ނޫސް ބަޔާން – 11 ފެބްރުއަރީ 2021 

ޖިންސީ އަނިޔާއާގުޅޭ 7 ދަޢުވާއެއް އުފުލިފައިވާ ޢަލީ ވަޙީދުގެ ޕާސްޕޯޓު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމާމެދު ޖަމްޢިއްޔާތަކުން ނެރޭ ނޫސް ބަޔާން


ޓޫރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުރެގެން، އެ މިނިސްޓްރީގެ ގިނަ ޢަދަދެއްގެ މުވައްޒަފުންނަށް ޖިންސީ އަނިޔާކުރިކަމުގެ 7 ދަޢުވާއެއް ކުރީގެ މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދުގެ މައްޗަށް އުފުލުމާ ގުޅިގެން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް 19 ޖަނަވަރީ 2021 ގައި ކްރިމިނަލް ކޯޓުން އަމުރުކޮށް، މައްސަލަތަކުގެ ޝަރީޢަތް ފެށުމަށްފަހު ޕާސްޕޯޓު ހިފެހެއްޓުމަށް ކުރި އަމުރު ބާޠިލުކުރުމަށް 9 ފެބްރުވަރީ 2021 ގައި އެކޯޓުން ނިންމި ނިންމުމާ މެދު މި ޖަމްޢިއްޔާތަކުން ނުހަނު ކަންބޮޑުވުން ފާޅުކުރަމެވެ.

ޢަލީ ވަޙީދުގެ މައްޗަށް އުފުލިފައިވާ ދަޢުވާތަކުގެ ތެރޭގައި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ ހިމެނޭއިރު، ރޭޕްކުރުމުގެ ކުށަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ޖިނާއީ ބޮޑު ކުށެއްކަން ފާހަގަކުރަމެވެ. މިފަދަ ބޮޑު ޖިނާއީ މައްސަލައެއް ހުށަހެޅިފައިވަނިކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ބޭނުންކަމަށް ބުނުމުން މެޑިކަލް ޑަކްޓަރެއްގެ ބަހަށް ބެލުމަށްފަހު، ޖާމިނުވާނެ ފަރާތެއް ޢަލީ ވަޙީދު ހުށަހެޅުމުން ޕާސްޕޯޓު ދޫކޮށްލީކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ. ފާއިތުވެދިޔަ ތަނުގައިވެސް ޢަލީ ވަޙީދު ހުރީ ދިވެހިރާއްޖޭގެ އިޙްތިޞާޞް ނުހިނގާ ގޮތެއްގެ މަތިން އިނގިރޭސިވިލާތުގެ އެސައިލަމް ލިބިގެން ކަމާއި، އަދި އޭނާއަށް ދިވެހިރާއްޖޭން ބޭރަށް ދިއުމުގެ ފުރުޞަތު ދީފިނަމަ، މިފަހަރުވެސް އޭނާ އެނބުރި ރާއްޖެއަށް ނުގެނެވިދާނެކަމުގެ އިޙުތިމާލު އޮތްކަން ކްރިމިނަލް ކޯޓަށް ތަޞައްވަރުކުރެވެންޖެހޭނެ ކަމަށްވާއިރު، އެންމެ ޑަކްޓަރެއްގެ ބަހަށް އެކަނި ބަލައި ދިވެހިރާއްޖޭން ބޭރުން ޢަލީ ވަޙީދަށް ބޭސްފަރުވާ ހޯދުމަށްޓަކައި އެއްވެސް ޓްރެވެލް ރެސްޓްރިކްޝަން ފިޔަވަޅެއް އެޅުމެއް ނެތި، މުތުލަޤު ގޮތެއްގައި އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަކީ މި ޖަމްޢިއްޔާތަކަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

މީގެ އިތުރުން، މިފަދަ ބޮޑު ޖިނާއީ މައްސަލައެއްގައި ޖާމިނުވާ ފަރާތެއް ބެހެއްޓުމުން ޕާސްޕޯޓް ދޫކޮށްލުމަކީ މީގެ ކުރިން ކޯޓުން ޢަމަލުކޮށްފައިވާ އުޞޫލަކަށް ނުވާއިރު މި މައްސަލައިގައި އެފަދައިން ޢަމަލުކޮށްފައިވުމަކީ، އަންހެނުންނަށް ކުރާ ޖިންސީ އަނިޔާ އަދި ރޭޕްގެ ކުށްތަކުގެ މައްސަލަތަކަށް އިންޞާފު ނުލިބިދާ މިންވަރަށް ބަލައި، މިފަދަ މައްސަލަތަކުގައި އިންޞާފު ޤާއިމްކުރުމަށް އެޅިގެންދިޔަ ނުހަނު ބޮޑު ހުރަހެއްކަން ފާހަގަކުރަމެވެ. ޖިންސީ އަނިޔާ ރާއްޖޭގައި ޢާންމުވެފައިވާ ނިސްބަތަށް ބަލާއިރު ރިޕޯޓުކުރެވެނީ ވަރަށް މަދުން ކަން ފާހަގަވާއިރު، ކްރިމިނަލް ކޯޓުގެ ނިންމުމަކީ، ޖިންސީ އަނިޔާގެ ޢަމަލުތައް ރިޕޯޓުކުރުމަށްވެސް އެޅިގެންދިޔަ ހުރަހެއްކަން މި ޖަމްޢިއްޔާތަކުން ނުހަނު ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

ޖިންސީ އަނިޔާގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި، އަނިޔާގެ ޢަމަލުތައް ރައްދުވާ ފަރާތްތަކަށް އިންޞާފު ޤާއިމްކޮށްދިނުމާއި، އިންޞާފް ޤާއިމްކޮށްދެވޭ ތަން ފެންނަންޖެހޭނެކަމަށް މި ޖަމްޢިއްޔާތަކުން ދެކެމެވެ. ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ނިންމާފައިވަނީ، ޖިންސީ ގޯނާގެ މައްސަލައެއް މަދަނީ މިންގަނޑުން ސާބިތުވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވާ މައްސަލައެއް ރައްދުވާ ޤާޟީއެއް ކަމަށްވާއިރު، ޖިންސީ އަނިޔާގެ މައްސަލަތަކަށް އެކަށީގެންވާ މިންވަރަކަށް ހޭލުންތެރިވެފައިނުވާ ފަނޑިޔާރުން މިފަދަ މައްސަލަތައް ބަލަމުންގެންދާތީ، ޖިންސީ އަނިޔާގެ ޢަމަލުތައް ރައްދުވާ ފަރާތްތަކަށް އިންޞާފު ލިބުމުގެ ފުރުޞަތު ވަރަށް ކުޑަކަން ނުހަނު ހިތާމައާއެކު މި ޖަމްޢިއްޔާތަކުން ފާހަގަކުރަމެވެ.

ކްރިމިނަލް ކޯޓުން މި މައްސަލައިގައި ކަންކޮށްފައިވާ ގޮތަކީ، ޢަލީ ވަޙީދުގެ ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ 13 އަންހެނުންނަށާއި ރާއްޖޭގައި ޖިންސީ އަނިޔާގެ ޝިކާރައަކަށް ކޮންމެ ދުވަހަކު ވަމުންދާ އަންހެނުންނާ ކުޑަކުދިންނަށްވެސް، ކޯޓާދޭތެރޭ އިތުބާރު ނެތިގެންދާނޭފަދަ ގޮތަކަށްކަމީ މި ޖަމްޢިއްޔާތަކުން ނުހަނު ކަންބޮޑުވާ ކަމެކެވެ. މީގެ އިތުރުން، މިފަދަ ނިންމުމެއްގެ ސަބަބުން ޖިންސީ އަނިޔާކުރާ މީހުންނަށާއި، ދައުލަތުގެ އިސް މަޤާމުތަކުގައި ތިބޭ ނުފޫޒާ މަޤާމުގެ ބާރު ނާޖާއިޒު ގޮތުގައި ބޭނުންކުރާ ފަރާތްތަކަށް ޤާނޫނުގެ ބާރު ނުފޯރާނެ ކަމަށް ދުށުމުގެ ފުރުޞަތު ބޮޑުވެ، ޖިނާއީ ކުށްތަކަށް އަރައިގަތުމަށް ހިތްވަރު ލިބިގެންދިއުމަށް ފަހިވާނެ ކަމަށްވެސް މި ޖަމްޢިއްޔާތަކުން ފާހަގަކުރަމެވެ. އެހެންކަމުން މިގޮތަށް ކޯޓަށް ކަންކުރަން ޖާގަލިބިދޭ އިދާރީ އަދި އިޖުރާއީ ބަލިކަށިކަން ފިލުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި މި ޖަމްޢިއްޔާތަކުން ދެކެމެވެ. އަދި ރާއްޖޭގެ ޝަރުޢީ ކޯޓުތަކާއި މުޅި ނިޒާމަކީ ހުރިހާ އެންމެންނަށްވެސް އިތުބާރުކުރެވޭ، ގަދަރު ލިބިގެންވާ ހަރުދަނާ ޚިދުމަތަކަށް ހެދުމަށްޓަކައި މި މައްސަލަ ހިނގާފައިވާގޮތް ފުރިހަމައަށް ބެލުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ގޮވާލަމެވެ. އަދި މައްސަލައިގައި އިހުމާލުވާ ފަރާތްތައް މިފަދަ ޒިންމާދާރު މަޤާމުތަކުގައި ތިބުމަކީ ރާއްޖޭގެ އަންހެނުންނަށް އިންޞާފު ލިބުމަށް އޮތް ހުރަހެއްކަމުން، މިކަމަށް އެކަށީގެންވާ ޙައްލެއް ހޯދުމަށްވެސް މި ފުރުޞަތުގައި ގޮވާލަމެވެ.

Uthema