Open letter Uthema Maldives
Joint Press Statement of CSOs [logos]

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމާއި ބެހޭ ތަހުގީގުގައި ޤާނޫނުއަސާސީއަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމަށް ރައްޔިތުންގެ މަޖިލީހަށް ގޮވާލައި، މަދަނީ ޖަމްއިއްޔާތަކުން ނެރޭ ބަޔާން

07 މެއި 2025


ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ބާރު ހީނަރުކޮށް، އެ ބާރަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަށްޓަކައި މިހާރު ކުރެވެމުން މިދާ ކަންކަމާއި މެދު ތިރީގައި ބަޔާންކޮށްފައިވާ މަދަނީ ޖަމިއްޔާތަކުން ނުހަނު ކަންބޮޑުވުން ފާޅުކުރަމެވެ. މި އާދިއްތަ ދުވަހު ޖުޑިޝަލް ސަރވިސަސް ކޮމިޝަން (ޖޭ.އެސް.ސީ) އިން ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރު އަދި ފަނޑީޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރުމަށް ހުށަހެޅުމަށް ނިންމުމުން އަނެއްކާވެސް ހާމަވެގެން ދަނީ އެކަށީގެންވާ ގޮތެއްގައި އިޖްރާތުއް ނުހިފެހެއްޓޭކަމާއި، ފަނޑިޔާރުންނަށް އިންސާފުވެރި ގޮތެއްގައި ދިފާއުވުމުގެ ފުރުސަތު ދެވިފައި ނުވާކަމާއިި، އަދި މިނިންމުމުގެ ސަބަބުން ދިވެހިރާއްޖޭގައި ޝަރުއީ މުސްތަޤިއްލުކަމަށާއި، ޤާނޫނުގެ ވެރިކަމާއި، ދައުލަތުގެ ބާރުތައް ވަކިވެފައި ހުރުމަށް ކުރާނެ އަސަރުތައް ހިމެނޭކަމެވެ.
26 ފެބުރުއަރީ 2025ގައި ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު ސަސްޕެންޑް ކުރެވިފައިވަނީ ޤާނޫނުއަސާސީއަށް ގެނެވުނު 6 ވަނަ އިޞްލާޙުގެ ދަށުން އެންޓި ޑިފެކްޝަން މާއްދާތައް އިތުރުކުރެވިފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް ހަމަ އެދުވަހަށް ތާވަލުކުރެވިފައިވަނިކޮށެވެ. މިއާ އެކު، ސުޕްރީމް ކޯޓުގެ ފަޑިޔާރުންގެ އަދަދު 7 އިން 5 އަށް ކުޑަކުރުމަށް ޤާނޫނު އިސްލާހުކުރުމަށް މަޖިލިހުން ފާސްކުރުމާއި، ޑރ. އަޒްމިރަލްދާ ޒާހިރާއި އަލްއުސްތާޛު މަހާޒް ޢަލީ ޒާހިރުގެ މައްޗަށް އުފުލާފައިވާ ބާރުގެ ނުފޫޒު ބޭނުންކުރުމުގެ ތުހުމަތުތައް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާ، އެމައްސަލަ ބަލަން ފެށިގެން އައި ދަނޑިވަޅާއި، މައްސަލަ އަވަސްކުރެވިގެން ދިޔަ ގޮތުން، މިކަންކަމަކީ ރޭވިގެން ޝަރުޢީ ދާއިރާ ހިޞާރުކޮށް ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވާކަމުގެ ކަންބޮޑުވުންތައް ރައްޔިތުންގެ މެދުގައި އިތުރުވާ ކަމެކެވެ.
ސަރުކާރުން ބިރުދެއްކުމާއި، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާކަމަށްބުނެ ފަނޑިޔާރުު ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، ތިން ފަނޑިޔާރުންވެސް ވަނީ ޖޭ.އެސް.ސީގެ ތުހުމަތުތަކާއި ދެކޮޅުހައްދަވާފައެވެ. 4 މެއި 2025 ވަނަ ދުވަހު ބާކީ ތިބި ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ނިންމި ނިންމުން އިއުލާނު ކުރުމުގެ ކުރިން، ޖޭ.އެސް.ސީއަށް ހާޒިރުވެ މި ނިންމުމާމެދު އެކަށީގެންވާ ގޮތެއްގައި ދިފާއުވުމުގެ ފުރުސަތު މިދެ ފަނޑިތޔާރުންނަށް ލިބިފައިވާކަމަކަށް މި ޖަމްއިއްޔާތަކުން ނުދެކެމެވެ.
އަދި އަވަސް އަރުވާލައިގެން ނިންމުންތައް ނިންމުމާއި، އެކަށީގެންވާ ގޮތެއްގައި ދިފާއުވުމުގެ ހައްގު ނުލިބުމާއި، ޖުމްލަގޮތެއްގައި ޖޭ.އެސް.ސީގެ މަސައްކަތްތަކުގައި ހާމަކަންނެތުމުގެ ސަބަބުން އިޖްރާއަތުތައް ހިފެހެއްޓުމާމެދު ޤާނޫނީީ ގޮތުން ސުވާލު އުފެދެއެވެ. އެހެންކަމުން، ރައްޔިތުންގެ މަޖިލީހާއި، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް މިޖަމްއިއްޔާތަކުން ގޮވާލަމެވެ.
• ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ސަސްޕެންޑް ކުރުމަށް ޖޭ.އެސް.ސީ އިން ނިންމި ނިންމުމާއި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރުމަށް އެކޮމިޝަނުން ލަފާދިން ގޮތުގެ މައްޗައް ހުޅުވިފައިވާ، ފުރިހަމަ އަދި އިންސާފުވެރި ތަހުގީގެއް ކުރުން. އަދި ފަނޑިޔާރުންނަށް ކުރެވޭ ތުހުމަތުތައް ދިފާއު ކުރުމަށް ފުރުސަތު ދިނުމާއި، ޤާނޫނު އަސާސީއާއި، ފަނޑިޔާރުންގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނާއި އެހެނިހެން ގުޅުންހުރި ޤާނޫނުތަކާއި ގަވައިދުތަކުގައި ބަޔާންކޮށްފައިވާ އިޖްރާތުތައް ފުރިހަމަވާކަން ކަށަވަރުކުރުން.
• ޖޭ.އެސް.ސީ އިން އަމަލުކޮށްފައިވާ ގޮތް ބަލައި، ޖޭ.އެސް.ސީއިން އަމަލުކޮށްފައިވަނީ ޤާނޫނީ އިޖުރާތްތަކާއި، އަދުލް އިންސާފުގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންތޯ ކަށަވަރުކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ އެކަށީގެންވާ މިންވަރުގެ ސަމާލުކަމެއް ދީގެން، ބަލަންޖެހޭ ހުރިހާ ކަމެއް ބެލުމަށްފަހު އަޅަންޖެހޭ އެންމެ ހަރުކަށި އެއް ސުލޫކީ ފިޔަވަޅު ކަމަށްވާއިރު، މަގާމުން ވަކިކުރަން ހުށަހެޅީ ހަރުދަނާ ގާނޫނީ ސަބަބުތަކާއި އިތުބާރުހުރި ހެކީގެ މައްޗަށްތޯ ކަށަވަރުކުރުން.
• ހާމަކަން ބޮޑު ގޮތެއްގައި އަދި އިންސާފުގެ މުހިންމު އަސާސްތައް ދަމަހައްޓައި، ފަނޑިޔާރުންގެ ރުހުމާއެކު، މި މައްސަލައިގެ އަޑުއެހުންތައް އާންމުކުރުން.
• ސުލޫކީ މައްސަލައެއް ނުވަތަ ޣައިރު ޤާނޫނީ އަމަލެއް ހިންގާފައިވާކަން ފާހަގަކުރެވިއްޖެ ނަމަ، އެފަރާތްތަކާމެދު އެކަށީގެންވާ ޤާނޫނީ ފިޔަވަޅުއަޅައި ޖަވާބުދާރީވުމުގެ އުސޫލުތައް ދެމެހެއްޓުން.

ނިމުނީ.

 


Joint Press Statement of CSOs [logos]
Uthema