ރައްޔިތުންގެ މަޖިލީހުގައި ގެވެށި އަނިޔާއަށް ތުހުމަތު ކުރެވޭ މީހުންނަށް ތިބެވިގެންނުވާނެ!

އެޒުވާނާ ލިޔެފައިވަނީ، އެ ތަޅުދަނޑިއަކީ އޭނާގެ ތިމާގެ މީހެއް އޭނާ ރޭޕް ކުރި

ކޮޓަރީގެ ތަޅުދަނޑި ކަމަށެވެ.

މީގެ މަހެއްހައި ދުވަސް ކުރިން ނެޝަނަލް އާރޓްގެލެރީގައި ބޭއްވި އެގްޒިބިޝަނެއްގައި ރާއްޖޭގެ ޒުވާނުން އެމީހުންނަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ހަދާފައިވާ އެކި އާރޓް އެކްސްޕްރެޝަންސް ތަކެއް ދައްކުވައިދިނެއެވެ. އެތަނަށް ދިޔަ ރައްޓެއްސަކު އެތަނުގައި ހުރި އާރޓްވާރކް ތަކުގެ ފޮޓޯ އަހަރެންނަށް ފޮނުވިއެވެ. އެންމެ ފާހަގަވި އެކަތީގައި އޮތީ ތަޅުދަނޑި އެކެވެ. އެތަޅުދަނޑީގެ ތިރީގައި އޮތް ލިޔުން ކޮޅުގައި އެޒުވާނާ ލިޔެފައިވަނީ، އެ ތަޅުދަނޑިއަކީ އޭނާގެ ތިމާގެ މީހެއް އޭނާ ރޭޕް ކުރި ކޮޓަރީގެ ތަޅުދަނޑި ކަމަށެވެ. މިއީ ރާއްޖޭގައި ޢާއްމު ވާހަކައެކެއެވެ. މި ވާހަކަތައް ދައްކާތާ އެތައް އަހަރުތަކެއް ވީއިރުވެސް ހައްލެއް ނުފެނެއެވެ. މިފަދަ މައްސަލަތައް ހައްލުނުވާ އެއް ސަބަބެއްކަމަށް އަހަރެން ދެކެނީ މިފަދަ އަނިޔާ ކުރާމީހުން ނުވަތަ އަނިޔާ ކުރާކަމަށް ތުހުމަތު ކުރެވޭ މީހުން ސަރުކާރުގެ އިސް ވެރިން، އަދި މަޖިލިސް މެމްބަރުން އަދި ކަންކަން ނިންމާ ފެންވަރުގެ މަގާމު ތަކުގައި ތިބުމެއެވެ. މިފަދަ މީހުންގެ ނުފޫޒާހެދި ޙައްގު ލިބެންވާ ފަރާތްތަކަށް ޙައްގު ހޯދައި ނުދެވޭތީއެވެ. އަނިޔާ ކުރާމީހުންނަށް އަދަބުގެ ބަދަލުގައި ބާރުވެރި މަގާމުތައް ލިބޭތީއެވެ.
މި ކަމުގައި ޒިންމާ ނަގަންޖެހޭ އެންމެ ބޮޑު އެއް ފަރާތަކީ އަހަރެން ދެކޭ ގޮތުގައި ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކެވެ. ސަރުކާރުގެ މަގާމް ތަކާއި އިންތިޚާބީ ގޮނޑިތަކަށް މިފަދަ އަނިޔާތައް ކުރާ މީހުންނަށް ނުވަތަ މިފަދަ ތުހުމަތުތައް ރައްދުވާ މީހުންނަށް އެއްވެސް ބެލުމެއްނެތި މަގާމް ތައް ހަވާލު ކުރާތީއެވެ. މިގޮތުން ބަލާއިރު އެންމެ ފަހުން ރާއްޖޭގެ ބޮޑު ސިޔާސީ ޕާޓީއަކުން އަންނަ މަޖިލިސް އިންތިޚާބަށް ކުރިމަތިލުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބުކުރި މީހުންނަށް ބަލާއިރު، ގެވެށި އަނިޔާގެ ތުހުމަތު ކުރެވޭ މީހުންނަށް އިންތިޚާބުގެ ޓިކެޓު ލިބިފައިވެއެވެ. އެތަނުން އެކަކީ އަހަރެން ވަރަށް ގާތުން އޭނާކުރި އަނިޔާތައް ދެކެފައިވާ މީހެކެއެވެ. އަދި އަނިޔާ ލިބުނު ފަރާތުންވަނީ ސޯޝަލް މީޑިއާގައި އޭނާގެ އަމަލުތައް ޙިއްޞާ ކޮށްފައެވެ. ނަމަވެސް އަނިޔާކުރި މީހާ ނިސްބަތްވާ ޕާޓީއިން މިކަން އެއްވެސް މިންވަރަކަށް ބެލުމަށް މަސައްކަތެއް ނުކުރެއެވެ. ނުރަސްމީކޮށް ޕާޓީގެ އެކި ފަރާތްތަކާއި އަހަރެމެންނާ ދެކެވުނު ވާހަކައިން ހާމަވީ ޕާޓީގެ ހަމަ އެކަނި އަމާޒަކީ ގޮނޑި ކާމިޔާބު ކުރުންކަމެވެ. ރާއްޖޭގެ ޑިމޮކްރަސީގެ އެންމެ އިސް އެއް ތަނބު ކަމުގައިވާ މަޖިލީހުގެ ގޮނޑިއަށް ކުރިމަތިލާ ފަރާތްތަކަކީ ފަސްބައިސާފު، ހަރުދަނާ ސިފަތަކެއް ހުރި ގާބިލު މީހުންނަށްވުމަކީ ޕާޓީއަށް މުހިއްމު ކަމަކަށް ނުވެއެވެ.

މަޖިލީހުގައި ގެވެށި އަނިޔާއަށް ތުހުމަތު ކުރެވޭ މީހުން ތިބެން ނުވާންވީ ސަބަބުތައް

މަޖިލިހުގައި ގެވެށި އަނިޔާއަށް ތުހުމަތު ކުރެވޭ މީހުން ތިބެން ނުވާ އެތައް ސަބަބެއް އެބަހުއްޓެއެވެ. ފުރަތަމަ ކަމަކަށް އެފަދަ މީހުންނަށް ފުރުޞަތު ދިނުމުން ދައްކުވައިދެނީ ރާއްޖޭގައި ޤާނޫނުތަކެއް ހެދިފައި އޮތަސް މިފަދަ ކުށްތައް ކުރާމީހުންނަށް ޙައްގު އަދަބު ނުލިބޭކަމެވެ. އަދި އެފަދަ އަނިޔާކުރާ މީހުން ސިޔާސީ ދާއިރާގައި ބަލައިގަންނަކަމެވެ. ދެވަނަ ސަބަބަކީ މިފަދަ މީހުން މަޖިލިހުގައި ތިބެއްޖެނަމަ މިފަދަ ކަންކަން ހުއްޓުވަން ހެދޭ ޤާނޫނުތަކަށް މިފަދަ މީހުންގެ އެއްބާރުލުން ނުލިބުމެވެ. އަދި މިހާރު ހުރި ޤާނޫނުތައް ތަންފީޒުކުރޭތޯ މަޖިލިހުން ބަލައި ފާރަވެރި ވުމުގެ ޒިންމާ މަޖިލީހުން އަދާނުކުރުމެވެ. މަޖިލީހުން ބަޖެޓު ފާސް ކުރާއިރު މިފަދަ ކަންކަން ހުއްޓުވުމަށް ބޭނުންވާ ފައިސާއާއި އެހެނިހެން ވަސީލަތްތައް ހަމަޖައްސައި ނުދިނުމެވެ. މީގެ އެއް މިސާލަކީ 2012 ވަނަ އަހަރު ފާސްކޮށްފައިވާ ގެވެށިއަނިޔާގެ ޤާނޫނުގެ މަންފާ ލިބިދިނުމަށް ބޭނުންވާ ވަސީލަތްތައް ހަމަނުޖެހި، ޤާނޫނަށް 6 އަހަރު ވީއިރުވެސް ފުރިހަމައަށް ތަންފީޒުނުވުމެއެވެ. އަދި މީގެއިތުރުން، މަޖިލިސްފަދަ ބާރުވެރި ދައުލަތުގެ މުއައްސަސާތަކުގައި މިފަދަ އަނިޔާވެރިން ތިބުމުން އަނިޔާ ލިބޭ ފަރާތްތަކަށް މިދެވޭ މެސެޖަކީ އެފަރާތްތަކަށް ރާއްޖޭގައި އެއްވެސް އިންސާފެއް، ހިމާޔަތެއް ނުވަތަ ސަލާމަތްތެރިކަމެއް ނެތްކަމެވެ. އޭގެ ބަދަލުގައި އެފަދަ ފަރާތް ތަކަށް މިދެވެނީ އިތުރު ނަފްސާނީ އަނިޔާ އާއި ހިތްނުތަނަވަސް ކަމެކެވެ. އަދި އަނިޔާ ލިބޭ ފަރާތައް އަނިޔާތަކުގެ ތަޖުރިބާއިން އަރައިގަނެ އެކަމުން މިންޖުވެވޭނެ ފުރުސަތު ކުޑަވެއެވެ.

ޕޮލިސް ރެކޯޑު ނެތަސް ނުވަތަ ކުށް ސާބިތު ނުވިޔަސް ތުހުމަތު ތައް ބެލެންޖެހޭ

އޭގެ ބަދަލުގައި މިފެންނަނީ ސިޔާސީ ގޮތުން ކުރި ހޯދުން ނޫން އެއްވެސް ފިކުރެއް ޕާޓީތަކުގައި ނެތްކަމެވެ

އަހަރެން ކުރި ދިރާސާ ތަކުން އެގުނީ ރާއްޖޭގައި ޙަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުން އެޕާޓީއަށް ނިސްބަތްވާ ފަރާތްތަކަށް ކުރެވޭ ތުހުމަތުތައް ނުބަލަނީ މިފަދަ ކަންކަމުގައި މާބޮޑު ހަޤީގަތެއް އޮންނަ ކަމަށް ޤަބޫލުނުކުރާތީއެވެ. އަދި ޕޮލިސް ރެކޯޑެއް ނުވަތަ ކޯޓަކުން ކުށް ސާބިތު ނުވާކަމަށްވާނަމަ މިފަދަ ތުހުމަތުތައް ފަސޭހައިން އެއް ފަރާތްކޮށްލައެވެ. އަދި މިތުހުމަތުތަކަކީ ސިޔާސީ ވާދަވެރި ކަމުގެގޮތުން ކުރާ ތުހުމަތު ތަކެއް ކަމަށް ބަލައިގަނެއެވެ. ނަމަވެސް މިއީ އަހަރެން ދެކޭގޮތުގައި ސިޔާސީ ޕާޓީތަކުން ޒިންމާދާރުކަންކުޑަގޮތަކަށް ކަންކަން ކުރުމަށް ބޭނުން ކުރާ ހުއްޖަތެކެވެ. ސަބަބަކީ ގެވެށި އަނިޔާ ފަދަ ކަންކަން ރާއްޖޭގައި ރިޕޯޓު ކުރާލެއް މަދުވުމުން ވަރަށް މަދުން ނޫނީ ޕޮލިސް ރެކޯޑެއް ނޯވެއެވެ. އަދި ކުށް ސާބިތު ވާލެއްވެސް އެހާމެ މަދެއެވެ. އެހެންކަމުން ކުށް ސާބިތުވެފައި ނެތީމަ އެއީ ހަޤީގަތެއް ނެތް ކަމަކަށް ބަލައިގެން ނުވާނެއެވެ. އަދި އަހަރެން ދެކޭގޮތުގައި ކުޑަކުއްޖަކު ނުވަތަ އަންހެނަކުވެސް މިފަދަ މަޢުލޫމާތު ދޮގު ގޮތަކަށް ޢާއްމު ކުރުމަކީ ކުރަން ފަސޭހަ ކަމަކަށް ނުވާނެ ކަމެކެވެ. މިގޮތަށް މިފަދަ ތުހުމަތު ތަކަކީ ހަޤީގަތެއް ނެތް ކަންކަން ކަމަށް ޕާޓީ ތަކުން ދެކުމުން ދޭހަވަނީ ގެވެށި އަނިޔާ އަދި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ޕާޓީ ތަކުގައި އެއްވެސް ހަރުދަނާ ނިޔަތެއް ނެތްކަމެވެ. އޭގެ ބަދަލުގައި މިފެންނަނީ ސިޔާސީ ގޮތުން ކުރި ހޯދުން ނޫން އެއްވެސް ފިކުރެއް ޕާޓީތަކުގައި ނެތްކަމެވެ.

އެހެން ކަމުން ނިންމާލުމެގެ ކުރިން ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ސަރުކާރުގެ މަގާމު ތަކަށާއި އިންތިޚާބީ ގޮނޑި ތަކަށް ކުރިމަތި ލެވޭ މިހުންގެ ޤާބިލުކަމާއި ޢަމަލުތަކުގެ ހަޤީޤަތް ބެލުމަށް އަހަރެން ގޮވާލަމެވެ. އެގޮތުން ޕާޓީތަކުން ކުރަން މިޖެހެނީ ދެކަމެކެވެ. ފުރަތަމަ ކަމަކީ، މަޖިލީހަށާއި ސަރުކާރުގެ މަގާމުތަކަށް ކުރިމަތިލާ މީހުންނަށް “މިނިމަމް ކްރައިޓީރިއާ” ނުވަތަ އެންމެދަށް މިންގަޑެއް ޕާޓީގެ އެތެރޭގެ ސިޔާސަތެއްގެ ގޮތުގައި ކަނޑައެޅުމެވެ. މި ކްރައިޓީރިއާގައި ތައުލީމީ ފެންވަރާއި ތަޖުރިބާގެ އިތުރުން، ޕާޓީގެ ފަރާތުން ތާއީދު ލިބިގެން ދައުލަތުގެ މަޤާމަކާ ޙަވާލުވާ މީހެއްގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ ސިފަތަކާގުޅޭ މިންގަނޑުތަކެއް ނުވަތަ ސްޓެންޑަޑުތަކެއް ކަނޑަ އެޅެންވާނެއެވެ. ދެވަނަ ކަމަކީ މި މިންގަނޑުތަކަށް ކެންޑިޑޭޓުން ފެތޭތޯ ބަލައި ފާސްކުރުމަށް ސްކްރީނިންގެ ނުވަތަ ވެޓިން ޕްރޮސެސް އަކާއި މިކަން ކުރާނެ ކޮމިޓީއެއް ޤާއިމު ކުރުމެވެ.

ސިޔާސީ ޕާޓީ ތަކުން ގެވެށި އަނިޔާ އާއި ދެކޮޅަށް ހަރުދަނާ އުސޫލު ތަކެއް ކަނޑަ އަޅާ ދަމަހައްޓަން ޖެހޭ

ސިޔާސީ ޕާޓީ ތަކުގެ މަގާމުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އަންހެނުންނަށް އިސްކަން ދިނުމުގެ އެކަށީގެންވާ ސިޔާސަތުތަކެއް އެކަށައެޅުން.

އަދި ޚާއްޞަކޮށް ގެވެށި އަނިޔާ ފަދަ މައްސަލަ ތަކާގުޅޭ ކޭސް ތަކުގައި ކުށް ސާބިތުނުވާ ކަމުގައި ވިޔަސް ކެންޑިޑޭޓުންނާއި މެދު ކުރެވޭ ތުހުމުމަތުތައް ޕާޓީގެ ފަރާތުން ބެލެވޭނެ ބައެއް ގޮތްތައް ތިރީގައި ހުށަހަޅާލާނަމެވެ.
– މީހާގެ ކިބައިގައި ހުންނަންޖެހޭ އަޚްލާޤީ ސިފަތަކާގުޅޭ ކަންކަން އަދި ގެވެށި އަނިޔާ ފަދަ ތުހުމަތުތައް ދެނެގަތުމަށް ކެންޑިޑޭޓުން އަމިއްލައަށް ނުވަތަ ސެލްފް ޑިކްލެޔާ ކުރާނެ ފޯމެއް ނުވަތަ ސުވާލުކަރުދާހެއް ބޭނުން ކުރުން.
– އަނިޔާލިބޭ ފަރާތްތަކުގެ ސިއްރު ހިފެހެއްޓޭ ގޮތެއްގައި، ކެންޑިޑޭޓުންގެ މިންގަނޑު ބަލާ ކޮމިޓީއަށް މައްސަލަ ހުށަހެޅޭނެ ނިޒާމެއް އޮތުން. އަދި އެފަދަ މީހުންނަށް ސަލާމަތްތެރި ކަމާއެކު މަޢުލޫމާތު ޙިއްޞާ ކުރެވޭނެ އިންތިޒާމުތައް ހަމަޖެހުން.
– ކެންޑިޑޭޓުންގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް ދެނެގަތުމަށް އިންޓަވިއު އެއް ތަޢާރަފް ކުރުން. އަދި އިންޓަވިއުކޮށް ރިޕޯޓު ކުރުމަށް ޕާޓީއިން ބޭރުން “އެކްސްޓަރނަލް ޕެނަލް” އެއް ކަނޑައެޅުން. މި ޕެނަލްގައި މަދަނީ ޖަމްޢިއްޔާތަކާއި، މިފަދަ ގެވެށި އަނިޔާގެ މައްސަލަތައް ދިރާސާ ކުރާ، ނުވަތަ މިފަދަ ކަންކަން ހުއްޓުވުމަށް އަޑު އުފުލާ ޢާއްމުންގެ މީހުން ހިމެނުން. އަދި އިންޓަވިއުގެ މަޢުލޫމާތުގެ ތެދުގޮގު ބެލުމަށް ކެންޑިޑޭޓުގެ ރަޙްމަތްތެރިންނާއި، ގާތް މީހުންނާއި، އޭނާ ނިސްބަތްވާ ރަށެއް ނުވަތަ އެކުގައި ވަޒީފާ އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ މީހުންނާއި އިންޓަވިއު ޕެނަލްއިން ސުވާލުކުރުން.
– ގެވެށިއަނިޔާފަދަ މައްސަލަތަކާ ގުޅޭގޮތުން ޕާޓީގެ އިސްވެރިންނާއި މެންބަރުން ހޭލުންތެރި ކުރުމަށް ޕާޓީގެ ފަރާތުން މަދަނީ ޖަމްޢިއްޔާ އާއި ޖެންޑަރ މިނިސްޓްރީއާ ގުޅިގެން ޕްރޮގުރާމްތައް ބޭއްވުން.
– ސިޔާސީ ޕާޓީ ތަކުގެ މަގާމުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އަންހެނުންނަށް އިސްކަން ދިނުމުގެ އެކަށީގެންވާ ސިޔާސަތުތަކެއް އެކަށައެޅުން. މިގޮތަށް ކަންކުރުމުން ގެވެށިއަނިޔާ ފަދަ މައްސަލަތައް ބެލުމަށާއި އަދި އެކަން ހައްލު ކުރުމަށް މަގުފަހި ވެގެން ދާނެކަމަށް ދިރާސާ ތަކުން ދައްކައެވެ. މި ގޮތުން ސިޔާސީ ޕާޓީތަކުގެ އިންތިޚާބީ ޓިކެޓުކަނޑައެޅޭ އުސޫލަކީ ޕާޓީތަކުގެ މެމްބަރުންގެ މިންތި ތަމްސީލުކުރާ ނިސްބަތަށް ހެދިދާނެއެވެ.
އެންމެ ފަހު ކަމަކަށް އަހަރެން ބޭނުން ވަނީ އާރޓް އެގްޒިބިޝަން ގައި އެ ޒުވާނާ ހުށަހަޅާފައިވާ ތަޅުދަނޑި ރައްޔިތުންގެ މަޖިލީހުގެ އިމާރާތުގައި މަޖިލިސް މެމްބަރުންނަށް ޢާއްމުކޮށް ފެންނަ ތަނެއްގައި ބެހެއްޓުމެވެ. އަދި އެ ޙާދިޘާއިން ފިލާވަޅު ލިބިގެން އަހަރެމެންގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ މިފަދަ ޢަމަލުތަކުން އެއްކިބާވެ ތިބި ބަޔަކަށް ހެދުމެވެ. އަދި އަހަރެމެންގެ ރައްޔިތުންގެ މަޖިލީހަކީ މި މައްސަލަ ހައްލު ކުރުމުގެ ޢަޒުމުގައި މަސައްކަތް ކުރާ ބަޔަކަށްވުމެވެ.

ރާނިޔާ ސޯބިރު އަކީ އިކޮނޮމިކްސް އަދި އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓުގެ ދާއިރާއިން މަތީތައުލީމު ހާސިލުކޮށް، ދިވެހިރާއްޖޭގައި ތަރައްޤީގެ ޕްރޮގްރާމްތައް ހިންގުމުގައި ގިނައަހަރުތަކެއްގެ ތަޖުރިބާހޯދާފައިވާ ފަރާތެކެވެ. ރާނިޔާ މިހާރުމަސައްކަތްކުރަނީ ބައިނަލްއަޤުވާމީފެންވަރުގައި ފަންނީދިރާސާކުރާ ކުންފުންޏެއްގައެވެ.

ރާނިޔާ އަކީ އުތެމަ ގެ ލިޔުންތެރިއެކެވެ.

Uthema