23 އޭޕްރިލް 2025
ނޫސްބަޔާން
ޔާމީން ރަޝީދުގެ ގަތުލު – ތަހުގީގުގެ ހޯދުންތައް ހާމަ ނުކުރުމަކީ އިތުބާރު ގެއްލޭ ކަމެއް.
ޔާމީން ރަޝީދު މާލޭގައި ދިރިއުޅުނު ގޭގެ ސިޑި ކައިރީގައި ގަތުލުކޮށްފައި އޮއްވާ ފެނުނުތާ މިއަދަށް 8 އަހަރު ފުރިހަމަވީއެވެ. ޔާމީން ރަޝީދަކީ އިންސާނީ ހައްގުތައް ދިފާއުކުރުމަށް މަސައްކަތްކުރި އަދި ލިޔުންތެރިކަމަށް މަޝްހޫރު ޒުވާނެކެވެ. އޭނާ ގަތުލުކުރުމުގެ ކުރިން ތަކުރާރުކޮށް އޭނާއަށް ބަޔަކު މަރުގެ އިންޒާރުތައް ދީފައިވާ މައްސަލަ ރިޕޯޓުކުރުމުންވެސް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެކަން ވަނީ ގަސްތުގައި އަޅައިނުލައި ދޫކޮށްލައިފައެވެ.
މަރުތަކާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަ ބެލުމަށް އުފެއްދި ކޮމިޝަން (ޑީ.ޑީ.ކޮމް) ގެ ތަހުގީގުގެ ހޯދުންތައް އާއިލާތަކާއި އާއްމުންނަށް ހާމަކޮށްދޭނެކަމަށް ކޮށްފައިވާ ވައުދު ފުރިހަމަކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު އާއި ދައުލަތުގެ ބަންޑާރަނާއިބު އަޙްމަދު އުޝާމްއަށް ގުޅިގެން މި ބަޔާން ނެރޭ ޖަމާއަތްތަކުން ގޮވާލަމެވެ. މީގެ އިތުރުން، ޔާމީން ރަޝީދުގެ ގަތުލުގެ މައްސަލައިގައި އިންސާފަށް ހުރަސް އަޅާ އެންމެހައި ފަރާތްތައް ތަހުގީގުކޮށް، އެފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށްވެސް ސަރުކާރަށް ގޮވާލަމެވެ.
ޑީ.ޑީ.ކޮމް އުފައްދާފައިވަނީ ރިޔާސީ ކޮމިޝަންތަކާބެހޭ ގާނޫނުގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހެވެ. އެކޮމިޝަނާ ހަވާލުކޮށްފައިވާ 27 މައްސަލަ ހިމެނޭހެން، ޔާމީން ރަޝީދުގެ ގަތުލުގެ މައްސަލައިގައިވެސް ކޮމިޝަނުން ވަނީ އެއްވެސް މީހަކު އިންސާފުގެ ކުރިމައްޗަށް ނުގެނެވިފައެވެ. 2024 ގެ މޭމަހުގައި އެކޮމިޝަންގެ ދައުރު ނިންމާލިއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންގުމެއްކަމަށް ބުނެ، އަނިޔާ ލިބުނު މީހުންގެ އާއިލާތަކާއި މަދަނީ ޖަމްއިއްޔާތަކަށް ކޮމިޝަންގެ ތަހުގީގުގެ ހޯދުންތައް ހާމަކުރުމަށް ވަނީ އިންކާރުކޮށްފައެވެ. ރައީސް މުއިއްޒު ޑީ.ޑީ.ކޮމް އުވައިލެވުމަށްފަހު ސަރުކާރުން ވަނީ އެކޮމިޝަންގެ ރިޕޯޓު އާއްމުކުރާނެކަމުގެ ޔަގީކަން އާއްމުންނަށް ދީފައެވެ.
ސަރުކާރުތަކުންނާއި ސިޔާސީ ފަރާތްތަކުން ވަނީ ޔާމީން ރަޝީދުގެ ގަތުލާއި އަހުމަދު ރިލްވާން އަބްދުﷲ ގަދަކަމުން ގެއްލުވައިލި މައްސަލަތަކުގެ ނާޖާއިޒު ސިޔާސީ ފައިދާއިން އިންތިހާބުތަކުގައި ވޯޓު ހޯދުމަށް އެ މައްސަލަތައް ބޭނުންކޮށްފައެވެ. ފާއިތުވީ 8 އަހަރު ދުވަހު މަދަނީ ޖަމާއަތްތަކުން އެދިފައިވާ ކަންތައްތައް ތަކުރާރުކުރަމުން ކުށް ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލަމެވެ.
![Press cover [En] Uthema Maldives](https://uthema.org/wp-content/uploads/Press-cover-En-Uthema-Maldives-300x225.png)










![Rising above the cracks [Uthema Maldives]](https://uthema.org/wp-content/uploads/Rising-above-the-cracks-Uthema-Maldives-300x225.jpg)







![Jaaaga eh neiy-protest [Refty credit] uthema](https://uthema.org/wp-content/uploads/Jaaaga-eh-neiy-protest-Refty-credit-960-300x225.jpg)

































































