UTHEMA.org Press-8 April 24
UTHEMA.org Press-8 April 24 - partner logos

8 އެޕްރިލް 2024
މާލެ، ދިވެހިރާއްޖެ

ސޯޝަލް މީޑިއާގައި ޢާންމުވި ކުޑަކުއްޖަކަށް ހަނގާ ކުރުމުގެ ހާދިސާއާއި ގުޅިގެން ސަރުކާރުން ޖިނާއީ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު 12 އަހަރަށް ތިރިކުރުމަށް ނިންމި ނިންމުމާއި ގުޅިގެން މަދަނީ ޖަމްޢިއްޔާތަކުން ނެރޭ ނޫސް ބަޔާން


5 އޭޕްރީލް 2024 ވަނަ ދުވަހު އއ.ރަސްދޫގައި ހިނގި ހާދިސާއަކީ ނުހަނު ކަންބޮޑުވާ އަދި އެފަދަ މައްސަލައެއް ތަކުރާރު ވިޔަ ނުދިނުމަށް ކަމާބެހޭ މުއައްސަސާތަކުންނާއި މުޖުތަމައު ގުޅިގެން މަސައްކަތްކުރަންޖެހޭ މައްސަލައެއްކަމަށް މި ޖަމްޢިއްޔާތަކުން ދެކެމެވެ. އަދި މި ހާދިސާގައި އަނިޔާ ވި ކުއްޖާއަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާ، އަދި ދައުރުވަމުންދާ ވީޑިއޯގައި ކުޑަކުދިންގެ މަންޒަރުތައް ހިމެނޭތީ އެކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އަމަލުތައް ހުއްޓުވުމަށް ގޮވާލަމެވެ.

ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި 2019 ވަނަ އަހަރު ފާސްކޮށް، 2020 ވަނަ އަހަރުން ފެށިގެން ތަންފީޒުކުރަމުންދާ ޤާނޫނު ނަންބަރު: 18/2019 (ކުޑަކުދިންގެ އަދުލުގެ ޤާނޫނު) އަކީ ކުޑަކުދިންގެ ޙައްޤުތަކާއި ބެހޭ މުއާހަދާއާއި އެމުއާހަދާގެ ދަށުން އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް އެކުލަވާލާފައިވާ ޤާނޫނެކެވެ. މި ޤާނޫނަކީ، ޤާނޫނާއި ޚިލާފުވާ ކުދިން ރުޖޫއީ އިންސާފުގެ (ރެސްޓޮރޭޓިވް ޖަސްޓިސް) ފަލްސަފާގެ ދަށުން އިސްލާހުކޮށް އަނބުރާ މުޖުތަމައުއަށް ގެންނަން ބާރުއަޅާ ޤާނޫނެކެވެ. މި ޤާނޫނުގައި ކުށުގެ ޒިންމާ އުފުލަންޖެހޭ އެންމެ ހަގު އުމުރަކީ 15 އަހަރުކަމަށް  ކަނޑައަޅާފައިވާއިރު، ޤާނޫނާ ޚިލާފުވާ ކުއްޖެއްގެ ފުށުން އަނިޔާ ލިބޭ ފަރާތުގެ ޙައްޤުތަކާއި، ޤާނޫނާއި ޚިލާފުވާ ކުދިންގެ ޙައްޤުތަކާއި، އަދި މުޖުތަމައުގެ ޙައްޤުވެސް ޙިމާޔަތްކުރަން ބާރުއަޅައި ބެލެންސްޑް ސިސްޓަމްއެއް މި ޤާނޫނުން ގެނެސްދީފައިވެއެވެ. މިގޮތުން ކުޑަކުދިން ލައްވާ ކުށްކުރުވާ އަދި އެ ކުދިންގެ ނާޖާއިޒް ފައިދާނަގާ ބޮޑެތި މީހުނާމެދު ފިޔަވަޅުއެޅުންވެސް ހިމެނެއެވެ.

އއ. ރަސްދޫގައި ހިނގާދިޔަ ހާދިސާއަށް ބަލާއިރު، މިފަދަ މައްސަލަތަކަކީ ކުރިންވެސް މިހާރުވެސް މުޖުތަމައުގައި ދިމާވާ ކަންބޮޑުވާ މައްސަލައެކެވެ. މި ހާދިސާ ސޯޝަލް މީޑިއާގައި ފެންމަތިވުމާއި ގުޅިގެން އެކި ރަށްރަށުގައި ހިނގާފައިވާ މިފަދަ ވީޑިއޯތައް އާންމުވަމުން ދާކަންވެސް ފާހަގަކުރެވެއެވެ. މި ހިނގާދިޔަ މައްސަލައާ ގުޅިގެން ބައެއް ސޯޝަލްމީޑިޔާ އެކައުންޓްތަކުގައި ކުދިންގެ ފޮޓޯ ޖަހައި ކުދިންގެ އާއިލާތަކުގެ ޒާތީ ވާހަކަތައް ފެތުރުމަކީ މިފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބޭ ފަރާތްތަކަށް ލިބެންޖެހޭ ރައްކާތެރިކަން ނިގުޅައިގަނެވޭ އަދި އަނިޔާދޭ ފަރާތްތަކާއި އާއިލާތައް އިތުރަށް ލޭބަލްކުރެވި، ރުޖޫއީ އިންސާފުގެ ތެރެއިން އިންސާފު ހޯދުމަށް ހުރަސްއެޅޭ ފަދަ ކަންކަން ކަމުގައި ފާހަގަކުރަމެވެ.

މިފަދަ ހާދިސާތަކަށް ހައްލު ނުވަތަ އިންސާފު ހޯދުމަކީ މުޖުތަމައު ގުޅިގެން، މުޖުތަމައުގެ ބައިވެރިވުމާއި އެހީތެރިކަމާއެކު ކުރުން މުހިންމު ކަންކަން ކަމުގައި މި ޖަމްއިއްޔާތަކުން ޤަބޫލުކުރަމެވެ. މުޖުތަމައުގެ ރައްކާތެރިކަމާއި އަމަނާ ގުޅޭ އެންމެހާ ކަންކަމަކީ ރައްޔިތުންނާއި މުޖުތަމައުއާގުޅޭ ކަންކަމަށްވާއިރު، މި މަޝްވަރާތަކުގައި މުޖުތަމައުގެ ބައިވެރިވުން އޮތުމަކީ މުހިންމުކަމެއްކަމަށްވެސް ދެކެމެވެ.

ސޯޝަލް މީޑިޔާގައި މިހާރު ދައުރުވަމުންދާ މައްސަލައާއި ގުޅުވައިގެން، ސަރުކާރުން ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަންކަމާއި ގުޅޭގޮތުން ހުރި ބައެއް ޚިޔާލުތަކާއި ހުށަހެޅުންތައް ހިއްސާކުރަމެވެ.

  1. ކަމާބޭހޭ މުއައްސަސާތައް ގުޅިގެން ޕްރިވެންޝަންގެ ގިނަ މަސައްކަތްތަކެއް ކުރަން ނިންމުން:

ސަރުކާރުގެ މި ނިންމުމަކީ ނުހަނު މުހިންމު ނިންމުމެއްކަމަށް ދެކެމެވެ. އަދި އެހެންމެ ކުށަށް ހުށަހެޅޭ ކުދިންނާއި ކުށަށް ވައްދަން މަސައްކަތްކުރާ ފަރާތްތަކާއި ކުށުގެ މާހައުލަށް ކުޑަކުދިން ގްރޫމްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމަކީ މިކަމުގައި އިސްކުރަންޖެހޭ އެންމެ މުހިންމު އެއް މަސައްކަތްކަން ފާހަގަކުރަމެވެ. އަދި މި މަސައްކަތުގައި މުޖުތަމައުގެ ބައިވެރިވުމާއި އެހީތެރިކަން ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މި މަސައްކަތްތަކަކީ ބެލެނިވެރިންނާއި ތަޢުލީމީ ނިޒާމުގެ ތެރެއިން ހައްލު ހޯދަން މަސައްކަތްކުރަންޖެހޭ ކަންކަން ކަމުގައި ވެސް ފާހަގަކުރަމެވެ.

  1. އެޓް ރިސްކް ކުދިންނަށް ރެސިޑެންޝަލް ސެންޓަރެއް ޤާއިމްކުރުން، އަދި މިގޮތުން ހއ.ހޯރަފުށީގައި ހާފްވޭ ހައުސް އެއް ހަފްތާ ތެރޭ އޮޕަރޭޝަނަލައިޒްކުރުން.

މިފަދަ މައްސަލައެއް ފެންމަތިވާ ކޮންމެ ފަހަރަކު މައްސަލާގައި ޝާމިލުވާ ކުދިންނަށް ބޭނުންވާ އެހީތެރިކަން ދެނެގަތުމުގެ ބަދަލުގައި މަރުކަޒުކުރުމަށް ގޮވާލުމަކީ މި ޖަމްޢިއްޔާތަކުން ނުހަނު ކަންބޮޑުވާ ކަމެކެވެ. ކުށަށް ހުށަހެޅުމުގެ ނިޝާންތައް ފެންނަ ކުޑަކުދިން އާއިލާތަކާއި ވަކިކޮށް މަރުކަޒުކުރުމާބެހޭ ގޮތުން ސަރުކާރުން އިސްކުރައްވާފައިވާ ސިޔާސަތަކީ މިފަދަ ކުދިންނަށް ބޭނުންވާ އެހީތެރިކަމާއި، އަނބުރާ މުޖުތަމައުއަށް ބާރުވެރި ޒުވާނުންގެ ގޮތުގައި ގެނައުމަށް އެންމެ ރަނގަޅު ސިޔާސަތު ކަމުގައި އަދި ކުށަށް ހުށަހެޅިފައިވާ ކުދިންގެ ރައްކާތެރިކަމާއި ހައްގުތައް ކަށަވަރުކުރެވޭނޭފަދަ ސިޔާސަތެއް ކަމުގައި ނުބެލެވެއެވެ. މަރުކަޒުކުރެވިގެން މިހާތަނަށް ބޮޑެތި މީހުންނަށާއި ކުޑަކުދިންނަށް ހިންގަމުންދާ ޕްރޮގްރާމްތަކުގެ ނަތީޖާއަށް ބަލާއިރު، ބޭނުންވާ ފެންވަރުގެ އިންސާނީ އަދި އުމްރާނީ ވަސީލަތްތަކާއި، ބަޖެޓް އަދި ޓެކްނިކަލް އެކްސްޕަރޓީޒް ނެތުމުގެ ސަބަބުން މަރުކަޒުކޮށްގެން ހާސިލުކުރަން ބޭނުންވާ ނަތީޖާ ނުނެރެވޭކަމީވެސް މި ޖަމްޢިއްޔާތަކުން ނުހަނު ކަންބޮޑުވާ މައްސަލައެކެވެ.

ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ 12 ވަނަ މާއްދާއަށް ބަލާއިރުވެސް، އެ ޤާނޫނުގެ މައިގަނޑު މަގުސަދަކީ ހައްޔަރުކުރުމާއި ބަންދު ކުރުމަކީ އެންމެ ފަހުގެ ފިޔަވަޅެއް ކަމުގައިވުމެވެ. އަދި ހަމަ އެހެންމެ ކުއްޖާ ޒިންމާ ނެގުމަށާއި މުޖުތަމައަށް އަނބުރާ ގެންނަން ބާރުއެޅުމެވެ. މިގޮތުން ކުއްޖާ އިސްލާހުކުރަން އެންމެ ރަގަޅީ މުޖުތަމައުގައި ބަހައްޓައިގެންކަން ގިނަ ދިރާސާތަކުން ދައްކައެވެ. އަދި މަރުކަޒުކުރުމުން އިއާދަނުކުރެވޭ ބޮޑެތި ނަފްސާނީ ގެއްލުން ލިބުމާއި މުޖުތަމައުއިން ބާކީވުމުގެ ފުރުސަތު ބޮޑުވާކަން ފާހަގަކުރެވެއެވެ. އަދި މި ޤާނޫނުން ލާޒިމުކުރާ މަރުކަޒުތަކަކީ ބޮޑެތި ކުށްތަކަށް އަރައިގަންނަ، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން މަރުކަޒުކުރުން ނޫން ގޮތެއް ނެތް 18 އަހަރުން ދަށުގެ ކުދިން ހައްޔަރުގައި ބޭތިއްބުމަށް ބޭނުންކުރާ މަރުކަޒުތަކެކެވެ. މީގެ އިތުރުން، އެޓްރިސްކް ކުދިންނަކީ ޤާނޫނު ނަންބަރު: 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ތެރެއިން ރައްކާތެރިކަމާއި ރިހެބިލިޓޭޝަން ލިބެންޖެހޭ ކުދިންނެވެ. އެޓްރިސްކް ކުދިންނާމެދު ޢަމަލުކުރަންޖެހޭ ގޮތް ޤާނޫނީ ނިޒާމުގައި މިފަދައިން ލިޔެވިފައި އޮތް އިރު، ޑިޕާޓްމަންޓް އޮފް ޖުވެއިނަލް ޖަސްޓިސްގެ މަރުކަޒުތައް އަދި އޮޕަރޭޝަންއަށް ގެނެވޭނެ ހާލަތެއްގައި ނެތް ތަންތަނަށް 200 ވަރަކަށް ކުދިން ލުމަކީ، މިވަގުތު އެންމެ އެކަށީގެންވާ އަދި އެންމެ ރަގަޅު ނިންމުމެއް ކަމަށް މި ޖަމްޢިއްޔާތަކުން ނުދެކެމެވެ.

  1. ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު 15 އަހަރުން 12 އަށް ތިރިކުރުމަށް ސަރުކާރުގެ ވިސްނުން އޮތުން.

ކުޑަކުދިންގެ ޙައްޤުތަކާއި ބެހޭ މުއާހަދާގައި 20 އޯގަސްޓް 1990 ދިވެހި ރާއްޖެއިން ސޮއިކޮށް 11 ފެބްރުއަރީ 1991 ތަޞްދީޤުކުރި ފަހުން، ދިވެހިރާއްޖެއިން މިވަނީ ކުޑަކުދިންގެ ޙައްޤުތަކާއި އަދި އެކުދިންގެ ޚާއްސަ ރައްކާތެރިކަމާގުޅޭ 2 ޤާނުނެއް ވުޖޫދަށް ގެނެސްފައެވެ. އަދި ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު 15 އަހަރަށް ބަދަލުކުރުމަކީ އޭރުގެ ސަރުކާރުން ނިންމި ނިންމުމަކަށްވާއިރު އެ އުމުރު 12 އަހަރަށް ތިރިކުރުމުން ކުރާނެ އަސަރުތަކާއިމެދު މުޖުތަމައު ހިމެނޭހެން މަޝްވަރާކޮށް ކުޑަކުދިންގެ އަސާސީ ޙައްޤުތައް ހިމާޔަތްކުރާނެހެން، އަދި މި ކުދިން މުޖުތަމަޢަށް އަނބުރާ ރުޖޫޢަކުރެވޭނެ ވިސްނުމަކުން ގޮތެއް ނިންމުމަކީ އަސްލު ޙަޤީޤީ މައްސަލައަށް ވާސިލްވުމަށް އެންމެ ރަގަޅު ގޮތްކަމުގައި ދެކެމެވެ. މިގޮތުން އަވަސް ރިހެބިލިޓޭޝަން ނިޒާމަކާއި މުޖުތަމައުއަށް އަނބުރާ ގެނެއުމަށް ބާރުއަޅާ ނިޒާމެއް ޤާއިމްކުރުން މުހިންމެވެ. މީގެ އިތުރުން، 200 ވަރަކަށް ކުދިން، އެކުދިންގެ ނާޖާއިޒްފައިދާ ނަގާ ބަޔަކު މުޖުތަމައުގައި އުޅޭއިރު، ހަމައެކަނި އެކުދިން ބަންދުކުރުމަކުން އެފަދަ ޢަމަލުތައް ހިންގާ މީހުން ހުއްޓުވޭނެ ކަމަކަށް ނުދެކެމެވެ. ހަމަ އެހެންމެ މި ކުދިން މި ޙާލަތަށް އައިސްފައިވަނީ ކުޑަކުދިންގެ ޙައްޤުތަކުގެ ޤާނޫނުން އެކުދިންނަށް ޢާއިލާއާއި، މުޖުތަމަޢުއާއި، ދައުލަތުގެ ފަރާތުން ލިބިދޭންޖެހޭ ރައްކާތެރިކަމާއި އަޅައިލުން ލިބިފައި ނެތުމުން ކަމަށްވާއިރު، ތަންފީޒީ ނިޒާމުގައި މިހާރުވެސް މައްސަލަތަކެއް ހުރިކަމަށް ދެނެގަނެ، އެ މައްސަލަތަކަށް ޙައްލު ގެނައުމަށް ވިސްނުން އިސްކުރަންޖެހޭކަމަށް މި ޖަމްޢިއްޔާތަކަށް ފެންނާތީ، މި މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މި ޖަމްޢިއްޔާތަކުން ގޮވާލަމެވެ.

  1. ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި ޤާނޫނު އިސްލާޙްކުރަން ބަންޑާރަނައިބު ނިންމެވުން.

މި ފަދަ ނިންމުން ނިންމަވާއިރު މި ދާއިރާގައި މަސައްކަތްކުރާ ޖަމްއިއްޔާތަކާއިވެސް މަޝްވަރާކޮށް އިރުޝާދު ހޯދުމަކީ މުހިންމުކަމެއް ކަމަށް ދެކެމެވެ. މުޖުތަމައުގައި ހިނގާ މިފަދަ ބޮޑެތި މައްސަލަތަކަކީ، ޢާންމުންގެ ކަންބޮޑުވުން އިސްވާ ކޮންމެ ފަހަރަކު ހަމައެކަނި މުއައްސަސާތަކުގައި ތިއްބަވާ އިސްވެރިންގެ ފަރާތުން ކުއްލިގޮތަކަށް ނިންމާލެވޭނެ ފަދަ އަދި ހަމައެކަނި މުއައްސަސާތަކުގެ ޒިންމާއާއި މަޞްލަޙަތު އޮތް ކަމެއް ކަމުގައި ނުދެކެމެވެ. މި ފަދަ މައްސަލަތައް ހައްލުކުރެވޭނީ މަޢުނަވީ ގޮތެއްގައި މައްސަލަ ދެނެގަނެ، މުޖުތަމައުގެ ބައިވެރިވުމާއި، ހިއްސާ އަދި އެހީތެރިކަން މިފަދަ ހައްސާސް ކަންކަމުގައި އޮވެގެންނެވެ.

  1. ރިހެބިލިޓޭޝަން އާއި ރީ-އިންޓަރގްރޭޝަން އިސްކުރަން ގޮވާލަން.

ކުޑަކުދިންގެ އަދުލުގެ ނިޒާމު މި ހިނގަނީ ބޮޑެތި މީހުންނަށް ޚާއްސަ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިންނެވެ. އަދި ބޮޑެތި މީހުންގެ ޖިނާޢީ އަދުލުގެ ނިޒާމުގައި އަދަބު ދިނުމަށް ބާރުއަޅާއިރު ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ މައިގަނޑު މަޤްސަދަކީ އިސްލާހުކޮށް އަނބުރާ މުޖުތަމައުއަށް ގެނައުން އަދި ކުޑަކުދިން ކުށުން ދުރުހެލި ކުރުމަށް ޕްރިވެންޝަން މަސައްކަތްކުރުމުގެ މައްޗަށްކަން ފާހަގަކުރަމެވެ. އެހެންނަމަވެސް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން އެކުލަވާލި ދިރާސާ “ޤާނޫނާއި ޚިލާފުވާ މީހުންނާއި މަސްތުވާތަކެއްޗަށް ދެވިހިފާ މީހުން އަނބުރާ މުޖުތަމައުއަށް އައުމަށް ހުރި ފުރުސަތުތަކާއި ގުޅޭ ޙާލަތު ދެނެގަތުމުގެ ދިރާސާ ރިޕޯޓް” (2022) ގައި ފާހަގަކޮށްފައިވާ މައިގަނޑު ހޯދުންތަކާއި ހުށަހެޅުންތަކުގައިވެސް ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި މުޖުތަމައުއަށް އަނބުރާ އައުމަށް ހުރި ފުރުސަތު ތައް މަދުއިރު، އަދި މިފަދަ މައްސަލަތައް ހައްލުނުވާއިރު، އެޓްރިސް ކުދިންތަކެއް ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރެއަށް ވެއްދުމުން އެކުދިން އިތުރަށް ކުށުގެ ވެއްޓަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެ މުޅި ނިޒާމު އަދަބު ދިނުމުގެ ނިޒާމަކަށް ބަދަލުވުމުގެ ބިރު އޮތްކަން ފާހަގަކުރަމެވެ.

މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި އެއް ތައްގަނޑެއް ބޭނުންކޮށްގެން ހައްލު ކުރެވޭނޭ ކަމަކަށް ނުދެކެމެވެ. އަދި މައްސަލައިގައި ޝާމިލްވާ ކުދިންނަކީވެސް ކުޑަކުދިންނަށް ވީއިރު އެކުދިންނަށް މުޖުތަމައުގައި ބައިތިއްބައިގެން އެހީތެރިކަން ދިނުމަކީ މުހިންމު ކަމެއްކަމުގައި މި ޖަމްޢިއްޔާތަކުން ދެކެމެވެ. އަދި ކޮންމެ މުޖުތަމައުއެއްގައި އެ މުޖުތަމައުގެ ޤާބިލިއްޔަތަކާއި އެހީތެރިވާނެ ފަރުދުންނާއި ޖަމިއްޔާތައް ހުރިއިރު، އެފަރާތްތައް ޝާމިލުކޮށްގެން ޢާންމު މަޞްލަޙަތު ހިމެނޭ، އެންމެންގެ މައްސަލައެއްގެ ގޮތުގައި ބަލައިގެން ކުރިއަށް ދިއުމަކީ ބާރުވެރިވެ ވިލުންވެރި މުޖުތައުމެއް ބިނާކުރަން އެންމެ ހެޔޮ ފާލަންކަމުގައި ދެކެމެވެ.

– ނިމުނީ –

UTHEMA.org Press-8 April 24 - partner logos
Uthema