

03 ސެޕްޓެމްބަރ 2019
މާލެ، ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުން އައްޔަންކުރުން
ދިވެހިރާއްޖޭގެ ޝަރުޢީނިޒާމު ހަރުދަނާކޮށް އަދުލް އިންޞާފު ޤާޢިމުކުރުމުގައި ސުޕްރީމްކޯޓުގެ ދައުރު މިހާރަށްވުރެ ވަރުގަދަކުރުމަށްޓަކައި ޤާނޫނުއަސާސީގައިވާ މަރުހަލާތައް މެދުވެރިކޮށް ރައީސުލް ޖުމްހޫރިއްޔާ ނަންފޮނުއްވައި، ޖުޑިޝަލް ސާވިސަސް ކޮމިޝަނުން ލަފާދެއްވައި، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ބަލައިގަނެ، ރައްޔިތުންގެ މަޖިލިހުގެ ސާފު އަޣުލަބިއްޔަތުން ފާސްކޮށް، ދެ އަންހެން ފަނޑިޔާރުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް ޢައްޔަން ކުރެވިގެން ދިއުމަކީ މިއަދު ރާއްޖެއިން ފެންނާންއޮތް ޙަޤީޤީ ކުރިއެރުމެއްކަން މިޖަމްޢިއްޔާއިން ފާހަގަކުރަނީ އުފަލާއި އުންމީދުތަކަކާއި އެކުގައެވެ. އަދި މި ތާރީޚީ ބަދަލު ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމަށް ގެނައުމަށް ކުރައްވާފައިވާ މަސައްކަތަށް ކަމާބެހޭ ދައުލަތުގެ މުއައްސަސާތަކުގެ ރައްޔިތުންގެ ޚާދިމުންނަށާއި އެންމެހާ ރައްޔިތުންނަށް މިޖަމްޢިއްޔާއިން ހޫނު މަރުހަބާއެއް ކިޔަމެވެ.
މިއަހަރުގެ އޮގަސްޓު މަހުގެ 22 ވަނަދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަރާތްޕުޅުން ރާއްޖޭގެ ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް އަލްއުސްތާޛާ އަޒްމިރަލްދާ ޒާހިރު އާއި އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދުގެ ނަން ފޮނުއްވުމުން އެމަނިކުފާނުގެ އެ ތާރީޚީ ނިންމުމަށް މިޖަމުއިއްޔާއިން މަރުހަބާކީމެވެ. ދިވެހިރާއްޖޭގެ ޢަދުލް އިންޞާފުގެ ނިޒާމުގެ އެންމެ ދަށު މަރުޙަލާއިން ފެށިގެން އެންމެ މަތީ މަރުޙަލާގެ ކޯޓުގައި، ދިވެހި އަންހެނުންގެ ޙިއްޞާ އޮތުމަކީ، ދިވެހި ރާއްޖެއަށާއި ދިވެހި އަންހެނުންނަށް ލިބިގެންދާ ތާރީޚީ އަދި ހަރުދަނާ ކުރިއެރުމެއްކަމަށް މިޖަމްޢިއްޔާއިން ދެކެމެވެ.
މި ޖަމްޢިއްޔާއާއި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓެޖް ގުޅިގެން، މި އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހު، “ދަ ޖަޖް” ނުވަތަ “އަލްޤާޟީ” ނަމުގެ ފިލްމު ދެއްކުމާއި ޚިޔާލު ބަދަލުކުރުމުގެ ޙަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ ބޭފުޅުން ބައިވެރި ވެވަޑައިގަތުމަކީ މި ޖަމްޢިއްޔާއިން ވަރަށް އުފަލާއެކު ފާހަގަކޮށްފައިވާ ކަމެކެވެ. އަދި ޝަރުޢީ ދާއިރާ ހަރުދަނާ ކުރުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަކީ ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެއްކަމަށް ވުމާއިއެކު، ދިވެހިރާއްޖޭގެ އެންމެ މަތީ މަރުޙަލާގެ ކޯޓުގައި އަންހެނުންގެ ޙިއްޞާއާއި ބައިވެރިވުން ފެނިގެން ދިޔުމަކީ އުންމީދުން ފުރިގެންވާ ބަދަލެއްކަމާމެދު ޝައްކެއްނެތެވެ. އެހެންކަމުން މިއަދު، 03 ސެޕްޓެމްބަރ 2019 ވީ އަންގާރަ ދުވަހުއޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހާޒިރުވެތިއްބެވި 64 މެމްބަރުންގެ ތެރެއިން 62 މެމްބަރުންގެ ތާއީދާއިއެކު، ފުރިހަމަ އަޢުލަބިއްޔަތުން އަލްއުސްތާޛާ އަޒްމިރަލްދާ ޒާހިރު އާއި އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދުގެ ނަން ފާސްކުރެވުމާއި ގުޅިގެން އެ ދެފަނޑިޔާރުންނަށް މިޖަމްޢިއްޔާގެ ފަރާތުން މިފުރުސަތުގައި މަރުހަބާ ދަންނަވަމެވެ.
ދިވެހިރާއްޖޭގައި އަންހެން ފަނޑިޔާރުން ޢައްޔަނު ކުރެވުނުތާ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި އަންހެން ފަނޑިޔާރުން ހިމެނުމަކީ، ދިވެހި ތާރީޚުގައި އިންޞާފުގެ މަގުގައި ކުރިއަށް އެޅުނު ހަރުދަނާ ފިޔަވަޅެކެވެ. ދިވެހިރާއްޖޭގައި އަންހެން ފަނޑިޔާރަކު އަލަށް ޢައްޔަނު ކުރައްވާފައިވަނީ 2007 ވަނަ އަހަރު، ދަށު ކޯޓަށެވެ. އަދި އެއަށްފަހު ހައިކޯޓަށް އަންހެން ފަނޑިޔާރަކު ޢައްޔަނު ކުރައްވާފައިވަނީ 2010 ވަނަ އަހަރުއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމް މުޖުތަމައުތަކުގެ ކޯޓުތަކުގައި އަންހެން ފަނޑިޔާރުން އެބަތިއްބެވިއެވެ. މީގެތެރޭގައި ޖޯޑަން، ފަލަސްތީން، ބަނގްލަދޭޝް، ޕާކިސްތާން، އިންޑޮނީޝިޔާ އަދި މެލޭޝިޔާ ހިމެނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މެލޭޝިޔާގެ އުއްތަމަ ފަނޑިޔާރުގެ މަޤާމަށްމިއަހަރުގެ މެއިމަހު ވަނީ އަންހެން ބޭފުޅަކު ޢައްޔަނު ކުރައްވާފައެވެ.
މި ޖަމްޢިއްޔާގެ އެދުމަކީ، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި އަންހެނުންގެ ބައިވެރިވުން ދުވަހެއް ދުވަހަކަށް އިތުރުވުމެވެ.
މިޖަމްޢިއްޔާގެ އަބަދުގެ އުންމީދަކީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމަކީ އަންހެނުންގެ ހަމަހަމަ ޙިއްޞާ ލިބިގެންވާ، އިންސާފުވެރި، ނަޒާހަތްތެރި، ރައްޔިތުންގެ އިތުބާރާއި އިހުތިރާމް ލިބިގެންވާ އަދުލްވެރި ހަރުދަނާ ނިޒާމަކަށް ވެގެންދިއުމެވެ.
ނިމުނީ