ ބައެކެވެ. ރާއްޖޭގެތާރީޙުގައި ގެއްލިފައިވާ އެފަދަ އަންހެނުން ހޯދުންކީއްތޯއެވެ؟

އަންހެނުންގެ ދުވަހަކީ މިންތީގެ ހަމަހަމަކަމާއި އިޖުތިމާއީ އަދާލަތު އެކަށައެޅުމުގެ ހެއުނިޔަތުގައި މިފަދަ ބުރަދަނެއް ދެވިފައިވާ އަދި އަންހެނުންގެ ކުރިމަގުކޮށުމުގެ ރޫހެއްގައި ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެއްގެ ގޮތުގައި ރާއްޖޭގައިވެސް ބޭއްވުމަށް ބާރުއަޅުއްވައި ދެއްވާށެވެ.

ދިވެހި އަންހެނުންގެ ޙައްޤުގައި

އުތެމަ

Uthema