ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ރާއްޖޭގައި އަންހެނުންގެ ހާލަތާބެހޭގޮތުން ފާހަގަކުރެވޭ ބައެއް ގޮންޖެހުންތަކުގެ ކުރުކަރުދާސް

Uthema Maldives international women's day 2021

8 މާރޗް 2021 – ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް

ކޮންމެ އަހަރެއްގެ 8 މާރޗް އަކީ ބައިނަލްއަޤުވާމީ ގޮތުން އަންހެނުންގެ ޙައްޤުތަކަށް ވަކާލާތުކުރުމަށް 1975 އިން ފެށިގެން އެކުވެރި ދައުލަތްތައް (އދ) އިން ފާހަގަކުރާ ދުވަހެވެ. ދިވެހިރާއްޖޭގައި މިދުވަސް ޤައުމީފެންވަރުގައި ފާހަގަކުރަންފެށީ 1983 އިން ފެށިގެންނެވެ.

އަދި އދ ގެ އަންހެނުންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާ (ސީޑޯ) ގައި ދިވެހިރާއްޖެ ބައިވެރިވީ 1993 ވަނަ އަހަރުއެވެ. އަންހެނުންގެ ޙައްޤުތަކަށް ދުނިޔޭގެ ފެންވަރުގައި އަދި ޤައުމީފެންވަރުގައި ވަކާލާތުކުރަން ޖެހެނީ ނުހަނުގިނަ އަދި ސީރިއަސް ސަބަބުތަކެއް އޮތަތީއެވެ. އަދި އަންހެނުންނަށްވީތީ ކުރާ ޖިންސުގެ އަދި މިންތީގެ ތަފާތުކުރުންތަކުގެ ސަބަބުން އަންހެނުންގެ ދިރިއުޅުމުގެ ހާލަތާ ތަޖުރިބާތަކަކީ އިންސާނީ ޙައްޤުތަކުގެ ނަޒަރުން ބަލާއިރު އެތައްދަރަޖައަކަށް ދަށްވެފައިވާ ޙަޤީގަތްތަކަކަށް ވާތީއެވެ. އޭގެ ސަބަބުން އަންހެނުންގެ އަސާސީ އިންސާނީ ޙައްޤުތަކަށް މުޅިހަޔާތުގައި އުނިކަންލިބި، އެ ޙައްޤުތަކުން އެކަހެރިވެ ނިކަމެތިވެގެން ދެއެވެ. އެހެންކަމުން ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހަކީ، އަންހެނުންނަށްވީތީ ކުރާ ނޭދެވޭ ތަފާތުކުރުންތަކުގެ ސަބަބުން ތަހައްމަލް ކުރަމުންދާ ނިކަމެތިކަމާ އެކަހެރިކަން އިންސާނުންގެ މެދުގައި ނިމުމަކަށް ގެންނަންޖެހޭކަމަށް ބަލައިގަނެ، ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާދުވަހެކެވެ.

ވޭތުވެދިޔަ ބައިޤަރުނެއްހާ ދުވަހު ދުނިޔޭގެ ފެންވަރުގައި އަންހެނުންގެ ޙައްޤުތަކަށް ވަކާލާތުކުރުމަށް ދުނިޔޭގެ އެކި ޤައުމުތަކުގައި މަސައްކަތްތަކެއް ކުރެވިފައިވާއިރު، ދިވެހިރާއްޖޭންވެސް މި މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެފައިވެއެވެ. މި ގޮތުން ހެޔޮބަދަލު ތަކެއް ޤާނޫނާ ގަވައިދުގެ އޮނިގަނޑުގެ ތެރެއިން ޤައުމީފެންވަރުގައި ގެނެވިފައިވީނަމަވެސް ރާއްޖޭގައި ސަޤާފީގޮތުން އަންހެނުންގެ ދަރަޖަ ފިރިހެނުންނަށްވުރެ ދަށްބައެއްގެ ގޮތުގައި ދެކެމުންދާ ޒަމާންވީ ވައްޓަފާޅީގެ ސަބަބުން އަދި މި ފަހަކަށް އައިސް ރާއްޖޭގައި އަންހެނުންނަށް ވީތީ ތަފާތުކުރުމަށް ފެތުރިފައިވާ ނުރަނގަޅު މައުލޫމާތުތަކުގެ ސަބަބުން، އިންސާނީ ޙައްޤުތައް ނެގެހެއްޓުމަށް ހެދިފައިވާ ޤާނޫނުތަކަކީ އެކަށީގެންވާ ފެންވަރުގައި ތަންފީޒު ނުކުރެވޭ އެއްޗަކަށް ވަނީ ވެފައެވެ. މިއީ ކަމުގެ ޙަޤީގަތް އޮތް ގޮތެވެ. އެހެންކަމުން އަދު އަންހެނުންގެ ދުވަސް ފާހަގަކުރާއިރު، މި ޖަމްޢިއްޔާއިން ތިރީގައިވާ ކަންކަމަށް އަލިއަޅުވާލަމެވެ.

  • 1 – އަންހެނުންނަށާ އަންހެންކުދިންނަށް ކުރާ ޖިންސީ އަދި އެހެނިހެން އަނިޔާތަކުގެ މައްސަލަ

ރާއްޖޭގައި އަންހެނުންނަށާ އަންހެންކުދިންނަށް ކުރަމުންދާ ޖިންސީ އަނިޔާގެ މައްސަލަތަކުގެ ފުންމިނާ ފުޅާމިން ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ކުރިންނާ މި ކާރިސާގެ ފަހުންވެސް ދަނީ ހާމަވަމުންނެވެ. އޭގެ ތެރޭގައި 2 އަހަރުގެ ކުއްޖަކަށް އޭނާގެ އާއިލާގެ ބޮޑެތި ފިރިހެނުންތަކެއްގެ ފަރާތުން ދެމުންދިޔަ ޖިންސީ އަނިޔާތަކުގެ ވާހަކައާއި، “ކައިވެނި” ކޮއްގެން ކަމަށް ބުނެ ތަސައްރަފް ނުފުދޭ ކުޑަކުދިންނަށް ޖިންސީއަނިޔާކޮށް މާބަނޑުވުމުގެ ނުރައްކަލަށްވެސް ކުޑަކުދިން ގަސްތުގައި ހުށަހަޅަމުންދާ ކަމުގެ ޚަބަރުތައް ފެންމަތިވެފައި ވެއެވެ. މީގެ އިތުރުން “ރުގިޔާ” ކުރުމުގެ ވިޔަފާރިއެއް ޤާއިމްކުރެވި ފުޅާވަމުންދާ ކަމާއި، ސިއްހީ ނިޒާމުން ފަރުވާ ނުލިބި، މިފަދަ ގޮތްނޭނގޭ ކަންކަމަށް އަންހެނުންނާ ކުޑަކުދިން ހުށަހަޅާ، ޖިސްމާނީ، ޖިންސީ އަދި ނަފްސާނީ ބޮޑެތި އަނިޔާތައް އެކި އާއިލާތަކުން ތަހައްމަލް ކުރާކަން ވަނީ ހާމަވެފައެވެ. މިފަދަ ވާހަކަތައް ހާމަކުރުމަށް އެންމެ ނުކުޅެދިފައިވާނީ އެންމެ ނިކަމެތި މީހުންކަމަށްވާއިރު، ދައުލަތުގެ މުއައްސަސާތަކުން އެހީތެރިކަން ފޯރުކުރުމުގައި ވެފައިވާ އިހުމާލުވެސް މިފަދަ ހާދިސާތަކުން ފާހަގަކުރެވުމަކީ ނުހަނު ކަންބޮޑުވާ ކަމެކެވެ.  ދީނީ ކަންކަމުގެ ނަމުގައި މިފަދަބޮޑެތި އަނިޔާގެ މައްސަލަތައް ތަކުރާރުވަމުން ދާއިރު އެކަންކަމަށް ފިޔަވަޅުއެޅޭތަން ފެނުމަށްވުރެ ނުފެނުން ގާތުގައިވާކަމީ އިޖްތިމާއީ ރައްކާތެރިކަން ޤާއިމްކުރަން އުފައްދާފައިވާ ނިޒާމު މަސައްކަތް ނުކުރާކަމުގެ ހެކިތަކެވެ. ތަހުޤީގީ އިދާރާތަކުންނާ ޝަރުޢީ ނިޒާމުންވަނީ މިފަދަ މައްސަލަތަކުގައި އަނިޔާލިބޭ ފަރާތްތަކަށް އިންސާފު ހޯދުމާ، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އެކަށީގެންވާ ހަރުދަނާ ކުރިއެރުން އަދިވެސް ނުހޯދިފައެވެ. މީގެ ސަބަބުން އަނިޔާވެރިކަމުގެ އަމަލުތައް ކުރަމުންދާ މީހުންގެ ތެރޭގައި އާލާވެގެންދާނެ ވިސްނުމަކީ، އަންހެނުންނާ ކުޑަކުދިންނަށް އަނިޔާކުރުމަކީ ދިވެހި މުޖުތަމައު ބަލައިގަންނަ ހަމައެއްކަމާ އެކަން ހުއްޓުވާނެ ފަރާތެއް އަދި ނިޒާމެއްވެސް ނެތްކަމުގެ ހިތްހަމަޖެހުމާއި ކުށަށް އަރައިގަތުމުގައި ޖެހިލުން ނުވުމެވެ. ކަންމިހެން އޮތުމުގެ ސަބަބުން މިފަދަ ކަންކަން ކުރާ ފަރާތްތައް މުޖުތަމައުގައި މިނިވަންކަމާއެކު ތިބެ، އަނިޔާގެ ޝިކާރައަށްވާ ފަރާތްތައް ބިރުވެރިކަމުގައި ތިބޭނެފަދަ އިންޒާރުދިނުމަކީ ހިނގާކަންކަމެވެ. މިފަދަ މާހައުލެއް އުފެދިފައިވަނީ އިޖްތިމާއީ ޚިދުމަތުގެ ނިޒާމާ ޖިނާއީ އަދުލުގެ ނިޒާމުގެ ހީނަރުކަމުންކަމުގައި މި ޖަމްޢިއްޔާއިން ދެކެމެވެ.

  • 2 – ޖިންސީގޯނާ އާއި ފުރައްސާރައިގެ ވަބާ

ރާއްޖޭގައި ވަޒީފާގެ މާހައުލުގައި އަންހެނުންނަށްވީތީ ކުރަމުންދާ ފުރައްސާރައާ، ޖިންސީ ގޯނާތަކަކީ އާންމުވެފައިވާ ބޮޑު މުސީބާތެކެވެ.

މިގޮތުން މި ޖަމްޢިއްޔާއިން ކަންބޮޑުވުމާއެކު ފާހަގަކުރަންޖެހެނީ، ވަޒީފާގެ މާހައުލުގައި އަންހެނުންނަށްވީތީ ކުރާ ދަށުދަރަޖައިގެ ބޭއިހުތިރާމާ، ނާތަހުޒީބު ތުރާލާ ގޯނާއަކީ އެފަދަ މައްސަލަތަކަށް އެކަށީގެންވާ އިޖާބައެއް އަދި ފަރުވާއެއްވެސް، ސިވިލްސާވިސް ގެ ބޮޑު ނިޒާމާއި، ޤާނޫނުގެ ފުޅާ އޮނިގަނޑުގެ ތެރެއިންވެސް ނުލިބޭ އެއްޗަކަށްވާ ކަމެވެ. އަދި މިފަދަ މައްސަލަތަކަކީ ދައުލަތުގެ އެންމެ އިސްފަރާތްތަކާ ހިސާބަށް މައްސަލަ ހުށަހެޅޭނަމަވެސް، ހަރުދަނާ ނަތީޖާއެއް ނެރުމަށް ނުކުޅެދިފައިވާ ކަންތައްތައް ކަމެވެ. 2012 ވަނަ އަހަރު އޭރުގެ ސިވިލްސާވިސް ކޮމިޝަނުގެ ރައީސަކަށް ހުރި މުހަންމަދު ފަހުމީ ހަސަން ގެ މައްސަލަ ނިމިގެންގޮސް 2015 ވީއިރު އޭނާހުރީ ދައުލަތުގެ އެމްބެސެޑަރެއްގެ މަޤާމުގައި މެލޭޝިއާގައެވެ. މިނިސްޓްރީ އޮފް ފޮރިންއެފެއާޒް އާއި ހަވާލުވެ ހުންނެވި ޑރ މުހަންމަދު އާސިމް އަށް އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ކުރި ތުހުމަތުތަކުގެ މައްސަލަ ނިމުނުގޮތުގެ އެއްވެސް މައުލޫމާތެއް އަދާހަމައަށްވެސް ސާފުވެފައެއް ނުވެއެވެ. ރައީސް އޮފީހުގެ އިސް މަޤާމެއްގައި ހުރި ހަސަން އިސްމާއީލް އަށް ކުރެވުނު ތުހުމަތު ތަކުގައިވެސް އެއްވެސް ފިޔަވަޅެއް އެޅިފައި ނެތްކަން ފާހަގަކުރެވެއެވެ. އަދި ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރި އަލީ ވަހީދުގެ މައްޗަށް ކުރެވުނު ތުހުމަތު ތަކުގައި ވަޒީފާއިން ވަކިކުރުމުގެ މުހިންމު ފިޔަވަޅު ރައީސުލް ޖުމްހޫރިއްޔާ ނަންގަވާފައިވީ ނަމަވެސް، ޝަރުޢީ ނިޒާމުގެ ބާގަނޑުތަކުގެ ސަބަބުން އޭނާއަށް ކުރެވޭ ޖިނާއީ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް އޮތް ފުރުސަތު ގެއްލިދާނެ ގޮތަކަށް އޭނާއަށް ރާއްޖެއިން ފުރައިގެން ދިޔުމުގެ ފުރުސަތު އޮތީ ފަހިކޮށްފައެވެ. ދައުލަތުގެ ކުންފުނި އެސް.ޓީ.އޯ ގެ ސަބްސިޑިއަރީ އެއް ކަމަށްވާ މޯލްޑިވް ގޭސް ކުންފުނީގެ އެކްޓިނގް ޑެޕިއުޓީ މެނެޖިންގ ޑިރެކްޓަރ އިކްރާމް އަލީ ގެ ފަރާތުން އެ ކުންފުނީގެ މުވައްޒަފަކަށް ކުރި ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލަ ހިނގަމުންދާ ގޮތުގައިވެސް ހަރުދަނާ ހަމަތަކަކާ އުސޫލުތަކެއް ފެންނަން ނެތުމަކީ ކަންބޮޑުވާ ކަމެކެވެ.

ސަރުކާރުގެ މުއައްސަސާތަކުގައި އަދި ދައުލަތުގެ ކުންފުނިތަކުގެ އިސް މަގާމުތަކުގައި ސުލޫކީގޮތުން މަސައްކަތައް އެކަށީގެންނުވާ ފެންވަރުގެ މުވައްޒިފުން ތިބުމަކީ މުޅި މުއައްސަސާގެ ހިންގުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއްކަން މި ޖަމްއިއްޔާއަށް ޤަބޫލުކުރެވެއެވެ. އަދި އެފަދަ ސުލޫކީގޮތުން ދަށް މާހައުލެއްގައި މުވައްޒަފުންނަށް އެކަށީގެންވާ ގޮތުގައި މަސައްކަތް ކުރުމަށް ދަތިވާނެކަމީ ޝައްކެއްނެތް ކަމެކެވެ. އަދި މަސައްކަތުގެ މާހައުލުގައި އުފެދިފައިވާ މި ނާތަހުޒީބު ސަޤާފަތަކީ، އަންހެނުން އެމީހުންގެ އާއިލާތަކުގެ މާލީ ހާލަތު ހަރުދަނާކުރުމަށް އާއިލާ ބަލަމުން ކުރާ މަސައްކަތަށް އޮތް ބޮޑު ގޮންޖެހުމެކެވެ. އަންހެނުންނަކީ އާއިލާގެ ގިނަ ޒިންމާތައް އަދާކުރަމުން، އާމުދަނީ ހޯދަން ވަޒީފާ އަދާކުރާ ބަޔަކަށްވާއިރު، މަސައްކަތުގެ މާހައުލަކީ އެމީހުންގެ ނަފްސާ ޒާތަށް ރައްކާތެރިކަން ނެތް، ދަތި އުނދަގޫ މާހައުލަކަށް ވިޔަދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

  • 3 – އިޖްތިމާއީ ޚިދުމަތުގެ ނިޒާމުގެ ގޮންޖެހުންތައް

ރާއްޖޭގައި އަންހެނުންގެ ހާލަތު ކުރިއެރުވުމުގެ މަޤްސަދުގައި އެކަމަށް ޚާއްސަ އޮފީހެއް “އޮފީސް ފޮ ވިމެންސް އެފެއާސް” ގެ ނަމުގައި 1981 ގައި އުފެދި، 1993 ގައި “މިނިސްޓްރީ އޮފް ޔޫތް، ވިމެންސް އެފެއާސް އެންޑް ސްޕޯޓްސް” ގެ ނަމުގައި ދައުލަތުގެ ވުޒާރާއަކަށް އެ އޮފީސް ބަދަލުވިފަހުން، ޤައުމީ ފެންވަރުގައި ސަރުކާރުގެ އޮނިގަނޑުގައި މި ވުޒާރާ ހިނގަމުންދާތާ މިހާރު ތިރީހަކަށް އަހަރުވަނީއެވެ. ނަމަވެސް މި ވުޒާރާއަކީ އަބަދުވެސް އެކި ގޮތްގޮތަށް ބޮޑެތި ބަދަލުތައް ގެނެސް، އެކި ނަންތައް ދެވި އެކި ސަރުކާރުގެ ތެރޭގައި އެކި މިންވަރަށް ހިންގެމުންދާ ވުޒާރާއެކެވެ. އެންމެފަހުން 2018 ގައި ސަރުކާރު ބަދަލުވުމުން މި ވުޒާރާއަށް ދީފައިވާ ނަމަކީ “މިނިސްޓްރީ އޮފް ޖެނޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް” އެވެ. 1981 އިން ފެށިގެން މިހާތަނަށް އައިއިރު، މި ވުޒާރާގެ ނަން ދިހަ ފަހަރަށްވުރެ ގިނައިން ބަދަލުވެފައިވާއިރު، އެ ނަމުގެ ތެރެއަށް އެކި ތަފާތު ދާއިރާތައް މައްސުނިކުރުމަކީ ތާރީޚީ ހަޤީގަތެވެ.   މި ހަލަބޮލި ކަމުގެ ސަބަބުން މި ވުޒާރާއަކީ އިޖްތިމާއީ ޙިދުމަތުގެ ނިޒާމެއް ދެމެހެއްޓެނިވި ގޮތެއްގައި މިހާތަނަށްވެސް ޤާއިމު ކުރުމަށް އުޒުރުވެރިވެފައިވާ ވުޒާރާއެކެވެ.

ފާހަގަކުރެވޭ މުހިންމު އެއްކަމަކީ، މި ވުޒާރާގެ ޕްރޮގްރާމްތަކަކީ ގިނަފަހަރަށް ރާއްޖޭން ބޭރުގެ އެހީހޯދައިގެން ހިންގަންޖެހޭ މަސައްކަތްތަކެވެ. އެހެންކަމުން ހާމަވެގެންދަނީ އަންހެނުންގެ ހާލަތު ކުރިއެރުވުމަށް ވުޒާރާއެއް އުފެދި އެތަކެއް އަހަރު ވޭތުވެގޮސްފައި ވީނަމަވެސް، އެ ތަނަކީ އެކަށީގެންވާ ވަސީލަތްތައް ދައުލަތުގެ ބަޖެޓުގައި ހިމެނި، ލިބި، އިންސާނީ، އުމްރާނީ އަދި އިދާރީ ވަސީލަތްތައް ޤާއިމުކުރެވިގެން، ކަމަށް އެކަށީގެންވާ ޚިދުމަތްދިނުމުގެ މަސައްކަތް ހިންގޭ ތަނެއް ނޫންކަމެވެ.  ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ހާމަވެގެންދިޔައީ ނިޒާމީ ފެންވަރުގައި އިޖްތިމާއީ ރައްކާތެރިކަން ފޯރުކުރުމަށް އޮތް އޮނިގަނޑުގެ ހީނަރުކަމެވެ. އަދި އެފަދަ ކާރިސާތަކުގައި ސަރުކާރުން އިޖްތިމާއީ ޚިދުމަތުގެ އެހީތެރިކަން ދިނުމަށް ނުކުޅެދިގެން ދިޔަ މިންވަރުގެ ބޮޑުކަމެވެ. ގެދޮރަކީ އެތަކެއް އާއިލާއެއްގެ އަންހެނުންނާ ކުޑަކުދިންނަށް އަމާން އަދި ރައްކާތެރި މާހައުލެއް ނޫންކަން ތަފާސްހިސާބުން ސާބިތުވެއެވެ. އަދި ކޯވިޑް-19 ގެ ކާރިސާގައި އެ ނާމާންކަން އިތުރުވެގެން ދިޔައިރު ޚިދުމަތުގެ ނިޒާމުގެ ބާގަނޑުތައް އިތުރަށް ހާމަވެގެން ދިޔައެވެ.

ރާއްޖޭގައި އަންހެނުންނަކީ ގޭގައި ތިބެގެންވެސް ނުރަސްމީ ދާއިރާގައި އާމުދަނީ ހޯދަމުންދާ ބައެކެވެ. ނަމަވެސް ކޯވިޑް-19 ގައި ދައުލަތުގެ ފައިސާއިން ބޮޑެތި ވިޔަފާރިތަކަށް ބޮޑުއަދަދުތަކުން އެހީތެރިކަން ދިންނަމަވެސް، ނުރަސްމީ ދާއިރާގެ މަސައްކަތްތެރިންނަށް ސަމާލުކަން ނުދެވުމަކީ އަންހެނުން ކުރާ މަސައްކަތުގެ އަގުވަޒަން ނުކުރެވޭ ކަމާ، ނުފެންނަކަމުގެ ހެއްކެކެވެ. އަންހެނުންނަކީ ގޭތެރޭގައި އުޖޫރަނުލިބޭ މަސައްކަތުގެ ބޮޑުޒިންމާ އުފުލަމުން، އާއިލާގެ މާލީ ފުދުންތެރިކަން ހިފެހެއްޓުމަށްޓަކައި އަންހެނުންނަށް ވީތީކުރާ އެތައް ތަފާތުކުރުންތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލަމުންވެސް، އާމުދަނީ ހޯދުމުގެ މަސައްކަތުގެ ދެ ބުރަ އުފުއްލާބައެކެވެ. ކޯވިޑް-19 ގެ ކާރިސާއިން ސްކޫލްތައް ބަންދުވުމުން ކުދިންގެ ކިޔެވުމުގެ ކަންކަމަށް އިތުރުވަގުތު ހޯދަންޖެހުނީވެސް ހަމަ އަންހެނުންނަށެވެ.  އެކަނިވެރި މައިންނަށް ދައުލަތުންދޭ އެހީތެރިކަމަކީ ނުލިބުމަށްވުރެ ލިބުން ރަނގަޅުވީނަމަވެސް، ޙަޤީގަތުގައި ދެކޮޅުޖެހޭ އެއްޗަކަށް ނުވާހިނދު، ކޯވިޑް-19 ގެ ތެރޭގައި އެމީހުންނަކީ އެހީތެރިކަން ފޯރުކުރުމުގައި ފާހަގަކުރެވުނު ބަޔަކަށް ނުވެއެވެ.  ސިއްޙީ ބަލިމަޑުކަމެއްގެ ޤައުމީ ކާރިސާއެއްގައި އަންހެނުން އަދާކުރާ މުހިންމު އިޤްތިޞާދީ އަދި އިޖްތިމާއީ ދައުރު ނިޒާމީ ފެންވަރުގައި ވަޒަން ނުކުރެވުމަކީ، އަންހެނުންގެ ތަރައްޤީގެ ކަންކަމުގައިވެފައިވާ ޒަމާންވީ އިހުމާލު ތަކުގެ އާޚިރު ނަތީޖާއެވެ.

ރާއްޖޭގެ އަދުގެ ހާލަތުގައި އިޖްތިމާއީ ބޮޑެތި އެތައް މައްސަލަތަކާ ގޮންޖެހުންތައް އޮބިނޯންނަ މިންވަރަށް އިތުރުވެ، އަންހެން ކުދިންނަށާ އަންހެނުންނަށާ އެތައް އާއިލާތަކަކަށް ދިރިއުޅުމުގައާއި މަސައްކަތުގެ މާހައުލުގައިވެސް އަމާން ވެށްޓެއް ވަނީ ނުލިބިފައެވެ. ގޭތެރެ އާއި އޮފީހުގައިވެސް ޖިންސީ ގޯނާ އާއި، ފުރައްސާރައާއި ބޮޑެތި އަނިޔާތައް ތަހައްމަލް ކުރަމުންދާއިރު އެ ކަންކަމަށް އިޖްތިމާއީ، ސިއްޙީ އަދި އަދުލުއިންސާފުގެ ނިޒާމުންވެސް ފަރުވާއާއި ހައްލު ލިބުމަށްވުރެ ގާތީ ނުލިބުންކަން އަންހެނުންގެ ދިރިއުޅުމުގެ ތަޖުރިބާއިން ސާފުވެއެވެ. އަންހެނުންގެ ކުރިއެރުން ރާއްޖޭގައި ހޯދުމަށް އުފެދިފައިވާ ވުޒާރާއަކީ އިޖްތިމާއީ ރައްކާތެރިކަމާ ދައުލަތުގެ އެހީތެރިކަމަށް ބޭނުންވާ ތަފާތު އެތައް ބަޔަކަށް ޚިދުމަތްދޭން އޮތް އެންމެ މުހިންމު މުއައްސަސާ ކަމަށްވާއިރު، ހަރުދަނާ އަދި އިތުބާރުކުރެވޭ ފެންވަރުގެ ޚިދުމަތް ފޯރުކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަކީ މީގެ ތިރީހަކަށް އަހަރުފެށުނު މަސައްކަތުގެ މަޤްސަދު ހާސިލުކުރުމަށް، އަދިވެސް ކުރަން ޖެހިފައިވާ ކަމެކެވެ.  2000 ވަނަ އަހަރުން ފެށިގެން 2015 ގައި ނިމިދިޔަ ސާސްކަފު ގެ ލަނޑުދަނޑިތަކުގެ ތެރޭގައިވެސް ރާއްޖެއިން ހާސިލްކުރުމަށް ފޭލްވި އެއް ލަނޑުދަނޑިއަކީ އަންހެނުން ބާރުވެރިކުރުވުމާ މިންތީގެ ހަމަހަމަކަމަށް ވާސިލްވުމުގެ ލަނޑުދަނޑި 3 ކަން ފާހަގަކުރަމެވެ. އަދުގެ ހާލަތައް ބަލާއިރު، ބޮޑެތި ނިޒާމީ ބަދަލުތަކެއް ނުގެނެވި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި ތަކުގެ 5 ވަނަ ލަނޑުދަނޑި ކަމުގައިވާ މިންތީގެ ހަމަހަމަ ކަމުގެ ކުރިއެރުން ރާއްޖޭގައި ހާސިލްކުރެވޭކަށް ނޯންނާނެކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

  • 4 – މީސްމީޑިއާ އަދި މީޑިއާގެ ނާޖާއިޒު ބޭނުންކޮށް ކުރަމުންދާ ފުރައްސާރައާއި ގޯނާތައް

މުޅިދުނިޔޭގައިވެސް އަދި ދިވެހިރާއްޖޭގައިވެސް މީޑިއާ އާއި މީސްމީޑިއާއަކީ އާންމުކޮށް މައުލޫމާތު ހިއްސާކުރުމުގައި އަދު މުހިންމު ވަސީލަތެކެވެ. ނަމަވެސް މި ވަސީލަތަކީ މުޖުތަމައުގެ ބައެއްފަރާތްތަކުން އެހެންފަރާތްތަކުގެ ޙައްގާ، އަބުރާ، އިންސާނީ ކަރާމާތައް އަރައިގަނެ، ފުރައްސާރައާއި ގޯނާކުރުމާއި ދޮގު މައުލޫމާތު ފެތުރުމުގެ އިތުރުން ބިރުދެއްކުމާ އިންޒާރުދީ ކުށްތަކަށް އަރައިގަނެ މުޖުތަމައު ގެ މަސްލަހަތު ނަގާލާ، ނާމާންކަން ފަތުރަން ބޭނުންކުރާ ވަސީލަތަކަށް ވަނީ ހަދާފައެވެ. މިގޮތުން އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ މީހުންނަށާއި، ޚާއްސަގޮތެއްގައި އަންހެނުންގެ ޙައްޤުތަކަށް ވަކާލާތު ކުރަމުންދާ ވަކިވަކި ފަރުދުންނާ، މަދަނީ ފަރާތްތަކަށް މީސްމީޑިއާގެ ނާޖާއިޒު ބޭނުންކޮށް ޓެކްނޮލޮޖީގެ ފައިދާއާއި މި ވަސީލަތްތަކުން ޚިޔާލުފާޅުކުރުމަށް ލިބިފައިއޮތް ފަހި މާހައުލު ދަނީ އިޖްތިމާއީ ބަލިމަޑުކަމަކަށް ބަދަލުކުރަމުންނެވެ. މީސްމީޑިއާއަކީ “ފިލާތިބެ” މަރުގެއިންޒާރު ދިނުމާ މީހުންގެ ފުރާނައަށް ނުރައްކާ ކުރުމުގެ ނިޔަތުގައި ސީދާ ގޮތުންނާ ނުސީދާ އެކި ގޮތްގޮތުން އޭގެ ނާޖާއިޒު ބޭނުންކުރަމުންދާ އެއްޗަކަށް ވަނީ ހަދާފައެވެ. ކަންބޮޑުވާންޖެހޭ ކަމަކީ މީހުންގެ ލޭއޮހޮރުވުމަށާ މެރުމަށް ގޮވާލާ ފަރާތްތަކަށް ތަކުރާރުކޮށް އަދި ފުރިހަމަ މިނިވަން ކަމުގައި މިފަދަ އަމަލުތައް ރާއްޖޭގައި ކުރަމުން ދިއުމުގެ ފުރުސަތު ކަމާބެހޭ އިދާރާތަކުން ދެމުން ދިއުމެވެ. ޒުވާން ލިޔުންތެރިޔާ ޔާމީން ރަޝީދުއަށް މީސްމީޑިއާ މެދުވެރިކޮށް މަރުގެ އިންޒާރުދީ އޭނާވަނީ އަނިޔާވެރި ހަމަލާއެއްދީ މަރާލާފައެވެ. މި ޙަޤީގަތަކީ ފުލުހުންގެ މުއައްސަސާއިން އަދިވެސް އެކަށީގެންވާ މިންވަރަށް މިކަމުގެ ނުރައްކާކަމުގެ ފިލާވަޅު ދަސްކުރެވިފައިނެތް ކަމެއް ކަމަށް މި ޖަމްޢިއްޔާއިން ފާހަގަކުރަނީ ނުހަނު ކަންބޮޑުވުމާއެކުއެވެ.

ރާއްޖޭގެ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާ ކަމުގައިވާ ޚިޔާލުފާޅުކުރުމުގެ ޙައްޤު ގެ ދިފާއުގައި މީޑިއާ އާއި ސިޔާސީ އެކި ފަރާތްތަކުން ވަކާލާތުކުރަމުންދާއިރު މި ޙައްޤުގެ އިމުން ބޭރުވުމުގައި އެ ފަރާތްތަކުގެ ފުޅާ ދައުރު ފާހަގަކުރަންޖެހެނީ ހިތާމަޔާއެކުއެވެ. އަދި މީޑިއާގެ މިނިވަންކަމުގެ ނަމުގައި މުޖުތަމައުގެ އެހެން ފަރާތްތަކުގެ ޙައްޤުތަކަށް ބެލުމެއްނެތި، އަދި މުޖްތަމައުގެ އާންމު މަސްލަހަތަށް ބެލުމެއްނެތި ޙަޤީގަތާ ޚިލާފު ވާހަކަތަށް ތައްޔާރުކޮށް ފެތުރުމަކީ ރާއްޖޭގެ މީޑިއާގެ ސީރިއަސް އުނި ސިފައެއްކަމުގައި މި ޖަމްޢިއްޔާއިން ފާހަގަކުރަނީ ކަންބޮޑުވުމާއެކުއެވެ. މިގޮތުން މި ޖަމްޢިއްޔާއަށް އަމާޒުކޮށް ވޭތުވެދިޔަ އަހަރުގެ ތެރޭގައި މީޑިއާގެ ބައިވެރިވުމާއެކު ދައްކާފައިވާ ޙަޤީގަތާ ޚިލާފު ބައެއް ވާހަކަތަކަކީ މީޑިއާގެ ސުލޫކާ ފަންނީ އިންތަކުން ބޭރު ވާހަކަތަކެއްކަމުގައި ބްރޯޑްކާސްޓިންގ ކޮމިޝަނުން ނިންމިކަމީ ހެޔޮ ފާލެއްކަމުގައި މި ޖަމްޢިއްޔާއިން ދެކެމެވެ. ނަމަވެސް މި މައްސަލައިގާ ޝާމިލުވާ ފަރާތް، ރާއްޖެޓީވީ އިން ބްރޯޑްކޮމް ގެ ނިންމުމަށް އިޖާބަދީފައި ނުވާކަމީ ރާއްޖޭގެ ބައެއްމީޑިއާއަކީ އަދިވެސް ޤާނޫނާ، ގަވާއިދާ މީޑިއާގެ ޒިންމާދާރުކަން ހިފެހެއްޓުމަށް ނިޒާމީގޮތުން ކުރެވޭ މަސައްކަތަށް އިހުތިރާމްކުރުމަށް އުޒުރުވެރިވާ ބައެއްކަން ފާހަގަވާކަމެކެވެ. ޒިންމާދާރު މީޑިއާ މާހައުލެއް އުފެދިގެން މެނުވީ ޤާނޫނުއަސާސީ ބަޔާންކުރާފަދަ އިންސާނީ ޙައްޤުތަކާ ކަރާމާތަށް އިހުތިރާމްކުރާ، ތަހުޒީބު، ހުޅުވިފައިވާ ދީމިޤްރާތީ މުޖުތަމައެއް ރާއްޖޭގައި އުފެދިގެނެއް ނުދާނެއެވެ. އަދި ޒިންމާދާރު ގޮތުގައި ޚަބަރާ މައުލޫމާތު ފެތުރުމަށް ނުކުޅެދޭ ބައެއްގެ ތެރޭގައި، ޤާނޫނުން ރައްކާތެރިކުރާ އަސާސީ ޙައްޤުތަކެއް ކަމުގައިވާ ޒާތީ ދިރިއުޅުމާ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ ނޫސްވެރިކަމުގެ މިނިވަންކަން ވެސް ނެގެހެއްޓޭނެ ގޮތެއް ނޯންނާނެކަން ފާހަގަކުރަމެވެ.

  • 5 – ނިންމުން

އަދު، ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ރާއްޖޭގައި ފާހަގަކުރާއިރު އަންހެނުންނަށް ވީތީ ކުރަމުންދާ ތަފާތުކުރުންތަކަކީ ރާއްޖޭގެ އަބަވީ ނިޒާމުގައި އަށަގެންފައިވާ ޒަމާނާ ހާލަތާ ނުބައްދަލު ނާތަހުޒީބު ސަޤާފަތެއްކަމުގައި މި ޖަމްޢިއްޔާއިން ދެކެމެވެ. އަދި މި ސަޤާފަތުގެ ސަބަބުން ލާއިންސާނީ، ނާތަހުޒީބު، ބޭއިންސާފު ނަތީޖާތަކެއް ރާއްޖޭގެ އާއިލާތަކުން ތަހައްމަލް ކުރަންޖެހޭކަމީ ހާމަކަން ބޮޑު ގޮތެއްގައި ފެންނަންއޮތް ޙަޤީގަތެކެވެ. އަދި މިކަމަކީ މި ހާލަތުން އަރައިގަންނަން މަސައްކަތްކުރަންޖެހޭ ނުހަނުބޮޑު މައްސަލައެކެވެ. އަދި މިކަންކަން ބަދަލުކުރެވޭނީ މަތީގައި ދެންނެވުނު ފަދައިން، އަންހެނުންނާ ކުޑަކުދިންނަށް ކުރާ ޖިންސީ ފުރައްސާރައާ، ގޯނާ އަދި އަނިޔާތަށް ނިޒާމީ ފެންވަރުގައި ބަލައިގަނެ، މުއައްސަސާތައް ހަރުދަނާކޮށް، އެތަންތަނާ ހަވާލުވެ ތިބޭ ފަރާތްތަކާ އެކި މުވައްޒަފުންނަކީ މިފަދަ ކުށްތަކަށް އަރައިގަތުމަށް ފަހި މާހައުލެއް ލިބިފައިވާ ބަޔަކަށްވިޔަ ނުދިނުމުންނެވެ. އަދި ދައުލަތުގެ މުއައްސަސާ ތަކުގެ ޒިންމާތައް މަތިކުރެވޭ ފަރާތްތަކަކީ ޤާނޫނާއި ގަވާއިދުގެ މަފްހޫމްތައް ދަންނަ، ބަލައިގަންނަ، އެއަށް އިހުތިރާމްކުރާ، ޤާނޫނު ތަންފީޒުކުރުމަށް ފަންނީގޮތުންނާއި ސުލޫކީ ގޮތުންވެސް އެފަދަ މަޤާމުތަކުގައި ތިބުމަށް އެކަށީގެންވާ، ޒިންމާދާރު، ޖަވާބުދާރީ ވުމުގެ ޤާބިލުކަންހުންނާނެ ހަރުދަނާ ބަޔަކަށް ވާންޖެހެއެވެ.

ރާއްޖޭގެ ދައުލަތް ހިންގުމުގެ އޮނިގަނޑުގެ ތެރޭގައި ޒިންމާދާރު މަޤާމުތަކުގައި ތިބުމަށް އެންމެ އެކަށީގެންވަނީ ސިޔާސީ މިތުރުންގެ ބަދަލުގައި އެފަދަ މަޤާމުތައް ޒިންމާދާރު ގޮތުގައި އަދާކުރެވޭނެ ފަރާތްތަކެވެ. އަދި އެފަދަ މީހުންނަކީ ކުށްތަކަށް އަރައިގަނެ ޖަވާބުދާރީވުމަށް ޖެހިލުންވެ ފިލާ ދިއުމުގެ ރޫހު ގެންގުޅޭ، އަދި އެފަދަ ޤައިރު ޒިންމާދާރު ކަންކަން ފަހިކުރާ ފަރާތްތަކެއް ނޫންކަން ރައީސުލް ޖުމްހޫރިއްޔާ އަށާއި ސިޔާސީ ޕާޓީތަކަށާއި އަދި ދައުލަތުގެ އެކި މުއައްސަސާތަކާ ހަވާލުވެ ތިބި ފަރާތްތަކަށް ހަނދުމަކޮށް އަރުވަމެވެ. މި އިލްތިމާސް ކުރަން އަދު ޖެހޭ ސަބަބަކީ ދައުލަތުގެ އިސް މަގާމުތަކުން މި ލަދުވެތި މަންޒަރު ތަކުރާރުކޮށް ފެންނަމުން ދާތީއެވެ.

އދ ގެ މެމްބަރެއްގެ ހައިސިއްޔަތުން ދިވެހި ދައުލަތުން މިއަދު އަންހެނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރާނެއެވެ.

އަދި ކުރިއެރުންތަކެއް ހޯދިފައިވާ ކަމުގެ ވާހަކަ ފުޅާދާއިރާ އެއްގައި ދައްކާނެއެވެ.

ނަމަވެސް މަތީގައިވާ ޙަޤީގަތްތަކަށް ނަޒަރު ނުހިންގާ، ވަޒަން ނުކޮށް ކުރިއެރުމެއް ނުލިބޭނެކަން މިޖަމްޢިއްޔާއިން ފާހަގަކުރަމެވެ.

އދ ގެ މެމްބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން ބައިނަލްއަޤުވާމީ މުއާހަދާ ތަކާ، ޤާނޫނުތަކާ، ތަރައްޤީގެ ޕްލޭންތަކުގައި ބައިވެރިވެ އެއްބަސްވާ އެއްބަސްވުންތައް ނަގަހައްޓާ، އެފަދަ ގުޅުންތަކުގެ ތެރެއިން ހޯދާ މާލީއަދި އެހެނިހެން އެހީގެ މަންފާ ރައްޔިތުންނަށް ފޯރުކޮށް، ތަންފީޒުކުރެވޭނީ އެފަދަ ކަންކަން ކުރުމަށް އެކަށީގެންވާ ފަރާތްތައް ޒިންމާދާރު މަޤާމުތަކުގައި ތިބެގެންނެވެ.

ރާއްޖޭގެ ރައްޔިތުންގެ މެދުގައިވެސް، އަދި ބައިނަލް އަޤުވާމީ ދުނިޔޭގައިވެސް ރާއްޖެއަށް ކުރާ ގަދަރާއި އިހުތިރާމް އުފުލިގެންދާނީ ދައުލަތް ހިންގުމުގެ މަގާމްތަކުގައި ގަދަރުކުރެވޭނެ ފެންވަރުގެ މަސައްކަތްތަކެއް ކުރާނެ، އަދި ކުރެވޭ މީހުންތިބެގެންނެވެ.

އެފަދަ މީހުން މަޤާމްތަކަށް އައްޔަން ކުރުމުގައި މިންތީގެ ތަފާތުކުރުން ނައްތާލައިގެން މެނުވީ، 1981 އިން ފެށިގެން އަންހެނުންގެ ތަރައްޤީގެ ބައިނަލްއަޤުވާމީ މަޝްރޫޢުގައި އަމަލީގޮތުން ބައިވެރިވި މި ދިވެހި ރާއްޖެއިން، އަދު ބަލައިގެންފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ ގާތަށްވެސް ދަތުރެއް ނުކުރެވޭނެއެވެ.

މި ޖަމްޢިއްޔާގެ އަބަދުގެ އުންމީދަކީ އަންހެނުންނާ އަންހެންކުދިންގެ އިންސާނީ ޙައްޤުތަކާ، މިނިވަންކަމާ، އިންސާނީ ކަރާމާތައް ފުރިހަމައަށް އިހުތިރާމްކުރާ، ތަހުޒީބު މުޖުތަމައެއް ދިވެހިރާއްޖޭގައި އުފެދިގެން ދިއުމެވެ.

މި ކުރުކަރުދާހަކީ އުތެމަ ޖަމްޢިއްޔާއިން 2021 ވަނަ އަހަރުގެ އަންހެނުންގެ ދުވަހާ ގުޅިގެން ތައްޔާރުކޮށް އާންމުކުރާ ކަރުދާހެކެވެ.

މި ކަރުދާހުގެ އޯޑިއޯ އެއް އަޑުއެއްސެވުމަށް މި ލިންކުން މި ޖަމްޢިއްޔާގެ ޔޫޓިއުބް ޗެނަލް އަށް ޒިޔާރަތްކުރެއްވޭނެއެވެ.

Uthema