ނޫސް ބަޔާން
7 ސެޕްޓެމްބަރ 2020
ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރަކު އައްޔަންކުރުން
ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު އަދި ދައުލަތް ހިންގުމުގެ އެންމެހާ ގުނަވަންތައްވެސް ހަރުދަނާ ކުރުމަށްޓަކައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަން އެއީ މި ޖަމްޢިއްޔާއިން އަބަދުވެސް ފާހަގަކުރަމުންދާ ކަމެކެވެ. އެހެންކަމުން 2 ސެޕްޓެމްބަރު 2020 ގައި ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރަކު އައްޔަން ކޮށް ޝަރުޢީނިޒާމަށް މިއައި ތާރީޚީ ހެޔޮބަދަލަށް މި ޖަމްޢިއްޔާއިން މަރުހަބާ ކިޔަމެވެ. އަދި އެ މަޤާމަށް އައްޔަން ކުރެވުނު އަލްއުސްތާޛާ ދީބާނާޒް ފަހުމީއަށް މި ޖަމްޢިއްޔާގެ ފަރާތުން ހޫނު މަރުހަބާއަކާއި އެކު ތަހުނިޔާ އަރިސްކުރަމެވެ. އަދި މި ތާރީޚީ ބަދަލު ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމަށް ގެނައުމަށް ކުރައްވާފައިވާ މަސައްކަތަށް ޖުޑީޝަލް ސަރވިސް ކޮމިޝަން ގެ މެމްބަރުންނަށާއި އެ މުއައްސަސާއަށް މިޖަމްޢިއްޔާއިން މަރުހަބާ ދަންނަވަމެވެ. އަދި ހަމައެއާއެކު ކްރިމިނަލް ކޯޓަށް 2 ސެޕްޓެމްބަރު 2020 ގައި އައްޔަން ކުރެވުނު ފަނޑިޔާރު އަލްއުސްތާޛު މުހަންމަދު މިސްބާޙު އަށްވެސް މި ޖަމްޢިއްޔާގެ ފަރާތުން ތަހުނިޔާ ދަންނަވަމެވެ.
ރާއްޖޭގެ ޝަރުޢީދާއިރާގައި 184 ފަނޑިޔާރުން މިވަގުތު މަސައްކަތް ކުރައްވަމުންދާއިރު، އޭގެ ތެރޭގައި ހިމެނެނީ 15 އަންހެން ފަނޑިޔާރުންނާއި 169 ފިރިހެން ފަނޑިޔާރުންނެވެ. އަދި ޖުމްލަ އަދަދަށްބަލާއިރު އަންހެނުންގެ ޙިއްސާ އޮތީ %8 ގައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައިހުރި މެޖިސްޓްރޭޓު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރޭގައި އަންހެނުންގެ ހިއްސާ އޮތީ %6 ގައެވެ. ތަފާސްހިސާބަށް ބަލާއިރު ހައިކޯޓާއި، ޖުވެނައިލް ކޯޓާއި ޑްރަގްކޯޓުގައި އެއްވެސް އަންހެން ފަނޑިޔާރަކު އަދި ނެތެވެ. އެހެންކަމުން މިންތީގެ މި ބޮޑުފަރަޤު ފަނޑިޔާރުންގެ ތެރޭގައި ކުޑަކުރުމަށް ކުރެވެމުންދާ މަސައްކަތްތައް މި ޖަމްޢިއްޔާގެ ފަރާތުން ފާހަގަކުރަނީ އުފަލާއި އުންމީދާއި އެކުއެވެ. އަދި މި މަސައްކަތްތައް އަދަށްވުރެ ހަލުއިމިނުގައި ކުރިއަށްއޮތްތާގައި ދާނެކަމުގެ އުންމީދުއިތުރުވަނީ އަދު މިފެންނަމުންދާ ބަދަލުތަކުންކަން މި ފުރުސަތުގައި ފާހަގަކުރަމެވެ.
މިޖަމްޢިއްޔާގެ އަބަދުގެ އުންމީދަކީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމަކީ އަންހެނުންގެ ހަމަހަމަ ޙިއްޞާ ލިބިގެންވާ، އިންސާފުވެރި، ނަޒާހަތްތެރި، ރައްޔިތުންގެ އިތުބާރާއި އިހުތިރާމް ލިބިގެންވާ އަދުލްވެރި ހަރުދަނާ ނިޒާމަކަށް ވެގެންދިއުމެވެ.
![Press cover [En] Uthema Maldives](https://uthema.org/wp-content/uploads/Press-cover-En-Uthema-Maldives-300x225.png)










![Rising above the cracks [Uthema Maldives]](https://uthema.org/wp-content/uploads/Rising-above-the-cracks-Uthema-Maldives-300x225.jpg)







![Jaaaga eh neiy-protest [Refty credit] uthema](https://uthema.org/wp-content/uploads/Jaaaga-eh-neiy-protest-Refty-credit-960-300x225.jpg)

































































