


ރާއްޖޭގައި 2017 ވަނައަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރެވުނުގޮތަށް ނަޒަރެއް
އަންހެނުންގެ ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްކޮށް ޤާނޫނުނުތަކާއި ،ސިޔާސަތުތަކާ ، ތަރައްޤީގެ މަޝްރޫއުތައް ރާވާ، ތަންފީޒެއް ނުކުރެވެއެވެ.
އަންހެނުންގެ ދުވަސްފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ އަންހެނުންގެ އިންސާނީ ކަރާމާތާ، އިންސާނީ ޙައްގުތައް ހިމާޔަތްކޮށް ހޯދާދިނުމަށާއި، އަންހެނުންނާއި ފިރިހެނުންނަށް އެއްހަމައެއްގައި ފުރުސަތުތަކަށް ވާސިލްވެ އެފުރުސަތުތަކުގެ ބޭނުން އެއްވެސް ހުރަހަކާ ނުލާ ބޭނުންކުރެވޭނެ ގޮތް މަގުފަހިކުރުމަށެވެ. އެއީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަދިވެސް އެއްމެ ފަޤީރު އަދި ދަތި ހާލަތް ތަހައްމަލް ކުރަންޖެހެނީ ނިސްބަތުން އަންހެނުންނަށްކަމަށްވާތީއެވެ. އަންހެނުންނަށް ފިރިހެނުންގެ ހުއްދަނެތި އަމިއްލައަށް ސިއްހީފަރުވާހޯދުމާއި، ތައުލީމުހާސިލްކުރުމާއި، ވިޔަފާރިކުރުމާއި ދަތުރުފަތުރު ނުކުރެވޭ ގައުމު އަދިވެސް ދުނިޔޭގައި އެބަހުއްޓެވެ. ދުނިޔޭގެ ކޮންމެ ތިން އަންހެނަކުން އެއް އަންހެނަކީ އޭނަގެ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި އަނިޔާ ތަހައްމަލް ކުރާ އަންހެނެކެވެ. ގައުމުގެ ކަންކަން ނިންމުމުގައި އަންހެނުންގެ ހިއްސާ އަދި ބައިވެރިވުން އޮތީ ވަރަށްފަހަތުގައެވެ. އަންހެނުންގެ ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްކޮށް ޤާނޫނުނުތަކާއި ،ސިޔާސަތުތަކާ ، ތަރައްޤީގެ މަޝްރޫއުތައް ރާވާ، ތަންފީޒެއް ނުކުރެވެއެވެ. މިދައްކަނީ އާބާދީގެ ދެބައިކުޅަ އެއްބައިގެ ވާހަކައެވެ. ބައިނަލް އަގުވާމީ ފެންވަރުގައި އަންހެނުންގެ ދުވަސް ފާހަގަ ކުރަނީ މި ފަދަ ހަޤީގަތްތަށް ހާމަކޮށް، އަންހެނުންނަށްވީތީ ކުރެވޭ ނޭދެވޭ އަދި ލާއިންސާނީ ތަފާތުކުރުންތަށް ދުނިޔޭގެ އެކިމުޖުތަމައުތަކުގައި ހިނގަމުންދާ މިންވަރާ ހަޤީގަތް ގިނަބަޔަކަށް ތިލަކުރުމުގެ މަގުސަދުގައެވެ.
ދުނިޔޭގައި މަދަނީއެކިފަރާތްތަކުން އަންހެނުންގެ ދުވަސް ފާހަގަކުރާތާ 100 އަހަރުވެގެންދިޔައީއެވެ. ނަމަވެސް ކޮންމެއަހަރެއްގެ 08 މާރޗް އަކީ އަންހެނުންގެދުވަސް ކަމުގައި އ.ދ އިން ރަސްމީގޮތެއްގައި ފާހަގަކުރަންފެށީ 1975 ވަނަ އަހަރުއެވެ.
އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ މައިގަޑު މަގްސަދުކަމަށްވާ ފުރިހަމަ މިންތީގެ ހަމަހަމަ ކަމަށް ވާސިލުވާން އަދިވެސް ކަޑައްތުކުރަންޖެހޭ ދިގު ރާސްތާބޮޑުކަމަށް ކަމާބެހޭމާހިރުންހަދަމުންދާ އެކިއެކި ދިރާސާތަކުގައި ލިޔެއެވެ. ނަމަވެސް ފާހަގަ ކުރަންޖެހޭކަމަކީ ބައެއްޤައުމުތަކުގައި މިންތީގެ ތަފާތުގެ ފަރަގު އެކި އެކި ދާއިރާއިން ކުޑަކުރަމުންދާކަމެވެ.
އަދި މައުނަވީ ބަދަލެއް ގެނައުމަށް ކުރެވޭ ކަންތައްތަކަށް ޤާނޫނު ހަދާ މަޖިލީހުންވެސް އެއްބާރުލުން ނުލިބުމެވެ.
ދިވެހިރާއްޖޭގައި ފުރަތަމަ އަންހެނުންގެ ދުވަސް ފާހަގަ ކުރަން ފެށުނީ 1983 ވަނަ އަހަރުއެވެ. އެހެންކަމުން އަންހެނުންގެ ދުވަސް ދިވެހިރާއްޖޭގައި ފާހަގަކުރަން ފެށިތާ 34 އަހަރު ވީއެވެ. ރާއްޖޭގައި މިންތީގެ ހަމަހަމަ ކަމުގެހާލަތް އޮތީ ކުރިއަށް އެއްފިޔަވަޅުގޮސް ފަހަތަށް ފިޔަވަޅުތަކެއް ދާ އުސޫލެއްގައޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. ސާސްކަފުގެ ލަނޑުދަނޑީގެ ތެރެއިން ދިވެހިރާއްޖެ ގިނަ ލަނޑުދަނޑިތަކެއް ހާސިލްކުރިއިރު ޖެންޑަރ އީކުއަލިޓީ (ނުވަތަ މިންތީގެ ހަމަހަމަކަމުގެ) ލަނޑުދަނޑި ހާސިލެއްނުކުރެވެއެވެ. މި ލަނޑު ދަނޑި ހާސިލްނުވުމުގެ މައިގަޑު އެއްސަބަބަކީ، އަންހެނުންގެ އަޑުއިއްވުމުގެފުރުސަތާއި، ޤައުމުގައި ޤާނޫނާއި ސިޔާސަތުހެދުމުގައި އަދި ތަންފީޒީ މަރުހަލާގައި އެމީހުންގެ ބައިވެރިވުން ނެތުމެވެ. އަންހެނުން ފިރިހެނުންނާ އެއްހަމައެއްގައި ފުރުސަތުތަކަށް ވާސިލުވުމަށް ގާނޫނާއި، ސިޔާސަތުތައް ތަންފީޒުކުރުމަށް ބޭނުންވާ ވަސީލަތްތަކާ ބަޖެޓު ނުލިބުމެވެ. އަދި މައުނަވީ ބަދަލެއް ގެނައުމަށް ކުރެވޭ ކަންތައްތަކަށް ޤާނޫނު ހަދާ މަޖިލީހުންވެސް އެއްބާރުލުން ނުލިބުމެވެ. މިސާލެއްގެ ގޮތުން ބުނާނަމަ ޖެންޑަރ އީކުއަލިޓީ ގާނޫނުނުގައި، ސިޔާސީ މާހައުލުގައި އަންހެނުން އިތުރުކުރުމުގެ މަގުސަދުގައި ހިމެނުނު ވަގުތީ ކޯޓާ، ނޫނީ ޚާއްސަ ފިޔަވަޅުގެ މާއްދާ، ބިލުފާސްވިއިރު ވަނީ އުނިކުރެވިފައެވެ.
ކަންމިހެންއޮތް ނަމަވެސް 2017 ވަނަ އަހަރުގެ އަންހެނުންގެ ދުވަސް ވަރަށްކުލަގަދަގޮތެއްގައި ރާއްޖޭގެ އެކި އެކި މުއައްސަސާތަކުން ފާހަގަކުރިއެވެ. އަދި އަންހެނުންނަށް ފިރިހެނުންނާ އެއްހަމައެއްގައި ފުރުސަތުތަކުގެ ބޭނުންހިފޭނެގޮތް މަގުފަހިކުރުމުގެ ގޮތުން އެކި އެކި މުއައްސަސާތަކުންނާއި، ޤައުމުގެވެރިން އެކި އެކި ވައުދުތަކާ އިލްތިމާސްކުރިއެވެ. ނޫސްތަކުންނާއި ރާއްޖޭގެ ބައެއް ކުންފުނިތަކާއި، އަދި ރާއްޖޭގައި މަސައްކަތް ކުރާ އ.ދ ގެ ޖަމިއްޔާތައްފަދަ މުއައްސަސާތަކުން ރާއްޖޭގެ އެކި އެކި ދާއިރާތަކުގައި ނަންވިދާ އަންހެން މަސައްކަތްތެރިންގެ ވަނަވަރު ހާމާކުރާ ވީޑިއޯތަކާއި ލިޔުންތައް ހާމަކުރަމުން ދިޔައެވެ. މީގެ ތެރެއިން އެއްމެ ފާހަގަ ކޮއްލެވޭ އެއްކަމަކީ ރައީސުލްޖުމޫހުރިއްޔާ އަންހެނުންގެ ދުވަހުގެ ރަސްމިއްޔާތުގައި ދެއްވި ޚިތާބުގައި ފިރިހެނުންނަށް ކުރެއްވި އިލްތިމާސްއެވެ. ތެދެކެވެ، އެމަނިކުފާނު ވިދާޅުވިހެން މުޖުތަމައުގެ ވިސްނުން ބައްޓަންވެފައިވާގޮތުން އެއްމެ ބޮޑު ނިކަމެތި ކަން، އެއްމެބޮޑަށް އުދަގުލާ ތުރާ އުފުލަން ޖެހެނީ އަންހެނުންނާއި ކުޑަކުދިންނަށެވެ. ޤައުމުގެ ކަންކަން ނިންމުމުގެ ބާރާއި އިޚްތިޔާރު އޮތީ ފިރިހެނުންގެ އަތްމަތީގައެވެ. އެހެންވީމާ ފިރިހެނުންނަށް އެމީހުނަށް ލިބިފައިވާ ބާރުގެ ބޭނުން އަންހެނުންކުރާ މަސައްކަތް ކުރިއަރުވަން ވާގިދީ އެހީތެރިވާބައެއްގެ ގޮތުގައިވުމަށް ރައީސުލްޖުމޫހުރިއްޔާ އިލްތިމާސްކުރެއްވިއެވެ.
Celebrating International Women’s Day. Welcoming our wonderful women to work #internationalwomensday #BeBoldForChange #Meeraanin pic.twitter.com/dAoAsWU1np
— MIRA (@MIRAmaldives) 8 March 2017
ނޫސްތަކުން ފެނުނު ރިޕޯޓްތަކަށް ބަލާއިރު އެއްމެ ބޮޑަށް ލޮލުގައި އަޅައިގަތީ ރާއްޖޭގެ އެއް މުއައްސަސާ އަކުން އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެދުވަހު އެއޮފީހުގެ އަންހެން މުވައްޒަފުން އޮފީހަށް ވަނުމައްޓަކައި ރަތްދޫލައެއް އަޅާފައި، ފިރިހެން މުވައްޒަފުން އޮފީސްބޭރުގައި ރަތްދޫލައިގެ ދެފަރާތުގައި އެތުރި ތިބެގެން ފިނިފެން މަލަކުން އަންހެނުންގެ ދުވަހުގެ ތަހުނިޔާ ކީ ޚަބަރެވެ. އަދި މިހާތަނަކަށް އެއްވެސްއޮފީހަކުން މިކަހަލަ ހޫނު މަރުހަބާއެއް އަންހެން މުވައްޒަފުންނަށް ދިންކަމަކަށް ނޫސްތަކަކުން ފެނިފައެއްނެތެވެ.
ބައެއް އޮފީސްތަކުގައި އަންހެން މުއައްޒަފުން ދިވެހި ހެދުމުގައި ޒީނަތްތެރިވެގެންވެސް އެދުވަހު އޮފީހަށް އައުމަށް ފިރިހެން މުވައްޒަފުން އެދުނުކަމަށްވެއެވެ.
އަދިވެސް ގިނަ މުއައްސަސާތަކަކުން އެކި ކަހަލަ ހަރަކާތްތައް އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއެވެ. މީގެ ތެރޭގައި ގޯނި ރޭސް ދުއްވުމާއި، އާއިލީ ހަވީރު ބޭއްވުމާއި، ކޭކު ފެޅުމާއި، އަންހެން މުވައްޒަފުންނަށް ފިނިފެންމަލާއި، ހަދިޔާ ދިނުމާއި، އެކިކަހަލަ އެވޯޑް ދިނުމާއި، ކައްކާ ކޯސްތައް ހިންގުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބަދިގޭ ސާމާނުތަކުގައި ސޭލް އެޅުވުމާއި، ނޫސްބަޔާންތައް އެދުވަހާގުޅިގެން ނެރުން ފަދަ އެކި އެކި ހަރަކާތް ހިމެނެއެވެ. އަދި ބައެއް އޮފީސްތަކުގައި އަންހެން މުއައްޒަފުން ދިވެހި ހެދުމުގައި ޒީނަތްތެރިވެގެންވެސް އެދުވަހު އޮފީހަށް އައުމަށް ފިރިހެން މުވައްޒަފުން އެދުނުކަމަށްވެއެވެ. ނޫސްތަކުން ފެނުނު އަންހެނުންގެ ދުވަސްފާހަގަ ކުރުމުގެ ފޮޓޯތަކުން ފެނުނުގޮތުގައިވެސް ހުރިހާ އަންހެން މުވައްޒަފުން ތިބީ އެކިކަހަލަ ޤައުމީހެދުން ލައިގެންނެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތަކުގެ ފޮޓޯތަކާއި، ޚަބަރުތައް ނޫސްތަކާއި ސޯޝަލް މީޑިއާގެ ޒަރީއާއިން ވަރަށް ފުރިހަމައަށް އެކި އެކި ގޮތްގޮތަށް ކުލަގަދަގޮތެއްގައި އާއްމުވެގެންދިޔައެވެ. ބައެއް ރައްރަށުގައި ފިރިހެންވެރިން ނިކުމެ އެދުވަހު ކެއްކުމުގެ ހުރިހާ ޒިންމާއެއް ނެގުމަށްފަހު ރަށުގެ އަންހެންވެރިންނަށް ކައްކާފައި ޕާޓީވެސް ބާއްވަދިނެވެ. އަދި ހަމަ މިއާއެކު ފާހަގަ ކޮއްލަންޖެހޭ ކަމަކީ މިފާހަގަކުރުންތަކުގެ ތެރޭގައި ރާއްޖޭގެ އަންހެނުންގެ ހާލަތާއި ހުރި ގޮންޖެހުންތައް ވަރަށް ސަރީޙަ އިބާރާތުން ހާމަ ކުރެވިފައިވާ ލިޔުންތައް މަދުންނަމަވެސް ނޫސްތަކުން ފެނުނުކަމެވެ.
ހަމައެކަނި ޕާޓީބާއްވާ ކޭކު ފަޅާ ، ފިނިފެންމަލާ، ހަދިޔާ ދިނުމުން ރާއްޖޭގެ އަންހެނުންގެ ހާލަތު މިހާރަށްވުރެ ރަގަޅުވަންޏާ ކިތައްމެހާވެސް ރަނގަޅެވެ.
ސުވާލަކީ މިހުރިހާ ކުލަގަދަ ފާހަގަކުރުންތަކުން މުޖުތަމައިން، އުޖޫރައަކާ ނުލާ އަންހެނުން ނަގަން ލާޒިމުކުރާ ހުރިހާ ބެލެހެއްޓުމުގެ ޒިއްމާތަކަށް ލުޔެއް ލިބޭނެ ބާވައެވެ. އަންހެނުންނަށް އޮފީސް މާހައުލުގައާއި، މަގުމަތިން ދިމާވާ، ޖިންސީ އަދި އެހެނިހެން ފުރައްސާރަކުރުންތައް ނެތިގެންދާނެބާވައެވެ. މިންތީގެ ހަމަ ހަމަ ކަމަށް ވާސިލުވާން މިހާރު ހެދިފައިހުރި ގާނޫނުތަކާއި، ސިޔާސަތުތައް ތަންފީޒީމަރުހަލާއަށް ވާސިލުވުމަށް ބޭނުންވާ ފައިސާއާއި އަދިވެސް އެހެނިހެން ވަސީލަތްތައް ލިބޭނެ ބާވައެވެ. އަދި ސީދާ އަންހެނުންގެ ދިރިއުޅުމުގެ ހާލަތަށް ރިއާޔައްކޮށް، އަންހެނުންގެ ބައިވެރިވުން އޮފީސްމާހައުލުގައި އިތުރު ކުރުމުގެ މަގުސަދުގައި ހެދިފައިހުރި ސިޔާސަތުތައް ތަންފީޒްކުރުމަށް ކިތައް މުއައްސަސާއިން ވައުދުވިބާއެވެ. އަދި އިތުރު ބާރެއްލާފަ އެކަންތައްތައް ތަންފީޒްކުރުމަށް ބޭނުންވާ ބަޖެޓް ހޯދުމަށް މަސައްކަތްކުރަން މިތަނުން ކިތައް މުއައްސަސާއިން ނިންމި ބާވައެވެ. މިކަހަލަ ޚަބަރެއް ނޫސްތަކަކުން ނުފެނެއެވެ.
#EmpoweringWomen pic.twitter.com/iDhFYL1hYW
— Maldives Ports Ltd (@portsmv) 13 March 2017
ހަމައެކަނި ޕާޓީބާއްވާ ކޭކު ފަޅާ ، ފިނިފެންމަލާ، ހަދިޔާ ދިނުމުން ރާއްޖޭގެ އަންހެނުންގެ ހާލަތު މިހާރަށްވުރެ ރަގަޅުވަންޏާ ކިތައްމެހާވެސް ރަނގަޅެވެ. އަދި މިއީ މިހާރުވެސް މުޖުތަމައުގެތެރެއިން ފެންނަ ސްޓީރިއޯޓައިޕިން އަށް މަގުފަހިވާ ކަންކަން ނޫންބާވައެވެ. އެއީ މުޖުތަމައުގެ ވިސްނުން ބައްޓަންވެފައިހުންނަގޮތުން އަދިވެސް އަންހެނުންނަކީ ޒީނަތްތެރިވެގެން ފިރިހެނުންގެ ހިތްހަމަޖައްސަން ތިބޭ ބައެއްގެ ގޮތުގައި ކަންކުރުމެވެ. ޖެންޑަރ ސްޓީރިއޯޓައިޕްކުރުމަކީ މިހާރު އަލަށް ފާސްވި ޖެންޑަރ އީކުއަލިޓީ ގާނޫނުގެ ދަށުން މަނާކަމެކެވެ. ދެރަކަމަކީ ސަރުކާރުގެ މުއައްސަސާތަކުންވެސް އަމިއްލަ ވިޔަފާރިތަކުންހެން އަންހެނުންގެ ދުވަސް ފާހަގަކުރުމޭ ކިޔާފައި ސޭލްތައް އަޅުވާ ފަދައިން، މި ދުވަސް ފާހަގަކުރުމެވެ.
ރާއްޖޭގައި މިންތީގެ ހަމަހަމަކަމަށް ވާސިލްވާން ހުރި ގޮންޖެހުންތަކަށް، ކޮންމެވެސް ވަރަކަށް ތިރީގައި އަލިއަޅުވާލާނަމެވެ.
• ޤާނޫނު އަސާސީއިން ފެށިގެން، ރާއްޖޭގައި މިންތީގެ ހަމަ ހަމަ ކަން ކުރިއެރުވުމަށް ހުރި ޤާނޫނުތައް އެދެވިގެންވާ މިންވަރަކަށް އެބަހުއްޓެވެ. މީގެ ތެރޭގައި ކުރިން ބުނެވުނު ޖެންޑަރ އީކުއަލިޓީ ގާނޫނުވެސް ހިމެނެއެވެ. ނަމަވެސް ޤާނޫނާއި ސިޔާސަތުއެކުލެވިގެން ދިޔަނަމަވެސް އެ ތަންފީޒް ކުރުމަށް ބޭނުންވާ ފައިސާއާއި، އެހެނިހެން ވަސީލަތްތަށް ކަނޑައެޅުމަށް އިސްކަންދެވެޔޭ ބުނެވޭކަށްނެތެވެ. ޤާނޫނުތަކާއި ސިޔާސަތުތައް ކަރުދާހުގައި ލިޔެފަ ފައިލް ކުރެވުނީމަ އެނިމުނީއެވެ!
• މުޖުތަމައުގެ ވިސް ނުން ބައްޓަންވެފައިވާގޮތުން އާއިލާބެލެހެއްޓުމުގެ ބޮޑުޒިންމާ އަދާކުރަނީ އަންހެނުންނެވެ. މީގެ ތެރޭގައި ދަރިން ބެލެހެއްޓުމުގެ ޒިންމާއާއި، ގޭތެރެބެލެހެއްޓުމާއި، ކެއްކުމުގެ ޒިންމާތަކާއި، ބަލިމީހުންބެލުމުގެ ޒިންމާއާއި އެތަކެއް ޒިންމާތަކެއް އަންހެނުން ނެގުމަށް މުޖުތަމައު ދެކޭގޮތުން ލާޒިމުކުރެއެވެ. މަސައްކަތުގެ ދާއިރާގައި ގިނަ އަންހެނުން ހަރަކާތްތެރިވަނީ މިހުރިހާ ޒިންމާތަކެއް އަދާކުރަމުންނެވެ. އަންހެނުންނަށް މިޒިންމާ ތަކުން ލުޔެއް ލިބޭނެފަދަ ސިޔާސަތުތަކެއް އަދި މިހާތަނަށް އެދެވިގެންވާގޮތެއްގައި ތަންފީޒްވެގެންނުދެޔޭ ބުންޏަސް ދޮގަކަށް ނުވާނެވެ. އަދި އަންހެނުންގެ ބެލެހެއްޓުމުގެ ޒިންމާތަކުން ޤައުމުގެ އިޤްތިސާދަށްކުރާ ފައިދާގެ ވާހަކަ ނުދައްކާ އަދި އެ ޚިދުމަތް ބަލައިނުގަނެ މިންތީގެ ހަމަހަމަކަމަކަށް ވާސިލުވުމަކީ ނާދިރުކަމެކެވެ. އާމްދަނީ ލިބޭ މަސައްކަތްތަކުން ނުވަތަ ވަޒީފާގެ މާހައުލުން ވަކިވާންޖެހޭ ސަބަބެއްކަމަށް ގިނަ އަންހެނުންބުނަނީ އާއިލާބެލެހެއްޓުމުގެ ޒިންމާ އަދާކުރަންޖެހޭތީއެވެ. 1989 ވަނައަހަރުންފެށިގެން މިހާތަނަށް އަދިވެސް ޑޭކެއާ ސެންޓަރ އެއްގެ ޚިދުމަތް ފެއްޓުމުގެ މަޝްރޫއުގެ ވާހަކަ އެކި ސަރުކާރުން ދެއްކުމަށްފަހު ވަކިހިސާބަކުން ވަނީ ހުއްޓިފައެވެ.
• ސިވިލް ސާވިސްގެ ޤަވާއިދުގައި ދަރިއެއް ލިބުމާ ގުޅިގެން ބައްޕައަށް ލިބޭ ޗުއްޓީގެ މުއްދަތަކީ އެންމެ 03 ދުވަހެވެ. މިއާޚިލާފަށް ޚިތާނުކުރުމަށް 05 ދުވަސް ލިބެއެވެ. މިއިންދޭހަވަނީ ކުއްޖަކު ލިބުނީމައި ހަމަ އެކަނި އެކުއްޖާބެލުމުގެ ޒިންމާ ނަގަންލާޒިމުކުރަނީ އެނދުމަތިވެފައިވާނަމަވެސް މަންމައިންނަށްކަމެވެ. ދުނިޔޭގެ މިންތީގެ ހަމަހަމަކަމުގެ ފަރަގު ކުޑަކުރަމުންދާ ގައުމުތަކުގައި ދެ މަފިރިންނަށްވެސް މުސާރަ ލިބޭގޮތަށް ދަރިއަކުލިބުމުން ޗުއްޓީލިބެއެވެ. މިކަހަލަ ސިޔާސަތުތަކުގެ ސަބަބުން ފިރިހެންމީހާވެސް އަންހެނުންނާ އެއްގޮތަށް ދަރިންގެ ކަންތަކުގައި ޝާމިލްވާން ފުރުސަތުލިބި، ގޭތެރެ ބެލެހެއްޓުމުގެ ޒިންމާ ނަގަން ބާރުއަޅައެވެ. އަދި އާއިލާބެލެހެއްޓުމުގެ ޒިންމާ ނަގަންޖެހެނީ ހަމަ އެކަނި އަންހެނުންނަށް ނޫންކަމަށް މީހުންގެ ވިސްނުންވެސް ބަދަލުވުމަށް މަގުފަހިވެއެވެ.
ރަތްދޫލަ އަޅާ، ފިނިފެންމާބަހާ ކޭކު ފަޅާ ޕާޓީބޭއްވުމަކުން އަންހެނުންނަށް ހަމަހަމަކަމަށް ވާސިލުވާން ހުރި ގޮންޖެހުންތައް ނައްތާލެވޭނެ ތޯއެވެ؟
ކުރިންވެސް ބުނެވުނުހެން އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ އަންހެނުންނަށާއި ފިރިހެނުންނަށް އެއްހަމައެއްގައި ފުރުސަތުތައް ލިބި އޭގެ ބޭނުން ހިފޭނެގޮތް މަގުފަހިކުރުމެވެ. އަދި އަންހެނުންގެ ޙައްގުތަކަކީ އިންސާނީ ޙައްގުތައްކަމުގައި ކަށަވަރުކުރުމެވެ. ރަތްދޫލަ އަޅާ، ފިނިފެންމާބަހާ ކޭކު ފަޅާ ޕާޓީބޭއްވުމަކުން އަންހެނުންނަށް ހަމަހަމަކަމަށް ވާސިލުވާން ހުރި ގޮންޖެހުންތައް ނައްތާލެވޭނެ ތޯއެވެ؟ ދިވެހިރާއްޖޭގައި މިހާރު ވެރިކަން ކުރަމުންދާ ޕާޓީގެ މެނިފެސްޓޯގައި މިންތީގެހަމަހަމަކަން ކުރިއެރުވުމަށް ހުރި ވައުދުތައް އެހާމެ ގިނައެވެ. އަދި ރައީސުލް ޖުމުހޫރިއްޔާ އަންހެނުންގެ ދުވަހުގެ ޖަލްސާގައި ފިރިހެނުންނަށް ކުރެއްވި އިލްތިމާސް އެމަނިކުފާނުފިރިހެން ބޭފުޅަކަށްވެހުރެ، ޤައުމުގެ އިސްވެރިޔާއަށްވެހުރެ، އެމަނިކުފާނަށް މިހާރު ލިބިފައިވާ ބާރުގެ ދަށުން މިންތީގެ ހަމަހަމަކަމުގެ ހާލަތްކުރި އެރުވުމަށް ބާރުއެޅުއްވޭނެކަން ކަށަވަރެވެ. އެހެންކަމުން، އެކުލަވާލެވިފައިވާ މެނިފެސްޓޯއާއި، ގާނޫނުތަކާއި، ސިޔާސަތުތައް އަދި ޚާއްސަކޮށް ޖެންޑަރ އީކުއަލިޓީ ގާނޫނު ތަންފީޒުކުރުމަށް ބޭނުންވާ ބަޖެޓާއި، ވަސީލަތްތައް ހޯދުމަށް އިތުރު ބާރެއްލައްވާފައި މަސައްކަތްކުރައްވާނެކަމަށް އުންމީދުކުރަމެވެ. އަދި އެމަނިކުފާނުގެ ޒައާމަތުގައި، ސަރުކާރުގެ މުއައްސަސާތަކުން އަންހެނުންގެ ދުވަހުފެނިގެންދިޔަފަދަ ޖެންޑަރ ސްޓީރިއޯޓައިޕްކުރުމަށް މަގުފަހިވާ ކަންތައްތަކުން ދުރުވުމަށް ބާރުއަޅާނެކަމަށްވެސް އުންމީދުކުރަމެވެ.
މަރިޔަމް މުހައްމަދު ދީދީ އަކީ ޢިޖްތިމާއީ ތަރައްޤީގެ ދާއިރާގައި އަމިއްލަ ގޮތުން މަސައްކަތް ކުރާ ފަރާތެކެވެ. އަދި މަދަނީޖަމުޢިއްޔާއެއް ހިންގުމާއި، މަދަނީ މުޖުތަމައުގެ ދާއިރާގައި އަމަލީތަޖުރިބާތަކެއް ހާސިލްކޮށްފައިވާ، ހާސިލްކުރަމުންދާ ފަރާތެކެވެ. ޚާއްސަގޮތެއްގައި އަންހެނުންގެ ޙައްޤުތަކާއި މިންތީގެ ހަމަހަމަ ކަމާއިބެހޭގޮތުން ދިވެހިރާއްޖޭގެ ހާލަތު ދިރާސާކޮށް ދެނެގަތުމުގެ މަސައްކަތް ވެސް މަރިޔަމްކުރެއެވެ.
މަރިޔަމް އަކީ އުތެމަ ގެ ލިޔުންތެރިއެކެވެ.