ނޫސްބަޔާން
އާދީއްތަ ، 28 އެޕްރިލް 2019
މާލެ، ދިވެހިރާއްޖެ

ބްރިޖް ދަ ގެޕް (ފަރަގު ނައްތާލުން) : ރާއްޖޭގައި އަންހެނުންގެ ޙައްޤުތަކާ ބެހޭގޮތުން ބޭއްވި ޚިޔާލުބަދަލުކުރުމުގެ ބައްދަލުވުމެއް

އެޕްރިލް 25 ވީ ބުރާސްފަތި ދުވަހު އުތެމަ އަދި މިބައްދަލުވުން ބޭއްވުމަށް ޚަރަދުކުރެއްވި ސްރީލަންކާ އާއި ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ވިލާތުގެ އިއްތިހާދުގެ ޑެލިގޭޝަން އާއި، މިންތީގެހަމަހަމަކަމަށް ވަކާލާތުކުރާ ބައިނަލްއަޤުވާމީ މަހާސިންތާ ވިމެން ޑެލިވަރ 2019 ގުޅިގެން މާލޭގެ މާގިރި ހޮޓަލުގައި ޚިޔާލުބަދަލު ކުރުމުގެ މަޝްވަރާ ބައްދަލުވުމެއް ބޭއްވުނެވެ.

ބްރިޖް ދަ ގެޕް (ފަރަގު ނައްތާލުން) : އަންހެނުންގެ ޙައްޤުތަކާ ބެހޭގޮތުން ޚިޔާލުބަދަލުކުރުން، މިނަމުގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވީ ދިވެހިރާއްޖޭގައި ދައުލަތްހިންގުމުގެ ދާއިރާއަދި އަމިއްލަ ވިޔަފާރިތަކުގެ ދާއިރާގައިވެސް އަންހެނުންގެ ޙައްޤުތަކަށް ބަލާއިރު ފާހަގަކުރެވޭ ފަރަގުތަކެއް ހުރިކަމާބެހޭ ގޮތުން ޚިޔާލުބަދަލުކޮށް ވާހަކަދެއްކުމުގެ މަގްސަދުގައެވެ. މިބައްދަލުވުމުގައި އަލިއަޅުވާލި މައިގަނޑު އެއްނުކުތާއަކީ އަންހެނުންގެ ދިރިއުޅުމުގެ ތަޖުރިބާއާއި ސިޔާސަތާއި ގުޅުންއޮންނަ މިންވަރާ އަދި ނުބައްދަލުވާ މިންވަރު އަދި ޚާއްސަ ގޮތެއްގައި އާންމުދިރިއުޅުމުގެ ކަންކަމުގައި އަންހެނުން ބައިވެރިވުމަށް އިޖްތިމާއި އަދި ސަޤާފީ ގޮތުންއޮންނަ ހުރަސްތަކުގެ މައްޗަށެވެ.

މިހަރަކާތާއި ބެހޭގޮތުން ސްރީލަންކާ އާއި ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ވިލާތުގެ އިއްތިހާދުގެ ޑެލިގޭޝަންގެ ޑެޕިއުޓީ ހެޑްއޮފް މިޝަން އަލްފާޞިލް ތޯސްޓަން ބާގްފްރީޑް ވިދާޅުވިއެވެ : “އިންސާނީ ޙައްޤުތަކަކީ – އަންހެނުންގެ ހައްޤުތައް އެކުލެވޭގޮތަށް – ވިލާތުގެ އިއްތިހާދުގެ ޚާރިޖީސިޔާސަތުގެ ތެރޭގައި ލާމެހިފައިވާ ރިހިދޯދިއެއް ކަމަށް ބުނާބުނުމެއް އޮންނަހިނދު، މިފަދަހަރަކާތަކަށް އެހީވެދިނުމަކީ ވިލާތުގެ އިއްތިހާދުން ނުހަނުއުފާކުރާ ކަމެކެވެ. އާންމުދިރިއުޅުމުގަ އާއި ސިޔާސީކަންކަމުގައި އިންސާފުވެރިގޮތުގައި އަންހެނުންނަށް ޖާގަލިބިދިނުމުގެ އިސްލާހީ މަސައްކަތަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަހަރެމެން ވަކާލާތުކުރަމެވެ. އަންހެނުންގެ ސިޔާސީ ހިއްސާއިތުރުވުމުން އަހަރެމެންނަށް ފެނިގެންދަނީ އަންހެނުންނަށް މުހިންމުވާ މައްސަލަތައް އެމަންދޫބުން ސިޔާސީ އެޖެންޑާގައި ހިމަނާތަނެވެ.”

މި ޚިޔާލުބަދަލުކުރުމުގެ ބައްދަލުވުމުގައި ތަފާތުއެކިފަރާތް ތަކުން ބައިވެރިވިއެވެ. މީގެތެރޭގައި ސަރުކާރުގެ ބައެއް މުއައްސަސާތަކާއި މަދަނީޖަމްއިއްޔާ ތަކުންނާއި ބައެއް އާންމުފަރާތްތަކުންވެސް ބައިވެރިވިއެވެ. މިހަރަކާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތީ ރާއްޖޭގެ ފުރަތަމަ އަންހެން ވަޒީރުކަމުގައިވާ އަލްފާޞިލާ މޫމިނާ ހަލީމް އެވެ. ރާއްޖޭގެ ސިއްޙަތާބެހޭ ވުޒާރާގެ ވަޒީރުކަމަށް އެކަމަނާ އައްޔަންވީ 1977 ގައެވެ. އަލްފާޞިލާ މޫމިނާ ހަލީމް އަކީ ރައްޔިތުންގެ މަޖިލިހުގެ މެންބަރުކަމަށް އިންތިޚާބުވި އެންމެ ފުރަތަމަ އަންހެން މެމްބަރުވެސްމެއެވެ. މިބައްދަލުވުމުގެ މަޝްވަރާ ކުރިއަށްދިޔަގޮތް ބަލަހައްޓަވައިދެއްވީ އަންހެނުންގެ ޙައްޤުތަކަށް ވަކާލާތުކުރާ ވަކީލެއްކަމުގައިވާ އަލްއުސްތާޛާ ދީބާނާޒްފަހުމީ އެވެ. މަޝްވަރާ ޕެނަލުގައި ތިއްބެވީ އުތެމަ ޖަމްއިއްޔާގެ މުއައްސިސެއްކަމަށްވާ އަލްފާޞިލާ ހުމައިދާ އަބްދުލްޢަފޫރު އާއި، ރާއްޖޭގެ އ.ދ. ގެ އާބާދީ ޖަމްއިއްޔާގެ އެސިސްޓެންޓް ރެޕްރެޒެންޓެޓިވް އަލްފާޞިލާ ޝާދިޔާ އިބްރާހިމް އާއި އަންހެނުންގެ ޙައްޤުތަކަށް ވަކާލާތުކުރާ ވަކީލެއް އަދި ރާއްޖޭގެ އެންމެފުރަތަމަ އެއް އަންހެންފަނޑިޔާރު އަލްއުސްތާޛާ އާއިޝާ ޝުޖޫން މުހަންމަދު އެވެ.

އުތެމަ ގެ މީސްމީޑިއާ ޕްލެޓްފޯމުތަކުގައި މިބައްދަލުވުން ވަގުތުން ފެންނާނެ އިންތިޒާމު ހަމަޖެއްސުނެވެ.

މިބައްދަލުވުމަކީ މިންތީގެހަމަހަމަކަމަށް ވަކާލާތުކުރާ ބައިނަލްއަޤުވާމީ މަހާސިންތާ ވިމެން ޑެލިވަރ 2019 ގެ ‘ސެޓަލައިޓް އިވެންޓް’ އެކެވެ. ވިމެން ޑެލިވަރ 2019 މަހާސިންތާ ބާއްވަން ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫންމަހު ކެނެޑާގެ ވެންކޫވަރ ގައެވެ. އަދި މި މަހާސިންތާގައި އުތެމަގެ މުއައްސިސެއްކަމަށްވާ މަރިޔަމް މުހަންމަދު ދީދީ ބައިވެރިވެ ވަޑައިގަންނާނެއެވެ.

މި ޚިޔާލުބަދަލުކުރުމުގެ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގައި މިންތީގެ ނަހަމަކަމާއި ފާހަގަކޮށްލެވޭ ބައެއް ފަރަގުތައް ހާމަކޮށްދޭ ކުރުވީޑިއޯތަކެއް އުތެމަގެ ފަރާތުން ތައްޔާރުކުރެވުނެވެ. ނިމިގެންދިޔަ 19ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ނަތީޖާއިންވެސް ފެނިގެންދިޔައީ ޤާނޫނުހަދާ މަޖިލިހުގައި އަންހެނުން ތަމްސީލުކުރާ މިންވަރު %4.6 އަށް ތިރިވެގެންދިޔަ ތަނެވެ. މިއީ މީގެ ދެދައުރުކުރިން 17ވަނަ ރައްޔިތުންގެ މަޖިލިހުގައި އޮތް %6.5 އިން ދަށަށްގޮސްފައިވާ މިންވަރެވެ.

‘ ބްރިޖް ދަ ގެޕް ‘ ބައްދަލުވުމަށްފަހު މައްސަލަތަކާބެހޭގޮތުން ދެކޭގޮތުގެ ކަރުދާހެއް ތައްޔާރު ކުރެވޭނެއެވެ. މިއީ މިމަޝްވަރާތައް އިތުރަށް ކުރިއަށް ގެންދިއުމަށް ފަހިކުރުމަށާއި އަދި ފާހަގަކުރެވޭ ކަންތައްތަކަށް އެދެވޭ ހައްލުތަކެއް ހުށަހެޅުމަށެވެ. އެކަރުދާސް ތައްޔާރުކުރެވިގެންދާނީ އަންހެނުން ތަޖުރިބާ ކުރަމުންދާ މިންތީގެ ނަހަމަކަމުގެ މައްސަލަތަކާއި އަންހެނަކަށްވީތީ ރާއްޖޭގެ އިޖްތިމާއީ، އިގްތިސާދީ އަދި ސިޔާސީ ދާއިރާގައި ކެނޑިނޭޅި ކުރަމުންދާ ތަފާތުކުރުންތަކަށް ސިޔާސަތުބައްޓަން ކުރުމުގައި ވަށާޖެހޭ ހައްލުތަކެއް ގެނައުމުގެ މަގުސަދުގައެވެ.

ނިމުނީ

Uthema