4 ފެބްރުއަރީ 2023
މާލެ، ދިވެހިރާއްޖެ
ވިހެއުމާއެކު އަންހެނުންނަށް ލިބޭ ޗުއްޓީއާމެދު ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން ނިންމި ނިންމުމާ ގުޅޭގޮތުން މަދަނީ ޖަމިއްޔާތަކުން ނެރޭ ގުޅިފައިވާ ނޫސްބަޔާން
ވިހެއުމާއެކު އަންހެނުންނަށް ހައްގުވާ ޗުއްޓީގެ މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން އެ މުއައްސަސާގެ މެމްބަރަކާ މެދު އަމަލުކުރި ގޮތުން މި ޖަމްއިއްޔާތަކަށް އިންތިހާއަށްބޮޑު ހައިރާންކަމެއް ލިބިގެންދިޔައެވެ. މި އިހުމާލުން ދައްކައިދެނީ ރާއްޖޭގެ މަސައްކަތުގެ މާހައުލުގައި އަންހެނުންގެ ޙައްޤުތަކަށް އިޙްތިރާމް ނުކުރުމާއި ދައުލަތުގެ މުއައްސަސާތަކުގައި އެކަން ފެތުރިފައިވާ މިންވަރުގެ ފުޅާކަމެވެ. އަދި ރާއްޖޭގައި މިންތީގެ ހަމަހަމަކަން ހިމާޔަތްކޮށް ކުރިއެރުވުމަށް ހަދާފައިވާ ޤާނޫނުތަކާއި ސިޔާސަތުތައް ގާއިމްކުރުމަށް ކުރާ މަސައްކަތްތައް އެއްފަރާތްކޮށް ހީނަރުކުރަމުންދާ ދިޔުމެވެ.
ރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2008/02) ގެ 43 ވަނަ މާއްދާގައި ބުނަނީ އަންހެން މުވައްޒަފަކު ވިހެއުމާއެކު މަދުވެގެން ދެމަހުގެ ޗުއްޓީއެއް ދޭންޖެހޭނެ ކަމަށެވެ. އަދި މުއައްސަސާއަކުން އެ ޗުއްޓީ އިތުރުކުރުމަކަށް އެ ޤާނޫނު އެއްވެސް ހުރަހެއް ނާޅާކަމަށެވެ. އެހެންކަމުން ސަރުކާރުގެ މުއައްސަސާތަކުން ވަނީ އަންހެން މުއައްޒަފުންނަށް ވިހެއުމާއެކު 6 މަހުގެ ޗުއްޓީއެއް ދޭން ފަށާފައެވެ. ނަމަވެސް ދައުލަތުގެ އެހެން މުއައްސަސާތަކަކަށް މި އުސޫލު ލާޒިމް ކޮށްފައެއް ނުވެއެވެ. އަންހެން މުވައްޒަފަކު ވިހެއުމާއެކު ސަރުކާރުން މިފަދަ ސިޔާސަތެއް ގެންގުޅޭއިރު ވަޒީފާއާބެހޭ ޓްރައިބިއުނަލް ފަދަ މުހިންމު ދައުލަތުގެ މުއައްސަސާއަކުން އެގޮތަށް އަމަލު ނުކުރުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ. އަދި ޚާއްސަކޮށް އެ ޗުއްޓީ އެގޮތަށް ނުދިނުމަށް ބާރުއަޅާ ހަމައެއް އުފެއްދުމަށް ބުރަވެފައިވާކަން މި މައްސަލައިން ދޭހަކޮށްދެއެވެ.
ވަޒީފާއާ ބެހޭ ޤާނޫނުގައި އަންހެން މުވައްޒަފަކު ވިހެއުމާއެކު ލިބެންޖެހޭ ދެމަހުގެ ޗުއްޓީ އިތުރުކުރުން މަނައެއް ނުކުރެއެވެ. ނަމަވެސް މިންތީގެ ހަމަހަމަކަމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2016/18) އިން އާއިލާގެ ޒިންމާ ފަދަ ހާލަތަށް ބިނާކޮށް މިންތީގެ ތަފާތު ކުރުން މަނާކުރެއެވެ. އަދި އެ ޤާނޫނުން ސީދާގޮތުގައި މިންތީގެ ތަފާތުކުރުން މަނާކުރާ ހިނދު، މިއާ ތައާރަޒުވާގޮތަށް މި މައްސަލައާ ގުޅިގެން ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލް އިން މުވައްޒަފުންނަށް ދަރިން އޮފީހަށް ގެނައުން މަނާކޮށް މެމޯއެއް ތައްޔާރުކޮށް ނެރެފައިވެއެވެ. ކޮންމެ މަންމައަކީ ވިހެއުމަށްފަހު ދަރިންބެލުމަށް އިތުރު އެހީތަކެއް އޮތްމީހެއް ކަމަށް ވަޒީފާދޭ އެއްވެސް ފަރާތަކުން ދެކިގެން ނުވާނެއެވެ. އަދި މި މައްސަލައިގާ ޓްރައިބިއުނަލުން އެ މުއައްސަސާގެ މެމްބަރާ ދޭތެރޭ ބޮޑެތި ގޯސްތަކެއް ހެދިފައިވާ ކަން މި ޖަމްއިއްޔާތަކުން ފާހަގަކުރަމެވެ.
މި މައްސަލައާ ބެހޭ ގޮތުން މި ޖަމްއިއްޔާތަކުން ޚާއްސަގޮތެއްގައި ކަންބޮޑުވުން ފާޅުކުރަންޖެހެނީ ވަޒީފާގެ ދާއިރާގައި މިންތީގެ ތަފާތުކުރުންތަކާ ބެހޭ މައްސަލަތައް ހުށަހަޅާ ހައްލުހޯދަން އޮންނަ މުއައްސަސާ އަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލް ކަމަށްވާތީއެވެ. ނަމަވެސް މި މުއައްސަސާގެ މެމްބަރަކާ ދެކޮޅަށް އެހެން މެމްބަރުންގެ ފަރާތުން ތަފާތުކުރުމުގެ އަމަލެއް ފެނިގެންދިއުމަކީ މިންތީގެ ހަމަހަމަކަމުގެ ޤާނޫނުން މި މުއައްސަސާއަށް މަތިކުރާ ޒިންމާ އަދާކުރުމަށް އުޒުރުވެރި ވެފައިވާކަން ދޭހަކޮށްދޭ ކަމެކެެވެ. މީގެ އިތުރުން މި އަމަލުގެ ސަބަބުން ގާއިމުކުރެވިގެންދަނީ ނުރައްކާތެރި ހަމައެކެވެ. ދައުލަތުގެ އެހެން މުސްތަގިއްލު މުއައްސަސާތަކުންނާ އެހެނިހެން މުއައްސަސާތަކުން މިގޮތަށް އަމަލުކުރަން ޚިޔާރުކޮށްފިނަމަ އޭގެ ސަބަބުން ވަޒީފާގެ މާހައުލުގައި މިންތީގެ ތަފާތުކުރުންތައް އިތުރަށް ފުޅާވެގެން ދިއުން އެކަށީގެންވެއެވެ. މި ކަމަކީ ރާއްޖޭގައި ޤާނޫނީ ހަމަ ގާއިމްކުރުން ކުރިއެރުވުމަށް ކުރާ މަސައްކަތަށް ކުރިމަތިވެގެންދާ ހުރަހެކެވެ. ސަބަބަކީ މިއީ މިންތީގެ ހަމަހަމަ ކަމުގެ ޤާނޫނާއި އަންހެނުންގެ ހައްޤުތައް ކަށަވަރުކުރުމަށް ހެދިފައިވާ ސިޔާސަތުތަކާ ތައާރަޒުވާ ކަމަކަށް ވާތީއެވެ. އާންމު އުސޫލާ ޚިލާފަށް ޓްރައިބިއުނަލް އަކީ އަންހެން މެމްބަރުން ގިނަ މުއައްސަސާއެކެވެ. އެހެންކަމުން މި ޖަމްއިއްޔާ ތަކުން ދެކެނީ މި މުއައްސަސާއަށް އަންހެނުންގެ ހާލަތާ ދިރިއުޅުމުގެ ހަގީގަތްތައް ރަނގަޅަށް ފަހުމްވެ، މިންތީގެ ހަމަހަމަކަން ނެގެހެއްޓުމަށް ބާރުއަޅާނެ ކަމަށެވެ. މި ސަބަބަށްޓަކައި މި މުއައްސަސާއިން ތަނުގެ މެމްބަރެއްގެ ހާލަތާ މަސްލަހަތު ނިކަމެތިވެގެންދާ ގޮތަށް ކަންކޮށްފައި ވުމަކީ މި ޖަމްއިއްޔާތަކުން ހިތާމަކުރާ ކަމެކެވެ.
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުގެ، މިންތީގެ ތަފާތުކުރުމުގެ މި އަމަލު މި ޖަމްއިއްޔާތަކުން ކުށްވެރި ކުރަމެވެ. އަދި މިންތީގެ ހަމަހަމަކަމުގެ ޤާނޫނާއި ބައިނަލްއަޤުވާމީ ގޮތުން އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ދިވެހިރާއްޖެއިން ވެފައިވާ އެއްބަސްވުންތަކުގެ އިމުގެތެރެއިން މި މައްސަލައަށް އެކަށީގެންވާ ހައްލެއް ގެނައުމަށް މުއައްސަސާގެ އެންމެހާ މެމްބަރުންނަށް މި ޖަމްއިއްޔާތަކުން ގޮވާލަމެވެ.
![Press cover [En] Uthema Maldives](https://uthema.org/wp-content/uploads/Press-cover-En-Uthema-Maldives-300x225.png)










![Rising above the cracks [Uthema Maldives]](https://uthema.org/wp-content/uploads/Rising-above-the-cracks-Uthema-Maldives-300x225.jpg)







![Jaaaga eh neiy-protest [Refty credit] uthema](https://uthema.org/wp-content/uploads/Jaaaga-eh-neiy-protest-Refty-credit-960-300x225.jpg)

































































