ނޫސް ބަޔާން
01 އޮކްޓޫބަރ 2020
ރާއްޖޭގެ ޝަރުޢީކޯޓަކުން ފުރަތަމަފަހަރަށް ކުރި “މެރިޓަލްރޭޕް” ގެ ކުށުގެ ތާރީޚީ ހުކުމް
މިއަދު ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމެވި، ގދ. ތިނަދޫ މަރްހޫމް ޒިޔާދާ ނައީމު އަށް އޭނާގެ ފިރިމީހާ އިބްރާހިމް ޝާހު ކައިވެނީގެ ތެރޭގައި ގަދަކަމުން ޖިންސީގުޅުން ހިންގުން ނުވަތަ “މެރިޓަލްރޭޕް” ގެ އިސްތިއުނާފު މައްސަލައިގެ ޝަރުއީ ނިންމުމަކީ އިންސާފުވެރި، ހަރުދަނާ އަދި ތާރީޚީ ނިންމުމެއްކަން މި ޖަމްޢިއްޔާއިން ފާހަގަކުރަމެވެ. އަދި މި ކާމިޔާބީއާއި ހަމައަށް މައްސަލަ ގެނައުމަށް ކަމާބެހޭ މުއައްސަސާތަކުން ކުރައްވާފައިވާ މަސައްކަތްތައް މި ޖަމްޢިއްޔާއިން ބަލައިގަންނަމެވެ. ރާއްޖޭގެ ދިގު ތާރީޚުގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ޝަރުޢީ ކޯޓަކުން ކައިވެނީގެ ތެރޭގައި ގަދަކަމުން ޖިންސީގުޅުން ހިންގުން ނުވަތަ “މެރިޓަލްރޭޕް” އަކީ ޖިނާއީ ކުށެއްކަމަށް ބަލައިގަނެ އެކަމަށް ހުކުމް ކަނޑައަޅުއްވާފައިވާ ކަން އެއީ ރާއްޖޭގައި އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ލިބިގެންދާ އަގުހުރި ޝަރުޢީ ކުރިއެރުމެއްކަން މި ޖަމްޢިއްޔާއިން ފާހަގަކުރަމެވެ.
ގދ. ތިނަދޫ ގެ ޒުވާން މަންމައެއް ކަމުގައިވާ ޒިޔާދާ ނައީމަށް ޑިސެމްބަރ 2015 ގައި އޭނާގެ ފިރިމީހާގެ ފަރާތުން ދީފައިވާ ފުރާނައަށް ގެއްލުންވި “މެރިޓަލްރޭޕް” ގެ ޖިންސީއަނިޔާ ގެ މައްސަލައަކީ ތިނަދޫގެ ރައްޔިތުން އެކަމާބެހޭގޮތުން މުޒާހަރާއަށް ނިކުމެ ކަންބޮޑުވުން ފާޅުކޮށްފައިވާ، އަދި ރާއްޖޭގެ އިޖްތިމާޢީ ތާރީޚުގައިވެސް އާދަޔާ ޚިލާފު ގޮތަކަށް އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ތެރޭގައި އިހުސާސްވެގެންދިޔަ ސީރިއަސް މައްސަލައެކެވެ. ޒިޔާދާ ނައީމުގެ ހަށިގަނޑަށް ދީފައިވާ ބޮޑެތި އަނިޔާތަކުގެ ސަބަބުން އޭނާ ނިޔާވުމުން އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހެދިފައިވުމަކީ މުހިންމުކަމެކެވެ، އަދި މޯލްޑިވްސް ޕޮލިސްސަރވިސްއިން މި މައްސަލައިގެ ތަހުޤީގު މި ދަރަޖައަށް ކޮށްފައިވާކަމީ މި ފަދަ ހާލަތްތަކާއި ގުޅިގެން އެ މުއައްސަސާއަށް އިތުބާރު އުފުލިގެންދާނޭ ކަމެކެވެ.
ނަމަވެސް 2019 ގެ މާރިޗު މަހު، ސިއްރުކޮށްފައިވާ ޝަރީއަތުގެ މަޖިލިހެއްގައި ރާއްޖޭގެ ކްރިމިނަލް ކޯޓުން މި މައްސަލަ ބައްލަވާ، ތުހުމަތު ކުރެވުނު އިބްރާހިމް ޝާހު ދޫކޮށްލާފައިވަނީ، މައްސަލައިގާ ލިބިފައިވާ ހެކިތަކުގެ ބުރަދަނަށް ރިޢާޔަތް ނުކޮށްކަން ރާއްޖޭގެ ޕްރޮސިއުޓަރ ޖެނެރަލް ގެ އޮފީހުން އިއުލާނުކުރެއްވުމަށްފަހު މައްސަލަ އިސްތިއުނާފު ކުރެއްވިއެވެ. މި ފަދަ ގޮތަކަށް އެދުވަހުވެސް ޕްރޮސިއުޓަރ ޖެނެރަލް ގެ އޮފީހުން ނުރުހުން ފާޅުކޮށްފައިވާކަމީ އެ މުއައްސަސާއާއި ދޭތެރޭ އިތުބާރުއުފުލި އަދި އިންސާފުވެރި ޝަރީއަތެއް ރާއްޖޭގައި ހިންގުމަށް ހުރި ގޮންޖެހުންތައް ރައްޔިތުންނަށް ހާމަވެގެންދިޔަ ކަމެކެވެ. އެހެންކަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މި މައްސަލަ ރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރައްވާ މަތީމަރުހަލާގައި މައްސަލަ ބެއްލެވުމަށް ކުރެއްވި މަސައްކަތުގެ މުހިންމުކަން މި ދަނޑިވަޅުގައި ފާހަގަކުރަމެވެ. އަދި އެ މަސައްކަތުގެ ނަތީޖާ މިއަދު ހާމަވެގެން ދިޔައީ ރާއްޖޭގެ ހައިކޯޓުން ނިންމެވި ހަރުދަނާ އަދި ތާރީޚީ ނިންމުމުންކަން މި ޖަމްޢިއްޔާއިން ފާހަގަކުރަނީ ނުހަނު އުންމީދާއި އެކުއެވެ.
މި ޖަމްޢިއްޔާގެ އަބަދުގެ އުންމީދަކީ ރާއްޖޭގެ ޝަރުޢީ ނިޒާމަކީ ރާއްޖޭގެ އަންހެނުންނަށާއި އާއިލާތަކުގެ ޙައްޤުތަކުގެ ހިމާޔަތުގައި ގަދައަޅާ މަސައްކަތްކުރާނޭ ނިޒާމަކަށް ވުމެވެ. އަދި އޭގެ މަންފާ ރައްޔިތުންނަށް ފޯރާނޭ ނިޒާމަކަށްވެ، އެ ނިޒާމަށް ރައްޔިތުންނަށް އިތުބާރުކުރެވި އަދި އިންސާފުވެރި ޝަރީއަތެއް ހިނގާނޭކަމުގެ ޔަޤީންކަމާއި، ހިތްހަމަޖެހުމާއި، އިޖްތިމާއީ ދުޅަހެއުކަން ލިބި އިހުސާސުވާނޭ ގޮތަށް ބަދަލުވެގެންދާ ނިޒާމަކަށް ވުމެވެ.
![Press cover [En] Uthema Maldives](https://uthema.org/wp-content/uploads/Press-cover-En-Uthema-Maldives-300x225.png)










![Rising above the cracks [Uthema Maldives]](https://uthema.org/wp-content/uploads/Rising-above-the-cracks-Uthema-Maldives-300x225.jpg)







![Jaaaga eh neiy-protest [Refty credit] uthema](https://uthema.org/wp-content/uploads/Jaaaga-eh-neiy-protest-Refty-credit-960-300x225.jpg)

































































