ށ.ޅައިމަގު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ހަލީމާ އާދަމްގެ މޫނަށް ކެމިކަލް ޖެހުމުގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންދާ ޚަބަރު 24 ޑިސެމްބަރު 2016 ދުވަހު ރާއްޖޭގެ ނޫސްތަކުގެ ސުރުޚީތަކުން ފެނުމަކީ މިޖަމުޢިއްޔާތަކުން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. ފުލުހުން މިހާދިޘާ ތަޙުޤީޤުކުރަމުންދާ ޚަބަރުވެސްވަނީ ކަށަވަރުވެފައެވެ.
މިފަދަ ހާދިޘާއެއް ދިވެހިރާއްޖޭގައި ހިނގުމަކީ އާދަޔާޚިލާފު ކަމެކެވެ. ނަމަވެސް އަވަށްޓެރި އިންޑިއާ އަދި ބަންގްލަދޭޝް ފަދަ ޤައުމުތަކުގައި އަންހެނުންގެ ހައްޓަށް ކެމިކަލް/އެސިޑު ފަދަ ނުރައްކާތެރި މާއްދާ ބޭނުން ކޮށްގެން ފުރާނައަށް ގެއްލުންވާފަދަ ބިރުވެރި ހަމަލާތައް ދެމުން ގެންދާކަން ފާހަގަކުރަމެވެ. މިފަދަ ހަމަލާތަކަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ފުން އަސަރުކުރާ، އަެކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު އިޔާދަނުކުރެވޭނެ ކަމެކެވެ. މިކުށަކީ އޭގެ ޝިކާރައަށްވާ އެތައް ބަޔަކު ޢުމުރު ދުވަހަށް އެކަމުގެ ހިތްދަތިކަން ތަހައްމަލު ކުރަންޖެހޭ އަނިޔާވެރި ޖަރީމާއެކެވެ. އެފަދަ ޖަރީމާ ޢާންމުކޮށް ހިންގަނީ ހަމަލާގެ ޝިކާރައަށްވާ މީހާ ދަންނަ މީހެއްގެ ފަރާތުންނެވެ. ހަލީމާ އާދަމް އާއި ދެކޮޅަށް ހިންގާފައިވާ މިބޮޑު ޖަރީމާ ހިންގާފައިވާމީހަކީ ކާކުކަން އޭނާއަށް އެނގޭކަމަށް، “މިހާރު” ނޫހުގެ ޚަބަރުގައިވާ ތިރީގައި އެވާ ޖުމްލައިން ސާފުވެއެވެ.
“އަބްދުލްޣަނީ ވިދާޅުވީ ކެމިކަލް ޖެހީ ކާކުކަން ހަލީމާއަށް އެނގޭ ކަމަށް އޭނާ ބުނާ ކަމަށެވެ. އެކަމަކު “މަރާލަފާނެ ކަމުގެ ބިރަށް އެމީހާގެ ނަން ބުނަން ނުކެރޭނެ ކަމަށް” ހަލީމާ ބުނާ ކަމަށް ވެސް އަބްދުލްޣަނީ ވިދާޅުވި އެވެ.”
ދިވެހިރާއްޖޭގެ އެއްވެސް ހިސާބެއްގައި މިފަދަނޭއްގާނީ އަމަލެއް އެއްވެސްމީހަކާއި ދެކޮޅަށް ހިނގުމަކީ ނުހަނު ކަންބޮޑުވާކަމެކެވެ. އަދި މަތީގައިވާ ހާލަތަށް މިޖަރީމާގެ ޝިކާރައަކަށްވީ ފަރާތް ދިއުމަކީ މުޅިދިވެހި މުޖުތަމައުއަށް ލިބޭ ނުހަނުބޮޑު އިޖުތިމާޢީ ނިކަމެތިކަމެއް ކަމަށް މިޖަމުޢިއްޔާތަކުން ދެކެމެވެ. ހަލީމާ އާދަމްއަށް ހަމަލާދިން ފަރާތެއް ހޯދައި، ހާދިޘާ ތަޙުޤީޤުކޮށް، އިންޞާފުވެރި ޝަރީޢަތެއް ހިންގުމަކީ ދިވެހި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަށަވަރުކޮށްދޭންޖެހޭ ކަންތައްތައްކަންވެސް ފާހަގަކުރަމެވެ. ހަމައެހެންމެ، މިފަދަ ހާދިޘާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަކީ ދައުލަތުގެ ކަމާބެހޭ މުއައްޞަޞާތަކުގެ މައްޗަށް އޮތް ޤާނޫނީ ޒިންމާއެކެވެ. އެއީ، ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ އަންހެނެއްގެވެސް ހައްޓާއި ފުރާނައިގެ ރައްކާތެރިކަމާއި، މިނިވަން މާހައުލެއްގައި މަސައްކަތްކޮށް ދިރިއުޅުމަކީ ޤަނޫނުއަސާސީގެ ދަށުން ޔަޤީންކޮށްދީފައިވާ އިންސާނީ ޙައްޤުތަކަކަށްވީހިނދު، އެޙައްޤުތައް ފަހިކޮށްދީ، އެއިން ޙައްޤެއް ނިގުޅައިނުގަނެވޭނެކަން ކަށަވަރުކޮށްދިނުމަކީ، ދައުލަތުގެ މައްޗަށް އޮތް ދުސްތީރީ ވާޖިބެކެވެ.
ދިވެހި މުޖުތަމަޢުގައި އަންހެނުންނަށް ކުރިމަތިވަމުންދާ މިފަދަ އަނިޔާވެރި ޖަރީމާތަށް ހުއްޓުވާ، އެފަދަ ޖަރީމާތަށް ހިންގާފަރާތްތަކާމެދު ފިޔަވަޅު އަޅައި، އިންޞާފުޤާއިމު ކުރުމަށް ރާއްޖޭގެ ޢަދުލް އިންޞާފު ޤާއިމުކުރުމުށް ޒިންމާ އޮތް އެންމެހައި ފަރާތްތަކަށް މިޖަމްޢިއްޔާތަކުން ގޮވާލަމެވެ.
25 ޑިސެމްބަރ 2016
26 ރަބީޢުލްއައްވަލް 1438
![Press cover [En] Uthema Maldives](https://uthema.org/wp-content/uploads/Press-cover-En-Uthema-Maldives-300x225.png)










![Rising above the cracks [Uthema Maldives]](https://uthema.org/wp-content/uploads/Rising-above-the-cracks-Uthema-Maldives-300x225.jpg)







![Jaaaga eh neiy-protest [Refty credit] uthema](https://uthema.org/wp-content/uploads/Jaaaga-eh-neiy-protest-Refty-credit-960-300x225.jpg)

































































