މޫނުބުރުގާ އަޅާ ޓީޗަރުންނާމެދު ފިޔަވަޅުއެޅުމާގުޅޭ
މޫނުބުރުގާ އަޅައިގެން މަސައްކަތަށް ނިކުތުމުން އއ. ރަސްދޫ މަދަރުސާގެ ޓީޗަރަކު 30 ޖަނަވަރީ 2017 ގައި ވަޒީފާއިން ވަކިކުރުމާއި، އއ. މަތިވެރި މަދަރުސާގެ ޓީޗަރަކު މަސްއޫލިއްޔަތުން އެކަހެރިކުރުމާ ގުޅޭގޮތުން، އަދި މިކަންކަން ހިނގައިދިޔަ އުސޫލުތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް އުތެމަ ޖަމުއިއްޔާއިން ފާހަގަކުރަމެވެ.
ހާއްސަގޮތެއްގައި ތުއްތުކުދިންނަށް ކިޔަވައި ދިނުމަކީ އެކަމުގައި ގިނަގުނަ ކަންކަން ހިމެނޭ މަސްއޫލިއްޔަތެކެވެ. މިގޮތުން ކިޔަވައިދޭ ޓީޗަރެއްގެ ހަށިގަނޑާއި މޫނުގެ ހަރަކާތްތަކުން ތުއްތުކުދިން ގިނަ ކަންތައްތަކެއް ދަސްކުރާކަމީ ތަޖުރިބާއާއި އިލްމުގެ އަލީގައި އެނގޭ ހަގީގަތެކެވެ. އަދި ކިޔަވައިދޭ މާހައުލަކީ ރައްކާތެރި މާހައުލެއްކަން ކަށަވަރު ކުރުމަކީ ތައުލީމުދޭ ފަރާތްތަކާއި ޓީޗަރުންގެވެސް މަސްއޫލިއްޔަތެކެވެ. ބައެއް އިސްލާމީ ގައުމުތަކުގައިވެސް، މިފަދަ ސަބަބުތަކަށްޓަކާ މޫނުބުރުގާ އަޅާ ޓީޗަރުންވެސް، ތުއްތުކުދިންނަށް ކިޔަވައިދޭވަގުތު މޫނު ފާޅުކުރަންޖެހެއެވެ. އަދި ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި ރިވެތި ސިފަތަކުގެ ލާމަސީލު މިސާލަކަށް ޓިޗަރުން ވާންޖެހެއެވެ. ޓީޗަރަކީ ކާކުކަން ދަރިވަރުންނަށްފެނި، ދެކި، އިވި، އެނގި، ފުރިހަމައަށް އިތުބާރުކުރެވޭ މީހަކަށްވުމަކީ އުނގެނުމަށް ފަހިމާހައުލެއް ޤާއިމުކުރުމަށް ކޮންމެހެންވެސް އިސްކަންދޭންޖެހޭ ކަންކަމެވެ.
މި ކަންބޮޑުވުންތަކާއި އެކު، މޫނުބުރުގާ އަޅާ ޓީޗަރުންނާއި އަދި ކޮންމެ މީހެއްގެވެސް ވަޒީފާ ގެއްލިގެން ދިޔުމަކީ، މަސައްކަތްކުރުމުގެ ހައްގާއި، އިގުތިސާދީ ހައްގުތަކާއި، އަދި މިނޫންވެސް ހައްގުތަކާއި ގުޅިފައިވާ މައްސަލައެއްކަން ފާހަގަކުރަމެވެ. އެހެންކަމުން، ވަޒީފާއެއް މީހަކަށް ދޭއިރު އަދި ވަކިކުރާއިރުވެސް، ހަރުދަނާ އުސޫލުތަކެއްގެ ދަށުން ކަންކަންކުރުމަކީ މުހިންމު ކަމެއްކަމުގައި އުތެމަ ޖަމުއިއްޔާއިން ދެކެމެވެ. އަދިހަމަ އެފަދައިން ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ހިސާބަށް ކަންތައް ދިޔަނުދިނުމަށް ކަމާބެހޭ ފަރާތްތަކުން ސަމާލުވެ، ޓީޗަރުންގެ ޑިސިޕްލިނަރީ މައްސަލަތަށް ހައްލުކުރުމަށް ހަރުދަނާ ހަމަތަކަކާއި އުސޫލުތަކެއް ފަރުމާކޮށް ތަންފީޒުކުރުމަށްވެސް އެފަރާތްތަކަށް އިލްތިމާސްކުރަމެވެ.
އެޑިއުކޭޝަން މިނިސްޓްރީއިންއެޅި ފިޔަވަޅަކީ ދަރިވަރުންގެ ރައްކަލަކަށް އެޅިފިޔަވަޅެއްކަމުގައިވީނަމަވެސް، ކުއްލިއަކަށް އެޅޭ މިފަދަފިޔަވަޅުތަކުގެ ސަބަބުން، މުޖުތަމައުގެ ތެރޭގައި ހަރުކަށި ހިޔާލަށް މަގުފަހިވާކަމީވެސް ފެންނަމުންދާ މަންޒަރެކެވެ. އަދި މިފަދަ ޙަބަރުތައް ޙަބަރުފަތުރާ ފަރާތްތަކުން ރައްޔިތުންނާއި ހިއްސާކުރުމުގައި ޒިންމާދާރު ތެދުމައުލޫމާތު ހޯދާއާންމުކުރުމަކީވެސް ކޮންމެހެން އިސްކަންދޭންޖެހޭ ކަމެއްކަމުގައި ދެކެމެވެ.
ދިވެހިރާއްޖެއަކީ ތައުލީމާއި އުނގެނުމަށް ނުހަނުބޮޑު އިސްކަމެއްދޭ މުޖުތަމައުއެއް އޮންނަޤައުމެކެވެ. އެހެންކަމުން ސްކޫލުތަކުގެ ދަރިވަރުންނަށް ދެވޭތައުލީމުގެ ފެންވަރާއި، އުނގެނުމުގެ މާހައުލާއި، ވައްޓަފާޅިއާއި ދަރިވަރުންނަށް ފޯރުކޮށްދޭންޖެހޭ ހަރުދަނާ އިޖްތިމާއީ އަދިސަގާފީ ނަމޫނާ ދިވެހިވަންތަ ހަމަތަކުންމުޅިން ބޭރުވާގޮތަށް އެނބުރުމަށް އެކަކުވެސް ނޭދޭނެކަން ކަށަވަރެވެ. އަދި ސްކޫލުތަަކަކީ މުޖުތަމައުގައި ހިނގަމުންދާ ދީނީ، ސިޔާސީ އަދި އެހެނިހެން ޙިޔާލުތަފާތުވުންތަކާއި ދެކޮޅުވެރިކަން ތަމްސީލުކުރާ ސްޓޭޖަކަށް ވެގެންދިއުމަކީ ދަރިވަރުންގެ ތައުލީމާއި ނަފްސާނީ ދުޅަހެއުކަމަށް މަންފާކުރާނޭ ކަމެއް ނޫންކަންވެސް މިޖަމުޢިއްޔާއިން ފާހަގަކުރަމެވެ. އެހެންކަމުން ކިޔަވައިދޭ މާހައުލުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، އެކަށީގެންވާ މައުނަވީ، ތައުލީމު ޒަމާނީފެންވަރަކަށް ފޯރުކޮށްދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީއާއި ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކަށް ގޮވާލަމެވެ.
1 ފެބްރުއަރީ 2017
4 ޖުމާދުލްއައްވަލް 1438
![Press cover [En] Uthema Maldives](https://uthema.org/wp-content/uploads/Press-cover-En-Uthema-Maldives-300x225.png)










![Rising above the cracks [Uthema Maldives]](https://uthema.org/wp-content/uploads/Rising-above-the-cracks-Uthema-Maldives-300x225.jpg)







![Jaaaga eh neiy-protest [Refty credit] uthema](https://uthema.org/wp-content/uploads/Jaaaga-eh-neiy-protest-Refty-credit-960-300x225.jpg)

































































