އަންހެނުންގެ ޖިންސީގުނަވަނަށް ގެއްލުންދިނުމާ އަންހެނުން ޚިތާނު ކުރުމުގެ މައްސަލައާބެހޭ ގޮތުން
IWD2022 Billabong women working

IMAGE: Billabong School Children’s Exhibition, Maldives, Islanders Education/UN Women

 

  2022 – 8 މާރޗް
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް 2022 އާ ގުޅިގެން ޖަމްޢިއްޔާތަކުން ނެރޭ ނޫސް ބަޔާން

 

ބައިނަލްއަޤުވާމީ ގޮތުން އަންހެނުންގެ ދުވަހެއް ފާހަގަކުރަން ނިންމާފައިވަނީ އިޤްތިޞާދީ، ޢިޖުތިމާއި، އަދި ސިޔާސީ ދާއިރާގައި ފިރިހެނުންނާއި އެއްހަމައެއްގައި ހަރަކާތްތެރިވުމަށް އަންހެނުންނަށް މަގުފަހިކުރުމަށާއި މި ކަންކަމަށް ހުރި ތަފާތު ހުރަސްތައް ނައްތާލުމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނަށް އެކި ގޮތްގޮތުން ކުރާ އަނިޔާ އާއި އަންހެނަކަށްވީތީ ކުރާ ތަފާތުކުރުންތަކާއި ދެކޮޅަށެވެ. ތަޢުލީމީ ގޮތުން، ސިޔާސީ ރޮނގުން އަދި އިޤްތިޞާދީ ގޮތުން ފިރިހެނުންނަށް ވުރެ އަންހެނުންނަށްހުރި ފުރުސަތުތައް މަދުވެ ދެ ޖިންސުގެ މީހުންގެ ދެމެދުގައި ބޮޑެތި ބޭއިންސާފުވެރި ފަރަގުތަކެއް އުފެދިފައިވާތީއެވެ. އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް އަންހެނުން ބާރުވެރިކުރުމުގެ މަޤުސަދުގައެވެ. އަންހެނުންނަށްކުރާ އަނިޔާ މަދުކުރުމަށެވެ. ތަފާސް ހިސާބުން ދައްކާގޮތުން، ދިވެހިރާއްޖޭގައިވެސް އިޤްތިޞާދީ، ޢިޖުތިމާޢީ އަދި ސިޔާސީ ދާއިރާގައިވެސް އަންހެނުންނާއި ފިރިހެނުންގެ މެދުގައި ބޮޑެތި ފަރަގުތަކެއްވެއެވެ. މި ފަރަގުތައް ނައްތާލުމަށްޓަކައި، އަންނަނިވި ކަންކަމަށް ޢަމަލީ ސިފަގެނެސް، ތަންފީޒުކުރުމަށް ދައުލަތަށާއި، ސަރުކާރުގެ އިދާރާތަކަށް މި ޖަމްޢިއްޔާތަކުން ގޮވާލަމެވެ.
1. 2021 ވަނަ އަހަރުގައި ޢާންމުކުރި “ދިވެހިރާއްޖޭގައި އަންހެނުންނާމެދު ގެންގުޅޭ ތަފާތުކުރުންތަކާއި، އެކަންކަމަށް ހުއްޓުމެއް ގެނައުމަށްޓަކައި ކުރަންޖެހޭ ކަންކަން ދެނެގަތުމާގުޅޭ ޕާލިމަންޓަރީ އިންކުއަރީ ރިޕޯޓު” ގައި އަންހެނުންނަށް ކުރާ އަނިޔާ އާއި ތަފާތުކުރުން ނައްތާލައި، އަންހެނުންނަށް އިޤްތިޞާދީ، ސިޔާސީ، އިޖްތިމާޢީ ބާރުވެރިކަން ގެނެސްދިނުމަށްޓަކައި، މަޖިލީހުގެ ޖެންޑަރ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ހަދާފައިވާ 28 ރިކޮމެންޑޭޝަން ތަންފީޒުކުރުމުގައި ދައުލަތުންނާއި ސަރުކާރުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ދެނެގަނެ، ކަމާބެހޭ އިދާރާތައް ރައްޔިތުންގެ މަޖިލީހުން ޖަވާބުދާރީ ކުރުން.
2. ޢާއިލާއާބެހޭ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުގެ މަސައްކަތްތައް އަވަސްކޮށް، ޤާނޫނުގައި ހުރި ބާގަނޑުތަކުގެ ސަބަބުން މުދަލުގެ މިލްކުވެރިކަމާއި ޚަރަދު ލިބުމުގައާއި، އަނިޔާއިން ރައްކާތެރިކަން ލިބުމުގައި ކުރިމަތިވާ ހުރަސްތަކަށާއި ތަފާތުކުރުންތަކަށް ނިމުމެއް ގެނައުން.
3. ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވި ޞިއްޙީ، އިޖުތިމާޢީ އަދި އިޤްތިޞާދީ އަސަރުތައް މިހާރު ދެނެގަންނަން ފެށިފައިވާއިރު، ނާޒުކު ޙާލަތުގައި ތިބޭ އަންހެނުންނާއި، ކުޑަކުދިންނާއި، ޢުމުރުން ދުވަސްވީ މީހުންގެ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތަށް ބަލިމަޑުކަމުގެ ހާލަތުން އަރައިގަތުމުގެ ސިޔާސަތުތައް ބައްޓަންކޮށް، އެކަމަށް ޢަމަލީ ސިފަ ގެނައުން.
4. ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތައް ބައްޓަންކޮށް ވިލަރެސްކުރުމުގައި އަންހެނުންގެ މަޝްވަރާވެސް ހޯދައިގެން އަންހެނުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް ކަންކަން ރޭވުން.
5. ކާވެނީގެ ތެރޭގައި ރުހުމަކާ ނުލާ ހިންގާ ޖިންސީ ގުޅުމަކީ ރޭޕްގެ ކުށެއް ކަމުގައި ކަނޑައަޅައި، ޖިންސީ އަނިޔާ ލިބޭ ފަރާތްތަކަށް ޤާނޫނު ތަންފީޛުކުރާ ނިޒާމުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ގޮތަށް ޖިންސީ ކުށުގެ ޤާނޫނަށް އުއްމީދީ އިސްލާޙުތަކެއް ގެނެސްފައިވާއިރު، މި އިޞްލާޙުތަކުގެ މަންފާ ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ މަސައްކަތްތައް އަވަސްކުރުން.
6. މަސައްކަތުގެ މާޙައުލުގައި ކުރާ ޖިންސީ ފުރައްސާރަ ހުއްޓުވައި ނައްތާލުމުގައި، ވަޒީފާދޭ ފަރާތްތަކުން ޤާނޫނު ތަންފީޒުކުރަމުންދާ މިންވަރު މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި މޮނިޓަކުރަމުން ގެންދިޔުމަށާއި، މިންތީގެ ހަމަހަމަކަމާއި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ހެދިފައިވާ ޤާނޫނުތައް ފުރިހަމައަށް ތަންފީޒުކުރުން.
7. ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމުގައި އަންހެނުންނާއި ފިރިހެނުންގެ ދިރިއުޅުމުގެ ހާލަތްތަކަށާއި، މުޖުތަމައުގެ ތެރޭގައި ހުންނަ މިންތީގެ ފަރަގުތަކަށް ރިއާޔަތްކޮށް، ނަތީޖާ ނެރެވޭނެ ގޮތަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުން.
8. މި އަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރުކަމަށްވާ “ދެމެހެއްޓެނިވި މާދަމާއަކަށް މިންތީގެ ހަމަހަމަކަމަށް މިއަދު މަސައްކަތްކުރަމާ” މި ޝިއާރުގެ ދަށުން ސަރުކާރުން ތަރައްޤީގެ ކަންކަން ރާވާ ވިލަރެސްކުރުމުގައި ތިމާވެށި ފަނާނުކޮށް ވިލުންވެރިކަން ދެމެހެއްޓޭނެގޮތަށް ކަންކަންކުރުން.
9. އަންހެނުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތައް އިނދަޖެހުނުނަމަވެސް، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދަންވާނޭ ކަމަށް ޤަބޫލުކުރާ ވިސްނުމާ ދުރުހެލިވެ، ތަރައްޤީގެ މަޝްރޫޢުތައް ބައްޓަންކުރާއިރު، އަންހެނުން ކުރާ މަސައްކަތްތަކަށް ނޭދެވޭ އަސަރު ނުފޯރާނޭ ގޮތަށް ސިޔާސަތު ބައްޓަންކުރުން.
10. ނުރަސްމީ މަސައްކަތުގައި ބައިވެރިވާ އަންހެނުން ނިސްބަތުން ގިނަކަމަށްވާއިރު، މުސްކުޅި ޢުމުރު ޕެންޝަންގެ މަންފާ އެފަރާތްތަކަށް ލިބިގެންދާނެ ގޮތަށް ޤާނޫނުތައް އިޞްލާޙުކުރުން.
މި ފުރުޞަތުގައި، މި އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އިން ސަރުކާރު އޮފީސްތަކަށް ފޮނުވާފައިވާ ސަރކިއުލާގައި ހިމަނާފައިވާ ކަންކަމަށް މި ޖަމްޢިއްޔާތަކުން ތާއީދުކޮށް، އެ ސަރކިއުލާގައިވާ ކަންކަމުގެ އިތުރުން، އިސްވެ ފާހަގަކުރެވުނު ކަންކަން ކުރުމަށް މަސައްކަތްކޮށް، އަންހެނުންގެ އަޑުއަހައި، އަންހެނުންނަށް ދިމާވާ ކަންކަން ހައްލުކުރުމަށް މައުނަވީ ގޮތެއްގައި މަސައްކަތް ކުރުމަށް މި ޖަމްޢިއްޔާތަކުން ގޮވާލަމެވެ.

އަންހެނުންގެ ޖިންސީގުނަވަނަށް ގެއްލުންދިނުމާ އަންހެނުން ޚިތާނު ކުރުމުގެ މައްސަލައާބެހޭ ގޮތުން
Uthema