ހދ. ކުޅުދުއްފުށީގެ ކުޅި ހިއްކުމާބެހޭގޮތުން ކަންބޮޑުވުން

ހދ. ކުޅުދުއްފުށީގެ ކުޅިހިއްކާ ދިވެހިރާއްޖޭގެ މި ޤުދުރަތީތަރިކަ އެއާޕޯޓެއް އެޅުމަށްޓަކައި ދާއިމަށްނެތިދާނެފަދަ ސިޔާސަތެއް ސަރުކާރުން ކުރިއަށް ގެންދިއުމަށްހަމަޖެހިފައިވުމަކީ މިޖަމުއިއްޔާތަކުން ނުހަނުކަންބޮޑުވާ ކަމެކެވެ.

ކުޅުދުއްފުށީގެ ކުޅިއަކީ ހަމައެކަނި އެރަށުގެ ތަރިކައެއްނޫންކަމާއި އެއީ މުޅިރާއްޖެއަށް މުހިންމު ޤައުމީތަރިކައެއްކަންވެސް ފާހަގަކުރަމެވެ.
އަދި ދިވެހިރާއްޖޭގެ ތަރައްޤީއަކީ ޤައުމުގެ ނާޒުކުތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓެނިވި ތަރައްޤީގެ މަފްހޫމުގެ ހަމަތަކާއި އިމުގެތެރޭގައި ހިންގަންޖެހޭނެ ތަރައްޤީއެއްކަން ޤަބޫލުކުރާ ހިނދު، ތިރީގައިވާ ނުކުތާތައް ފާހަގަކުރަމެވެ.

1) ކުޅުދުއްފުށީ ކުޅިއަކީ އެރަށުގެ އެތަށް އަންހެނުންނެއްގެ ދިރިއުޅުމާއި އާމުދަނީ އެތަނުގެމައްޗަށް ބިނާވެފައިވާ ތަނެކެވެ. ޒަމާނުއްސުރެ އެރަށުގެ އަންހެނުން އެކުޅިބޭނުންކުރަމުންދަނީ ބޮނބިފާކޮށް ރޯނުވެށުމާއި ބުރެވިކޮށުމުގެ ތިމާވެއްޓާއި ރައްޓެހި އަގުހުރި މަސައްކަތްތަކެއް ކުރުމަށެވެ. ކުޅިހިއްކާ ނައްތާލުމުން އެމީހުނަށް އިޔާދަނުކުރެވޭނެ އާމުދަނީގެ ދަތިކަން އިހުސާސުވާނެކަމުގެ ބިރުއޮތްކަން ފާހަގަކުރަމެވެ. އަދި ދެމެހެއްޓެނިވި ގޮތަކަށް އާމުދަނީހޯދޭނެ މަަގުބަންދުވުމުން ކުރުރާސްތާގައި ދެވޭ ބަދަލަކުން ފޫނުބެއްދޭނެގެއްލުން ދުރުރާސްތާގައި ލިބޭނޭކަންވެސް ފާހަގަކުރަމެވެ. މީގެ އިތުރުން މިފަދަ ސިޔާސަތުތައް ކަނޑައަޅާއިރު އޭގެނޭދެވޭއަސަރުކުރާނެ އަންހެންމަސައްކަތްތެރިންގެ ޙިޔާލާއި މަޝްވަރާ ހޯދިފައިނުވާކަންވެސް ހިތާމައާއިއެކު ފާހަގަ ކުރަމެވެ.

2) ކުޅުދުއްފުށީ ކުޅިއަކީ ދިވެހިރާއްޖޭގައި އޮތް އެންމެބޮޑު މަށިކުޅި ކަމަށްވާއިރު އެއީ ތާރީޙީ އަދި ހިމާޔަތްކުރަންޖެހޭ އަގުހުރި ޤައުމީ ޤުދުރަތީ ތަރިކައެއްވެސްމެއެވެ. ދުނިޔޭގެ ފެންވަރުގައި ކުޅީގެތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ޖަމުއިއްޔާއެއްކަމުގައިވާ އައި. ޔޫ. ސީ. އެން ގެ ނެތިހިނގައިދާނެކަމުގެބިރު ފާހަގަކުރާ ރަތްލިސްޓުގައި ހިމެނޭ 8 ގަހުގެބާވަތް މިކުޅީގައި ހުރެއެވެ.
މީގެއިތުރުން މިކުޅިއަކީ ދުނިޔޭގެއެހެންކަންކޮޅުތަކުން ހިޖުރަކުރާދޫނީގެ މަންޒިލަކަށް ވާހިނދު، ކުޅީގެމުހިންމުކަން އޮތީ ހަމައެކަނި ދިވެހިރާއްޖެއަށް ނޫންކަންވެސް ފާހަގަކުރަމެވެ.
މިކަންކަމުގެ އިތުރުން ގަދަމޫސުމުގައި މަސްއުފެއްދުމުގެ ފުރުސަތުއޮތަތީ މިކުޅީގެ ވަސީލަތުން ރަށުގެމީހުނަށް މަންފާލިބިފައިވެއެވެ. މިއީ ރަށުގައި ކާބޯތަކެތީގެ ދަތިކަންދިމާވެދާނެ (ފޫޑް އިންސެކިއުރިޓީ) ހާލަތެއްގައި މީހުނަށް ބޭނުންކުރުމުގެ ފުރުސަތުއޮތް ވަސީލަތެއްވެސްމެއެވެ. މިހަޤީގަތްތަކުގެ އަލީގައި ހިތާމައާއިއެކު ފާހަގަކުރަންޖެހެނީ ކުޅީގެ ވަސީލަތް މުޅިން ނެތިދިއުމުން ދެމެނެހެއްޓެނިވި ގޮތެއްގައި ލިބެންހުރި ޤުދުރަތީ މަންފާތަކަކުން ރަށުގެ ރައްޔިތުން ދާއިމަށް މަހުރޫމުވެގެންދާނެ ކަމެވެ.

3) ކުޅުދުއްފުށީގެ ޤުދުރަތީ ކުޅިއަކީ އެރަށުގެ ތިމާވެށީގެ ރައްކާތެރިކަމާއިގުޅިފައިވާ އަސާސީ ގުނަވަނެކެވެ. ވަށައިގެންވާކަނޑާއި އޮޔާއި މޫސުމީބަދަލުތަކުން މުޅިރަށާއި ރަށުގެ ފެންފަށަލައިގެ ނިޒާމު ހިމާޔަތްކުރާ ޤުދުރަތީ ވަސީލަތަކީ މިކުޅިއެވެ. 2004ގެ ސުނާމީފަދަ ނުރައްކާތެރި ޤުދުރަތީކާރިސާއެއް މާދަމާހިނގިނަމަވެސް ރަށުގެސަލާމަތީ ނިޒާމަކަށްއޮތީ މިމުހިންމު ވަސީލަތެވެ. އަދި މޫސުމީވިއްސާރައިން ރަށުގައި ފެންބޮޑުވުމުގެ ހާލަތުން ސަލާމަތްކޮށް ރައްކާތެރިކޮށްދޭ މުހިންމު ގުނަވަނަކީވެސް މިކުޅިއެވެ.

4) ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ބައިނަލްްއަޤުވާމީ އެކި ފޯރަމްތަކުގައި ދިވެހިރާއްޖެވަނީ އެކިވައުދުތައް ވެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގެ އެއްލަނޑުދަނޑިއަކީ މުޅިރާއްޖެ ބައޯސްފިއަރ ރިޒާވް އަކަށް ހެދުމެވެ. އަދި 2015 ގެ ކޮޕް 21 ބައްދަލުވުމުގެ ޕެރިސް އެގްރީމެންޓުގައިވެސް ރާއްޖެވަނީ ބައިވެރިވެފައެވެ. މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތްކަން ހޯދުމަށާއި ތިމާވެށި ހިމާޔަތްކުރުމާއި ރައްކާތެރިކުރުމަށް ވަކާލާތުކުރަން، އެހެންއަހަރުތަކެކޭވެސް އެއްފަދައިންް، 2017 ގެ ކޮޕް 23 ގެ ބައްދަލުވުމުގައި އަންނަ ނޮވެމްބަރު މަހު ރާއްޖެއިން ބައިވެރިވާނެ ކަމަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން ތިމާވެށި ރައްކާތެރިކުރުމުގެ އިސްސަފުގައި ވަކާލާތުކޮށް ބަސްވިކޭ ޤައުމަކަށް ރާއްޖެއަށް ވެވޭނީ ރާއްޖޭގެތިމާވެށި އަމަލީގޮތުން ހިމާޔަތްކުރާކަމުގެ މިސާލުދައްކައިގެންކަމަށް ޤަބޫލުކުރަމެވެ.
މީގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ބަލާއިރު ކުޅުދުއްފުށީ ގެ ކުޅި ހިއްކުމަކީ އެރަށުގެ ދެމެހެއްޓެނިވި ކުރިއެރުމަށް ސީދާގޮތުންނާއި ނުސީދާގޮތުން ނޭދެވޭ ބޮޑެތި އަސަރުތަކެއްކުރާނެ ކަމެކެވެ. މިކަމާގުޅުންހުރި ލަނޑުދަނޑި ތަކުގެތެރޭގައި 5، 9، 10، 11، 12، 13، 14 އަދި 15 ހިމެނޭކަން ފާހަގަކުރަމެވެ.

ކަންމިހެން އޮތްއިރު، ކުޅިހިއްކުމާއިގުޅޭގޮތުން ތިމާވެށީގެ ހާލަތުދެނެގަތުމުގެ ރިޕޯޓެއްގެ (އީ. އައި. އޭ) ހޯދުންތަށް ރައްޔިތުންނާއި ހިއްސާކޮށް މަޝްވަރާކުރުމުގެ ފުރުސަތު މިހާތަނަށް ލިބިފައިނުވާ ކަމީވެސް މިޖަމުއިއްޔާތަކުގެ ކަންބޮޑުވުމެކެވެ. އެހެންކަމުން ކުޅުދުއްފުށީ ކުޅި ދާއިމަށްފަނާކުރަނިވި ވިސްނުމެއްގައި ތަރައްޤީގެ ނަމުގައި އިޔާދަނުކުރެވޭނެފަދަ ގެއްލުން ލިބޭނެގޮތަކަށް، އަދި ދެމެހެއްޓެނިވި ތަރައްޤީގެ އިމުންބޭރު ސިޔާސަތަކުން ދުރަށްދިއުމަށް ސަރުކާރަށާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް މިޖަމުއިއްޔާތަކުން އިލްތިމާސްކޮށް ގޮވާލަމެވެ.

23 އޮކްޓޯބަރ 2017 / 03 ސަފަރު 1439

ލިޔުން – ކިޔުން

Do NOT follow this link or you will be banned from the site!