މިމައުޟޫޢު ދިވެހިރާއްޖެއަށް ވަރަށް މުހިންމު މައުޟޫޢަކަށްވަނީ ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމު ގައުމަކަށް ވާތީވެއެވެ. ތަފާތު ޚިޔާލުތަކާއި ފިކުރުތަކުގެ ވަކިވަކި ފަރުދުން ދިވެހިރާއްޖޭގައި އުޅުނުނަމަހީވެސް، ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ލާޒިމުކުރަނީ ކޮންމެ ދިވެހި ރައްޔިތަކީ މުސްލިމަކަށްވުމެވެ. ޖެންޑާ އިކުއަލިޓީ ނުވަތަ މިންތީގެ ހަމަހަމަ ކަމުގެ ވާހަކަދެކެވޭ ކޮންމެ ހިނދަކުމެ، އެކަމާ ދެކޮޅަށް އެންމެ އަޑުހަރުކޮށް ދެކެވޭ އެއްވާހަކައަކީ، އިސްލާމް ދީނުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަ ނޫންވާހަކައެވެ. ނުވަތަ އިސްލާމީ އުސޫލުތަކުގެ ތެރެއިން އަންހެނުންނާއި ފިރިހެނުން ހަމަހަމަވާނެ އެއްވެސް ގޮތެއް ނެތްވާހަކައެވެ. މިފަލްސަފާގެ އަހުލުވެރިން ވަކާލާތު ކުރާގޮތުގައި އުފަންވާހިސާބުން ނުވަތަ ގުދުރަތީގޮތުން އަންހެނުންނާއި ފިރިހެނުންނަށް ވަނީ ވަކި ދައުރުތަކެއް ކަނޑައެޅިފައެވެ. މިގޮތުން ފިރހެނުންނަކީ، އަންހެނުންގެ މައްޗަށްވާ ސާހިބުންތަކެއްގެ ގޮތުގައި ގަބޫލުކުރެއެވެ. އަދި އަންހެނުންނަކީ ފިރިހެނުންނަށްވުރެ އުނި ބައެއްގެ ގޮތުގައި ގަބޫލުކުރެއެވެ. މިގޮތުން ބުއްދީގެގޮތުން އަދި ދީނީގޮތުންވެސް އަންހެނުން އުނިކަމުގައި ގަބޫލުކުރެއެވެ. ބުއްދީގެ ގޮތުން އަންހެނުން އުނިކަމަށް ދެކޭމީހުން، އެކަމުގެ ހުއްޖަތެއްގެ ގޮތުގައި ދައްކަނީ ހެކިބަސް ދިނުމުގައި އަންހެނުންނާ ފިރިހެނުންގެ ހެކިބަހުގެ ބުރަދަން ތަފާތުވާ ސަބަބަކީ، އެއީ އަންހެނުން ބުއްދީގެގޮތުން އުނިވާތީ ކަމަށެވެ. އަދި ދީނީގޮތުން އުނިވާކަމުގައި ބުނަނީ އަންހެނާގެ ހައިޞުގެ ދުވަސްވަރު ނަމާދުކުރުމުން އަންހެނާ ދުރުވާން ޖެހޭތީއެވެ.

މިގަބޫލުކުރުންތަކާ ގުޅުވައިގެން، މިފަލްސަފާ ގަބޫލުކުރާ ފަރާތްތަކުން ވަކާލާތުކުރަނީ މުޖުތަމައުގައި އަންހެނުންގެ ދައުރު އޮންނަންޖެހެނީ އަންބެތްގެ ހައިސިއްޔަތާއި މައެއްގެ ހައިސިއްޔަތުގެ ތެރޭގައިއެކަނިކަމަށެވެ. މާނައަކީ، އަންހެންކުއްޖަކު ވީއެންމެ އަވަހަކަށް މީހަކާދެވައި، ބަފައެއްގެ ބެލުމުގެ ދަށުން ފިރިއެއްގެ ބެލުމުގެދަށަށް އެއަންހެންކުއްޖަކު ބަދަލުކުރުވުމެވެ. އޭގެފަހުން، ދަރިމައިވެ، ދަރިންލިބި، ދަރިންބެލުމުގެ އެންމެހައި ޒިންމާތައް އެއަންހެނެއްގެ ޒިންމާއެއްގެ ގޮތުގައި ކަނޑައެޅިގެންދިޔުމެވެ. މިކަނޑައެޅޭ ދައުރުތަކުގެ އަލީގައި، މުޖުތަމައުގެ ތެރޭގައި އަންހެނާގެ ދައުރު އިތުރަށް ކަނޑައެޅިގެންދަނީ މިކަންކަމާ ގުޅުވައިގެންނެވެ. ބޭރުތެރެއަށް އަންހެނަކު ނިކުމެ އުޅެންވާނީވެސް މިކަންކަމާގުޅުވައިގެން، ނުވަތަ މިދައުރުތަކަށް ބުރޫނާރާނެ ގޮތަށެވެ. މިސާލަކަށް އަންހެނަކު ވަޒީފާއަށް ދާންވާނީވެސް ފިރިމީހާގެ އިޒުނަލިބި، ގޭތެރޭގެ ކަންކަން ފުރިހަމަ ކުރުމަށްފަހުއެވެ. އަދި، ދަރިޔަކު ލިބިއްޖެނަމަ، ވަޒީފާއިން ވަކިވެ، ގޭގައި މަޑުކޮށް، ދަރިންބެލުމުގެ ފުރިހަމަ ޒިންމާ ނަގަންޖެހެނީވެސް އަންހެނުންކަމެވެ.

މިއީ ދީނީ ފަލްސަފާއެކެވެ.
އެހެންނަމަވެސް މިއީ ހަމައެކަނި އޮތް ފަލްސަފާއެއްނޫނެވެ.

މިއީ ދީނީ ފަލްސަފާއެކެވެ. އެހެންނަމަވެސް މިއީ ހަމައެކަނި އޮތް ފަލްސަފާއެއްނޫނެވެ. ދީނީގޮތުން، އަންހެނާގެ ދައުރާބެހޭގޮތުން އޮތީ އެންމެ ރައުޔެއް ނޫނެވެ. ގިނަ ފަލްސަފާތަކެއް، ގިނަ ރައުޔުތަކެއް އެބަހުއްޓެވެ. މި ހިއްސާކޮށްލެވުނު ފަލްސަފާއާ ދެކޮޅަށް ވަކާލާތުކުރާ ރައުޔުތަކެއްވެސް އެބަހުއްޓެވެ. މާނައަކީ، އަންހެނާގެ ހަށިގަނޑުގެ ތަބީއީ ނުވަތަ ގުދުރަތީ ކަންކަމާ، މުޖުތަމައުގައި އަންހެނާގެ ދައުރާ ސީދާ ގުޅުމެއް އޮތުމަށް ދީން ލާޒިމު ނުކުރާކަމަށް އޮންނަ ރައުޔެވެ. މިފަލްސަފާއަށް ބުރަވާ އިލްމުވެރިން ވަކާލާތުކުރާ ގޮތުގައި ގުދުރަތީ ގޮތުން އަންހެނާގެ ދަރިމައިވުމުގެ ގުނަވަންތައް ލައްވަވާފައި ވީނަމަވެސް، އެކަމާ ގުޅިގެން ފިރިހެނާގެވެސް ޒިންމާތަކެއް ވެއެވެ. އެއީ، ދަރިން ތަރުބިއްޔަތު ކުރުމުގައި އަންހެނާއެކޭ އެއްފަދައިން ފިރިހެނާވެސް ބައިވެރިވާންޖެހޭ ވާހަކައެވެ. މިއުސޫލުން، ދަރިންބަލައި ތަރުބިއްޔަތު ކުރުމުގެ ޒިންމާއަކީ ދެމީހުންގެވެސް ޒިންމާއަކަށްވީހިނދު، އަންހެނާ ގޭތެރޭގެ އެންމެހައި ކަންކަމާ ޝާމިލުވެ، ދަރިންބެލުމުގެ ހުރިހާ ޒިންމާއެއް އަދާކުރުން ދިނީގޮތުން ލާޒިމެއްނޫނެވެ.

މުޖުތަމައުގައި ވަކިބަޔަކު އެކަހެރި ކުރެވި، ވަކި ބަޔަކު ނިކަމެތި ވެގެންދާނެ އެންމެހައި ގަބޫލުކުރުންތަކަކީ އިސްލާމް ދީން އެކަންކަމާ ތައާރުޒުވާ ކަންކަމެވެ.

އަދި، މިބަޔާންކުރި ފަލްސަފާގެ އަލީގައި، މުޖުތަމައުގެ އެންމެހައި ކަންކަމުގައި އަންހެނުން ޝާމިލުވެ އުޅުމަކީ ދީނުގެ އެއްވެސް އުސޫލަކާ ތައާރުޒުވާ ކަމެއްނޫނެވެ. އަދި މިފަލްސަފާގެ ތެރޭގައި ދީނުގެ ކަންކަން ދެ އުސޫލަކުން ފާހަގަކުރެވެއެވެ. އެއްކަމަކީ، އެންމެހައި ޒަމާންތަކަށް ވާސިލުވެގެންދާ ދީނީ އުސޫލުތަކެވެ. ފަހުން މިހިއްސާކުރި ދީނީ ފަލްސަފާ ބަލައިގަންނަ އިލްމުވެރިން ވަކާލާތުކުރާ ގޮތުގައި ހަމަހަމަކަމާއި ސުލްހަވެރިކަންފަދަ ސިފަތަކަކީ އިސްލާމް ދީނުގެ އާލަމީ ސިފަތަކެވެ. ދެވަނަކަމަކީ، ދިރިއުޅުމުގެ ކަންކަމަކީ ދިރިއުޅުމުގެ ހާލަތާއި ވަގުތަށް ރިއާޔަތްކުރެވި ކަނޑައެޅޭ ކަންކަމެވެ. އެއީ އިސްލާމީ ފިގުހެވެ. ކީރިތި ގުރުއާނާއި، ހަދީސުތައް މާނަކުރެވިގެން އަންނަނީ މިބުނި، ދެވަނަ އުސޫލުގެ ތެރެއިންނެވެ. އެހެންކަމުން، ކޮންމެ ވަގުތަކަށްވެސް، ކޮންމެ ޒަމާނަކަށްވެސް އިސްލާމް ދީން ދަސްކޮށްދޭ، އަދި އިސްލާމް ދީން ލާޒިމުކުރާ ކަންކަމަކީ ދީނުގެ އާލަމީ ސިފަތަކެވެ. މިފަދަ ބައެއް ސިފަތަކަކީ ހަމަހަމަކަމާއި ސުލްހަވެރިކަމާއި އިހުސާންތެރިކަންފަދަ ކަންކަމެވެ. އެހެންކަމުން، މުޖުތަމައުގައި ވަކިބަޔަކު އެކަހެރި ކުރެވި، ވަކި ބަޔަކު ނިކަމެތި ވެގެންދާނެ އެންމެހައި ގަބޫލުކުރުންތަކަކީ އިސްލާމް ދީން އެކަންކަމާ ތައާރުޒުވާ ކަންކަމެވެ. މިގޮތުން، އަންހެނުންނަށް އަނިޔާވެރިވުމާއި، ގަދަކަމުން ގޭގައި ބޭތިއްބުމާއި، ދަރިންބެލުމުގެ ހުރިހާ ޒިންމާއެއް ބޮލުއެޅުވުމާއި، ވަޒީފާއަށް ދިޔުމުން މަހުރޫމު ކުރުވުމާއި، މާލީގޮތުން ނިކަމެތި ކުރުމާއި، މިފަދަ އެނޫންވެސް އެންމެހައި ކަންކަމަކީ އިސްލާމް ދީނުގެ އާލަމީ ސިފަތަކާ ޚިލާފު ކަންކަމެވެ. އަދި، މި ފަލްސަފާގެ އަލީގައި، މުޖުތަމައުގެ އެންމެހައި ކަންކަމުގައި އަންހެނުންނަށްވެސް، އަދި ފިރިހެނުންނަށްވެސް ޝާމިލުވެވޭނެއެވެ. އަންހެނަކަށް ވީތީތެ ވަކި މަސްއޫލިއްޔަތެއް މަތިނުކުރެވޭނެ ފަދައިން، ވަކި މަސްއޫލިއްޔަތަކުން މަހުރޫމުވެސް ނުކުރެވޭނެއެވެ.

ހަމައެހެންމެ، އަންހެނުންނަކީ، ފިރިހެނުންނަށްވުރެ ނިކަމެތި، ދެރަ އަދި ވިސްނުންކޮށި ބައެއްގެގޮތުގައިވެސް ބެލެވޭކަށް ނެތެވެ. އެހެނީ، ތައުބާ ސޫރަތުގެ 71 ވަނަ އާޔަތުގައި ވަނީ މިފަދައިންނެވެ: وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ. މާނައަކީ، މުއުމިނު ފިރިހެނުންނާއި މުއުމިނު އަންހެނުންނަކީ އެއްބަޔަކު އަނެއްބަޔަކަށްވާ އެކުވެރިންތަކެކެވެ. އަދި މީގެއިތުރުންވެސް، ގުރުއާނުގެ އެތަކެއް އާޔަތެއްގައި އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަކަމުގެ މައްޗަށް އަލިއަޅުވާލެވިފައިވެއެވެ. މިފަދަ އާލަމީ ސިފަތައް ބަޔާންކުރާ އާޔަތްތަކުގައި އަންހެނުުންނާއި ފިރިހެނުން ތަފާތުކަމަށް، ނުވަތަ އެއްބަޔަކު، އަނެއްބަޔަކަށް ވުރެ، ބުއްދީގެ ގޮތުންވިޔަސް ނުވަތަ ދީނީ ގޮތުންވިޔަސް ނިކަމެތި ކަމަށް ބަޔާންކުރެވިފައި ނުވެއެވެ. އެހެންކަމުން، އިސްލާމީ ނަޒަރަކުން ވިސްނާލާއިރު، އަންހެނުންނާއި ފިރިހެނުންނަށް ވެސް މުޖުތަމައުއިން ތަފާތު ކުރުމެއްނެތި ޖާގަ ދެވެން ޖެހެއެވެ. އިޖުތިމާއި، ސަގާފީ، ސިޔާސީ، އަދި މާލީ ކަންކަމުގައި ބައިވެރިވުމާއި، އެފަދަ ކަންކަމުން މަންފާ ލިބުމުގައި ހަމަހަމަކަން ކަށަވަރު ކުރަންޖެހެއެވެ.

އިބްރާހީމް ޠައްޔިބު އަކީ މިންތީގެހަމަހަމަކަމަށް ވަކާލާތުކުރާ، ދިވެހިރާއްޖޭގެ އިޖުތިމާއީ ދާއިރާގައި މިންތީގެހަމަހަމަކަމާއި ގުޅުންހުރިއެކި މައުލޫއުތަކަށް ތަމްރީނުދިނުމާއި އަހުލުވެރިކުރުމުގެ ޕްރޮގްރާމުތަކުގެ އެތަކެއްއަހަރުގެ އަމަލީތަޖުރިބާ ލިބިފައިވާ، އަދި މަދަނީޖަމުއިއްޔާގެ ދާއިރާގައި މިހާރުވެސް ޚިދުމަތްކުރަމުންދާ ފަރާތެކެވެ. ޠައްޔިބު އަކީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ދާއިރާއިން އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސިޑްނީ އިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތެކެވެ. އަދި ޠައްޔިބު ދިރާސާ ކުރުމުގެ ދާއިރާއިން ޝައުގުވެރިކަން ހުންނަނީ މިންތީގެ ހަމަހަމަކަމާއި އިސްލާމްދީނާ ގުޅޭގޮތުން ދިރާސާކުރުމަށެވެ.

ތައްޔިބު އަކީ އުތެމަ ގެ ލިޔުންތެރިއެކެވެ.

Uthema