“ޖެންޑަރ އިކުއަލިޓީގެ ޤާނޫނު” – 2 އަހަރު ވީއިރު ޤާނޫނުންވާ މަންފާއެއް ދުށީމުތަ؟

އަދި ރާއްޖޭގެ މިވަގުތުގެ ޙަޤީގަތަކީ އެއްވެސް ޤާނޫނަކީ މާ ފުރިހަމައަށް ތަންފީޒު ކުރެވެމުންދާ ޤާނޫނަކަށްވެސް ނުވާކަމެވެ.

ދިވެހިރާއްޖޭގައި “ޖެންޑަރ އިކުއަލިޓީ” ނުވަތަ މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށްޓަކައި 23 އޮގަސްޓު 2016 ގައި ޤާނޫނެއް ފާސްކޮށް ތަސްދީގުކޮށްފައިވެއެވެ.
މިއަދަކީ އެ ޤާނޫނު ވުޖޫދަށް އައިތާ 2 އަހަރު ފުރޭ ދުވަހެވެ.
ނަމަވެސް މިންތީގެ ހަމަހަމަކަމުގެ ޤާނޫނަށް 2 އަހަރުވީއިރު އެޤާނޫނުގެ ހިޔާވަހިކަން ރައްޔިތަކަށް ލިބިފައިވާތަން ދުށީމު ހެއްޔެވެ؟
ރާއްޖޭގެ އަދުގެ ހާލަތަކީ އެއްވެސް ޤާނޫނަކީ މާ ފުރިހަމަ ޤާނޫނެއް ނޫންކަމެވެ.
އަދި ރާއްޖޭގެ މިވަގުތުގެ ޙަޤީގަތަކީ އެއްވެސް ޤާނޫނަކީ މާ ފުރިހަމައަށް ތަންފީޒު ކުރެވެމުންދާ ޤާނޫނަކަށްވެސް ނުވާކަމެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލިހުން ޤާނޫނެއް ދިރާސާކޮށް ފާސްކުރާނީ އޭގެ ކޮންމެވެސް ބޭނުމެއް މުޖުތަމައަށް އޮންނާނެތީތާއެވެ.

ދުނިޔޭގެ އެހެން އެތަކެއް ޤައުމެކޭ އެއްފަދައިން، ރާއްޖެއަކީވެސް އަންހެނުންނަށްވީތީ އެކިގޮތްގޮތުންކުރާ ނޭދެވޭ ތަފާތުކުރުންތަކެއް، އިޖްތިމާއީ އިގްތިޞާދީ ސިޔާސީ އަދި އެހެނިހެން ދާއިރާތަކުގައިވެސް ބިންވަޅުނެގިފައިވާ ޘަޤާފަތެއް އޮތް ޤައުމެކެވެ.
މީގެ ހެއްކެއްގެ ގޮތުގައި އެންމެފަހުގެ 2014 ވަނަ އަހަރުގެ ބޯހިމެނުމުން ހޯދާފައިވާ ތަފާސްހިސާބަކަށް ބަލައިލަމާހެވެ.
ދައުލަތުގެ ތަފާސްހިސާބާބެހޭ މުއައްސަސާއިން މައުލޫމާތުދޭ ގޮތުގައި ކޮންމެ ތިން މީހަކުން އެކަކީ ރާއްޖޭގައި އިޤްތިޞާދީ ގޮތުން ހަރަކާތްތެރި ނުވާމީހެކެވެ. އަދި 15 އަހަރުންމަތީގެ އާބާދީއަށް ބަލާއިރު %36 އަކީ އިޤްތިޞާދީ މަސައްކަތުގެ ދާއިރާއިން ބޭރުގައިވާ މީހުނެވެ.
މީގެ %28 އަކީ ފިރިހެނުން ކަމަށްވާއިރު %72 އަކީ އަންހެނުންނެވެ.
ކަންމިހެން އޮންނާނީ ސަބަބުތަކެއް އޮތީމާކަން ކަށަވަރެވެ.

މިންތީގެ ހަމަހަމަކަމުގެ ޤާނޫނުގެ ދެވަނަ މާއްދާ އަކީ ނުވަ ނުކުތާއެއް އެކުލެވޭ، ޤާނޫނުގެ މަގުސަދު ކަނޑައަޅާފައިވާ މާއްދާއެވެ.
މިމާއްދާގެ ފުރަތަމަ ނުކުތާގެ މަގްސަދަކީ ރާއްޖޭގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ވަކި ޖިންސަކަށް އުފަންވެފައިވާތީ އަސާސީ ޙައްޤުތައް ލިބިގަތުމުގައި ތަފާތުކުރާ ކުރުން ހުއްޓުވުމެވެ.
މިއީ ސީދާ ޤާނޫނުއަސާސީއިން ބާރުލިބިދޭ މުހިންމު ނުކުތާއެކެވެ.

ދެވަނަމާއްދާގެ ދެވަނަ ނުކުތާގެ މަގުސަދަކީ 1993 ވަނަ އަހަރު ދިވެހިރާއްޖެ ބައިވެރިވެފައިވާ އަންހެނުންނާ ދެކޮޅަށް ކުރެވޭ އެންމެހާ ތަފާތުކުރުންތައް ނައްތާލުމާބެހޭ ބައިނަލް އަޤުވާމީ މުއާހަދާ އާއި އެމުއާހަދާގެ އިޙްތިޔާރީ އިޖުރާއަތު (އޮޕްޝަނަލް ޕްރޮޓޮކޯލް) ގައި ބައިވެރިވެ ދައުލަތުގެފަރާތުން ބައިނަލްއަޤުވާމީ ދުނިޔޭގައި ކޮށްފައިވާ އަހުދު ރާއްޖޭގައި ފުރިހަމަކުރުމެވެ. މިގޮތުން ޤާނޫނުގައި ލިޔެވިފައިވާ އެ ނުކުތާގައި ބުނެފައިވަނީ – “ވަކި ޖިންސެއްގެ މީހަކަށްވީތީ ކުރާ ތަފާތުކުރުންތައް ހުއްޓުވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމަށާއި، އަންހެނުންނާ ފިރިހެނުންގެ މެދުގައި ތަފާތުކުރުމަށް ބާރުއަޅާ ވިސްނުމާއި ފިކުރާއި އުސޫލުތައް ހުއްޓުވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅަން މަގުފަހި ކުރުން” މިހެންނެވެ. މިބަސްތަކުން ސާފުކޮށް ދޭހަވަނީ ވަކި ޖިންސަކަށް ނިސްބަތްވާތީ އަންހެނުންނާ ދޭތެރޭ ތަފާތުކުރުންތަކެއް ދިވެހި މުޖުތަމައުގާ ހިނގަމުންދާކަން ރާއްޖޭގެ ޤާނޫނުހަދާ މަޖިލީހުން ޤަބޫލުކުރާކަމެވެ.

ނަމަވެސް މުޅިރާއްޖޭގެ އިޤްތިޞާދު އޭގެމައްޗަށް އެންމެބޮޑަށް ބަރޯސާވާ މި ސިނާއަތުގައި ދިވެހި އަންހެނުންގެ ބައިވެރިވުން އޮތީ %4 ގައެވެ.

ދެވަނަމާއްދާގެ ތިންވަނަ ނުކުތާގައި ބައިނަލްއަޤުވާމީ މުއާހަދާއަށް ރިޢާޔަތްކޮށް ކަނޑައަޅާފައިވާ މަގުސަދަކީ ރާއްޖޭގެ “އިޤްތިޞާދީ އިޖްތިމާޢީ ޘަޤާފީ މަދަނީ އަދި ސިޔާސީ މައިދާނުގައި ފިރިހެނުންނާ އެއްހަމައެއްގައި އަންހެނުންނަށް އިންސާނީ ޙައްޤުތަކާއި އަސާސީ ޙައްޤުތަކާއި އަދި ފުރުސަތުތައް ލިބިގެންވާކަން ކަށަވަރު” ކުރުމެވެ. މިނުކުތާއިން ސާފުވަނީ އަންހެނަކަށްވީތީ އަސާސީ އިންސާނީ ޙައްޤުތަކާ ފުރުސަތުތަކުން ރާއްޖޭގައި މީހުން މަހުރޫމުވަމުންދާ ކަމެވެ. ކަންއޮތީވެސް މިހެންނެވެ. ދުނިޔޭގެ މާލީއިދާރާ (ވަރލްޑް ބޭންކް) ގެ ރިޕޯޓެއް 2016ގައި ފާހަގަކޮށްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަކީ އަހަރަކު 3300 ވަޒީފާ އުފެދޭނެ ކަމަށް އަންދާޒާކުރާ ސިނާއަތެއްކަމެވެ. ނަމަވެސް މުޅިރާއްޖޭގެ އިޤްތިޞާދު އޭގެމައްޗަށް އެންމެބޮޑަށް ބަރޯސާވާ މި ސިނާއަތުގައި ދިވެހި އަންހެނުންގެ ބައިވެރިވުން އޮތީ %4 ގައެވެ.

މިންތީގެ ހަމަހަމަކަމުގެ ޤާނޫނުގެ ދެވަނަމާއްދާގެ ހަތަރުވަނަ ނުކުތާގައި އޮތް މަގުސަދަކީ އިންސާނީ ޝަރަފާއި ކަރާމާތް ރައްކާތެރިކުރުމެވެ. އަނެއްކާވެސް ތަފާސްހިސާބަށް ބަލާއިރު ދިރާސާތަކުން ދައްކާފައިވާ ހަޤީގަތަކީ ރާއްޖޭގައި ކޮންމެ ތިންއަންހެނަކުން އެކަކީ އޭނާގެ ހަޔާތުގެ ކޮންމެސް ހިސާބެއްގައި ހައްޓަށާއި ނަފްސަށް ނޭދެވޭބޮޑެތި އަސަރުކުރާފަދަ އަނިޔާ ލިބިފައިވާ މީހެއްކަމެވެ.
އިންސާނީ ޝަރަފާ ކަރާމާތް ރައްކާތެރި ކުރެވޭނީ އެފަދަވިސްނުމަކަށް އަމަލީގޮތުން ޖާގަދިނުމުގެ ޘަޤާފަތެއް މުޖުތަމައުގައި ޤާއިމުކުރެވިގެންނެވެ.

ފަސްވަނަ ނުކުތާގައި އޮތް މަގުސަދަކީ މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކުންނާއި ވަޒީފާދޭ ފަރާތްތަކުންނާއި ޖަމިއްޔާ ޖަމާއަތްތައް އަދި އަމިއްލަފަރުދުންވެސް އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމެވެ. ހަވަނަ ނުކުތާގެ ތަސައްވުރަކީ އިޖްތިމާޢީ އިޤްތިޞާދީ ސިޔާސީ އަދި ޘަޤާފީ ގޮތުން ސިޔާސަތުކަނޑައެޅުމުގެ އުސޫލުތައް ކަނޑައެޅުމެވެ. ހަތްވަނަ ނުކުތާގެ މަގްސަދަކީ އަންހެނަކަށްވީތީ ކުރާ އަނިޔާ ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމެވެ. އަށްވަނަ ނުކުތާގެ މަގްސަދަކީ މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށްޓަކައި ޙާއްސަފިޔަވަޅު އެޅުމެވެ. އަދި ނުވަވަނަ ނުކުތާގެ މަގުސަދަކީ އަންހެނުންނާއި ފިރިހެނުން ބާރުވެރިކުރެވޭނެ މާހައުލެއް ޤާއިމުކުރުމާއި ދެޖިންސުގެ މީހުނަށްވެސް ހަމަހަމަ ފުރުސަތު ފަހިކޮށްދީ ހަމަހަމަ ނަތީޖާ ހާސިލުކުރުމަށް މަގުފަހިކުރުމެވެ. މިހުރިހާ ނުކުތާ ތަކަކީވެސް އޭގެމާނައިގާ ކުރަން ޖެހިފައިވާ ކަންކަން ކަން ދިވެހި އަންހެނުންގެ ދިރިއުޅުމުގެ ހަޤީގަތްތަކާ ދޭތެރޭ ވިސްނާ ފިކުރުކޮށްފި މީހަކަށް ފަހުމްވާނެކަން ކަށަވަރެވެ.

ޤާނޫނަކީ އޭގެ ޒާތުގައި މަގުސަދުތަކެއް ހާސިލުކުރުމަށްޓަކައި ހަދާއެއްޗެކެވެ. އުސޫލެއްގެ ގޮތުން ޤާނޫނު ހަދަނީ ޤައުމެއްގެ ރައްޔިތަކަށް އޭގެސަބަބުން މަންފާއާއި ތަހުޒީބާ ތަމައްދުން ހޯދުމަށްޓަކައެވެ. އެގޮތުން މިންތީގެ ހަމަހަމަކަމުގެ ޤާނޫނުގައިވާ މަގުސަދުތަކެއް މަދެއްނޫންކަން މަތީގައިވާ މައުލޫމާތުން ސާފުވެދެއެވެ. އަދި އެމަގުސަދުތައް އޭގައި ހިމަނަންޖެހެނީވެސް ސަބަބުތަކެއް ހުރީމާކަން ވިސްނާލުމުން އެނގެއެވެ.
ނަމަވެސް ޤާނޫނު ފާސްކޮށް ހަމައެކަނި ވުޖޫދަށް ގެނައުމަކުން މަގުސަދުތައް ހާސިލުވެގެނެއް ނުދާނެއެވެ.

ރާއްޖޭގެ އިޤްތިޞާދީ ހާލަތަކީ މަދު މުއްސަދިން މުއްސަނދިވެ ގިނަފަޤީރުން ފަޤީރުވަމުންދާ ހާލަތެކެވެ.

ޤާނޫނަކީ އޭގެ ޒާތުގައި ތަންފީޒުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ އެއްޗެކެވެ. މިންތީގެ ހަމަހަމަކަމުގެ ޤާނޫނަކީ ދިވެހިރާއްޖެއަށް މުހިންމު ޤާނޫނެއްކަން ކަށަވަރެވެ. އެއީ ރާއްޖެއަކީ މިންތީގެ ތަފާތުކުރުންތައްބޮޑު މުޖުތަމައެއް އޮތް ޤައުމަކަށްވާތީއެވެ. އަންހެނަކަށްވީތީ ކުރާތަފާތުކުރުން ތަކުގެ ސަބަބުން އާންމުދިރިއުޅުމުގައި އަދި ދުޅަހެއު ދިރިއުޅުމެއް ހޯދުމަށްވެސް އަންހެނުންނަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހެއެވެ. ވަޒީފާ ހޯދުމުގައި އަދި ވަޒީފާގައި ދެމިތިބުމުގައިވެސް ބޮޑެތި ގޮންޖެހުންތަކަކާ އަންހެނުންނަށް ކުރިމަތިލާންޖެހެއެވެ. އާއިލާގެތެރޭގައި ނަގަންޖެހޭ ޒިންމާތައް ނިސްބަތުން ފިރިހެނުންނަށްވުރެ ގިނަވެފައި، ލިބޭއުޖޫރަ ނިސްބަތުން ކުޑަވެގެންދެއެވެ. ގޭތެރޭގައިކުރާ ގިނަގުނަ މަސައްކަތައް އުޖޫރަ ނުލިބޭހިނދު، އާމުދަނީހޯދުމަށް ކުރަންޖެހޭ މަސައްކަތުގެ ފުރުސަތުކުޑަވެ، ވަޒީފާގެ ހިމާޔަތްނެތް ނުރަސްމީދާއިރާއާއި އުނގުވިޔަފާރީގެ މަސައްކަތް ކުރަން މަޖުބޫރުވެގެންދެއެވެ. އަދިއެފަދަ މަސައްކަތުން ލިބޭ އާމުދަނީއަކީ އެކިމިންވަރަށް އެކިފަހަރު ލިބި، ބައެއްފަހަރަށް އެއްޗެއް ނުލިބުންވެސް އެކަށީގެންވާ ފަދަ މަސައްކަތެވެ. ކަންމިހެން އޮތުމުން ކުރިމަގުގައި ޕެންޝަނެއް ހޯދުމުގެ ފުރުސަތުންވެސް މަހުރޫމުވެގެން ދެއެވެ. މުޖުތަމައުގެ ވިސްނުމާ ފިކުރުހުންނަގޮތުގެ ސަބަބުން ރާއްޖޭގެ އެންމެބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ބައިވެރިވުމުން އަންހެނުން މަހުރޫމުކުރެއެވެ. އަދިމިފަދަ ހުރަސްތަކުގެ ސަބަބުން އުފާވެރި ދުޅަހެއު ދިރިއުޅުމެއް ބިނާކުރުމުގެ ފުރުސަތު ހަމަހަމަގޮތުގައި އަންހެނުންނަށް ލިބިފައިނުވާކަމަކީ ބުއްދީގެ ބޭނުންކޮށްގެން ރާއްޖޭގެ މުޖުތަމައާއި ދިމާއަށް ބަލައިފި މީހަކަށް ފަހުމުވާނެ ޙަޤީގަތެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅުމުގެ ހާލަތު އާންމު އުސޫލެއްގެ ގޮތުން ދަނީ ދަށަށްކަން ފެންނަނީ ކުރެވިފައިވާ ދިރާސާތަކަށް ބަލައިލީމައެވެ. ރާއްޖޭގެ އިޤްތިޞާދީ ހާލަތަކީ މަދު މުއްސަދިން މުއްސަނދިވެ ގިނަފަޤީރުން ފަޤީރުވަމުންދާ ހާލަތެކެވެ. މިހާލަތުގެ ތެރެއަށް އަންހެނަކަށްވީތީ ކުރަމުންދާ ނޭދެވޭ ތަފާތުކުރުންތައް އިތުރުވުމުން ދިވެހިއަންހެނުންނަށް ދެވެންއޮންނާނީ އެއައްވުރެވެސް ދަށް ހާލަތަކަށެވެ.

ރާއްޖޭގައި ދައުލަތުގެ މުއައްސަސާތައް އަދު ނުކުޅެދިފައިވަނީ ޤާނޫނު ތަންފީޒު ކުރުމުގައިކަން ކޮންމެ ފަރާތަކަށް އެނބުރުނަސް އޮތީ ފެންނާށެވެ. މިއީ އަދުގެ ހިތާމަހުރި ހަޤީގަތެވެ. މިންތީގެ ހަމަހަމަކަމުގެ ޤާނޫނު ވުޖޫދަށް އައުމުން ޤާނޫނު ތަންފީޒުކުރުމުގެ އިސްޒިންމާއޮތް ފަރާތަކީ މިނިސްޓްރީއޮފް ޖެންޑަރ އެންޑް ފެމިލީއެވެ. ނަމަވެސް އެ ވުޒާރާއަކީ އެކަށީގެންވާ ބަޖެޓެއްލިބި އެދެވޭ މިންވަރަކަށް ހިންގަން ނުކުޅެދިފައިވާ ވުޒާރާއެއްކަން ސާފުކޮށް އެނގޭނީ ޤާނޫނު ތަންފީޒުކުރުމަށް އެވުޒާރާއަށް ހުރި ގޮންޖެހުންތަކަކީ ކޮބައިތޯ އަހައި ހޯދައިގެންނެވެ.
ރާއްޖޭގެ އިޖްތިމާއީ ދާއިރާގައި، އަދި ޚާއްސަކޮށް އަންހެނުންގެ ދިރިއުޅުމުގެ ހާލަތާ ތަޖުރިބާ އަދަށްވުރެ ހެޔޮ ހާލަތަކަށް ގެންދިއުމަށް ހެދިފައިވާ ޤާނޫނުތަކުގެ ތެރޭގައި ގެވެށިއަނިޔާ ހުއްޓުވުމުގެ ޤާނޫނުވެސް ހިމެނެއެވެ. މިޤާނޫނުތައް ތަންފީޒުކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ މުއައްސަސާތަކަކީ ގިނަފަހަރަށް ބޭރުގެ އެހީހޯދައިގެން އެ މުއައްސަސާތަކުގެ މައިގަނޑު މަޝްރޫއުތައް ހިންގަން ޖެހިފައިވާ ތަންތަނެވެ. ރާއްޖޭގެ ތަނަވަސްކަމުގެ ހިސާބުތައް ޖަހަމުންދަނީ ކަމާބެހޭ ވުޒާރާތަކުންނެވެ. އަދި ރާއްޖޭގެ ތަނަވަސްކަން ކިތަންމެ މައްޗައް ދިޔަކަމުގައި ވީނަމަވެސް، އިޖްތިމާއީ ކަންކަމަށް ކުރަންޖެހޭ ހޭދައަކީ އދ ގެ ޖަމުއިއްޔާތައްފަދަ ރާއްޖެއިން ބޭރުގެއެހީތެރިކަމުގެ ދަށުން ކުރަންޖެހޭ ކަންކަމަށް ވުމީ މިދާއިރާއަށް ސަރުކާރުތަކުން ވެފައިވާ އިހުމާލުގެ މިންވަރު އަންގައިދޭ ބޮޑު ހެއްކެކެވެ. ފެންނަންއޮތް ޙަޤީޤަތަކީ ދައުލަތުގެ ބަޖެޓަކީ އިޖްތިމާއީ ދާއިރާގެ މަސައްކަތްތަކަށް ތަކުރާރުކޮށް އިހުމާލުވާ ބަޖެޓެއްކަމެވެ.

ޤާނޫނެއް ތަނެއްގައި ލިޔެވި ގެއްލިފައި އޮތުމަކީ އަދި ތަރައްޤީއެއްވެސް ނޫނެވެ.

ހައިރާންވާންޖެހޭ ކަމަކީ މިންތީގެ ހަމަހަމަކަމުގެ ޤާނޫނަކީ ވެސް ސަރުކާރުގެ ބައިވެރިވުމާއެކު އުފައްދާ، ދައުލަތުގެ ބަޖެޓު ކަނޑައަޅާ މަޖިލިހުން ފާސްކޮށް، ދައުލަތުގެ ސަރުކާރުން ތަންފީޒު ކުރަންޖެހޭ ޤާނޫނެއްކަމެވެ. މިއަކީ ދެތާކުން ދެމަގުސަދެއްގައި ދެވިސްނުމެއްގައި ކޮށްފައިވާ ގުޅުންނެއް ދެކަމެއް ދެދައުލަތެއްގެ ދެމުއައްސަސާއަކުން ކުރަންޖެހިގެން އުޅޭ ކަމެއްނޫނެވެ.

ޤާނޫނުގެ މަގުސަދު މުޖުތަމައަށް ކިތަންމެ މުހިންމުވެފައި ބޭނުންތެރި ވީނަމަވެސް، ޤާނޫނު ތަންފީޒުކުރުމުގެ މަގު މާލީގޮތުން ރައްޔިތުންގެ މަޖިލީހުން ކަމާބެހޭ މުއައްސަސާތަކަށް ފަހިކުރުމަށް ނުކުޅެދި، ތަންފީޒީ އިދާރާތަކަށް ޤާނޫނު ތަންފީޒުކުރުމަށް ނުކުޅެދި، ޤާނޫނެއް ވުޖޫދުގައި އޮވެގެން ލިބޭނެ ކުރިއެރުމެއް ނޯންނާއެވެ. ޤާނޫނެއް ތަނެއްގައި ލިޔެވި ގެއްލިފައި އޮތުމަކީ އަދި ތަރައްޤީއެއްވެސް ނޫނެވެ.

ހުމައިދާ ޢަބްދުލްޤަފޫރު އަކީ އިޖްތިމާޢީދާއިރާގައި ދިވެހިރާއްޖޭގައި އަންހެނުންގެ ހާލަތުދެނެގަތުމުގެ އެކިމައުޟޫޢު ދަސްކޮށް، ދެނެގަނެ ދިރާސާކުރުމުގެ މަސައްކަތްކުރާ ފަރާތެކެވެ. އޭނާ ރާއްޖޭގެ އަދިރާއްޖެއިންބޭރުގެ އެކި މަދަނީޖަމުޢިއްޔާތަކާއި ގުޅިގެން މަސައްކަތްކުރެއެވެ. އ.ދ ގެ އަންހެނުންގެ ޖަމުއިއްޔާގެ އިންޑިއާ، ބޫޓާން، ޝްރީލަންކާ އަދި ދިވެހިރާއްޖެ ހިމެނޭ ސަރަހައްދީ އޮފީހަށްލަފާދޭ މަދަނީޖަމުއިއްޔާގެ އިސްތިޝާރީގުރޫޕުގައި 2015-2017 އަށް އޭނާ ޚިދުމަތްކުރިއެވެ. 
ހުމައިދާ އަކީ އުތެމަ ގެ ލިޔުންތެރިއެކެވެ.

 

Uthema