


14 އެޕްރިލް 2024
މާލެ، ދިވެހިރާއްޖެ
ޖިންސީ އަނިޔާގެ 7 ދަޢުވާއެއް 2020 ގައި ދަޢުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް ވާދަކުރާތީ ކަންބޮޑުވުން ފާޅުކޮށް މަދަނީ ޖަމްޢިއްޔާތަކަކުން ނެރޭ ނޫސް ބަޔާން
2020 ވަނަ އަހަރު ޓޫރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުރެގެން، އެ މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީ އަނިޔާކުރިކަމުގެ 7 ދަޢުވާއެއް ކުރީގެ މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ވަނީ އުފުލައިފައެވެ. ޢަލީ ވަޙީދުގެ މައްޗަށް އުފުލި ޖިންސީ ކުށާއި ގުޅުންހުރި ދަޢުވާ ތަކުގެ ތެރޭގައި ޖިނާޢީ ބޮޑުކުށެއްކަމުގައިވާ ރޭޕް ކުރަން އުޅުމުގެ ކުށުގެ ދަޢުވާ ހިމެނިފައިވާއިރު، މިފަދަ ބޮޑެތި ތުޙުމަތު ތަކެއްގެ ދަޢުވާތަކެއް އުފުލިފައިވާ މީހަކަށް، މަޖިލިސް އިންތިޙާބު 2024 ގައި ކުޅުދުއްފުށި ސިޓީ ދެކުނު ދާއިރާ އަށް ކުރިމަތިލުމުގެ ފުރުޞަތު އޭނާ ނިސްބަތްވާ ޕާޓީން ދީފައިވުމަކީ މި ޖަމްޢިއްޔާތަކުން ނުހަނު ކަންބޮޑުވާ މައްސަލައެކެވެ.
ޢަލީ ވަޙީދުގެ މައްޗަށް މި ދަޢުވާތައް އުފުލުމާ ގުޅިގެން ހިފެހެއްޓިގެން ދިޔަ ޕާސްޕޯޓް، ބޭސްފަރުވާއަށް 4 މަހަށް ކޯޓު އަމުރެއްގެ ދަށުން ދޫކޮށްލުމުން، ރާއްޖޭން ފުރައިގެން ދިއުމަށްފަހު، މުއްދަތު ހަމަވިއިރު އަނބުރާ ރާއްޖެއައިސްފައި ނުވެއެވެ. ކޮވިޑްގެ ހާލަތުގައި ފުރައިގެން ދިއުމުގައި ސުވާލުއުފެދޭ އެތައްކަމެއް ހުރިއިރު، މި މުއްދަތުގައި ކޮށްފައިވާ ބޭސްފަރުވާގެ ތަފްސީލުވެސް އާންމުކުރެވެން ޖެހޭނެކަމަށް ގަބޫލުކުރަމެވެ. އަދި ދަޢުލަތަށް ޢަލީވަހީދު ރާއްޖެ ގެނެވިފައިނުވާއިރު، ދަޢުލަތުގެ ތިންބާރުގެ ތެރެއިން ޤާނޫނު ހެދުމުގެ އެންމެހާ ބާރުތައް ލިބިފައިވާ މުއައްސަސާއިން ފާސްކުރާ ޤާނޫނުތަކާއި ޝަރުޢީ ކޯޓުން ކުރާ ޙުކުމްތަކާއި ނެރޭ ޢަމުރާ ޚިލާފަށް ޢަމަލުކުރާ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އެކަށީގެންވާކަމަށް ބަލައިގެން ކެމްޕެއިން ކުރަމުން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ރައްޔިތުންގެ މަޖިލީހަކީ ޤާނޫނު އަސާސީއަށް އިސްލާޙްގެނައުމާއި، ޤާނޫނު ހެދުމާއި ބަދަލުގެނައުމާއި ބާޠިލުކުރުމާއި، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާކަންތައްތައް ހިނގާނުހިނގާގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީކުރުވުމާއި، ދަޢުލަތުގެ އަހަރީ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރުން ފަދަ ޒިންމާދާރު މަސައްކަތްތަކަކާއި، ބޮޑެތި ވާޖިބުތަކެއް މަތިކޮށްފައިވާ ތަނެއްކަމުގައިވާއިރު، އެ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރާ މެންބަރުން ވާންޖެހޭނީ އެކަންކަން ކުރުމަށް ކުފޫ ހަމަވެގެންވާ ބައެއް ކަމުގައި ރައްޔިތުން ނިންމަންޖެހެއެވެ. ސިޔާސީ ޕާޓީތަކުން މިފަދަ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ދޭންވާނީ މިފަދަ މަސްއޫލިއްޔަތު އަދާކުރުމަށް ކުފޫހަމަވާ ފަރާތްތަކަށެވެ. އަދި ވޯޓުލާ މީހުންގެ ފަރުދީ ޒިންމާއަކަށް ވާންޖެހޭނީވެސް މިފަދަ މަގާމުތަކަށް ކުފޫހަމަވާ ފަރާތްތައް އައްޔަންކުރުންކަން މި ޖަމްޢިއްޔާތަކުން ދެކެމެވެ.
ޢަލީ ވަޙީދު އާދެކޮޅަށް ފުލުހުންނަށް ބަޔާން ދިން ފަރާތްތަކުގެ ބަޔާންތައް އަނބުރާ ގެންދިޔައީ، ސިޔާސީ ނުފޫޒުން ކަމަށް އޭރު ވަރަށް ބޮޑަށް ތުޙުމަތުކުރެވުނެވެ. ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުކަމަށް ޖިނާއީ ބޮޑުކުށެއް ކަމުގައިވާ ޖިންސީ ކުށުގެ ދަޢުވާ އުފުލިފައިވާ މީހަކު އިންތިޚާބު ވެއްޖެނަމަ، ޖިންސީ އަނިޔާކުރާ މީހުންނަށާއި، ދަޢުލަތުގެ އިސް މަޤާމުތަކުގެ ބާރާއި ނުފޫޒުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފާ މީހުންގެ މައްޗަށް ޤާނޫނުގެ ބާރު ނުފޯރާނެ ކަމަށް ޢާންމުކޮށް ދުށުމުގެ ފުރުޞަތު ބޮޑުވެ، ޖިނާޢީ ކުށްތަކަށް އަރައިގަތުމަށް ހިތްވަރު ލިބުމަށް މަގުފަހިވެގެން ދާނެކަމަށް މި ޖަމްޢިއްޔާތަކުން ދެކެމެވެ. އެހެންކަމުން ރާއްޖޭގައި ހަދާ ޤާނޫނުތަކާއި، ޝަރުޢީ ކޯޓުތަކާއި، ދަޢުލަތް ހިންގުމުގެ މުޅި ނިޒާމަކީ، ރައްޔިތުންނަށް އިތުބާރުކުރެވޭ، ހަރުދަނާ ނިޒާމަކަށް ހެދުމަށްޓަކައި، ޖިންސީ ކުށުގެ މައްސަލަތައް ފަދަ އަޚްލާޤީ ގޮތުން ދަށް ފެންވަރުގެ ކުށުގެ ދަޢުވާ އުފުލިފައިވާ މީހުންނަށް އިންތިޚާބީ މަޤާމްތަކަށް ކުރިމަތި ނުލެވޭނެ ގޮތް ހެދުމަށް މި ޖަމްޢިއްޔާތަކުން ގޮވާލަމެވެ.
ބާރާއި ނުފޫޒުން ޝަރުޢީ މަރުޙަލާ މި މައްސަލައިގާ ކުރިޔަށް ގެންދެވިފައި ނުވިނަމަވެސް، ބޮޑެތި ޖިންސީ ކުށުގެ ތުޙުމަތުގައި ދަޢުވާ އުފުލިފައިވާ މީހުން ޒިންމާދާރު މަޤާމުތަކުގައި ތިބުމަކީ، އަންހެނުންނަށް އިންސާފު ލިބުމަށް އެޅޭ ހުރަހެއް ކަމުގައިވާނެތީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓްދޭ ފަރާތްތަކުން ޤައުމުގެ މުސްތަޤްބަލާއި، އެންމެންގެ ޙައްޤުތަކާމެދު ފުންކޮށް ވިސްނުމަށްފަހުގައި މެނުވީ ކެންޑިޑޭޓުން އިޚްތިޔާރު ނުކުރެއްވުމަށް މި ޖަމްޢިއްޔާތަކުން ގޮވާލަމެވެ.
– ނިމުނީ –
