އިނގިރޭސި ބަހެއްކަމުގައިވާ ޕޭޓްރިއާކީ އަކީ ޙާއްސަގޮތެއްގައި އިޖްތިމާއީދާއިރާގައި މަސައްކަތްކުރަމުންދާ ފަރާތްތަކަށް އަދި މުޅިމުޖްތަމައު އަށްވެސް މިއަދު ފަހުމް ކުރުން މުހިންމު ބަހެއްކަމަށް ޤަބޫލުކުރަމެވެ. މިންތީގެ ހަމަހަމަކަމަށް ވަކާލާތުކުރާ ކޮންމެމީހަކަށްމެ ޕޭޓްރިއާކީގެ މަފްހޫމު ސާފުވެފައި އޮންނާނެކަންވެސް ޤަބޫލުކުރެވެއެވެ. ނަމަވެސް ޕޭޓްރިއާކީގެ ނިޒާމީ ފަލްސަފާ ދޭހަކޮއްދޭ ދިވެހިބަހެއް އޮވޭތޯސުވާލުއުފެދޭތީ އެމައުލޫމާތު އޮޅުންފިލުވުމުގެ މަގްސަދުގައި މިލިޔުން ކުރިއަށްގެންދާނަމެވެ. އަދިޕެޓްރިއާކީ އަކީ ކޮންއެއްޗެއްކަންވެސް މިލިޔުމުގައި ކުރުގޮތަކަށް ގެނެވޭތޯބަލާނަމެވެ.
ދިވެހިބަހަކީ އެތަކެއް ކަރައެއްގެ އެތަކެއް ބަސްތަކެއްގެ އިބްރަތާ، ހިކްމަތާ ލިބިގެން މުއްސަނދިވެފައިވާ ބަހެކެވެ.
މިއީ އަޅުގަނޑުމެންގެ މާދަރީބަހާ ބެހޭގޮތުން ފިކުރުހިންގަވާ ކޮންމެފަރާތެއްވެސް ޤަބޫލުކުރާނެ ޙަޤީގަތެކެވެ. ފަޞީލަތުއްޝައިޚު އަލްމަރުޙޫމް ޙުސައިންސަލާހުއްދީން ‘ދިވެހިބަސް’ މިޅެމުގެ ކުރުތިންބައިތުން ވިދާޅުވެފައިވަނީ ތެދުވާހަކައެކެވެ.
ފުރައަމެންގޭ މާދަރީބަސް އެކުވެގެންވެއެ އުފެދިގެން،
ކުރެވިދާހިނދު ފިކުރުގިނަބަސް އެއްވެގެން ޝައުގަށްމިވާ
ސެންސިކިރްތާ، ޕާލި ޔާ، ސިންހަޅަ، ތަމަޅަ ފެނެޔޭނިކަން،
ފެންނަހެން ޢަރަބީގެބަސްތައް ފާރިސީއާ ޕޮސްތު ވާ
ހަމައެފަދައިން ހުރެދެޔޭ ޔޫރަޕްގެބަސްތައްވެސް ލިބޭން،
ނަމަބަލައިހޯދައިއުޅެފި ކަތަކަށް ރަނގަޅުހަމަ ބުއްދިވާ
ހަމަބުއްދިވޭތޯ ޕޭޓްރިއާކީގެމާނަދޭހަވާ ދިވެހިބަހެއް ބަލައިހޯދައިގަތުމަށް ކުޑަމަސައްކަތެއް ކޮއްލީމެވެ. އަދުގެ ޓެކްނޮލޮޖީގެޒަމާނުގައި ކުރުމަށް މިއީވަރަށްފަސޭހަވެސް ކަމެއްތާއެވެ. ގިނަފަރާތްތަކެއް ބައިވެރިވާ އިންޓަނެޓްގައި ހިމެނޭ ފޭސްބުކް ގުރޫޕެއްކަމުގައިވާ ‘އިންޓަނެޓް ބަސްކޮމިޓީ’ އަކީ ދިވެހިބަހަށް ޝައުގުވެރިވާ ތަފާތުފަރާތްތަށް ޝާމިލުވާ، ބަހާބެހޭގޮތުން ޚިޔާލުފާޅުކޮށް އެކެއްއަނެކެއްގެ މަޝްވަރާހޯދާ މައުލޫމާތު ބަދަލުކޮށް، މުއްސަނދިކޮށް، ބަހުގެމާނަ ދެނެގަތުމަށް މަސައްކަތްކުރާ ތަނެކެވެ. އެގުރޫޕުގައި ޕޭޓްރިއާކީ ގެ ދިވެހި މާނަހޯދުމަށް މެމްބަރެއް އެދިފައިވާ އެދުމަށް އެހެންމެމްބަރުން އިޖާބަދެއްވާފައިވެއެވެ. އެހެންކަމުން އެގުރޫޕުގައި ޕޭޓްރިއާކީގެމާނަ މަޝްވަރާކުރައްވާފައިވާ ލިޔުންތަށް ބަލައިލީމެވެ. އެކިފަރާތްތަކުން ދެއްވާފައިވާ ޖަވާބުތަކުގެ ތެރެއިން އެންމެ ފާހަގަކޮއްލެވުނު ޖަވާބަކަށްވީ އަހުމަދު އޮމަރު ދެއްވާފައިވާ ޖަވާބެކެވެ. އޭގައި ވަނީ ޕޭޓްރިއާކީ އަކީ ؛
1 – އަބަވީ ނިޒާމް، ނުވަތަ
2 – ބަފައިވެރިކަން، މިދެބަހެވެ.
ދެބަހާދޭތެރޭވެސް ވިސްނަމުން ‘އަބަވީ’ ގެމާނަހޯދުމަށް ދިވެހި ބަސްފޮތަށް އެނުބުރިލީމެވެ. ނަމަވެސް ބަސްފޮތުގައި ދެބަހުންކުރެ އެއްބަސްވެސް ހިމެނިފައި ނުވާކަން ފާހަގަކުރެވުނެވެ. މީގެއިންދޭހަވަނީ އެފަދަބަހެއް ދިވެހިބަސްކޮށާރުގައި އަދި އުފެދި ހަރުލާފައިނެތްކަމެވެ. އަޅުގަނޑުގެ ނަޒަރުގައި ‘ބަފައިވެރިކަން’ އޭގެޒާތުގައި ބަހުގެތެރެއިން ޕޭޓްރިއާކީގެ މާނަދޭހަކުރެއެވެ. އެހެންނަމަވެސް ‘އަބަވީ ނިޒާމް’ ދޭހަކޮއްދޭ މާނަ ފުޅާވެފައި އެއައްވުރެ ފުރިހަމަކަމަށް އަޅުގަނޑަށް ފެނުނެވެ. ސަބަބަކީ ޕޭޓްރިއާކީ އަކީ ޒަމާންވީ ނިޒާމެއްގެ ފަލްސަފާ ދޭހަކޮށްދޭ ބަހަކަށް ވެފައި، އަދި ޕޭޓްރިއާކީގެ އިނގިރޭސިމާނަ އަޅުގަނޑަށް ދެނެގަނެވިފައިވާ ގޮތާއި އެއްގޮތްކަމަށް ޤަބޫލުކުރެވުނީތީވެއެވެ.
މިލިޔުމުގެ ފުރަތަމަ މަގްސަދުހާސިލުވެއްޖެއެވެ. ޕެޓްރިއާކީގެ މާނަދޭހަވާ ދިވެހިބަހެއް ބަސްފޮތުގައި ނެތްނަމަވެސް އެނޫންތާކުން ހޯދިއްޖެއެވެ. މިކަމާދޭތެރޭ ވަރަށްހިތްހަމަވެސް ޖެހިއްޖެއެވެ. ޝާއިރުވިދާޅުވި ފަދައިން ބަލައިހޯދައިފިނަމަ ކޮންމެކަތަކަށްމެ ދިވެހީންގެ މާދަރީބަހުގެ މުއްސަނދިކަން ފެންނާނެތެވެ.
މިހާހިސާބުން ޕެޓްރިއާކީ، ނުވަތަ ދިވެހިބަހުންނަމަ އަބަވީނިޒާމަކީ ކޮންއެއްޗެއްތޯ، އެނގިފައިވާމިންވަރުން ބުނެދެވޭތޯ މަސައްކަތްކުރާނަމެވެ.
އަބަވީނިޒާމަކީ ޖިންސީއިމްތިޔާޒުގެ ބިންގަލެއްގެ މައްޗަށްބިނާވެފައިވާ ނިޒާމެކެވެ.
އިންސާނީ ތާރީޚާއި ތަޖުރިބާގައި ގިނަމުޖުތަމައުތަކަކީ އަބަވީ ނިޒާމުގެ ފަލްސަފާގެ ތެރެއިން ހިނގަމުންދާ މުޖުތަމައުތަކެކެވެ. އަދިޒަމާންތައް ބަދަލުވަމުންދާއިރު އެނިޒާމު ދެނެގަނެ، ދިރާސާކޮށް އިލްމީގޮތުން އެތަކެއް ފަރާތްތަކުން ވިސްނުންތައް އުފައްދަމުން ގޮސްފައިވެއެވެ. މިއިލްމީދިރާސާ ތަކުން ފެންނަންހުންނަ ޙަޤީގަތްތައް ގިނަބަޔަކަށް ފޯރުކޮއްދެވިފައިވާ 21ވަނަ ޤަރުނުގައި ދިވެހިރާއްޖޭގައިވެސް މިވާހަކަތައް ގިނަބަޔަކު ދައްކަންފެށުމުގެ ދުވަސް އައުން މާލަސްވެފައިވާކަންވެސް ފާހަގަކުރަމެވެ. އެއީ ސަބަބުތަކަކާހުރެކަން ޝައްކެއްނެތެވެ، އަދި އެއީ ހަމަ އެ އަބަވީނިޒާމުގެތެރޭގައި އޮންނަ އާދަކާދަތަކުގެ ތެރެއިން ނިކުމެފައިވާ ނަތީޖާއެއްކަމަށްވެސް ޤަބޫލުކުރެވެއެވެ.
އަބަވީ ނިޒާމުގެ މަފްހޫމް މާނަކޮށް ދެނެގަތުމަކީ ކުރުލިޔުމަކުން ކުރެވޭނެ ކަމެއްނޫނެވެ. ނަމަވެސް އެންމެކުޑަމިންވަރުން މާނައެއް ދޭހަވާވަރު ކުރެވޭތޯ މަސައްކަތް ކުރާނަމަވެ. އަބަވީނިޒާމުގެ އެންމެ ކުރުމާނައެއްގޮތުގައި ބުނެވޭނީ ޖިންސުގެ ތަފާތު ކުރުމާއިއެކު ފިރިހެނުންނަށް ހުރިހާކަމެއްގައި ބާރުލިބިދީ، މައިގަނޑުގޮތެއްގައި މުޅިމުޖުތަމައު ބައްޓަންކުރުމުގެ ހުރިހާނިންމުންތަކެއް ނިންމުމުގެބާރާއި އިޙްތިޔާރު ފިރިހެނުންގެ އަމުރުވެރިކަމުގެ ދަށުގައި އޮންނައޮތުމެވެ.
އަބަވީނިޒާމުގެތެރޭގައި ޤާއިމްކުރެވިފައިވާ އުސޫލަކީ ކޮންމެކަމެއްމެ ނިންމުމުގައި އިސްކަންދީ ބޭނުންކުރެވިގެންދާނީ ފިރިހެނެއްގެ ބަސްކަމެވެ. އެއީ އޭނާއަކީ ފިރިހެނަކަށްވީތީއެވެ. އަދި ރުހިގެންނާއި ނުރުހިވެސް ކަންނިންމުމުގައި އަދި މުޖުތަމައު ބިނާކުރުމުގައި ފިރިހެނެއް ނުވަތަ ފިރިހެންވެރިއެއް ނުވަތަ ފިރިހެނުންތަކެއްގެ ނުފޫޒާއި ބާރުގެތެރެއިން ކަންނިންމުމެވެ. އެހެންކަމުން މިނިޒާމުގެ އެންމެއަސާސީ ހަމައަކީ އަދި ބިންގަލަކީވެސް ޖިންސީތަފާތުކުރުމެވެ. އަދިކޮންމެހާލަތެއްގައި ނަމަވެސް ފިރިހެނެއްގެބަސް ފިރިހެނަކަށްވީތީ އިސްކުރުމެވެ. އެހެންކަމުން އެނިޒާމުގައި ޒަމާނުއްސުރެ ޤާއިމްކުރެވިފައިވަނީ ފިރިހެނުން ކަންނިންމުމުގައި އިސްކުރުމުގެ ސަގާފަތެކެވެ. އަދިއެހާލަތުގައި ދެޖިންސުގެ ކުދިން ހެދިބޮޑުވަމުން އަންނައިރު ޖިންސުގެ ތަފާތުކުރުމަކީ މުޅިމުޖުތަމައު ބަލައިގަންނަ ހަމަކަމުގައި އެކަށައެޅިފައިވެއެވެ. އެފަދަނިޒާމެއްގެ ތެރޭގައި މުޖުތަމައުގެ ހުރިހާކަމެއް ފަރުމާކޮށް ބައްޓަންކުރެވޭނީ ފިރިހެނުންގެ ‘ތަބީޢީ’ އިސްކަމުގެ މަޤާމަށް އިހުތިރާމް ކުރުމުގެ ޖިންސީ ނަހަމަކަމުގެ ސަޤާފީ އޮނިގަނޑެއްގެ ތެރެއިންނެވެ. އަބަވީ ނިޒާމުގެ އޮނިގަނޑަކީ މިއީއެވެ.
އަބަވީނިޒާމު ބިންވަޅުނެގިފައިވާ މުޖުތަމައެއްގައި ކުދިބޮޑު އެންމެންގެ ވިސްނުމާއިފިކުރު ހުންނަން ލާޒިމުކުރާނީ ފިރިހެނުންގެ “ފިރިހެންވަންތަ” ކަމާއި، އިސްކަމާ، ކުޅަދާނަކަމާ، ބާރުގަދަކަމާ، މުހިންމުކަމާ، ވެރިވަންތަކަން ޤަބޫލުކުރުމަށެވެ. އަދިއެއީ އިޖްތިމާއީ މިންގަނޑުގައި އެންމެ އެދެވޭ ހަމަކަމުގައި ޤަބޫލުކޮށް އެކަމަށް އެންމެންވެސް ބޯލަބައިގެންތިބުމަށެވެ. އަދިމިނިޒާމުގެ ހަމައަކީ މިއީކަމަށްވާތީ އެއާދޭތެރޭ ސުވާލުއުފެއްދުމަކީ އިޖްތިމާއީ ރިވެތިއުސޫލުތަކުން ބޭރުވުންކަމުގައި ބެލެވޭނެއެވެ. އެހެންކަމުން އަބަވީނިޒާމު އަށަގެންފައިވާ މުޖުތަމައުއެއްގެ ނަތީޖާ އަކަށްވެފައި އޮންނާނީ ޖިންސީ އިމްތިޔާޒުގެ ސަބަބުން ފިރިހެނުންނަށް ދިރިއުޅުމުގެ ވެށީގައި ފުރުސަތުތައްގިނަވެ، އަންހެނުންނަށް އެފަދަފުރުސަތުތައް ހަނިވެ ނެތިދިއުމެވެ. ކޮންމެ މުޖުތަމައެއްގައިވެސް ދާދިހަމަހަމައަށް ދެޖިންސުގެމީހުން އެކުލެވިގެންވާހިނދު، މުޖުތަމައުގެ %50 މީހުންގެ ހަމަހަމަ ބައިވެރިވުމާއި ތަޖުރިބާ މުޖުތަމައުބިނާ ކުރުމުގައި ނެތުމެވެ. އަދި މުޖުތަމައު ބިނާކުރުމުގައި މުޖުތަމައުގެ ގިނަބައެއްގެ ބައިވެރިވުން ނަހަމަ އުސޫލުތަކެއްގެ ތެރެއިން ހީނަރުވެ ނެތިދިއުމެވެ. ނަތީޖާއެއްގެ ގޮތުން އަބަވީނިޒާމުގެ ޖިންސީއިމްތިޔާޒުގެ ސަބަބުން މުޅިމުޖުތަމައު ވެގެންދަނީ ހަމަޖެހުން ލިބިފައިނުވާ، ސުލްހަޤާއިމްވެފައިނުވާ، ހަމަޖެހުން ގެނައުމަށް ނުކުޅެދިފައިވާ މުޖުތަމައަކަށެވެ. ހަމަޖެހުމާއި ސުލްހައިގެ ސަޤާފަތެއް އެކަށައެޅުމަށް ނުކުޅެދިފައިވާ، ހިތައްނުތަނަވަސްކަން ވެރިވެފައިވާ މާހައުލެއްގައި ދިރިއުޅެމުންދާ ރައްޔިތަކު އެކުލެވިގެންވާ މުޖުތަމައަކަށެވެ. އަދި އިންސާފުގެ ހަމަތަކުން އެއްކިބާވެފައިވާ މުޖުތަމައަކަށެވެ.
ހުމައިދާ ޢަބްދުލްޤަފޫރު އަކީ އިޖްތިމާޢީދާއިރާގައި ދިވެހިރާއްޖޭގައި އަންހެނުންގެ ހާލަތުދެނެގަތުމުގެ އެކިމައުޟޫޢު ދަސްކޮށް، ދެނެގަނެ ދިރާސާކުރުމުގެ މަސައްކަތްކުރާ ފަރާތެކެވެ. އޭނާ ރާއްޖޭގެ އަދިރާއްޖެއިންބޭރުގެ އެކި މަދަނީޖަމުޢިއްޔާތަކާއި ގުޅިގެން މަސައްކަތްކުރެއެވެ. އ.ދ ގެ އަންހެނުންގެ ޖަމުއިއްޔާގެ އިންޑިއާ، ބޫޓާން، ޝްރީލަންކާ އަދި ދިވެހިރާއްޖެ ހިމެނޭ ސަރަހައްދީ އޮފީހަށްލަފާދޭ މަދަނީޖަމުއިއްޔާގެ އިސްތިޝާރީގުރޫޕުގައި 2015-2017 އަށް އޭނާ ޚިދުމަތްކުރިއެވެ.
ހުމައިދާ އަކީ އުތެމަ ގެ ލިޔުންތެރިއެކެވެ.
![Press cover [En] Uthema Maldives](https://uthema.org/wp-content/uploads/Press-cover-En-Uthema-Maldives-300x225.png)










![Rising above the cracks [Uthema Maldives]](https://uthema.org/wp-content/uploads/Rising-above-the-cracks-Uthema-Maldives-300x225.jpg)







![Jaaaga eh neiy-protest [Refty credit] uthema](https://uthema.org/wp-content/uploads/Jaaaga-eh-neiy-protest-Refty-credit-960-300x225.jpg)

































































