ނޫސްބަޔާން – 18 އޮގަސްޓު 2022
މާލެ، ދިވެހިރާއްޖެ
ޑރ އިޔާޒު އަބްދުއްލަތީފްގެ މައްސަލައިގާ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ ނިންމުމާބެހޭ ކަންބޮޑުވުން


އަންހެނުންނަށާއި އަންހެން ކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި ގޯނާގެ މައްސަލަތައް ރާއްޖޭގައި އާންމުވެފައިވާތީ މުޅި މުޖުތަމައުއަށް ވަނީ އޭގެ ނުރަނގަޅު އަސަރު ފޯރާފައެވެ. އަދި މިކަމާމެދު މި ޖަމްއިއްޔާތަކުން ކަންބޮޑުވާ މިންވަރު ތަކުރާރުކޮށް މި ގެންދަނީ ހާމަކުރަމުންނެވެ. އަންހެންކުދިން ޚިތާނުކުރުމަކީ އިސްލާމްދީން ބާރުއަޅާ ކަމެއްކަމަށް ބުނެ، މީސްމީޑިއާއާއި އެނޫންވެސް މައުލޫމާތު ފެތުރުމުގެ ވަސީލަތްތައް މެދުވެރިކޮށް، ބައެއް ފަރާތްތަކުން ވަކާލާތު ކުރަމުންދާތާ އަހަރުތަކެއް ވެއްޖެއެވެ. މީގެ ކަންބޮޑުވުން 2009 ވަނަ އަހަރު އޭރުގެ ސަރުކާރުގެ ބަންޑާރަ ނައިބު ފާހަގަކުރައްވާފައި ވެއެވެ. އަންހެން ކުދިން ޚިތާނުކުރުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ދީނުގެ މީހުން ކުރަމުން އަންނަ، އެބައިމީހުންގެ ބައެއް ބޯދާ ސަގާފަތާ ގުޅިފައިވާ ނުރައްކާތެރި، އަނިޔާވެރި، ލާއިންސާނީ ކަމެކެވެ. ނަމަވެސް މިކަމަކީ އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައި އޮވެގެން ދީނީގޮތުން ކުރަންޖެހޭ ކަމެއް ނޫންކަމުގައި ދީނީ އިލްމުވެރިން ވިދާޅުވެފައިވެއެވެ. އަންހެންކުދިންނާއި އަންހެނުން ޚިތާނުކުރުމަކީ އެމީހުންގެ މުޅިހަޔާތައް ދިގުދެމިގެންދާ ބޮޑެތި ޖިސްމާނީ އަދި ނަފްސާނީ އަނިޔާލިބޭ، ފުރާނައަށްވެސް ނުރައްކާތެރި ވެގެންދާފަދަ ކަމެއްކަން ކަމާބެހޭ ފަންނީ އަދި އިލްމީ ދިރާސާތަކުން އެނގެންއޮވެއެވެ. އެހެންކަމުން އަންހެން ކުދިން ޚިތާނުކުރުމަކީ ދުނިޔޭގެ ފެންވަރުގައި އާންމު ސިއްހަތައް އޮތް ނުރައްކަލެއްގެ ގޮތުގައި ފާހަގަކުރާ، ބައިނަލްއަޤުވާމީ ޖަމާއަތްތަކާ ސަރުކާރުތަކުން ހުއްޓުވަން މަސައްކަތް ކުރަމުންދާ ބޮޑު ސިއްހީ މައްސަލައެއްކަން ފާހަގަކުރަމެވެ.

ނަމަވެސް ދިވެހިރާއްޖޭގައި އަންހެން ކުދިން ޚިތާނުކުރުމަށް ވަކާލާތު ކުރުމަކީ ބައެއް ފަރާތްތަކުން ދީނީކަމެއްގެ ގޮތުގައި ސިފަކޮށް ނުރަނގަޅު މައުލޫމާތު ފަތުރަމުންދާ ކަމެކެވެ. އަދި 2016/2017 ގައި ޤައުމީ ފެންވަރުގައި ސަރުކާރުން ތައްޔާރުކޮށްފައިވާ “މޯލްޑިވްސް ޑެމޮގްރަފިކް އެންޑް ހެލްތް ސާވޭ” ގެ ހޯދުންތަކުން އެނގޭ ގޮތުގައި އަންހެންކުދިން ޚިތާނުކުރުމަކީ ދީނީގޮތުން ވާޖިބު ކަމެއްކަމަށް ސާވޭގެ ބައިވެރިންގެ %10 މީހުން ގަބޫލުކުރެއެވެ. އަދި ސާވޭގެ ބައިވެރިންގެ %13 އަންހެނުން މި ނުރައްކާތެރި އަމަލު ތަހައްމަލު ކޮށްފައިވާކަން ހާމަވެފައި ވެއެވެ. މި ޖަމްއިއްޔާތަކަށް ގަބޫލުކުރެވޭ ގޮތުގައި މި މައްސަލަ ރާއްޖޭގައި ފުޅާވެގެން ދަނީ މި އަނިޔާވެރި އަމަލު ކުރުމަކީ ދީނީގޮތުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ސިފަކޮށް ފަތުރަމުން ގޮސްފައިވާ ނުރަނގަޅު މައުލޫމާތުގެ ސަބަބުންނެވެ.

މިފަދަ މައުލޫމާތު ފެތުރުމުގައި އިސްދައުރެއް އަދާކޮށްފައިވާ އެއް ފަރާތެއްކަމަށް ފާހަގަކުރެވެނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ލެކްޗަރާގެ މަގާމުގައި ހުންނެވި ޑރ އިޔާޒު އަބްދުއްލަތީފް އެވެ. ކުރީގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުގައި އޮތް ފިޤުހު އެކެޑަމީ ގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވައިގެން އަންހެން ކުދިން ޚިތާނުކުރުމަށް އޭނާ ވަކާލާތުކުރާކަމުގެ ޚަބަރު 2014 ގައި ރިޕޯޓު ކޮށްފައިވެއެވެ. އަދި  އަންހެންކުދިން ޚިތާނުކުރުމަށް ވާގިދީ އޭނާ މީސްމީޑިއާގައި ލިޔެފައިވާކަމުގެ ރިޕޯޓެއް 2020 ގެ ނޫސް ޚަބަރެއްގައިވެސް ތަފްސީލު ކޮށްފައި ވެއެވެ. 2021 ގެ ޖޫންމަހު އޭނާ މީސްމީޑިއާގައި އަންހެންކުދިން ޚިތާނުކުރުމަށް ވަކާލާތުކުރާ ކަމަށްފާހަގަކޮށް ރައްޔިތުންގެ ކަންބޮޑުވުން އުފެދި ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު އެ މަޖިލިހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީއަށް ޑރ އިޔާޒު އަބްދުއްލަތީފްއާ ބެހޭގޮތުން މައްސަލައެއް ހުށަހެޅުއްވި އެވެ. އަދި މިނިސްޓްރީއޮފް އިސްލާމިކް އެފެއާރޒް އިން ވެސް މިކަމާބެހޭގޮތުން އޭނާގެ މައްސަލަ ބެއްލެވި ކަމަށް ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން 2021 ގެ ޖުލައިމަހު މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ފަރާތުން މިފަދަ ކަމަކާ ގުޅިގެން އޭނާއާއި ދޭތެރޭ ޑިސިޕްލިނަރީ ފިޔަވަޅު އަޅާ އޭނާ ވަޒީފާއިން ވަކިކުރިއެވެ. ނަމަވެސް 8 އޮގަސްޓު 2022 ގައި ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން ޔުނިވަރސިޓީގައި ޑރ އިޔާޒް ހުރިމަގާމަށް އޭނާ އިޔާދަކުރުމަށް ނިންމި ނިންމުމާމެދު މި ޖަމްއިއްޔާތަކުން ނުހަނު ކަންބޮޑުވެއެވެ. ސަބަބަކީ އަންހެން ކުދިންނާއި އަންހެނުންނަށް ނުރައްކާވާކަން އިނގޭ ކަމަކަށް ތަކުރާރުކޮށް ދިގުމުއްދަތެއްގައި ވަކާލާތު ކުރަމުންދިޔަ ފަރާތެއް އެފަދަ މަގާމެއްގައި ބެހެއްޓުމަކީ ޔުނިވަރސިޓީގެ ދަރިވަރުންނަށާއި ރާއްޖޭގެ މުޖުތަމައު އަށް، ޚާއްސަގޮތެއްގައި އަންހެނުންނާއި އަންހެންކުދިންނަށް ދައުލަތުގެ ޒިންމާދާރު ފަރާތަކުން ވެފައިވާ ސީރިއަސް އިހުމާލެއްކަމަށް ގަބޫލު ކުރެވޭތީއެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަކީ ޒިންމާދާރު ގޮތުގައި ކަންނިންމަން ޖެހޭ މުއައްސަސާއެއް ކަމަށް މި ޖަމްއިއްޔާތަކުން ދެކެމެވެ. އަދި މި ހާލަތުގައި ޤައުމީ ޔުނިވަރސިޓީގައި ކިޔަވައިދިނުމަށް އެކަށީގެން ނުވާކަމަށް އެ ޔުނިވަރސިޓީއިން ގަބޫލުކުރެވިގެން ވަކިކޮށްފައިވާ ފަރާތެއް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ފަރާތުން އަނބުރާ އެ މާހައުލަށް ރުޖޫއަކުރުމަށް ނިންމުމަކީ ޔުނިވަރސިޓީގެ ތައުލީމީ މިންގަނޑުތަކާއި މާހައުލު ހީނަރުވުމަށް މަގުފަހިވާނެ ކަމެއްކަމުގައި މި ޖަމްއިއްޔާތަކުން ދެކެމެވެ. މިފަދަ ނިންމުމަކުން ދޭހަވެގެންދަނީ އަންހެނުންނާ އަންހެން ކުދިންގެ ސިއްހީ ދުޅަހެއުކަމާއި އިޖްތިމާއީ ރައްކާތެރިކަމުގެ އަސާސީ ހައްގުތަކާމެދު ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރުން ކުޑަކޮށްވެސް ނުވިސްނާކަމާއި އެކަންކަމަށް އެއްވެސް ސަމާލުކަމެއް ނުދޭކަމެވެ. އަދި ޤައުމީ ޔުނިވަރސިޓީއިން މައްސަލައިގެ ސީރިއަސްކަން ވަޒަންކޮށް ފިޔަވަޅު އެޅުމުގެ ޒިންމާ ނެގިނަމަވެސް، ދަރިވަރުންނާއި މުޖުތަމައުގެ ރައްކާތެރިކަން ނެގެހެއްޓުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުމުން ވަނީ ހުރަސްއެޅިފައެވެ. މިއީ މި ޖަމްއިއްޔާތަކުން ނުހަނު ކަންބޮޑުވާ ކަމެކެވެ. މަތީގައި ފާހަގަކޮށްފައިވާ ފަދައިން ރާއްޖޭގައި އަންހެން ކުދިން ޚިތާނުކުރުމުގެ ނުރައްކާތެރި ސަގާފަތެއް އާލާކުރުމުގެ ކަންބޮޑުވުން 2009 ވަނަ އަހަރު ދައުލަތުގެ ބަންޑާރަ ނައިބު އާންމުންގެ ސަމާލުކަމަށް ގެންނެވިއެވެ. އަދި މި މައްސަލަ ފުޅާވެގެންދާ ސަބަބުތައް ދެނެތިބެ އެކަމަށް ފިޔަވަޅު އެޅުމުގައި ވެފައިވާ އިހުމާލުގެ ނަތީޖާ 2016/2017 ގެ ޤައުމީ ސިއްހަތާ ބެހޭ ސާވޭ އިން ހާމަވެފައިވެއެވެ.

މަތީގައި ފާހަގަކޮށްފައިވާ އެންމެހާ ސަބަބުތަކަށް ރިއާޔަތްކޮށް، މި ޖަމްއިއްޔާތަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަށާއި ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލަނީ :
• ދީނީފަތުވާ އާއި ދީނީދަރުސް ދިނުމަށް ޑރ އިޔާޒް އަބްދުއްލަތީފް އަށް ސަރުކާރުން ދީފައިވާ ލައިސަންސް ނުވަތަ ހުއްދަ ބާތިލް ކުރުމަށް
• އޭނާއަކީ ޤައުމީ ޔުނިވަރސިޓީގައި ކިޔަވައިދިނުމުގެ ޢިލްމީ، ފަންނީ އަދި އިޖްތިމާއީ ފެންވަރު އެކަށީގެންވާ މިނެއްގައި ނެތް ފަރާތެއް ކަމަށް ކަނޑައަޅައި އެ މަގާމުން އޭނާ ދުރުކުރުމަށް
• ޤައުމީ ޔުނިވަރސިޓީ ގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފު ކުރުމަށް
• އަންހެންކުދިންނާ އަންހެނުން ޚިތާނުކުރުމަކީ އާންމު ސިއްހަތަށް އޮތް ނުރައްކަލަކަށް ވާތީ، މިކަމާބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް މިނިސްޓްރީ އޮފް ހެލްތުން ޚާއްސަ މަސައްކަތްތަކެއް ރާވާހިންގާ، ސިއްހީ މައްސަލަތައް މޮނިޓަރ ކުރުމުގެ އެޖެންޑާގައި ހިމެނުމަށް
• އަންހެންކުދިންނާ އަންހެނުން ޚިތާނުކުރުމަކީ ދީނީގޮތުން ވާޖިބުކަމަކަށް ނުވާއިރު، އެކަން އޮތީ އެގޮތަށްކަން ގަބޫލުކުރައްވާކަން
ޑރ އިޔާޒް އަބްދުއްލަތީފް ބަލައިގަންނަކަން އާންމުކުރުމަށް
 މަތީގައިވާ އެންމެހާ ނުކުތާތަކަށް އިޖާބަދީ ލަސްނުކޮށް ތަންފީޒުކުރުމަކީ އަންހެނުންނާއި އަންހެންކުދިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމުގެ އިޖްތިމާއީ އަދި ޤާނޫނީޒިންމާ އަދާކުރުމަށްޓަކައި ދިވެހިދައުލަތުން ކުރަންޖެހޭ ކަންތައްތައްކަން މި ޖަމްއިއްޔާތަކުން ދެކެމެވެ.

Uthema